ޙަކީމް ސަލްމާނު ފަހުމީ
14 ޖަނަވަރީ 2026
ޕުރޮސްޓޭޓު ދުޅަވުމަކީ އުމުރުން ދުވަސްވުމާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، އަދި ހަށިގަނޑުގެ ހަޖަމުކުރުމާއި ބޭކާރު މާއްދާތައް ބޭރުކުރުމުގެ ބާރު ދެރަވުމުގެ ސަބަބުން މަޑުމަޑުން ކުރިމަތިވާ ހާލަތެކެވެ. މި ކަމަށް ގޭގައި ވެސް ފަރުވާ ކުރެވޭނެއެވެ.
ޔޫނާނީ ބޭސްވެރީން ދެކޭ ގޮތުގައި ޕުރޮސްޓޭޓު ދުޅަވުމަކީ ކުއްލިއަކަށް ޖެހޭ ބައްޔެއްނޫނެވެ. އޭގެ ބަދަލުގައި، މިއީ އުމުރުން ދުވަސްވުމާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، އަދި ހަށިގަނޑުގެ ހަޖަމުކުރުމާއި ބޭކާރު މާއްދާތައް ބޭރުކުރުމުގެ ބާރު ދެރަވުމުގެ ސަބަބުން، ހަށިގަނޑުގެ އަޚުލާތު (ހަތަރު ޚިލްޠު) ނުވަތަ މިޒާޖަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މަޑުމަޑުން ކުރިމަތިވާ ހާލަތެކެވެ. ޕުރޮސްޓޭޓު ގުލޭންޑަކީ ކުޑަކަމުދާ ނިޒާމާއި ދަރިމައިކުރާ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ގުލޭންޑަކަށް ވާތީ، މި ނިޒާމުތަކަށް ދިމާވާ ކޮންމެ މައްސަލައެއްގެ ސަބަބުން ޕުރޮސްޓޭޓުގެ ބޮޑުމިނަށާއި އޭގެ މަސައްކަތަށް ބަދަލުއާދެއެވެ.
ޔޫނާނީ ފަލްސަފާގައި ބަޔާންކުރާގޮތުގައި، ޕުރޮސްޓޭޓު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި [ބަލްޣަމް] (phlegm) ނުވަތަ ބައެއް ފަހަރު [ސައުދާ] (black bile)އިތުރުވުމެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ އަސްލު ހޫނުމިން ދަށްވެ، އޭގެ ސަބަބުން ކާނާ ހަޖަމުކުރުން ދެރަވެ، އޮލަ އަދި ތެތް މާއްދާތައް ހަށިގަނޑުގައި ޖަމާވާން ފަށައެވެ. މި ގޮތަށް އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުގެ ބަލިކަށި ގުނަވަންތަކުގައި (މިސާލަކަށް ޕުރޮސްޓޭޓުގައި) ހަރުލައި، އެ ގުލޭންޑް ދުޅަވެ، ހަރުވެ، ކުޑަކަމުދާ ތަކެތި ފޮނުވައިދޭ މަގު ބެދޭ ގޮތް ދިމާވެއެވެ. ފިނި އަދި ތެތް މިޒާޖެއް ހުރުމާއި، ގިނަ ވަގުތު އިށީނދެގެން އިނުމާއި، ހަރަކާތްތެރިކަން ކުޑަވުމާއި، އަދި ހަޖަމުކުރާން އުނދަގޫ، ތެޔޮ ނުވަތަ ފިނި ކާނާ ބޭނުންކުރުމަކީ މި ހާލަތު އިތުރަށް ގޯސްވާ ކަންކަމެވެ.
ޔޫނާނީ ނަޒަރިއްޔާތުން ބަލާ އިރު، ގިނަގިނައިން ކުޑަކަމުދާން ޖެހުމާއި، ކުޑަކަމުދާން ފަށާން އުނދަގޫވުމާއި، ކުޑަކަމުދާ ބައިގެ ބާރު ދެރަވުމާއި، ބޭރުވުމަށް ފަހު ތިކިޖެހުމަކީ ހަށިގަނޑުގައި ބޭކާރު މާއްދާތައް ޖަމާވުމުގެ ސަބަބުން ކުޑަކަމުދާ މަގުގައި އުފެދޭ ހުރަސްތަކެއްގެ އަލާމާތްތަކެވެ. މި ކަމުގައި "ސައުދާ" ބައިވެރިވާ ނަމަ، ގުލޭންޑް އިތުރަށް ހަރުވެ، އުނދަގޫތައް ދިގުލައިދެއެވެ. އެހެންކަމުން، ބަލި ބޮޑުވެ އިތުރު ނުރައްކާތަކެއް ކުރިމަތިވުމުގެ ކުރީން މި ކަން އިސްލާހުކުރުމަށް ޔޫނާނީ ބޭސްވެރިކަމުގައި ބާރުއަޅައެވެ.
މި ބައްޔަށް ފަރުވާކުރުމުގައި ގެންގުޅޭ މައިގަނޑު އުސޫލުތަކަކީ އާދަކާދައަށް ބަދަލު ގެނައުން، ކާނާއަށް ބަދަލުތައް ގެނައުން، އަދި ބޭސްދިނުމެވެ. ފުރަތަމަ އަމާޒަކީ ހަށިގަނޑުގެ މިޒާޖު ރަނގަޅުކޮށް، ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކުރުމެވެ. ލުއި ކަސްރަތުކުރުމާއި، ހިނގުމާއި، ގިނަ ވަގުތު އިށީނދެގެން ނުއިނުމާއި، އަދި ބަނޑުގެ ތިރީބައި މަޑުމަޑުން މަސާޖުކުރުމަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ ކަންކަމެވެ. އަދި ތާފަނާ ފެނުގައި އިށީނދެގެން ތިބުމުން ކުޑަކަމުދާ ނިޒާމްގެ މަސްތައް ލުއިކޮށްދީ އުނދަގޫތައް ކުޑަކޮށްދެއެވެ.
ކާނާގެ ކަންކަން ތަރުތީބުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޔޫނާނީ ބޭސްވެރީން ލަފާދެނީ ހަށިގަނޑަށް ލުއި، ހޫނު އަދި ފަސޭހައިން ހަޖަމުވާ ކާނާ ބޭނުންކުރުމަށެވެ. މީގެ ތެރޭގައި ބާރުލީ ފެން، އެކި ބާވަތްތަކުގެ ތަރުކާރީ ސޫޕު، ބަރަބޯ، ކަރާ، ފުފޫ، ވައްތީނި، އަދި ރޭގަނޑު ފެނަށްއަޅަފައި ހުންނަ ހިކި މޭބިސްކަދުރު ހިމެނެއެވެ. ފިނި، ބަރު، ތެލުލި ކާނާއާއި، ގެރިމަހާއި، ކިރުގެ ބާވަތްތަކާއި، ހުތް ތަކެއްޗާއި، އަދި ހަކުރު ގިނަ ކާނާ ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ. ދުވާލު ގަޑީގައި އެކަށީގެންވާ ވަރަށް ފެން ބުއިމަށް ބާރުއެޅޭ އިރު، ރޭގަނޑު ގިނައިން ފެން ބުއިން މަނާކުރެއެވެ.
ޔޫނާނީ ގޭތެރޭގެ ފަރުވާތަކާއި އާދައިގެ ފަތްޕިލާވެލީގެ ބޭސްތަކަކީ ވެސް މުހިންމު އެހީތެރިކަމެއްދޭ ތަކެއްޗެވެ. ބަރަބޯ އޮށަކީ ކުޑަކަމުދާ ނިޒާމު ވަރުގަދަކޮށް، ގުލޭންޑްގެ ދުޅަ ތިރިކުރުމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ކަރާ އޮށަކީ ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކުޅުގަނދަކީ އުމުރުން ދުވަސްވުމުން އަންނަ ބަލިކަށިކަން ފިލުވައިދޭ އެއްޗެކެވެ. ކަޅުދިރި މަދު މިންވަރަކަށް ބޭނުންކުރުމުން ދުޅަ ތިރިކުރުމަށް އެހީތެރިވެދެއެވެ.
ހަށިގަނޑުގައި "ބަލްޣަމް" އިތުރުވެފައިވާކަން ސާފުވާ ހާލަތްތަކުގައި، ބޭސްވެރިއެއްގެ ބެލުމުގެ ދަށުން ބަލްޣަމް ސާފުކުރާ ބޭސްތައް ބޭނުންކުރުމަށް ލަފާދެއެވެ. އިސްބަގުލް ފަދަ ބަނޑުލުއިކުރާ ތަކެތި ބޭނުންކުރުމުން ހަށިގަނޑުގައި ވިހަ މާއްދާތައް ޖަމާވުން ހުއްޓުވައިދީ، ބަނޑުގެ ތިރީބައިގެ ޕުރެޝަރު ކުޑަކޮށްދެއެވެ. މީގެ އިތުރުން ފުރަމޭއާއި ހަޖަމުކުރާ ނިޒާމު ވަރުގަދަކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ޚުލާސާކޮށް ދަންނަވާ ނަމަ، ޔޫނާނީ ބޭސްވެރިކަމުގައި ޕުރޮސްޓޭޓު ބޮޑުވުމަކީ ހަމައެކަނި އެ ގުލޭންޑަށް ދިމާވާ މައްސަލައެއްގެ ގޮތުގައެއް ނުދެކެއެވެ. އޭގެ ބަދަލުގައި، މިއީ ހަށިގަނޑުގެ މުޅި ނިޒާމަށް އަންނަ ބަދަލުތަކަކާ ގުޅިފައިވާ ކަމެކެވެ. މި ކަމަށް އޮތް ފަރުވާއަކީ ހަށިގަނޑުގެ މިޒާޖު ހަމައަކަށް އަޅުވައި، ދިރިއުޅުމުގެ އާދަކާދަ ރަނގަޅުކުރުމެވެ. އެކަށީގެންވާ ކާނާއާއި، އާދަކާދައާއި، އަދި ޔޫނާނީ ބޭސްތަކުގެ އެހީގައި، މި މައްސަލަ ހައްލުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވިދާނެއެވެ.
أَسْأَلُ اللَّهَ الْعَظِيمَ، رَبَّ الْعَرْشِ الْعَظِيمِ، أَنْ يَشْفِيَكَ (މަތިވެރިވެގެންވާ ޢަރުޝީގެ ވެރި، މަތިވެރިވަންތަ ﷲގެ ހަޟުރަތުން، ތިބާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރަމެވެ.) އާމީން!