އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 ޖަނަވަރީ 2026
މާވަށު ކައުންސިލުން އަމިއްލައަށް ފަރުމާކޮށް ތަރައްގީ ކޮށް ހުޅުވި ކުޑަކުދީންގެ ޕާކު - ކޮކާ ފިނޮޅަ
ދާދި ފަހުން މާވަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ މާލޭގައި އުޅުއްވަނިކޮށް އިއްތިފާގަކުން ދިމާވެއްޖެއެވެ. ޙާލުއަޙުވާލު ކިހިނެއްތޯ ދަންނަވައިލުމުން ވިދާޅުވީ ޙާލު ވަރަށް ރަނގަޅުކަމަށާއި ހުންނެވީ ވަރަށް އުފާފުޅުންކަމަށެވެ. އެ ހައި ބޮޑަށް އުފާފުޅުވީ ކީއްވެގެންތޯ ދަންނަވައިލުމުން ވިދާޅުވެދެއްވި ލިސްޓު އަޅުގަނޑަށް ހަނދާނުގައި ބަހައްޓާން ވެސް އުނދަގޫވިއެވެ.
ވިދާޅުވިއެވެ. އެންމެ ފުރަތަމަ ރަށުގެ އެންމެ ހުޅަނގަށް ޖެހިލާ އިރު، ފެންނަނީ ކުނިކޮށީގެ ސަރަހައްދުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާ ތަނެވެ. ރަށުގެ އިރުމަތީ ފަރާތަށް ޖެހިލައި އެންމެ ދެކުނުން ފަށާ ނަމަ، މާވަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ޓަކައި ކުރަމުންދާ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ ތަން ފެންނާނެއެވެ. އެ ދިމާއިން ކުޑަކޮށް އުތުރަށް ޖެހިލުމުން ކުޅިވަރު ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތައް އެ ވަނީ ފަށައިގަނެވިފައެވެ. އަދި މުޅި ސަރަހައްދުގައި ގާއިމުކުރެވޭ ފުލުހުންގެ އެންމެ ބޮޑު މަރުކަޒު ގާއިމުކުރުމަށް ޓަކައި އެތައް ބަޔަކު އެ ތިބަ ޙަރަކާތްތެރިވަނީއެވެ.
ޒުވާނުންގެ ދުޅަހެޔޮކަމަށް ޓަކައި ބިނާކުރެވޭ މަރުކަޒު (ސުޕޯޓުސް އެންޑު ރިކުރިއޭޝަން ސެންޓަރު)ގެ ޢަމަލީ މަސައްކަތް އެ ވަނީ ފެށިފައެވެ. މީގެ އިތުރަށް ގާތްގަނޑަކަށް މާވަށާ އެއްވަރުގެ ބިމެއް މާވަށަށް އިތުރުކުރުމަށް ޓަކައި ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދަނީއެވެ. ބޮޑު ސަރަހައްދެއް އެ ވަނީ ހިއްކިފައެވެ. 2200 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި ހިންގާ ބިންހިއްކުމުގެ މި މަޝްރޫޢަކީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް އެކަނި ވެސް 61 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ޚަރަދުވާނެކަމަށް ބެލެވެއެވެ. މިއީ މާވަށުގެ ކުރިމަގަށް ޓަކައި ހިންގޭ އެންމެ މުހިންމު މަޝްރޫޢުކަމަށް އަޙުމަދު މޫސާ ގަބޫލުފުޅުކުރައްވައެވެ. އަދި ބޭންކު އޮފް މޯލްޑިވުސްގެ ގޮތްޕެއް ޢިމާރާތްކުރެއްވުމަށް ޓަކައި އެ މަޝްރޫޢު ވެސް ވަނީ ފެށިފައެވެ. މާވަށު ސުކޫލުގައި ނުވަ ކުލާސްރޫމެއް ޢިމާރާތްކުރުމުގެ މަސައްކަތް ވެސް ބާރަށް ހިނގަމުން އެބަ ގެންދެވެއެވެ.
މިއީ އަޙުމަދު މޫސާ އެއް ނޭވައިން ވިދާޅުވެދެއްވި މަޝްރޫޢުތަކުން އަޅުގަނޑު ހަނދާނަށް އައި މިންވަރެވެ. މިއީ ހަމަ އެކަނި ސީދާ ސަރުކާރުން ހިންގަވާ މަޝްރޫޢުތައްކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ރަށު ކައުންސިލުން އިސްނަންގަވައިގެން ހިންގަވާ ކަންކަން ވެސް ވަކި މަދެއް ނޫނެވެ. އެންމެ ޒަމާނީ ފެންވަރުގެ ކުޑަކުދީންގެ ޕާކެއް މިހާރު އެ ވަނީ ރަސްމީކޮށް ހުޅުއްވައިފައެވެ. އެކި ފަރާތްތަކުގެ މާލީ އަދި ފަންނީ އެހީ ހޯއްދަވައިގެން މަސައްކަތަށް އެއްވެސް ޚަރަދެއް ނުކުރައްވައި ސީދާ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންގެ ޢަމަލީ މަސައްކަތުން ބިނާކުރައްވައިފައިވާ އެ ޕާކު ހުޅުވުމުގެ ކުރީން އަޅުގަނޑަށް ވެސް އެ ތަން ވަނީ ފެނިފައެވެ. ފަންނުވެރިކަމުގެ ނަމޫނާއެއް ފެންނަ އެ ޕާކު މިހާރު ވަނީ [ކޮކާ ފިނޮޅަ]ގެ ނަމުގައި ހުޅުވައިފައެވެ.
މި ހިސާބުން [ކޮކާ ފިނޮޅަ] މި ނަމާ މެދު އެއްޗެއް ދަންނަވައިލާން ޖެހޭކަމަށް ދެކެމެވެ. ކުޑަކުދީންގެ [ކޮކާފިނޮޅަ] ޕާކު ބިނާކުރެވިފައި އެ ވަނީ މާވަށު ބަނދަރު ހެދުމުގެ ކުރީން މޫދުގައި އޭރު އޮންނަ ތިލަ ހިސާބެއްގައެވެ. މިހާރު އެއީ ރަށުގައި ހިއްކައިފައިވާ ސަރަހައްދެކެވެ. ކުރީން އެއީ ފިނޮޅެއްކަމަށް ކިޔަސް މީގެ ބައި ގަރުނު ކުރީން ވެސް، އެންމެ ހިކި ދިޔައިގައި ވެސް، ފެނުން މައްޗަކަށް އެ [ފިނޮޅު] ހިކިފައެއް ނޯވެއެވެ. ނަމަވެސް އެންމެ އިހު ޒަމާނުގައި ފިނޮޅެއްގެ ގޮތުގައި އެ ތަން ހިކިފައި އޮތްކަމަށް ވެސް ވެދާނެއެވެ. އޭރު އެ ތަނަށް [ކޮކާ ފިނޮޅަ]އޭ ކިޔައިގެން އެ ރަށު މީހުން، ނަން ކިޔަނީ އެއީ ބޮލި ހޮވާ ސަރަހައްދަކަށްވާތީކަމަށް ބެލެވެއެވެ. މި ޒަމާނުގެ ނިޒާމީ ތަޢުލީމު ރަށްފުށަށް އާންމުވުމުގެ ކުރީން، މާވަށު ބަހުރުވައިގައި [ކޮކާ] ކިޔަނީ ބޮޑެތި ބޮއްޔަށެވެ. އޭރު، ކޮކާލަށް މާވަށު މީހުން ކިޔައި އުޅުނީ [އަލިހިލޭމާ]އެވެ. ނަމަވެސް ނިޒާމީ ތަޢުލީމު އާންމުވުމުގެ ސަބަބުން [އަލިހިލޭމާ] އެއީ ކޮން އެއްޗެއްކަން މި ޖީލުގެ މީހުންނަށް ނޭނގުމަކީ މިހާރު އެކަށީގެންވާ ކަމެކެވެ. ނަމަވެސް [ކޮކާ ފިނޮޅަ] ކިޔައި އުޅުނީ ކޮކާލަށް ނިސްބަތްކޮށެއް ނޫނެވެ. ބޮޑެތި ބޮއްޔަށް ނިސްބަތްކޮށެވެ. މާވަށުގައި ކުރީން [ކޮކާ ފިނޮޅަ] މިހާރު ރަށުގެ ފަސްގަނޑަށް އިތުރުވެ އެ ސަރަހައްދުގައި ގާއިމުކުރި ކުޑަކުދީންގެ ޕާކަށް އެ ނަން ދީފައިވަނީ އެ ތާރީޚީ އަދި ސަގާފީ ނަން ދެމެހެއްޓުމަށް ޓަކައިކަމަށް ގަބޫލުކުރެވެއެވެ. ރަނގަޅު ނިންމެވުމެއްކަމަށް އަޅުގަނޑަށް ވެސް ފެނެއެވެ.
ތަރައްގީގެ މަޝްރޫޢުތަކުގެ ވާހަކައިގެ ތެރެއިން ކުޑަކޮށް އެއް ފަރާތަށް ޖެހިލެވުނީއެވެ. މިހާރު މާވަށުގައި އެންމެ ބާރަށް ހިނގާ އެއް މަޝްރޫޢަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާ ގުޅިގެން، ރަށު ކައުންސިލުގެ ޚަރަދުގައި ބިނާކުރާ [ޤުރުއާނާ ބެހޭ މަރުކަޒު]ގެ ގޮފި ބިނާކުރުމުގެ މަސައްކަތެވެ. ދިރިއުޅޭނެ އެޕާޓުމެންޓަކާ އެކު، ބިނާކުރާ މި މަރުކަޒު، ދެ ހަފުތާއެއްގެ ތެރޭގައި މުޅީން ބިނާކޮށް ނިމޭނެކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. މި ތަން ބިނާކޮށް ނިމޭންވާ އިރަށް، އެ ތަނުގައި ޚިދުމަތްކުރައްވާނޭ ހާފިޒަކު ސަރުކާރުން ފޮނުއްވާނެއެވެ. އެއީ ރަށުގައި އިމާމުވެ ޙިފުޒަށް ތަރާވީޙުކުރެއްވޭނެ ބޭކަލަކަށް ވާނެއެވެ.
މާވަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ ވިދާޅުވި ގޮތުގައި އަނބިކަނބަލުންގެ ޞއްޙީ ބޭނުމަކަށް ޓަކައި މި ވަގުތު ޗުއްޓީއެއްގައި މާލެ ވަޑައިގެން އުޅުއްވިއަސް އަދިވެސް މާވަށުގައި އިތުރަށް ކުރާން ހުރި ކިތަންމެ މަޝްރޫޢުތަކެއް ހިނގައިގަމުމަށް ޓަކައި ކުރާން ޖެހޭ ކިތަންމެ މަސައްކަތެއް މި ދަތުރުފުޅުގައި ކުރައްވާނެއެވެ. މީގެ ތެރޭގައި ޞިއްޙީ މަރުކަޒަށް ގެންނަ ތަރައްގީތައް ފާހަގަކުރެއްވިއެވެ. އަދި މާ އުފާވެރި ޚަބަރުތައް ތަރައްގީގެ މަޝްރޫޢުތަކާ ގުޅިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމަ އެކަނި ޙާލުއަޙުވާލު އަހައިލުމުން އެ ވިދާޅުވި ވާހަކަފުޅުތަކުން އަޅުގަނޑަށް ދޭހަވީ، އަދި ތަފުޞީލުކޮށް ވިދާޅުވެދެއްވީ މާވަށުގެ ތަރައްގީއަށް ޓަކައި މިހައި ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދެއްވި ޒަމާނެއް މާވަށުގެ ތާރީޚު ދެކެފައިނުވާކަމަށެވެ. އަދި ކައުންސިލުން އިސްނަންގަވައިގެން ކުރެއްވުނު ގިނަ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެންފައިވާކަން ވެސް އަޅުގަނޑަށް ދޭހަވިއެވެ. މީގެ އިތުރަށް ކައުންސިލަށް ޙާޞިލުކުރެއްވުނު އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި ކައުންސިލުގެ ރައީސް ފާހަގަކުރެއްވީ މާވަށު ސުކޫލުގެ ހުރިހައި ކުލާސްރޫމުތަކެއް ކައުންސިލުގެ ޚަރަދުގައި އޭސީކުރެވި، މިސްކިތްތައް އޭސީކުރެވި ސޯލާ ޕެނެލް ހަރުކޮށް، ކަރަންޓުގެ ޚަރަދު ކުޑަކުރެވިފައިވުމާ އެކު، މާލީ ގޮތުން ހޯދިފައިވާ ބޮޑު ކުރިއެރުމާއި ރަށުގެ މާލިއްޔަތަށް ގެނެވުނު މުއްސަނދިކަމެވެ.
މި ކަންކަން މިހެން ފާހަގަކުރެއްވުމަށް ފަހު، މާވަށުގެ ތަރައްގީއަށް ޓަކައި އަދުގެ ސަރުކާރުން ކޮށްދެއްވާ ގިނަގުނަ މަސައްކަތްޕުޅުތަކަށް ޓަކައި ޝުކުރުއަދާނުކުރައްވައި އަޙުމަދުގެ ވާހަކަ ނިންމަވައެއް ނުލެއްވިއެވެ. އަދި މި މަސައްކަތްތައް މިހައި ކާމިޔާބުކަމާ އެކު، ސަރުކާރަށް އެއްބާރުލުންދީގެން ކުރެއްވުމުގައި މާވަށު ކައުންސިލުގެ ނާއިބުރައީސާއި މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ކައުންސިލަށް ކުރައްވާ އިތުބާރާއި ތާއީދަށް ޓަކައި ވެސް އޭނާ މާވަށުގެ އެންމެހައި ރައްޔިތުންނަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.