Advertisement

މާވަށު ތިން ޙަސަނުގެ އައްޑޫ ބޯޓު

22 Dec 2023 | 21:09
މާވަށުގައި ކުރީން އޮންނަ ވަކަރު ފާލަން: މި ސަރަހައްދު މިހާރު ވަނީ ފެނަކައިގެ އިމާރާތް އެހެރަ ސަރަހައްދުގައެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މާވަށުން ފުރައިވަޑައިގަތުމަށް ޓަކައި ރައީސް މައުމޫނާއި އެހެން ބޭފުޅުން ފާލަމުން ވަޑައިގަންނަވާ ތަނެވެ. ރަތް ބޮޅަކުން ފާހަގަކޮށްފައި އެވަނީ "ތިން ހަސަނުގެ އައްޑޫ ބޯޓެވެ." (ފޮޓޯ ކްރެޑިޓް: ޢަލީ ފަތުޙީ)

ޢަދުނާނު ޙަލީމް

1982ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމު، ރަސްމީ ދަތުރުފުޅެއްގައި ހައްދުންމައްޗަށް ވަޑައިގަތެވެ. އަތޮޅުތަކުގެ ޙާލަތާއި ކަންކަން އެ ދުވަސްވަރު ވަރަށް ދެރައެވެ. ލަފައި ފުރުން އިންތިހާއަށް ދައްޗެވެ. އިދާރީ އޮފީސްތަކާއި މި ބާވަތުގެ އެހެނިހެން ކަންކަން ހުރީ ވަރަށް ނިކަމެތި ގޮތެއްގައެވެ.

ރައީސް މައުމޫނު މާވަށަށް ވަޑައިގަތީ ރަސްމީ ލޯންޗުކޮޅު "ވީނަސް"ގައެވެ. މާވަށަށް ފައިބައިވަޑައިގަތީ ކުޑަ މަސް ދޯންޏެއްގައެވެ. އެއީ އެ ރަށު "ފިނިފެންމާ" ދޯންޏެވެ. ވަނަމަކަށް ކިޔަނީ "ބޮޅާ" ދޯންޏެވެ. މާވަށު ކޮންމެ މަސްދޯންޏަކަށް ވެސް އެ ދޯނީގެ އަސްލު ނަން ފިޔަވައި އާންމު ނަމެއް، ނުވަތަ ވަނަމެއް، ކިޔުމަކީ އެ ރަށުގެ އޭރުގެ ސަގާފަތެއްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ.

މި ދެންނެވި "ފިނިފެންމާ" ދޯނީގައި ރައީސުލްޖުމްހޫރިއްޔާ އިށީނދެވަޑައިގެން އިންނެވީ ދޯނީގެ މަޅުމަތީގައި ބަހައްޓައިފައި ހުރި އިހުގެ އަދަރާދަގޮނޑިއެއްގައެވެ. ގޮނޑިއަށް ގުޑުމެއް އެރިޔަ ނުދެއްވުމަށް ޓަކައި މާވަށު ކަތީބު އަބޫބަކުރު ޖައުހަރީ (ރަޙިމަހުﷲ) އިންނެވީ ގޮނޑީގެ އެއް ފައިގައި ހިފަހައްޓަވައިގެން އެއް އަރިމަތީގައެވެ. ރަސްމީ ޢިއްޒަތުގައި ދޯނި އެ ދަނީ މާވަށުގެ ތިލަފަޅުގެ ނެރުން ފާލަމާ ދިމާއަށެވެ.

އޭރު މާވަށަކީ ތިލަ ފަޅެއް އޮތުމާއެކު ލަފައި ފުރުން އުނދަގޫ ރަށެވެ. ރަށަށް ވަދެނުކުމެ ވާން އޮންނަނީ ރައްޔިތުން ނުކުމެ ކަނޑައިފައި އޮންނަ ނެރެކެވެ. އެ ނެރަށް އެ ރަށު މީހުން ކިޔަނީ "ކައުޅަހާލި" މިހެންނެވެ. ކައުޅަހާލީން ފެށިގެން ރަށުގެ ފާލަމާ ހަމައަށް އޮންނަނީ އެކި ދޯނި ފަހަރުން އިސްނަގައިގެން ރައްޔިތުން ނުކުމެ ފުންކޮށްފައި އޮންނަ ހަނިހަނި ގޯއްޖެކެވެ. އެ ގޯދީން ވެސް އެންމެ ހިކިދިޔައިގައި މާ ފުން އުޅަނދަކަށް ނުވަދެވޭނެއެވެ. އެހެންކަމުން ނެރުތެރޭން ގޯއްޖާ ހަމައިން ދޯނި ބީހިއްޖެވެ. ނަމަވެސް ދޯނި ކޮއްޕަމުން ގެންދެވޭ ވަރަށް ރައްޔިތުން އޮތީ ނުކުމެއެވެ. ރައްޔިތުން ގެންދިޔައީ އެ ދޯނި ދަމައިފައެވެ.

މިއީ ރައީސް މައުމޫނު މާވަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށް ވާތީ، މާވަށާއި މާވަށުން ފެންނަ ތަންތަނާއި ކަންކަމަށް އެމަނިކުފާނު ގެންދެވީ ބައްލަވަމުންނެވެ. ރަށުގެ ގަސްކަރައާއި މަލަމައްޗާއި މޫނުމައްޗަށް ގެންދެވީ ބައްލަވަމުންނެވެ.

މިހެން ބައްލަވަމުން ގެންދަވަނިކޮށް ވަރަށް އާދަޔާ ޚިލާފު ތަނެއް ރައީސް މައުމޫނަށް ފެނިވަޑައިގެންފިއެވެ. ފާލަމުގެ ދެކުނު ފަރާތުން ފާމަލަމަށް ވުރެ އިރުމައްޗަށް ވާ ގޮތަށް އެއް ފަރާތެއްގައި ހުދުކޮށް ބޮޑުކޮށް ފެންނަ ތަނެކެވެ. ނުވަތަ އެއްޗެކެވެ. މަތީގައި ސަތަރި ގަނޑެއް ވެސް ދަމައިލައިފައި ހުއްޓެވެ. ހީވަނީ ޒަމާނީ ޢިމާރާތެއްގެ މަތީގައި ހިޔާ ކޮށްފައިވާ ޓެރަހެއް ހެންނެވެ.

ރައީސް މައުމޫނު ކަތީބު ޖައުހަރީއަށް އެބަ ވިދާޅުވެއެވެ.

ރައީސް: "ކަތީބު، މިހިރަ ފެންނަނީ ކޮން ތަނެއްތޯ؟" މާވަށުން ފެންނަ ހުދު ތަނަކަށް އިޝާރަތް ކުރައްވައި ވިދާޅުވިއެވެ.

ކަތީބު ޖައުހަރީ ރައީސަށް ބައްލަވަމުން ހީނލައްވަމުން އެ ތަނުގެ ވާހަކަ ދަންނަވާން ފަށައިފިއެވެ.

ކަތީބު: ޢިއްޒަތްތެރި ރައީސް، އެއީ ތަނެއް ނޫން އިނގޭތޯ! އެއީ އަޅުގަނޑުމެންގެ ތިން ޙަސަނުގެ އައްޑޫ ބޯޓު، އިނގޭތޯ!

ރައީސް: ތިން ޙަސަނުގެ އައްޑޫ ބޯޓޭތޯ؟

ކަތީބު: އާދެ، ޢިއްޒަތްތެރި ރައީސް! އެއީ އަޅުގަނޑުމެންގެ ތިން ޙަސަނުގެ އައްޑޫ ބޯޓު!

ކަތީބު މި ދެންނެވި އެއްޗަކުން އެ ކަން އިތުރަށް އޮޅުންފިލުއްވާން ރައީސް ބޭނުންފުޅުވިއެވެ. ކަތީބު ވާހަކަ ކުރިއަށް ގެންދެވިއެވެ.

ރައީސް މައުމޫނާއި (ކ) ކަތީބު އަބޫބަކުރު ޖައުހަރީ (ވ): މިއީ މާވަށުގައި އޭރު ފިރިހެނުން ނަމާދުކުރާ ކުޑަ މިސްކިތު (އަށިގޭ) ފުރާޅުގައި ޓިނުޖެހުމަށް ޓަކައި ދެއްވި 40 ހާސް ރުފިޔާގެ އެހީ ދެއްވާ މަންޒަރެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގެ ރަށެއްގެ ތަރައްގީއަށް ޓަކައި ރައީސް މައުމޫންގެ ސަރުކާރުން ދެއްވި ފުރަތަމަ އެހީއެވެ. މިހާރު އެ ޢިމާރާތެއް ނެތެވެ. (ފޮޓޯ ކްރެޑިޓް: ޢަލީ ފަތުޙީ)<br>

ކަތީބު: އެ ކަން ވީ ގޮތަކީ،.. މާވަށުގައި އުޅޭނެ ވަރަށް އެކުގައި އުޅޭ ވަރަށް ރައްޓެހި ޙަސަނުކިޔާ ތިން މީހުން. މި ތިން މީހުން އެއް ދުވަހަކު މަސް ހިފާން ރަށުގެ ހުޅަނގު ފަރާތަށް ދިޔަ ތަނާ ހެން ފެނިއްޖެ އައްޑޫ ބޯޓެއް ބެހިގެން އަންނަނިކޮށް. އެލުވައިފައި ހުރި ކެޔޮގަނޑުތަކާއި ގެގަނޑުމަތީގައި ތިބި ދެތިން މީހުން ފެނިއްޖެ. ކުދީންނާއި އަންހެނުން ރޯއަޑު އިވޭ.......

ރައީސް މައުމޫނު ވަރަށް ޝައުޤު ވެރިކަމާއެކު ކަތިބާ ދިމާއަށް ބައްލަވާން އިންނަވައި، ކަތީބު ޖައުހަރީގެ ވާހަކަ އަޑު އައްސަވަނީއެވެ. ރައީސްގެ ގޮނޑިކޮޅުގެ ފައިގައި ބާރަށް ހިފަހައްޓަވައިގެން އިންނަވައި ކަތީބު ޖައުހަރީ، ވާހަކަ ކުރިއަށް ގެންދެވިއެވެ.

ކަތީބު: ޢިއްޒަތްތެރި ރައީސް! ދެން ވީ ގޮތަކީ މަސްހިފުން ހުއްޓައިލައިފައި މި ތިން ޙަސަނު ދުވަމުން ކަހަލަ ގޮތަކަށް އަތުވެއްޖެ އޮފީހަށް. މާ ދުރުން އިވޭން ފަށައިފި މި ޙަސަނުމެންގެ އަޑު. އައިސް ބުނީ ކަތީބާވޭ އައްޑޫ ބޯޓެއް އިންޖީނު ހުއްޓި ޙާލުގައި ޖެހި އޮޔާ އެބަދެޔޭ، ފަރަށް ލައްގައި ފާނެޔޭ، ސަލާމަތް ކުރާން ރައްޔިތުން ނެރެހެރޭ! ދެން ރަށުގެ ހުޅަނގު ފަރާތަށް އަޅުގަނޑުމެން ގޮސް ބެލިއިރު ތެދެއް، ބޯޓަކާ ވަރަށް ވައްތަރު އެއްޗެއް މިއޮއް ލައްގަނީ......

މި ބާވަތުގެ ކަންކަމުގައި އޭރު ރަށްރަށުގެ ވެރީންނާއި ރައްޔިތުން ވަރަށް ހުސިޔާރެވެ. އަބަދުވެސް ތިބެނީ ތައްޔާރީ ޙާލަތުގައެވެ. މި ކަހަލަ ހާދިސާތަކުން ރައްޔިތުންނާއި ވެރީންގެ މެދުގައި އޮންނަ ގުޅުމާއި، އެކުވެރިކަން ފެންނަމުން ދިޔައެވެ. އަދި ކިޔަމަންތެރިކަމާއި ވާޖިބު އަދާކުރުމުގައި ވެރީން ދެއްވަމުން ގެންދަވާ ސަމާލުކަން ވެސް ދިޔައީ ފެންނަމުންނެވެ. ކަތީބު ޖައުހަރީ ރައީސަށް ބައްލަވަން އިންނަވައި ވާހަކަ އެބަ ދަންނަވައެވެ.

ކަތީބު: ދެން ސަންގުފުމެ ރައްޔިތުން ނެރެގެން ދިޔައީ އިނގޭތޯ ބޯޓާއި މީހުން ސަލާމަތްކުރުމަށް ޓަކައި. ބޯޓު މިއަންނަނީ ހުޅަނގު ދެކުނުން ފުއްޓަރު ބޭރުން އަތޮޅާ ގޮނޑުވަމުން. އަޅުގަނޑުމެން ދޯނިފަހަރުގައި ފުރައިގެން، މި ރަށު އުތުރު މި އޮންނަ މާވަށް ކަނޑުން ނުކުމެގެން އެތާ ކައިރިއަށް ދިޔައިމާ އެނގުނީ އެއީ ބޯޓެއް ނޫންކަން. އެއީ ބޮޑު ދަގަނޑު ތާނގީއެއް. އޭގެ ދަބަރު ފެނުނީ އެލުވައިފައި ހުރި ކެޔޮގަނޑުގެ ގޮތުގައި. މީހުންނޭ ހީވީ މަތީގައި ހުރި ހޮޅިތަކަކަށް. ވައިއަޅާ އަޑުން ޙަސަނުމެންނަށް އިވުނީ ކުޑަކުދީންނާއި އަންހެނުން ރޯއަޑު......

ކަތީބުގެ މި ވާހަކައިން ރައީސަށް ލިބިވަޑައިގަތީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި، އިތުބާރުކަން އަޅުގަނޑަށް ޔަގީނެވެ. ކަމެއް ކުރިމަތިވަނީ މެންދުރުކަމުގައި ނުވަތަ ރޭގަނޑު ދަންވަރުގައިކަމަށް ވިޔަސް ފަރުވާލެއްނެތެވެ. އިރު އޮއްސޭއިރު ނުވަތަ ފަތިހުގައިކަމަށް ވިޔަސް މައްސަލައެއް ނެތެވެ. ކަތީބު އެ ހުންނެވީ އިސް ސަފުގައި އަރުވައި ޖައްސަވައިގެންނެވެ. ރައްޔިތުން އެ ތިބީ ކިޔަމަންތެރި ކަމާއެކު ސާބިތުވެ ކަތީބުގެ ފަހަތުގައެވެ. އަގަކަށް އުޖޫރައަކަށް އަހައެއްނުލައެވެ. އާލާތަކަށް ވަގުތަކަށް ނުބަލައެވެ.

ރައީސް މައުމޫން އިންނެވި ދޯނި ދަމައިފައި ފާލަންކައިރިއަށް ގެންދާން އެރުނު މާވަށުގެ ޒުވާނުންކޮޅެއް: އަލަމާގޭ އަބޫބަކުރު އިބްރާހީމާއި ދޫރިޔާގޭ ޙަސަން އިބްރާހީމާއި ދޮރުބޮޑުގޭ މުޙަންމަދު ޢަބްދުލްޙަކީމް (ކަތީބުގެ ކޮއްކޮ) ރީތިކޮށް ފާހަގަވެއެވެ. (ފޮޓޯ ކްރެޑިޓް: ޢަލީ ފަތުޙީ)<br>

ރަށުގެ އަންހެނުން ކާތަކެއްޗާއި ބޯނެ ތަކެއްޗާއި ފެން ބަނޑިޔާތައް ހިފައިގެން އެ ތިބީ ފިރިހެނުންނަށް ހިތްވަރުދީ ޖޯޝު އުފައްދައިދޭށެވެ. އެންމެ ތަން ފުކެއް ވެސް ދުލެއްނުކުރެއެވެ. އަންހެނުންގެ އެންމެ ކުރިޔަށް ނުކުމެ ބޮލަށް ފަނި ބަނޑިޔަލެއް ލައިގެން އެހެރީ ކަތީބުގެ އަންހެނުންނެވެ. އެއީ ބޯދާ ޒަމާނާއި ކުރީގެ ރައްޔިތުންގެ ވެރިކަމެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، މި ދޯނީގައި ތިބި ހުރިހައި ބޭފުޅުން ހިނިފުޅުވަޑުވަނީއެވެ. އެކަމަކު ކަތީބު ޖައުހަރީ ދަންނަވަމުން ގެންދަވާ ޙަޤީޤީ ވާހަކައިން ރައީސަށް އެ ދައްކަވަނީ އެ ކުޑަކުޑަ މާވަށުގެ ބޮޑު މަންޒަރެކެވެ.

ކަތީބު ޖައުހަރީ ވާހަކަ ކުރިއަށް ގެންދަނީއެވެ. ކަތީބު ވާހަކަ ނިންމަވައި ލައްވަނީއެވެ. ދޯނި ފާލަމާ ކައިރި ކުރާތީއެވެ.

ކަތީބު: ދެން ރައީސް އިނގޭތޯ، ތާނގީ ރަށަށް ގެނެސް ރައްޔިތުންނަށް އެއްގަމަށް އެރުވުނު ވަރަކަށް އަރުވާފައި ބެހެއްޓީ އިނގޭތޯ؟ އޭގެ ފަހުން އެ ތާނގީގަނޑަށް މި ރަށު މީހުން ވަނަމަކަށް ކިޔަނީ ތިން ޙަސަނުގެ އައްޑޫ ބޯޓު.

ރައީސްގެ ދަތުރުފުޅަށް ކޮންމެ ރަށެއްވެސް ތައްޔާރުވަމުން ދިޔައީ އެ ރަށަކަށް ކުރެވޭން އޮތް އެންމެ ރަނގަޅަކަށެވެ. އާބާތުރަ ފިލުވަމުން ދިދަ ޖަހަމުން ޒީނަތްތެރި ކުރަމުންނެވެ. ފާރުތަކުގައި އުވަލަމުން މަގުތަކަށް ދޮންވެލި ލަމުންނެވެ. އެއްކަލަ "ތިންހަސަނުގެ އައްޑޫ ބޯޓު"ގައި ވެސް އެހެރީ އުވަލައި ހުދުކޮށްލައިފައެވެ. މި ހުރިހައި ކަމެއް ނިންމައިފައި ރައްޔިތުން އެތިބީ ނަލަހެދިގެން ރައީސަށް އިސްތިޤުބާލު ކުރާން ސަފަކަށް އެތުރިގެންނެވެ. ކަތީބު ގެންދަވަނީ ރައްޔިތުންގެ ހުސިޔާރުކަމާއި އެކުވެރިކަމުގެ ވާހަކައެއް ސީދާ ރައީސަށް ދަންނަވަމުންނެވެ.

މާވަށު ރައްޔިތުން ރައީސް މައުމޫނަށް މަރުޙަބާދަންނަވަނީ. (ފޮޓޯ ކްރެޑިޓް: ޢަލީ ފަތުޙީ)<br>

ކަތީބު: ދެން ރައީސްގެ ދަތުރުފުޅަށް ރަށް ތައްޔާރުކުރަމުން ދިޔައިރު މި ދަބަރު ތާނގީގެ ސަބަބުން މުޅި ރަށް ހުތުރު ވަނީ، އަތިރިމަތީގައި މިހިރަ ފެންނަނީ ބޮޑު ދަބަރު ތާނގީއެއް. އެ ތާނގީ އެއްލައިލެވޭނޭ ގޮތެއް ނެތް. ހަލާކު ކޮށްލެވޭނޭ ގޮތެއް ވެސް ނެތް. އެހެންވެ އަޅުގަނޑުމެން އެންމެންނަށް ފެނުނީ އޭގައި އުވަ ގިރައިފައި އުވަލާން. އެއީ ދަބަރު ފިލުވައި ހުދުކޮށްލާން. ދެން މަތީގައި ސަތަރިގަނޑެއް ވެސް ދަމައިލީ ރީތިކޮށްލާން. ރައްޔިތުންނަށް ފެނުނު އެންމެ ރަނގަޅަށް ކަންތައްކުރީ. ރައީސަށް ތިޔަ ފެނިވަޑައިގަތީ ތިން ޙަސަނުގެ އައްޑޫ ބޯޓު އިނގޭތޯ!

މި ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ ވެސް ކަތީބު އަބޫބަކުރު ޖައުހަރީ (ރަޙިމަހުﷲ)އެވެ. ޖައުހަރީއަކީ ވަރަށް ޙަރަކާތްތެރި ވަރަށް މަޖާ މިޒާޖެއްގެ ތަޖުރިބާކާރެކެވެ. އިހުގެ ހިންގުންތެރި ކުޅަދާނަ ކަތީބެކެވެ.

އަޅުގަނޑު އެންމެ ފުރަތަމަ މާވަށަށް ދިޔައީ ވެސް 1982 ގައެވެ. އަސާސީ ތަޢްލީމުގެ އިމްތިޙާނެއް ކުރުމަށެވެ. ރައީސް މި ދަތުރުފުޅުކުރެއްވި އިރު އަޅުގަނޑު ހުރީ އިމްތިޙާނުގެ މަސައްކަތުގައި ހައްދުންމަތީގައެވެ. ރައީސްގެ ދަތުރުފުޅަށް އަތޮޅު އޮފީހުން ކުރި ތައްޔާރީތަކުގައި ވެސް ޢަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބުނެވެ.

އޭރު އެ އަތޮޅުގެ އަތޮޅުވެރިކަން ކުރަނީ އެ އަތޮޅު ހިތަދޫގައެވެ. އަތޮޅުވެރިކަމުގައި ހުންނެވީ ގ. ސަމަންތާ އަލްފާޟިލް އިސްމާޢީލް މުޙަންމަދު (ދޮން އިސްމާލު) (ރަޙިމަހުﷲ)އެވެ. އަތޮޅުވެރިކަން ފޮނަދޫއަށް ބަދަލުކުރެއްވީ 1993ގައެވެ.

އެޑިޓަރުގެ ނޯޓް
ޢަދުނާނު ޙަލީމަކީ ބަހާއި އަދަބާއި ތާރީޚު ދިރާސާކުރައްވައި ލިޔުއްވާ ބޭފުޅެކެވެ. މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ތަޖުރިބާކާރެކެވެ.

Advertisement

ކޮމެންޓް