އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
12 ޖަނަވަރީ 2026
ސިނާރު ރަމްޒުކޮށްދޭ ކުރެހުމެއް: ސިނާރުގެ ނުރައްކާތަކުގެ ތެރޭގައި ހަތް ކަމެއް ސައެންސީން ފާހަގަކުރައްވައެވެ.
އިންސާނާގެ ޙަޔާތުގައި ވަރަށް ގިނަ މައިދާންތަކެއްގައި ސިނާރުގެ ދައުރު މިއަދު ދަނީ ފުޅައުވަމުން ފުންވަމުންނެވެ. މި ފަންނިއްޔަތު ހެދިބޮޑުވަމުން ފުޅައުވަމުންދާ އަވަސް ދުވެއްޔަށް ބަލާ އިރު، ކުރިމަގުގައި މުޅި އިންސާނާއަށް ބާރުފޯރުވާ އާލަތަކަށް ސިނާރު ވެގެން ހިނގައިދާނެކަމަށް ސައެންސީންނާއި ޢިލްމުވެރީން ނިމުތުކުރެއެވެ.
ސިނާރު ބޭނުންކުރެވޭ މައިދާންތަކަށާއި ދާއިރާތަކަށް ބައްލަވައި، ތަޖުރިބާކާރުން މި ފަންނިއްޔަތަށް ރައްކައުތެރިވުމަށް ގޮވައިލައްވައެވެ. ސިނާރުގެ ނުރައްކާތަކުގެ ތެރޭގައި ހަތް ކަމެއް ފާހަގަކުރައްވައެވެ.
1- އަމިއްލަވަންތަކަން ނުވަތަ ޕުރައިވެސީ ފޫއަޅުވައިލުން: ސިނާރަކީ އޭގެ ބޭނުންކުރާ މީހާއާ ބެހޭ ވަރަށް ގިނަގުނަ މަޢުލޫމަތު އެއްކޮށް ކޮށާރުކުރާ އެއްޗެކެވެ. މި ޑޭޓާތައް ތަޙުލީލުކޮށް ބަލައިގެން އެ މީހާގެ ބަލިފައިތަކާއި އާރާއިބާރު ދެނެގަނެއެވެ. އެއަށް ފަހު މި މަޢުލޫމާތު، އިލެކްޓުރޯނީ ޙަމަލާތައްދިނުމަށާއި ބޭނުންވާ ފަރާތްތަކަށް ވިއްކުމަށާއި ކާކުކަން ނޭނގޭ މީހުން އޭގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދެއެވެ. މި ކަމުގެ ސަބަބުން ސިނާރު ބޭނުންކުރާ މީހާ ސަލާމަތާއި އަމަންއަމާންކަމުގެ ނުރައްކަލަށް ހާސާވެގެންދެއެވެ. އޭނާގެ އަމިއްލަވަންތަކަމުގެ ޙުރުމަތަށް އަރައިގަނެއެވެ.އެނާއަށް އެނގުމަކާނުލައެވެ. މި ޒަމާނުގައި މި ފަދަ މަޢުލޫމާތުގެ ބޭނުން ވަރަށް ނައްސިކޮށް ބޭނުންހިފަމުން އަނަފާކުރަމުންދާ ތަން ފެނެއެވެ. އިސްރާއީލޭ މި ކިޔާ ކިޔާނުން ފަލަސްޠީނުގެ އިސް ބޭފުޅުންނަށް ފާރަލުމަށް ޓަކައި، އެބޭފުޅުންނާ ބެހޭ މަޢުލޫމާތުތައް ސިނާރުގެ ވިޔުގަތަކުގެ ތެރެއން ހޯދައި އެބޭފުޅުންނަށް ޙަމަލާދިނުމަށާއި ހައްޔަރުކުރުމަށާއި އަވަހާރަކޮށްލުމަށް ބޭނުންކޮށްފައިވެއެވެ. އަދި ދަނީ ކުރަމުންނެވެ. އިސްރާއީލަށް ބޭނުންވާ އެ މީހުންގެ "ހަތުރުވެރީން"ނާ ދެކޮޅަށް ފިޔަވަޅުއަޅަނީ ސިނާރީ މަޢުލޫމާތުތަކުގެ ތެރެއިން އެއްކުރާ ޑޭޓާތަކުގެ އަލީގައެވެ. އެމީހުން ނައްތައިލުމަށް ނުވަތަ ހައްޔަރުކުރުމަށް ޤަރާރު ނެރެނީ ސިނާރުންނެވެ.
2- ސިނާރުގެ ސަބަބުން ވަޒީފާ ލިބުން މަދުވުމުގެ މަސްއަލައާއި މަސައްކަތުގެ ބަޒާރުގައި މުވައްޒަފުންގެ އަދަދު މަދުވެގެން ދިޔުން: އެހެނީ މިއަދު ރޮބޯޓުން ދަނީ އިންސާނުން ކުރަމުންދާ، ވަރަށް ގިނަ މަސައްކަތްތައް މާ އަވަހަށް، މާ ތާހިރުކޮށް ކުރަމުންނެވެ. މިސާލަކަށް ނޫސްވެރިކަމުގެ ދާއިރާއަށް ބަލާ އިރު، ކުށްފިލުވާ މީހުންނާއި ޚަބަރުތައް ޢިބާރާތްކުރާ މީހުންގެ މަސައްކަތް ސިނާރުން ކުރަމުންދާލެއް މާ ރަނގަޅެވެ. ލިޔަކުރުގެ ކުށްތަކެއް ނުހުންނާނެއެވެ. ސިނާރުގެ އެޕުތަކުން މަޢުލޫމާތު އެއްކޮށް ތަޙުލީލުކޮށް ލިޔެލާނެއެވެ. އަދި ނޫހުގެ ވެރިޔާ ބޭނުންވާ ރަހައެއް ވެސް ލައްވައިދޭނެއެވެ.
3- ސިނާރުގެ އެޕުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުން: [ޗެޓު ޖީޕީޓީ]އާއި ކުލައުޑު ފަދަ އެޕުތަކުން ސިނާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އިލެކުޓުރޯނީ ވަރުގަދަ ޙަމަލާތައް ދިނުމަށާއި ސިއްރު ޙައްސާސް މައުލޫމާތުތަކުގެ ވިއުގަތަކުގެ ތެރެއަށް ވަދެއެވެ. އެއްވެސް އިންސާނެއްގެ އަތަކާ ނުލައި މީހުން މެރުމާއި ތަންތަން ހަލާކުކޮށް ސުންނާފަތިކުރުމުގެ ޤަރާރުތައް ކަނޑައަޅައެވެ. 2023 ޖޫން 2ގައި މިފަދަ ޙާދިސާއެއް ހިނގައިފައިވާކަމަށް ޖަޒީރާ ނެޓުން ޚަބަރުދީފައިވެއެވެ. ސިނާރުން މަސައްކަތްކުރާ އެމެރިކާގެ ޑުރޯނަކުން ކަނޑައަޅައިފައިވާ އަމާޒުފަތްގަނޑަކަށް ޙަމަލާދިނުމުގެ މަސްއަލައިގައި އޭތި ކޮންޓުރޯލުކުރާ ވެރިޔާ އާނ ބަސް ނުބުނުމުން މި ޑުރޯން އެ މީހާއަށް ހަމަލާދީ އޭނާ މަރައިލިއެވެ.
4- އިންސާނުންގެ ކޮންޓުރޯލުގެ ދަށުން ސިނާރު ބޭރަށް ނުމުކުދާނެކަމުގެ ބިރު: ސައެންސީންގެ ތެރެއިން ބައެއް ބޭފުޅުން ނިމުތުކުރައްވާ ގޮތުގައި ކުރިމަގުގައި އިންސާނާގެ މައްޗަށް ބަސްކިޔާނީ ސިނާރުގެ އެޕުތަކެވެ. އިންސާނާއަށް މި އެޕުތައް ކޮންޓުރޯލެއް ނުކުރެވޭނެއެވެ. އިންސާނާއަށް މައިތިރިނުކުރެވޭ ފަދަ އެލޮގްރިޒަމަކުން ތަރައްޤީކުރެވޭ ރޮބޯޓުތައް ވިސްނުންތޫނުވެގެން ގޮސް އިންސާނާ ހަލާކުކުރާން ފަށައިފާނެއެވެ.
5- ސިނާރަށް ބަރޯސާވާ މިންވަރު ބޮޑުވުމުގެ ސަބަބުން އިންސާނީ ފަންނުތަކާއި ހުނަރުތައް ނިކަމެތިވުން: ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މަދުރަސާތަކާއި ޔުނިވަރސިޓީތަކުގައި ސިނާރަށް ބަރޯސާވަމުންދާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ކަމުގެ ސަބަބުން އިންސާނާ ދިރާސާތައް ކުރުމުގައްޔާއި ޢިލްމު އުނގެނުމުގައި ކަންނެތްވެދާނެއެވެ. ނަތީޖައަކަށް ވާނީ އޭނާގެ އީޖާދުތައް މަދުވުމެވެ. މި ޒަމާނުގައި ސުމޭކު އާލަތްތަކަށް ދަރިވަރުން ބަރޯސާވުމުގެ ސަބަބުން އެ ކުދީންނަށް ކުދިކުދި ހިސާބީ ވިޔަތައް ކަލްކިއުލޭޓަރަކާ ނުލައި ނުހެދެއެވެ. އެ ކުދީންނަށް އެއްކުރާ ނަވަތައާއި ގުނަކޮށް ގެއްލާ ނަވަތަތަކެއް ނޭނގެއެވެ. އިންސައްތައާއި ކަސްރުގެ ވިޔަތައް ހިތުން ހަދާކަށް ނޭނގެއެވެ. ނަތީޖާއަކަށް ވާނީ ދަސްވެނީންގެ ފެންވަރު ދެރަވުމެވެ.
6- ސިނާރީ އެޕުތައް އިންސާނީ ގިޔަމުތަކަށާއި އަޚުލާޤިއްޔާތަށް ކަށަވެތިނުވުން: ސައެންސީން ވިދާޅުވާ ގޮތުގައި ސިނާރީ އެޕުތަކަކީ އިންސާނާ ވިސްނާ ގޮތަށް ހަމަބުއްދީން ވިސްނާ އެއްޗެހިތަކެއްނޫނެވެ. އޭއްޗެއްސަށް ދީނީ މަރުޖާއެއް ޤާނޫނީ ގިއުގަނޑެއް ލިބިގެންނެއް ނުވެއެވެ. އެހެންކަމުން އެއީ އެއްވެސް ޝަރުޠަކުން އެއްވެސް ގައިދަކުން ބަނދެވިގެންވާ އެއްޗެހިތަކެއްނޫނެވެ. އޭއްޗެހި ތަންފީޒުކުރާ އަމުރެއްގެ ސަބަބުން ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިސާލަކަށް އިންސާނާގެ އިޒުނައަކާ ނުލައި ދިފާޢީ މިސައިލު ނިޒާމެއް ޙަރަކާތްތެރިވެގެންފާނެއެވެ. މި ކަމުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެއެވެ.
7- ދޮގު މަޢުލޫމާތު އުފައްދައި ފެތުރުމުގެ ބާރު: ސިނާރުގެ އެޕުތަކަށް ޙަޤީޤަތެއް ނެތް ވީޑިއޯތަކާއި މަންޒަރުތައް އުފެއްދުމުގެ ބާރު ލިބިފައިވާތީ މި ކަމަށް ރައްކައުތެރިވުމަށް ސައެންސީން ދަނީ އިންޒާރުކުރަމުންނެވެ. މި ފަދަ ދޮގު މަޢުލޫމާތުތައް ތެދެއް ފަދަ އެއްޗަކަށް ހަދައިގެން ދައްކައި ފެތުރުމުގެ ސަބަބުން އިންސާނުންގެ ސިކުނޑިއަށް މަގު އޮޅޭ ތަން އާދެއެވެ. އަދި މިއާ އެއް ގޮތަށް ފިޔަވަޅުތައް އެޅުމުން އިންސާނާއަށް މުޞީބާތްތައް ކުރިމަތިވެއެވެ. ޢިރާޤުގައި މުޅި އިންސާނިއްޔަތަށް ގެއްލުން ހުރި ހަތިޔާރުތައް ހުރިކަމަށް އެމެރިކާއިން ހަދައިގެން ނެރުނު ވީޑިއޯތަކުގެ ސަބަބުން ޢިރާޤު ފަދަ ރީތި ނަލަ ގައުމެއް އެ ވަނީ ހަލާކުކޮށްލައިފައެވެ. އެ ގައުމުގެ ރައްޔިތުން ވަނީ ފަގީރު ބަޔަކަށް ހަދައިފައެވެ.
ބައެއް ލަފުޒުގެ މާނަ:
ހާސާވުން ނ. (1) ހާމަ. (2) ނިވަލެއް ނުވަތަ ހިމާޔަތެއް ނެތިގެން ހާމަވެފައިވާ. exposed
ނިމުތު ނ. (1) ކުރާ ލަފާ ނުވަތަ އަންދާޒާ. forecast (2) ވާން ހުންނަ ކަންކަން.
ކާރިސާ ނ. ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ. tragedy
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. entity
ކޮށާރު ނ. (1) ރައްކާތެރިކަމާއެކު ތަކެތި ބެހެއްޓުމަށް ޓަކައި ބޭނުންކުރާ ތަން. މީގެ ތެރޭގައި މާއްދީ ކޮށާރާއި ސުމޭކު ކޮށާރު ވެސް ހުރެއެވެ. repository (2) ހަ ބިތް ނިރޮޅުން ނުވަތަ ގަސްވަކަރުން ހަދައިފައި ހުންނަ ބަނޑަހަ ގެޔެއް. މީގެ ދޮރު ހުންނާނީ، އެއް މަޅުގަނޑަށް ފަހު އަނެއް މަޅުގަނޑު ނަގައިގެން ހުޅުވޭ ގޮތަށެވެ.
އަނަފާ ނ. ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން. exploitation
އާލަތް ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. tool
އިޒުނަ ނ. ކަންކަމަށްދޭ ހުއްދަ. permission
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު . authoritative source
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. missile
ފަންނިއްޔަތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އުފައްދާ އާލަތްތައް. technological tool
ތަންފީޒުކުރުން ނ. (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.
ލިޔަކުރު ނ. ލަފުޒެއްގެ އަކުރުތަކާއި ފިލިތައް ތަރުތީބުކޮށް ލިޔެފައި އޮންނާން ޖެހޭ ގޮތް. spelling
ގައިދު ނ. ހައްޔަރު
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.
ސައެންސީން ނ. ސައެންސްވެރީން
ސިނާރު ނ. (1) ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި، ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. (2) އޭއައި. artificial intelligence
ޝަރުތު ނ. (1) ލާޒިމު. (2) އެއާ ނުލައި އެ ކަމެއް ފުރިހަމަނުވާ ކަންތައް. (3) ކޮންމެހެން ބޭނުން.
ޑޭޓާ ނ. ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު. data