ad_banner
ގައުމަކުން އަނެއް ގައުމަކަށް، ސަފީރުން ޢައްޔަންކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟!!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 ޖަނަވަރީ 2026

ރާއްޖޭގައި ދާއިމީކޮށް ހުންނަ ގޮތަށް އެމެރިކާއިން ދިވެހިރާއްޖެއަށް ޢައްޔަނުކުރި ފުރަތަމަ ސަފީރު ހޫގޯ ޔުއޭހޯ ޔޮން، (ވ) ސަފީރުކަމުގެ ހުވައިކުރަނީ (ފޮޓޯ: އެމްވީރިޕަބްލިކް.ކޮމް)

ގައުމަކުން އެހެން ގައުމަކަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ، އޭނާ ހުންނަވާ ޤައުމުގައި، އޭނާގެ އަމިއްލަ ޤައުމު ތަމްސީލުކުރައްވާ އެންމެ މަތީ ދަރަޖައިގެ އޮފިޝަލެވެ. އޭނާ އިއްވަވާ އަޑަކީ އޭނާގެ ގައުމުގެ ވެރިޔާ ނުވަތަ ސަރުކާރުގެ އަޑެވެ. މިއީ ސަފީރެއްގެ އެންމެ އަސާސީ ބޭނުމެވެ. އޭނާގެ އަނެއް ބޭނުމަކީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމެވެ. އަދި އޭނާގެ ގައުމުގެ މަޞްލަޙަތު ކުރިއަރުވައި ބޭރު ގައުމުތަކުގައި އުޅޭ، އޭނާގެ ޤައުމުގެ ރައްޔިތުން ޙިމާޔަތްކުރުމެވެ. ކުރުކޮށް ދަންނަވާ ނަމަ، ސަފީރުގެ ބޭނުމަކީ މީއީކަމަށް ވިޔަސް، ގައުމަކުން އަނެއް ގައުމަކަށް ސަފީރުން އައްޔަނުކުރުމުގެ މައިގަނޑު ބޭނުންތަކަށް ތަންކޮޅެއް ތަފުސީލުކޮށް ބަލައިލުމަކީ އަޅުގަނޑު މި ދަންނަވާ ވާހަކަ ތަންކޮޅެއް ތަފުސީލުކޮށް އެނގިވަޑައިގެންފާނޭ ކަމެއްކަމަށް ފެންނާތީ އެ ވާހަކަ ދަންނަވައިލާނަމެވެ.

1.   ގައުމު ތަމްސީލުކުރުން:

ސަފީރަކީ އޭނާގެ ގައުމުގެ ރަސްމީ އަޑު އިއްވައި، އެ ގައުމުގެ ސިޔާސަތު، އޭނާ ކަނޑައަޅުއްވައިފައި ހުންނަވާ ގައުމެއްގައި ތަމްސީލުކުރައްވާ އެންމެ މަތީ ވެރިޔާއެވެ. އޭނާ ވިދާޅުވާ ކޮންމެ ވިދާޅުވުމަކީ ކުރައްވާ ކޮންމެ ޢަމަލަކީ އޭނާ ނިސްބަތްވާ ގައުމުގެ ސިޔާސަތުކަމަށް ބެލެވޭނެއެވެ. މި ކަމަށް ޓަކައި މަތީ ފެންވަރުގެ މުޢަމަލާތަށް މަގު ފަހިވެފައި އޮންނާނެއެވެ. މިއާ ޚިލާފަށް ސަފީރަކު އެއްވެސް ޚިޔާލެއް ފާޅުކޮށްފި ނަމަ، އޭނާ ވަގުތުން މަގާމުން ވަކިކުރާނެއެވެ. އެހެންނޫނީ އޭނާ ދެއްކެވި ވާހަކަފުޅަކީ އޭނާގެ ޤައުމުގެ ސަރުކާރުގެ ރުހުން އޮވެގެން ސަރުކާރުގެ ސިޔާސަތާ އެއް ގޮތަށް ފާޅުކުރެއްވި ޚިޔާލެއްކަމަށް އޭނާ ޢައްޔަނުކުރެވިފައި ހުންނަވާ ޤައުމުގެ ސަރުކާރަށް ގަބޫލުކުރާން މަޖުބޫރުވާނެއެވެ.

2.   ގުޅުން އުފައްދައި ގުޅުން ބަދަހިކޮށް ދެމެހެއްޓުން:

އޭނާ ސަފީރުކަމަށް ކަނޑައެޅި ގައުމާއި އޭނާ ކަނޑައެޅުނު ގައުމާ ދެ ގައުމުގެ ލާބައާއި މަފާއަށް ޓަކައި ވަރުގަދަ ޑިޕްލޮމެޓިކު ގުޅުމަކާއި، ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ދެ ގައުމަށް ގަބޫލުކުރެވޭ ކަންތައްތައް ދެ ގައުމުގެ ފައިދާއަށް ޓަކައި ތަރައްގީކޮށް ދެމެހެއްޓުމަކީ ސަފީރެއްގެ އެންމެ މުހިންމު އެއް ބޭނުމެވެ.

3.   މަޝްވަރާކުރުން:

ތަފާތު ބާވަތްބާވަތުގެ މަޝްވަރާތަކުގައި ސަފީރު އާންމު ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފަދަ މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރީގެ އެއްބަސްވުންތަކާއި ސަލާމަތީ ކަންތައްތަކާއި، ތިމާވެށީގެ މައްސަލަތަކުގައި އެއްބާރުލުންދިނުމާއި ދެ ގައުމަށް ފައިދާހުރި ދާއިރާތަކުގައި އެއްބަސްވުންތައް އެކުލަވައިލުން ފަދަ ކަންކަމުގައި މަޝްވަރާކުރުން ހިމެނޭނެއެވެ.

4.   ރައްޔިތުން ޙިމާޔަތްކުރުން:

ސަފީރު މަރުކަޒުކުރައްވައިގެން ހުންނަވާ ގައުމުގައި ދިރިއުޅޭ، ނުވަތަ އެ ގައުމަށް އަންނަ، އޭނާގެ ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޖާމިނުވެވަޑައިގަތުމަކީ ވެސް ސަފީރެއްގެ ޒިންމާއެވެ. އަދި އެ ފަދަ ރައްޔިތުންނަށް ބޭނުންވާ ވިސާއާއި ޕާސްޕޯޓުގެ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ފަސޭހަކޮށްދެއްވުމަކީ ވެސް އޭނާ ސަފީރެއްގެ ގޮތުގައި ހުންނެވުމުގެ މުހިންމު ބޭނުމެކެވެ.

އަދި ސަފީރު މަރުކަޒުކުރައްވައިގެން ހުންނަވާ ގައުމަށް ދިމާވާ އެކިއެކި ކާރިސާތަކުގައްޔާއި މަދަނީ ހަމަނުޖެހުންތައް ހިނގާ ދަނޑިވަޅުތަކުގައްޔާއި ކުއްލި ޙަލަތްތަކުގައި އޭނާގެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި ކަންކަން ފަސޭހަކޮށްދެއްވުމަކީ ވެސް ސަފީރުގެ މަސްއޫލިއްޔަތެކެވެ.

ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މަސްއޫދު ޢިމާދު އަސްކަރީ އިސް އޮފިޝަލުންތަކަކާއެކު ޢިއްޒަތުގައި (ފޮޓޯ: ޚަރިޖީ ވުޒާރާ)

5.   މަޢުލޫމާތު އެއްކޮށް އޭނާގެ ގައުމަށް މަޢުލޫމާތު ފޯރުކޮށްދިނުން:

ސަފީރު މަރުކަޒުކުރެވިފައި ނުވަތަ ޢައްޔަންކުރެވިފައި ހުންނަ ގައުމުގެ ސިޔާސީ، އިގުތިސާދީ، އިޖުތިމާޢީ ޙާލަތާ ބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް އެއްކުރައްވައި، އެ ފަދަ މަޢުލޫމާތު ތަޙުލީލުކޮށް މި ފަދަ މަޢުލޫމާތު ސިއްރު މަޢުލޫމާތުގެ ގޮތުގައި އޭނާގެ ގައުމުގެ ކަމާ ބެހޭ މުއައްސަސާއަކަށް އަންގަވާންވާނެއެވެ. އެއީ ސަރުކާރުގެ ނިންމުތައް ނިންމުމުގައި މުހިންމު މަޢުލޫމާތަކަށް ވާނެތީއެވެ.

6.   ގައުމީ މަސްލަހަތު ކުރިއެރުވުން:

ސަފީރުގެ އަމިއްލަ ގައުމުގެ ގައުމީ މަޞްލަޙަތާއި ސިޔާސަތު ތަރައްގީކޮށް ކުރިއަރުވައިހެއްދެވުމަކީ ވެސް ސަފީރުގެ ވަރަށް މުހިންމު މަސްއޫލިއްޔަތެކެވެ. މީގެ ތެރޭގައި ވުނަދާނައާއި ވިޔަފާރީގެ ފުރުޞަތުތައް އިޝްތިހާރުކުރައްވައި އެ ފަދަ ފުރުޞަތުތައް ހޯއްދަވާން މަސައްކަތްކުރެއްވުމާއި ތަޢުލީމާއި ސަގާފީ ޕްރޮގްރާމްތައް ގައުމަށް ފައިދާ ހުރި ގޮތުގައި ހޯއްދަވައިދެއްވުމާއި، ސުލްޙަ ގާއިމުކުރައްވައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރެއްވުމަކީ ވެސް ސަފީރުގެ ޒިންމާއެކެވެ. އަޅުގަނޑަށް ތަޖުރިބާކުރެވިފައިވާ ގޮތުގައި، ގައުމީ މަސްލަހަތާއި ގައުމުގެ ސަގާފަތް ފެތުރުމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރައްވަނީ އިންޑިއާއިން އެކި ގައުމުތަކަށް ކަނޑައަޅުއްވައިފައި ތިއްބަވާ ސަފީރުންނެވެ. އެ ބޭފުޅުންގެ އެ ހުނަރާއި ޤައުމީ ފިކުރަށް ސެލިއުޓުކުރާންޖެހެއެވެ. އެހެން ގައުމުތަކުގެ ސަފީރުން ވެސް އެ ބޭފުޅުންގެ މަސައްކަތްޕުޅުން ފައިދާ ލިބިގަންނާން ޖެހެއެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ދަންނަވައިލި ދަންނަވައިލުމެކެވެ.

7.   ސަފާރާ ހިންގުން:

ސަފީރުގެ ކިބައި އިސްވެ ދެންނެވި ހުނަރުތައް ހުރުމާއެކު އޭނާގެ ސަފާރާގެ އިންސާނީ ވަސީލަތްތަކާއި މާލީ ވަސީލަތްތައް މެނޭޖުކޮށް ސަފާރާގެ ޙަރަކާތްތައް ދުވަހުން ދުވަހަށް ކުރުންތެރިކަމާ އެކު ހިނގާނެ ގޮތަށް ބައްޓަންކުރައްވައި އެ ކަން އެ މަގުން ހިނގަމުންދޭތޯ މުރާގިބުކުރުމަކީ ވެސް ސަފީރުގެ ވަރަށް މުހިންމު ޒިންމާއެކެވެ. އެހެނީ އިސްވެ ދެންނެވުނު ހުރިހައި ވާޖިބުތަކެއް ރަނގަޅު ގޮތުގައި ހިންގޭނީ ސަފާރާއަކީ މުވައްޒަފުންގެ ކަށަވެތިކަމާއެކު ބަރާބަރަށް ހިނގާ ތަނެއްކަމަށް ވެގެންނެވެ. ވީމާ، އިދާރީ ހިންގުމުގެ ތަޖުރިބާކާރަކަށް ނުވަތަ މެނެޖުމަންޓު އެނގިވަޑައިގަންނަވާ ބޭފުޅަކަށް ވެސް ސަފީރު ވަވަޑައިގަންނަވާންވާނެއެވެ.

އިސްވެ ދެންނެވުނީ ގައުމަކުން ގައުމަކަށް ސަފީރުން ޢައްޔަނުކުރުމުގެ އެންމެ އަސާސީ ބޭނުންތަކެވެ. މި އަސާސްތަކާ ޚިލާފަށް މީޑިއާގައި ސަފީރަކު ޚިޔާލު ފާޅުކޮށްފި ނަމަ، އެއީ އޭނާ އެ ގައުމަށް އައްޔަންކުރި ގައުމުގެ ސަރުކާރުގެ ސިޔާސަތަކަށް ނުވެއްޖެ ނަމަ، އެ ސަރުކާރަކުން އޭނާ މަގާމުން ވަކިކުރާން މަޖުބޫރުވާނެއެވެ. އެހެން ނޫން ނަމަ، އެ ދެ ގައުމެއްގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ. އަދި މި ފަދަ ދަނޑިވަޅެއްގައި ސަރުކާރާ އިދިކޮޅު ބަޔަކާ ނުވަތަ އިދިކޮޅު ޕާޓީގެ މެންބަރަކާ ރަސްމީކޮށް ބައްދަލުކޮށް އެ ކަން މީޑިއާއަށް ތިލަވެއްޖެ ނަމަ، އެއީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ. އެ ސަފީރު ހުރި ގައުމެއްގެ ސަރުކާރުގެ ސިޔާސަތާ، ސަފީރު ފޮނުވި ގައުމުގެ ސަރުކާރުގެ ސިޔާސަތާ ތަޢާރަޒުވާކަން މި ކަމުން ދަލީލުކޮށްދީފާނެތީއެވެ. ނަމަވެސް ބަްއެއް ސަފީރުންނަށް އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތު އެނގިވަޑައިގަންނަވާނޭބާވައޭ ހީވާ ކަހަލަ ޚަބަރުތައް ވެސް ބައެއް ފަހަރު މީޑިއާގައި ވިރަވެއެވެ.

ސަފީރު ނިސްބަތްވާ ގައުމުގެ ރައްޔިތުންނަށް ސަފީރު ހުންނަވާ ގައުމުގެ ސަރުކާރުން އުނދަގޫކުރާކަމަށް ހީފުޅުވިޔަސް ނުވަތަ އެ ކަން ގަބޫލުފުޅުކުރެއްވުނަސް އެ ވާހަކަ މީޑިއާއަށް ހާމަކުރައްވައި ބަސްދީގަތުންދެއްވުމަކީ އެ ކަމުގެ ޙައްލަކަށް ނުވާނެއެވެ. އެ ވާނީ ކުޑަ ލޯވަޅެއް ފެނުނުމުން އެ ލޯވަޅު ބޮޑު ބާގަނޑަކަށްހެދުން ފަދަ ކަމަކަށެވެ. މައްސަލައެއް އޮތް ނަމަ، ނުވަތަ މައްސަލަތަކެއް ހުރި ނަމަ، އެ ކަން ޙައްލުކުރައްވާންވާނީ ޑިޕުލޮމެޓިކު އުސޫލުން ރީތި ގޮތުގައި މުޢާމަލާތުކޮށްގެންނެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ސަފީރުން ތިއްބެވުމުގެ އެއް ބޭނުމަކީ ވެސް މިއީއެވެ. މި ކަން މި މަގަށް ނުކުރެއްވުނު ނަމަ، އެއީ އޭނާގެ ގާބިލުކަން ނެތީކަމަށް ބެލިދާނެއެވެ. ނުވަތަ ސަފީރަކު ހުރުމުގެ މުހުތާދު ނެތުނީކަމަށް ވެސް ބަލާނެ ފުރުޞަތު އޮވެދާނެއެވެ. މި ޙާލަތުގައި ސަރުކާރުން އޭނާ މަގާމުން ވަކިކުރެއްވުމުގެ ކުރީން އިސްތިޢުފާދެއްވުމަކީ ގޮތް ހުންނަ މީހުން ކަންކުރާ އެންމެ ރީތި އުސޫލެވެ. އެހެން ނޫން ނަމަ، އެ ދެ ގައުމެއްގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުމަށް ހީނަރުކަން އައުމަކީ ދުރުގައި އޮންނާނޭ ކަމެއްނޫނެވެ. ވީމާ، ދެ ގައުމެއްގެ ދެމެދުގައި ހުންނަ ކުދިކުދި ނުތަނަވަސްކަން ފުޅާވެގެން ދިޔުމުގެ ކުރީން އެ ކަން ޙައްލުކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޚާރިޖީ      ނއ.    ބޭރާ ބެހޭ.   external/foreign

ކަށަވެތިކަން  ނއނ.  (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު. Commitment

މަސްލަހަތު   ނ.    (1) ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް. (2) ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ.

މުރާގިބު     ނ.     (1) އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރުކުރާ މީހާ ނުވަތަ ފަރާތް. (2) ވޯޓުލުމުގެ ހައިސިއްޔަތެއް ނެތި ކަމެއް ނުވަތަ ހަރަކާތެއްގައި ބައިވެރިވާ ފަރާތް. observer

ސަފީރު     ނ.    (1) ދައުލަތެއް ތަމްސީލުކުރުމަށް ޓަކައި އަނެއް ޤައުމަކަށް ނުވަތަ އަނެއް ފަރާތަކަށް ފޮނުވުމަށް ޤައުމެއްގެ ވެރިޔަކު ޢައްޔަން ކޮށްފައިވާ މީހާ. (2) އެއް ފަރާތެއް ތަމްސީލު ކުރުމަށް، އަނެއް ފަރާތަކަށް ފޮނުވައިފައި ހުންނަ ވަކީލު. Ambassador (3) މީހެއްގެ ފަރާތުން އަނެކެއްގެ ގާތަށް ކަމަކާއިގެން އަންނަ މީހާ.

ސަފާރާ     ނ.    (1) ދައުލަތެއްގެ ފަރާތުން އެ ދައުލަތް ތަމްސީލުކުރުމަށް ޓަކައި ބޭރު ދައުލަތަކަށް ފޮނުވައިފައި ހުންނަ ސަފީރުގެ އޮފީސް. (2) އެންބަސީ ambassy .

ޑިޕުލޮމެޓިކު  ނއ.   ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ. diplomatic

ކޮމެންޓު