ޙަކީމް ސަލްމާނު ފަހުމީ
11 ޖަނަވަރީ 2026
ތަޢުލީމަކީ ވަރަށް ބޮޑު މަޤުޞަދެއްއޮތް އެއްޗެކެވެ.
އިސްލާމީ ތަޢުލީމަކީ އިންސާނާގެ ފިކުރީ، ރޫޙާނީ، އަޚުލާޤީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ބިނާކޮށްދޭ، ވަށައިޖެހިފައިވާ މަތިވެރި މަޤުޞަދެއް އޮތް ނިޒާމެކެވެ. މިއީ ހަމައެކަނި ލިޔާންކިޔާން ދަސްކުރުމެއް ނުވަތަ ވަޒީފާއަކަށް ތައްޔާރުވުމެއްނޫނެވެ. އޭގެ ބަދަލުގައި، މިއީ ކިޔެވުމުން އުނގެނުމަށް، އުނގެނުމުން އިލްމުވެރިކަމަށް، އަދި އިލްމުވެރިކަމުން ތަރުބިއްޔަތަށް ވާސިލުކޮށްދޭ މުޅި ޢުމުރަށް ދެމިގެންދާ ދަތުރެކެވެ. ކީރިތި ޤުރްއާނާއި، ރަސޫލާ ﷺގެ ސުންނަތާއި، އަދި އިސްލާމީ ޢިލްމުވެރީންގެ ފޮތްތަކުން ހެކިދޭ ގޮތުގައި، ތަޢުލީމަކީ އިންސާނާގެ ނަފްސު ތާހިރުކޮށް، މުޖުތަމަޢުތައް ބިނާކޮށްދޭ މުޤައްދަސް އަމާނާތެކެވެ.
އިސްލާމީ ތަޢުލީމުގެ ބިންގަލަކީ ކިޔެވުމެވެ. ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނީ މި ކަމަށް ބާރުއަޅުއްވަމުންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الْإِنسَانَ مِنْ عَلَقٍ اقْرَأْ وَرَبُّكَ الْأَكْرَمُ الَّذِي عَلَّمَ بِالْقَلَمِ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾ މާނައީ:"ކަލޭގެފާނުގެ ވެރިރަސްކަލާންގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔާން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތަށް އެކަލާނގެ އުގަންނައިދެއްވިއެވެ." (ސޫރަތުލް ޢަލަޤް 1-5)
މި އާޔަތްތަކުން އެނގެނީ އިސްލާމްދީނުގައި ކިޔެވުމާއި އުނގެނުން ގުޅިފައިވަނީ ޚާލިޤުވަންތަ މާތްﷲގެ މަތިވެރިކަން ދެނެގަތުމާކަމެވެ. ޢިލްމަކީ އިންސާނާ އަމިއްލައަށް އުފައްދާ އެއްޗެއް ނޫނެވެ. އެއީ މާތްﷲ ދެއްވާ ހަދިޔާއެކެވެ. ކިޔެވުމުގެ ސަބަބުން އިންސާނާގެ ހޭލުންތެރިކަން އިތުރުވެ، ހިތްތިރިކަން އުފެދެއެވެ. އިމާމު ފަޚުރުއްދީން އައްރާޒީ ފަދަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، [ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ!] އޮތް އަމުރުފުޅަކީ، ޢިލްމުގެ ސަބަބުން އިންސާނާ ބޮޑާވެގަތުމުން ދުރުކޮށްދޭ، އަދި އެ ޢިލްމަކީ މާތްﷲ އަށް އަޅުވެތިވުމަށް ޓަކައި ބޭނުންކުރާ ވަސީލަތެއްކަން ކަށަވަރުކޮށްދޭ ކަމެކެވެ.
ކިޔެވުމާއިއެކު ދެން ފެށޭ މަރުޙަލާއަކީ އުނގެނުމެވެ. މިއީ ފިކުރުކުރުމާއި، ބުއްދީގެ ބޭނުން ހިފުމާއި، އަދި ހަމަޖެހިފައިވާ އުޞޫލުތަކެއްގެ މަތީން މަޢުލޫމާތު ދެނެގަތުމެވެ. ކީރިތި ޤުރްއާނުގައި ފިކުރުކުރުމަށާއި ބުއްދީގެ ބޭނުންހިފުމަށް ތަކުރާރުކޮށް އަމުރުކުރައްވައިފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا﴾ މާނައީ: [ފަހެ ޤުރުއާން އާއި މެދު އެއުރެން ވިސްނައި ފިކުރުނުކުރަނީހެއްޔެވެ. ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއްލެވިފައި ވަނީހެއްޔެވެ؟] (ސޫރަތު މުޙައްމަދު 24)
އުނގެނުމުގެ ސަބަބުން އިންސާނާގެ ބުއްދި ތޫނުވެ، ކަންކަން ދެނެގަތުމުގެ (ފަހުމްވުމުގެ) ޤާބިލުކަން އިތުރުވެއެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް ޢިލްމު އުނގެނުމަކީ ފަރުޟެއްކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. އިމާމުއްޝާފިޢީ ވިދާޅުވެފައިވަނީ، އަދަބެއް (ޑިސިޕްލިންއެއް) ނެތް ޢިލްމަކީ ބޭކާރު އެއްޗެއްކަމަށާއި، ޢިލްމެއް ނެތް އަދަބަކީ ކަނު އެއްޗެއްކަމަށެވެ. އެހެންކަމުން، އިސްލާމީ ތަޢުލީމަކީ އަޚުލާޤީ މިންގަނޑުތަކެއްގެ މަތީގައި ބިނާވެފައިވާ ކަމެކެވެ.
އުނގެނުމަށްފަހު އޮތީ އިލްމުވެރިވުމެވެ. މިއީ އެނގޭ އެނގުން ހިތާ ހަމައަށް ވާސިލުވެ، އެއީ ޙަޤީޤީ ހިދާޔަތެއްގެ ގޮތުގައި ބަލައިގަންނަ މަރުޙަލާއެވެ. ކީރިތި ޤުރްއާނުގައި، ހަމައެކަނި މަޢުލޫމާތު އެނގުމާއި ޙަޤީޤީ ޢިލްމުވެރިކަމާ ދެމެދު އޮތް ތަފާތު ބަޔާންކުރައްވައިފައިވެއެވެ. ﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ﴾ މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން އެއް ފަދަވާނެހެއްޔެވެ؟] (ސޫރަތުއްޒުމަރު: 9)
ޙަޤީޤީ ޢިލްމުވެރިކަމަކީ މާތްﷲއަށް ބިރުވެތިވުން (ޚަޝްޔަތު) އުފައްދާ ކަމެކެވެ. އިމާމް އަލްޣަޒާލީ ފާހަގަކުރައްވާ ގޮތުގައި، ޙަޤީޤީ ޢިލްމަކީ ހިތް އިޞްލާޙުކޮށް، އިޚުލާޞްތެރިކަމަށް މަގުދައްކައިދޭ ޢިލްމެވެ. ދޫމަތީގައި އޮންނަ، ނަމަވެސް ހިތާ ހަމައަށް ފޯރާފައި ނުވާ، ޢިލްމަކީ އިންސާނާއަށް ހުރި ހުރަހެކެވެ. މި މަރުޙަލާގައި ތަޢުލީމަކީ ރޫޙާނީ ފަރުވާއަކަށް ވެގެންދެއެވެ.
އިސްލާމީ ތަޢުލީމުގެ އެންމެ ފަހުގެ މަޤުޞަދަކީ ތަރުބިއްޔަތެވެ. އެއީ އުނގެނުނު ޢިލްމު އިންސާނާގެ ސުލޫކުންނާއި، އުޅުމުންނާއި، އަދި އިޖުތިމާޢީ ޒިންމާތަކުން ފެނުމެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. » إنَّما بعثتُ لأتمم مكارم الأخلاق» . މާނައަކީ: [ތިމަންކަލޭގެފާނު ފޮނުއްވުނީ މަތިވެރި އަޚުލާޤު ފުރިހަމަކޮށްދެއްވުމަށް ޓަކައެވެ.] އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ، ހެޔޮ ޢަމަލަކަށް މަގުނުދައްކާ ޢިލްމަކީ ޙަޤީޤީ ޢިލްމެއް ނޫންކަމަށެވެ. އަދި އިބްނު ޚަލްދޫން ބަޔާންކުރެއްވި ގޮތުގައި، ތަޢުލީމަކީ ޙަޟާރަތެއްގެ ބުރަދަނެވެ. އަޚްލާޤީ ތަރުބިއްޔަތާ ވަކިވެފައިވާ ތަޢުލީމެއްގެ ސަބަބުން މުޖުތަމަޢުތައް ބަލިކަށިވެގެންދެއެވެ.
ނިންމައިލަމުން ދަންނަވާނީ، އިސްލާމީ ތަޢުލީމަކީ ފުރިހަމަ އަދި ހަމަހަމަ ނިޒާމެކެވެ. ކިޔުމުން ހޭލުންތެރިކަން ލިބި، އުނގެނުމުން ބުއްދި ތަނަވަސްވެ، ޢިލްމުވެރިކަމުން ހިތް އަލިވެ، ތަރުބިއްޔަތުން މުޅި މީހާއާއި މުޖުތަމަޢު އިޞްލާޙުވެއެވެ. މިއީ މާތް ﷲއާ ކުއްތަންވުމަށާއި، ނަފްސު ޠާހިރުކުރުމަށާއި، ދުނިޔޭގައި ޢަދުލުވެރިކަމާއި އަމާންކަން ޤާއިމުކުރުމަށް އޮތް މަގެކެވެ. ޞައްޙަ ގޮތުގައި ހޯދާ ޢިލްމަކީ ބުރަ މަޢުލޫމާތުތަކެއް ނޫނެވެ. އެއީ ފިކުރުތައް އުޖާލާކޮށް، ފުރާނަތަކަށް ޝިފާ ދީ، ޙަޟާރަތްތައް ބިނާކޮށްދޭ ނޫރެކެވެ.
ބައެއް ލަފުޒުގެ މާނަ:
ޙަޟާރަތު ނ. ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. civilization
ނިޒާމު ނ. (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު system
ބިންގާ ނ. (1) ބިންގަލަށް ވަޅުލާ ގާ. (2) އިމާރާތުގެ ބިމުގެ އަޑިޔަށް ރާނާބައި. (3) ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ރަމްޒެއްގެ ގޮތުން ބާއްވާ ގައު. (4) ގޭގެ ކަނެއްގައި އިރުވަރުން ބާއްވާ ގައު. foundation
ބުއްދި ނ. (1) ތަންދޮރު ވަކިކޮށް ދެނެގަތުމުގެ ބާރު. (2) ދޭހަވުމުގެ ބާރު. (3) ވިސްނުމުގެ ބާރު. (4) ހައިވާނުންގެ ތެރެއިން އިންސާނުން ތަފާތުކޮށް ދޭ ބާރު.
ކިޔެވުން މ. (1) ދޭހަކޮށްގަތުން. (2) ދަސްކުރުން. learning
ޢަދުލު ނ. އިންސާފު. (2) ކަންތައް ކުރުމުގައި ބަހައްޓާންވީ ހަމަ ގޮތް. (3) ފުރިހަމަ ގޮތް. (4) އަނިޔާގެ އިދިކޮޅު
ޢަދުލުވެރި ނއ. ޢަދުލަށް ކަންތައްކުރާ.
ޢަދުލުވެރިކަން ނއނ. ޢަދުލަށް ކަންތައްކުރާ ކަން.
އުނގެނުން މ. (1) ކިޔެވުން. (2) ދަސްކުރުން. (3) ދޭހަކޮށްގަތުން. study
އުޖާލާ ނ. ފުރިހަމައަލި. (2) ސާފުކަމާއެކު އިންސާނެއްގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ނިޝާން.
ފިކުރު ނ. (1) ޚިޔާލު. (2) ވިސްނުން. (3) ބުއްދި. (4) ކަމަކާ ކަންބޮޑުވެގެން ވާ ހާސް.
ތަރުބިއްޔަތު/ތަރުބިޔަތު ނ. (1) ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑުކުރުން. (2) އަށަގެންފައިވާ ރީތި އަޚްލާޤާއި މާތްސިފަތައް. (3) ގެންގުޅެ ބޮޑުކުރާ ގޮތް.