ad_banner
"ފަރަގު އެކެޑަމީ"ގެ ތަމްރީނުތައް ހަމަ ފަރަގު

އަބާ މުޙަންމަދު

8 ޖަނަވަރީ 2026

ސަފާރީ އުޅަނދެއްގައި ފަރަގު އެކެޑަމީގެ ފަރާތުން އިއްޔެ ބޭއްވި ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން.

ފަރަގު އެކެޑެމިކް ސަރވިސަސް (ޕވޓ) ލިމިޓެޑްގެ ދަށުން ހިންގަވާ 'ފަރަގު އެކެޑަމީ' ރަޖިސްޓަރީކޮށްގެން ހިންގަވާތާ ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި މިހާރު ރާއްޖޭގެ އަތޮޅުތަކާއި އެކި ރަށްރަށް ފަހަނަޅައި ކަނޑުމަތީގައި ވެސް ތަމްރީނުތައްދޭން ވަނީ ފަށައިފައެވެ.

މި ހުސްވި އަހަރު ނިމެމުންދަނިކޮށް ޑިސެންބަރުމަހު18 ވަނަ ދުވަހު މަތީ ތަޢުލީމުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މި މުއައްސަސާއިން މަތީ ތަޢުލީމުގެ އެކި ދަރަޖައިގެ ކޯސްތައް މިހާރު އެ ގެންދަވަނީ ފަރުމާކުރައްވަމުންނެވެ.

މި މަސައްކަތް މިހެން ހިނގަމުންދާ އިރު، މުވައްޒަފުންނަށް ދެވޭ އެންމެ ފެންވަރު ރަނގަޅު ތަމްރީނެއްދޭ އެއް މުއައްސަސާއަކަށް އެ މުއައްސަސާ ވަނީ ބަދަލުވެ، ކަމޭދުންގެ މަގުބޫލުކަން ހޯދައިފައެވެ. ފަރަގު އެކެޑަމީއިން ދޭ ތަމްރީނުތައް އެ ހައި މަގުބޫލުވަނީ، އެ ކެޑަމީއިން ދޭ ކޮންމެ ތަމްރީނެއް ވެސް ދެނީ އެ ތަމްރީނުދޭ ދާއިރާއިން ރާއްޖޭގައި ތިއްބެވި އެންމެ އެންމެ ފެންވަރު ރަނގަޅު، ފުންނާބު އުސް މުދައްރިބުން މެދުވެރިކުރައްވައިގެން އެ ބޭފުޅުންލައްވައިކަމަށްވާތީއެވެ.

ސަފާރީ އުޅަނދެއްގައި އިއްޔެ "ފަރަގު"ން ހިންގި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ބައިވެރީން: އިއްޔެ ތަމްރީނު ޕްރޮގުރާމު ހިންގީ ކަމޭދު ޚިދުމަތާއި، ފުރަތަމަ އެހީގެ ދާއިރާއިންނެވެ.

މި ހައި ތަނަށް އެ އެކެޑަމީއިން އެންމެ ކާމިޔާބުކަމާ އެކު ދެއްވައިފައިވާ ތަމްރީނަކީ، ކަމޭދު ޚިދުމަތް (ކަސްޓަމަރ ސަރވިސް)ގެ ތަމްރީނެވެ. މާލޭގެ ބޮޑެތި ކުންފުނިތަކަށާއި ދައުލަތުގެ ބޮޑެތި ބައެއް މުއައްސަސާތަކަށް މިހާރު ވަނީ މި އެކެޑަމީއިން ތަމްރީނުދީފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްގެން މުވައްޒަފުން ތިބި ތާކަށް ގޮސްގެން ކިޔަވައިދީފައެވެ. ބައެއް އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކުގެ މުވައްޒަފުންނަށް ވެސް ތަމްރީނު ދެވިއްޖެކަމަށް ފަރަގު އެކެޑެމިކް ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝުއާޒުވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްދެމުން ގެންދާ ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހުރިހައި މުވައްޒަފުންނަށް ވެސް އެ މުވައްޒިފުން ވަޒީފާ އަދާކުރާ ހުރިހައި ރަށަކަށް ދަތުރުކޮށްގެން ވަނީ ތަމްރީނުކޮށްދީފައެވެ. 

ކަމޭދު ޚިދުމަތުގެ ތަމްރީނުގެ އިތުރަށް މިހައި ތަނަށް "ފަރަގު"ން ތަމްރީނުދީފައިވާ ދާއިރާތަކުގެ ތެރޭގައި މުއާޞަލާތީ ހުނަރާއި ޓެލެފޯނުގެ ހުނަރާއި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާނޭ ގޮތާއި، އަލިފާނުން ރައްކާތެރިވާނެ ގޮތް (ފަޔަރ ސޭފްޓީ)އާއި ވިއުގަ (ނެޓުވޯކިންގ)އާއި ޕްރޮފެޝަނަލް ތާނަ ޓައިޕިންގއާއި ޢަރަބި ޓައިޕިންގއާއި ޞިއްޙީ ފުރަތަމަ އެހީ (ފަރސްޓް އެއިޑް)އާއި އެންމެ މަތީ ފެންވަރުގައި މުޢާމަލާތުކުރުމުގެ ހުނަރާއި ހެޔޮ ގޮތުގައި ވިސްނުން ބައްޓަންކުރާނެ ގޮތާއި މަސައްކަތުގެ ސުލޫކާ ބެހޭ ގޮތުން ވެސް ބޮޑެތި ބައެއް މުއައްސަސާތަކަށާއި ބައެއް ކައުންސިލްތަކަށް ވަނީ ތަމްރީނުދީފައެވެ. މި ފަދަ ކިތަންމެ ތަންރީނުތަކެއް އެކި ފަރާތްތަކަށް "ފަރަގު އެކެޑަމީ"އިން މިހާރު ވަނީ ފޯރުކޮށްދީފައެވެ. އަދި ބޮޑުބެރާއި ސަގާފީ ޙަރަކާތްތަކުގެ ތަމްރީނުތަކެއް ވެސް ދޭން ބައެއް ކައުންސިލްތަކުން ވަނީ މަޝްވަރާކޮށްފައެވެ. "ފަރަގު އެކެޑަމީ"އިން މައުލޫމާތު ދެއްވާ ގޮތުގައި އެ އެކެޑަމީއިން ކޮންމެ ދާއިރާއަކުން ވެސް ތަމްރީނު ދިނުމުގެ ޤާބިލުކަން އެ އެކެޑަމީގެ އެބަހުއްޓެވެ.

"ފަރަގު"ން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތީގައި ދަތުރުކުރާ ސަފާރީ އުޅަނދުތަކަށް ގޮސްގެން ވެސް ކިތަންމެ ތަމްރީނުތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މި ހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ފަރަގު"ން މި ހައި ގިނަ ތަމްރީނުތަކެއް ފޯރުކޮށްދީފައިވަނީ ފަރަގުގެ ޙިއްސާދާރުންގެ ތެރޭގައި ތިއްބެވި ޤާބިލު ތަޢުލީމީ ބޭފުޅުންގެ މިންނަތް މަސައްކަތްޕުޅުގެ ސަބަބުންކަމަށް ގަބޫލުކުރެވެއެވެ. އަދި "ފަރަގު"ން ހިންގާ ތަމްރީނުތައް ކަމޭދުން ބަލައިގަންނަނީ، ކޮންމެ ތަންރީނެއް ވެސް ހިންގަނީ އެ ކަމުގެ ޢިލްމު ހުރި ތަޖުރިބާކާރު ޤާބިލު މުދައްރިބުން މެދުވެރިކޮށްކަމަށްވާތީކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޚިދުމަތް     ނ.    މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ކޮށްދޭ ކޮށްދިނުން.

ކަމޭދު      ނ.    މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ.

މުއައްސަސާ   ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކަައި ގާއިމުކޮށްފައި ހުންނަ އިދާރާ.

މުދައްރިބު    ނ.    (1) ތަމްރީނު ޕުރޮގުރާމުތަކުގައި މައުލޫމާތާއި އިރުޝާދު ދޭ މީހާ. (2) ތަފާތު ފަންނުތަކުގެ ދާއިރާތަކުން މީހުންނަށް އިރުޝާދުދީ، ހުނަރުތައް ދަސްކޮށްދީ، ތަމްރީނުދޭ މީހާ.

ކޮމެންޓު