ad_banner
ނަފުސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން ހޯދާނެ ފަސޭހަ ގޮތެއް

ޙަކީމް ސަލްމާނު ފަހުމީ

7 ޖަނަވަރީ 2026

ޖިސްމާއި ނަފުސުގެ ދުޅަހެޔޮކަން އެކުއެކީގައި ދަމަހައްޓާން ޖެހެއެވެ.

ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް، އެކަތި އަނެކައްޗާ ގުޅިފައިވާ ދެ ދާއިރާއެއް ނުވަތަ ދެ ބައެއް އެކުލެވިގެންވެއެވެ. އެއީ ނަފުސާނީ (ނަފުސު ނުވަތަ ޖަޒުބާތުތަކާ ގުޅޭ) ބަޔާއި، ރޫޙާނީ (ރޫޙު ނުވަތަ ފުރާނައާ ގުޅޭ) ބަޔެވެ. ނަފުސާނީ ބަޔަކީ އަޅުގަނޑުމެންގެ ޖަޒުބާތުތަކާއި، އެދުންތަކާއި، ރުޅިއައުމާއި، ބިރުގަތުމާއި، ޙަސަދަވެރިކަމާއި، މޮޅިވެރިކަމުގެ އިތުރަށް ކަންކަމަށް ކުއްލިއަކަށް ލެނބޭ ލެނބުންތަކެވެ. މިއީ ހެވާއި، ނުބައިގެ ދެމެދުގައި ހަނގުރާމަކުރާ، އަދި ނަފުސާނީ ފިއްތުންތަކާއި، ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި، ކުރިމަތިވާ ހިތާމަވެރި ހާދިސާތަކާއި، ދުނިޔަވީ އުފަލުގެ ތެރެއަށް މާބޮޑަށް ވަދެވުމުގެ ސަބަބުން ފަސޭހައިން ބަދަލުވާ ބައެކެވެ.

ނަފުސުގެ ހަމަޖެހުން ގެއްލުމުން، މީހާއަށް ނުތަނަވަސްކަމާއި، މާޔޫސްކަމާއި، ރުޅިގަދަވުމާއި، ހިތްވަރު އެލުމާއި، އެ ކަމަކާ މެދު މާބޮޑަށް ވިސްނުން ނުވަތަ ޖަޒުބާތީ ގޮތުން ނުތަނަވަސްވުން ފަދަ ކަންކަން މެދުވެރިވެއެވެ. އިސްލާމްދީނާއި، ޔޫނާނީ ބޭސްވެރިކަމުގައި ވެސް މިއީ އިންސާނުންނަށް ކުރިމަތިވާ ތަބީޢީ ގޮންޖެހުންތަކެއްގެ ގޮތުގައި ބަލައިގަނެއެވެ. މި ފަދަ ކަންކަމަށް ބޭނުންވަނީ ހޭލުންތެރިކަމާއި، ނަފުސު ތަރުބިއްޔަތުކުރުމާއި، ދިރިއުޅުމުގެ އާދަކާދަ އިޞްލާޙުކުރުމެވެ. އަދި ބޭނުންޖެހިއްޖެ ޙާލަތެއްގައި ބޭސްފަރުވާއާއި ނަފުސާނީ އެހީތެރިކަން ހޯދުމެވެ. 

މިފަދަ ކަންކަން ޖިންނިންގެ ބާރުތަކެއްގެ ސަބަބުން ދިމާވާނީ ވަރަށް ނާދިރު ޙާލަތެއްގައެވެ. ރޫޙާނީ އަދި ނަފުސާނީ ކަންކަން ނުބައިކޮށް ނަގައި، ނޭނގި ތިބުމަކީ ބިރުވެރިކަމާއި، މުޖުތަމަޢުގެ ތެރޭގައި އެކަހެރިވުމާއި، އެކަށީގެންވާ ފަރުވާދިނުމަށް ހުރަސްއެޅޭ ކަމެކެވެ.

ރޫޙާނީ ދާއިރާއަކީ އިންސާނާގެ ފުރާނައެވެ. އެއީ ﷲ ތަޢާލާ އިންސާނާގެ ހަށިގަނޑަށް ފުމެލެއްވި މާތް ނޫރެކެވެ. ކީރިތި ޤުރުއާނުގައި ވަނީ: ﴿وَنَفَخْتُ فِيهِ مِن رُّوحِي﴾ (މާނައީ: "އަދި ތިމަންރަސްކަލާނގެ ރޫޙުފުޅުން އެކަލޭގެފާނުގެ (އާދަމްގެފާނުގެ) ތެރެއަށް ފުމެލެއްވީމެވެ.") (ސޫރަތުލްޙިޖްރު: 29). ރޫޙަކީ އޭގެ ޒާތުގައި ތާހިރު އަދި ރައްކާތެރިވެގެންވާ އެއްޗެކެވެ. ރޫޙުގެ ދުޅަހެޔޮކަން ފެންނާނީ މީހާގެ ހިތުގެ ހަމަޖެހުމާއި، ކެތްތެރިކަމާއި، ޝުކުރުވެރިވުމާއި، އަޚުލާޤީ ރަނގަޅު ސިފަތަކާއި، ﷲއާ އޮންނަ ގާތް ގުޅުމުގެ ތެރެއިންނެވެ.

ނަމާދުކުރުމާއި، ޒިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތްދިނުމާއި، އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމުގެ ތެރެއިން ރޫޙު ވަރުގަދަކުރުމުން، ނަފުސު ސީދާ މަގަށް ހުރެ، ހަމަޖެހުން ލިބިގެންދެއެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ: «الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ» (މާނައީ: "ބުއްދިވެރިއަކީ އެމީހެއްގެ ނަފުސު ކޮންޓްރޯލްކޮށް (ހިސާބުކޮށް)، މަރަށްޓަކައި ޢަމަލުކުރި މީހާއެވެ.") (ޖާމިޢުއްތިރްމިޛީ). މި އިރުޝާދުން އެނގެނީ ރޫޙާނީ ކުރިއެރުމާއި ނަފުސު ތަރުބިއްޔަތުކުރުން ގުޅިފައިވާ މިންވަރެވެ.

ނަފުސާނީ ބަލިކަށިކަމުގެ ނިޝާންތަކުގެ ތެރޭގައި ދާއިމީކޮށް ނުތަނަވަސްވުމާއި، އަވަހަށް ރުޅިއައުމާއި، ކަންކަމާ މެދު މާބޮޑަށް ވިސްނުމާއި، ހިތްވަރު އެލުމާއި، ސާފު ސަބަބެއް ނެތި މޮޅިވެރިވުން ހިމެނެއެވެ. ޔޫނާނީ ބޭސްވެރިކަމުގައި މި ކަންކަން ގުޅުވަނީ ހަށިގަނޑުގެ ތަބީޢަތާއި އޭގައިވާ ދިޔަތަކުގެ (humors) ހަމަޖެހުން ގެއްލުމާއެވެ. އެ ގޮތުން ސައުދާ (black bile) އިތުރުވުމުން ބިރުގަތުމާއި ހިތާމަވެރިކަން މެދުވެރިވެއެވެ.  ސަފުރާ (yellow bile) އިތުރުވުމުން ރުޅިގަދަވުމާއި، ކެތްތެރިކަން ކުޑަވުން މެދުވެރިވެއެވެ. އަދި ބަލްޣަމް (phlegm) އިތުރުވުމުން ކަންނެތްކަމާއި ފޫހިކަން މެދުވެރިވެއެވެ. މި ފަދަ ޙާލަތްތަކަށް ކެއިންބުއިމާއި، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކާއި، ފަތްޕިލާވެލީގެ ބޭހާއި، ނަފުސާނީ އިރުޝާދާއި، ރޫޙާނީ ކަންކަމުގެ ތެރެއިން ފަރުވާ ހޯދިދާނެއެވެ.

ރޫޙާނީ ބަލިކަށިކަމުގެ ނިޝާންތަކަކީ މާ ފުން، ފާހަގަކުރާން އުނދަގޫ ކަންތައްތަކެކެވެ. އޭގެ ތެރޭގައި ހިތުގެ ހަމަޖެހުން ގެއްލުމާއި، އުންމީދު ކެނޑުމާއި، ނަމާދާއި ޒިކުރުކުރުމާ ދުރުވުމާއި، އަޚުލާޤީ ގޮތުން ދަށަށް ދިއުމާއި، ކެތްތެރިކަން ނެތުމާއި ޝުކުރުވެރިވުމުގެ ސިފަ ގެއްލުން ހިމެނެއެވެ. ނަފުސާނީ ބަލިކަށިކަމާ ޚިލާފަށް، ރޫޙާނީ ބަލިކަށިކަމުގެ ސަބަބުން މީހާގެ އަޚުލާޤީ ނިންމުންތަކަށާއި ދިރިއުޅުމުގެ މަޤްޞަދަށް އަސަރުކުރެއެވެ. އިސްލާމްދީން އުނގަންނައިދެނީ ރޫޙު ވަރުގަދަކުރުމުން ނުބައި ނުފޫޒުތަކުން ރައްކާތެރިކަން ލިބި، ޖިސްމާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް އެހީތެރިވެދޭކަމެވެ.

ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ: «ألا وإن في الجسد مضغة، إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب» (މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެ ނަމަ މުޅި ހަށިގަނޑު އިޞްލާޙުވެއްޖެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެ ނަމަ މުޅި ހަށިގަނޑު ފާސިދުވެއްޖެއެވެ. ދަންނާށެވެ! އެއީ ހިތެވެ.") (ޞަޙީޙުލް ބުޚާރީ). މި ޙަދީޘްފުޅުން އެނގެނީ ރޫޙާނީ އަދި އަޚްލާޤީ ދިރިއުޅުމުގެ މަރުކަޒަކީ ހިތްކަމާއި، އެއީ މުޅި އިންސާނާގެ ދުޅަހެޔޮކަމުގެ ތަޅުދަނޑިކަމެވެ.

ރޫޙާއި، ނަފުސާ ދެމެދުގައި ހަމަޖެހުން ޤާއިމުކުރުމަށް ފަސް ވަގުތު ނަމާދު ޤާއިމުކުރުމާއި، ކޮންމެ ދުވަހަކު ޒިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ރޯދަހިފުމާއި، ޞަދަޤާތްދިނުމާއި، އަޚުލާޤު ރަނގަޅުކުރުމުގައި ދެމިހުންނާން ޖެހެއެވެ. ހަމައެއާ އެކު، ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި، މެދުމިނުގެ ކެއިންބުއިމާއި، ފުރިހަމަ ނިދި ހޯދުމާއި، ކަސްރަތުކުރުމާއި، ނަފުސާނީ އިރުޝާދު ހޯދުމާއި، ފިއްތުންތައް މެނޭޖުކުރުން މުހިންމެވެ. މި ކަންކަން އެކުވުމުން ޖަޒުބާތީ އަދި ރޫޙާނީ ހަމަޖެހުން ލިބި، ކެތްތެރިކަމާއި ނަފުސާނީ ވަރުގަދަކަން އިތުރުވެއެވެ.

ނިންމައިލަމުން ދަންނަވައިލާން ބޭނުންވަނީ، ކޮންމެ އިންސާނަކު ވެސް އެ މީހެއްގެ ނަފުސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭންޖެހޭ ވާހަކައެވެ. ނަފުސަކީ އޭގެ ޒާތުގައި ބަދަލުވަމުންދާ އެއްޗަކަށްވީ އިރު، ރޫޙަކީ ﷲއާ އޮންނަ ގުޅުމުގެ ސަބަބުން ވަރުގަދަވާ އެއްޗެކެވެ. ޖަޒުބާތީ ނުވަތަ ނަފުސާނީ އުނދަގޫތަކަކީ ނަފުސަށް އަޅައިލުން ބޭނުންވާކަމުގެ ނިޝާނެކެވެ. އަދި ރޫޙާނީ ވަރުގަދަކަމަކީ އަޚުލާގާއި، ކެތްތެރިކަމާއި، ހިތުގެ ފުދުންތެރިކަން ލިބިދޭ ކަމެކެވެ.

ތަބީޢީ ނަފުސާނީ އުނދަގޫތަކަކީ [އިލާހީ ޢަޛާބު]ކަމަށް ނުވަތަ [ޖިންނި އަވަލުން]ކަމަށް ނުބައިކޮށް މާނަކުރުމަކީ ޝިފާ ލިބުން ލަސްވާ ކަމެކެވެ. އިސްލާމީ އަދި ޔޫނާނީ އިރުޝާދުތަކުން އެނގެނީ ޢިލްމާއި، އަދަބުވެރިކަމާއި، މެދުމިނުގެ އުޞޫލުތަކާއި، އީމާންތެރިކަމަކީ ނަފުސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމުގެ އަސްލުކަމެވެ.

ކޮމެންޓު