ad_banner
ސޮރީ

އަސްމާ އަބޫބަކުރު

4 ޖަނަވަރީ 2026

ސޮރީއެވެ!

އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުދަރެހުން ފެންނަމުން ދިޔަ ރަންކުލައިގެ ދޯދިތަކުން މުޅި މާހައުލަށް ގެނެސްދެނީ ބުނެދޭން ނޭނގޭ ފަދަ ހިތްގައިމުކަމެކެވެ. ރަށުގެ ހުދު ދޮންވެލިގަނޑުމަތީގައި އިށީނދެލައިގެން ތިބި ސާމިރާއާއި އާކިން ހިތުގައިވަނީ އެކަކު އަނެކަކަށް ޓަކައި އުފެދިފައިވާ ސާފު ތާހިރު ލޯތްބެވެ. އެ ދެމެދުގައި ވަނީ އުފާވެރިކަމާއި އުންމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ހުވަފެންތަކެވެ.

]އިރު އޮއްސެނީ! ހިނގައި ދާން! މާދަމާ ހަވީރު ފަހެއް ޖަހާ އިރު، އަހަރެން އަންނާނަން މި ތަނަށް. ސާމިރާ އެ ގަޑިއަށް އަންނައްޗޭ.[ އާކިން ތެދުވަމުން ބުންޏެވެ. ސާމިރާ ވެސް އެއްބަސްވުމަށް ފަހު ގެއަށް ދިޔައެވެ.

ސާމިރާއާއި އާކިނަށް މިހާރަކަށް އައިސް ކޮންމެ ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ކޮންމެ ދުވަހެއްގައި ދެކެވެނީ އެއް ވާހަކަތަކެވެ. ދެ މީހުންގެ ޙަޔާތުގެ ބިންގާ އަޅައި އޭގެ މައްޗަށް ބިނާކުރެވޭ ލޯބީގެ ގަނޑުވަރު ބިނާކުރާނެ ގޮތުގެ ވާހަކައެވެ.

ސާމިރާ ވަޒީފާއަދާކުރަނީ އެއަރުޕޯޓުގައެވެ. ސާމިރާގެ އުންމީދެއް އޮވެއެވެ. ދިރިއުޅުމެއް ފެށުމުގެ ކުރީން ވަޒީފާގެ ދާއިރާއިން ދެވޭން އޮތް އެންމެ މައްޗަށް ދިއުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ބަސް ބުނެވޭ ވަރުގެ މީހަކަށް ވުމަށެވެ. ޢާއިލާއެއް ބިނާކުރުމުގެ ކުރީން ހުވަފެން ޙަގީގަތަކަށް ހެދުމެވެ. އެ ގޮތުގައި އަބަދާއި އަބަދު މަސައްކަތްކުރަމުން ދިޔައެވެ.

ރޭގަނޑު ނިދާން އޮވެ އާކިން ވިސްނަމުން ގެންދިޔައީ އަނެއް ދުވަހުގެ ހަވީރު ސާމިރާއާ ބައްދަލުކޮށް ކައިވެންޏަށް އެދޭނެ ގޮތަކާ މެދުއެވެ. މޫދުގެ ހިތްގައިމު ރާޅުތައް ފެންނަ ހިސާބުގައި ދޮންވެލި ތުނޑިމަތީގައި ބޮޑު ހިތެއްގެ ތެރޭގައި ފައިމައްޗަށް ތިރިވެ ޢާންމުކޮށް އެހެން މީހުން ކުރާ ގޮތަކަށް އެ ކަން ކުރާކަށް އާކިން ބޭނުމެއް ނުވެއެވެ. އެ ނޫން ގޮތަކަށް އެ ކަން ކުރާން ވިސްނާން އޮއްވައި ނިދިއްޖެއެވެ.

އަނެއް ދުވަހު އާކިން އިންތިޒާރުކުރަމުން ދިޔައީ ހަވީރު ފަހެއް ޖަހާނެ ވަގުތަކަށެވެ. ހުވަފެނުން ފެނުނު ގޮތަށް ކައިވެންޏަށް އެދޭން ނިންމީއެވެ. ގަޑިއަށް ބެލުނު ޢަދަދެއް ވެސް ނޭނގެއެވެ. ގަޑިޖެހިދާނެތީ އެވެ. މިއަދަކީ އާކިނަށް ވަރަށް ޚާއްޞަ ދުވަހަކަށްވީތީއެވެ. ސާމިރާ އުފާވާނެ ވަރު އާކިންގެ ހިތަށް އަރަމުން ދިޔައެވެ. ހަވީރު ހަތަރެއް ޖެހީ ވެސް އެހައި ފަހުންނެވެ. އާކިން ތައްޔާރުވެގެން ހަތަރުގަޑި ބައިވީ އިރު ހުރީ މަންޒިލަށް ފޯރައިފައެވެ. ޢާންމުކޮށް ވެސް ސާމިރާއަކީ ގަޑިއަށް އަންނަ މީހެއް ނޫނެވެ. އޮފީސް ގަޑި ފިޔަވައި ސާމިރާ ސަމާލުކަންދޭ އެހެން ގަޑިއެއް ނޯވެއެވެ. އާކިންގެ އިންތިޒާރަށް ނިމުމެއް ގެނައީ ފަސްގަޑި ބައިވީ ފަހުން ސާމިރާ އައިސް އާކިންގެ ގާތުގައި އިށީނުމުންނެވެ. ކިތަންމެ ލަހެއް ވީނަމަވެސް މިއަދު އާކިނަށް ލަހެއް ނުވެއެވެ. ރޭވިފައިވާ ގޮތާ އެއް ގޮތަށް ކަންތައް ގެންދިއުމަށް އާކިން ދިޔައީ ތައްޔާރުވަމުންނެވެ.

[ސާމިރާ! މިއަދު އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނާން ބޭނުން.]

[އާކިން ބުނަން ބޭނުން ކޮންމެ ވާހަކައެއް ބުނުމުގެ ފުރުސަތު އެބަ އޮތް. އަވަހަށް ބުނޭ!] ސާމިރާ އިނީ ހިނިއައިސްފައެވެ. އެ ވަގުތު ސާމިރާ ގާތު ލޯމަރައިގެން އިންނާން އާކިން ބުންޏެވެ. އަދި އަނގައިން ކަށިގަނޑު ފުމެލާ ގޮތަށް ތުނބުންފުމެލިއެވެ.

[ކީއްކުރަން ތުބުންފުމެނީ ތި؟]

"ލޯ ނުހުޅުވައި އިންނައްޗޭ! މި އުޅެނީ ސާމިރާއަށް ސަޕްރައިޒެއް ދޭން.] އާކިން ތުބުން ފުމެލުމާ އެކު ތައްޔާރުވެގެން ތިބި އޭނާގެ އެކުވެރީން ތައްޔާރުކޮށްފައިވާ ހުދުކުލައިގެ މަލުގެ ބެކް ޑްރޮޕް ގެނެސް ފަހަތުގައި ބެހެއްޓިއެވެ. އަޑެއް ވެސް ނީއްވައި އެ މީހުން ދިއުމުން އާކިން އެދުނީ ސާމިރާ ކޮޅަށް ތެދުވުމަށެވެ. ސާމިރާ ގާތު އާކިންގެ އަތުގައި ހިފައިގެން ތެދުވުމަށް އާކިން އެދުނެވެ. ހިތްގައިމު ރީތި މަންޒަރުގެ ކުރިމަތީގައި ސާމިރާ ބެހެއްޓުމަށް ފަހު، އާކިން ޖީބުން ކުޑަ މަޚުމާފޮށްޓެއް ނަގައި އަގޮނޓިއާ އެކު ސާމިރާއަށް ދިއްކޮށްލުމަށް ފައިމަތީގައި އިށީނދެލިއެވެ. އަދި ލޯހުޅުވުމަށް އެދުނެވެ. ސާމިރާ ލޯހުޅުވައިލި އިރު، ފަހަތުގައި ހުރި ރީތި ބެކްޑްރޮޕް ފެނިފައި ސާމިރާ ޙައިރާންވިއެވެ. އާކިން އިނީ އުފަލުން ގޮސް ފޮޅިފައެވެ. ސާމިރާ ސަޕްރައިޒުވީ ވަރުންނެވެ. ހަމަ ގައިމު ވެސް ސާމިރާ ވެސް އެހުރީ ވަރަށް އުފާވެފައެވެ.

[ވިލް ޔޫ މެރީ މީ؟] އާކިންގެ އަޑަށް ސާމިރާ އާކިނަށް ބަލައިލިއެވެ. އަތްދިކޮށްލާން އުޅެފައި އަތް ތިރިކޮށްލިއެވެ. އަދި އާކިން އަތުގައި ހިފައި ކޮޅަށް ތެދުވުމަށް އެދުނެވެ. ސާމިރާ ކަންތައް ކުރާ ގޮތުން އާކިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

[އަހަރެން ކާވެނިކުރާން އެންމެ ބޭނުން މީހަކީ ތިޔައީ. އެކަމަކު އަހަރެން މި އައީ އާކިނަށް މުހިންމު މަޢުލޫމާތެއް ދޭން. އަންނަ ހަފުތާގައި އަހަރެން ކޯހަކަށް ފުރާ ވާހަކަ ބުނަން. އެ ކޯސް އަހަރެންގެ ކެރިއަރަށް ވަރަށް މުހިންމު. މިހާރު ހުރި މަގާމުން މަތީ މަގާމަކަށް ދާން ލިބޭ މި ފަދަ ފުރުޞަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫން. ސޮރީ، އާކިން!] ސާމިރާގެ ވާހަކައިން އާކިން މާޔޫސްވެއްޖެއެވެ.

[ސާމިރާއަށް ކުރީ ދުވަހު އަހަރެން ކިޔައިދިނިން ގޭގެ ޙާލަތު. މަންމަ ނިޔާވި ފަހުން ބައްޕައާއި އަހަރެން އެކަނި ގޭގައި މިއުޅެނީ. ބައްޕަ ވެސް ބަލިވެ އުޅޭތީ ކޮންމެހެން ވެސް އަހަރެން ކައިވެނިކުރާން އެބަ ޖެހޭ. މި ވަގުތު ސާމިރާ އަހަރެން ގާތު ހުންނާން އަހަރެން ވަރަށް ބޭނުން. ކުރީން ސާމިރާގެ ވާހަކަތަކުން ވެސް ކާވެނިކުރާން ބޭނުންވާކަމަށް ބުނީމެންނު. އެހެންވެ އަހަރެން މި އައީ އެ ވަރަށް ތައްޔާރުވެގެން.] އާކިންގެ ވާހަކަތައް ސާމިރާއަށް އިވޭހެނެއް ހިޔެއް ނުވެއެވެ.

[އަނގޮޓިއާ އެކު އާކިން އައީ ދަޢުވަތު ކާޑު ވެސް ތައްޔާރުކޮށްގެންނެވެ. ސުމޭކުކޮށް ހެދި ކާޑު ސާމިރާއަށް ދައްކައިލުމުގެ ކުރީން އާކިން ބޭނުންވީ ސާމިރާ އަތުގައި އަނގޮޓި އަޅުވާށެވެ. ސާމިރާގެ އިނގިލީގައި އާކިނަށް އަނގޮޓި އެޅުވުމުގެ ފުރުޞަތު ސާމިރާއެއް ނުދިނެވެ.

[އާކިން ބޭނުން ވަނީ އަހަރެން ތިޔަ ގޭގައި ނޯކަރަކަށް ވެގެން އުޅޭންތަ؟. ޢާންމުކޮށް އުޅޭ އަންހެނުން ހެން ކޮންމެ ދުވަހަކު ބޮޑު ފަތިހާ ތެދުވެ ގޭގައި ހުރި ހުރިހައި މަސައްކަތެއްކުރުމަށް ފަހު އަހަރެން އޮފީހަށްދާންތަ؟ އެ ގޮތަކަށް ނުވާނެ. އަހަރެންގެ މި ރީތިކަމަށް ބަލައިލިއަސް އެނގޭންވާނެ ގޭތެރޭގެ މަސައްކަތްތައް ކުރާން ތިބޭ ބަޔެއް ނޫންކަން ހުރިހައި އަންހެނުންނަކީ.]

[ނޫނޭ. ގޭގައި މަސައްކަތްކުރާނެ މީހަކު ހުރޭ. އެކަމަކު ކޮންމެ ގެއެއްގެ ހަމަޖެހުމަކީ އެ ގެއެއްގައި ދިރިއުޅޭ އަންހެނެއްގެ ފަރާތުން ލިބޭ އެއްޗެއް. ބައްޕަ ބުނާނެ އަބަދު ވެސް ގޭތެރޭގައި އަންހެނެއް ނެތް ގެއަކީ ފަޅުގެއެކޭ. ދިރުމެއް ނުވާ ގެއެކޭ. އެހެންވީމާ، އަހަރެންގެ ގެއަށް މިހާރު ކޮންމެހެން ވެސް އަންހެނަކު ބޭނުންވާނެ.] ސާމިރާ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

[މިވަގުތު އާކިން ކޮންމެހެން ވެސް މީހަކާ އިންނާން ޖެހޭ ނަމަ މީހަކާ އިނދޭ. އަހަރެން ކައިވެންޏަކާ މެދު އަދި ނުވިސްނަން.] އެހެން ބުނެފައި ސާމިރާ ދިޔައީއެވެ. އެކީގައިވީ އެތައް ހަނދާންތަކެއް ކުޑަ ހިނދުކޮޅަކުން ފުނޑުފުނޑުކޮށްލުމަށް ފަހުގައެވެ. އާކިންގެ ހިތް ހަލާކު ކޮށްލައިފައެވެ.

އާކިނަށް ލިބުނު ހިތާމައާއި މޮޅީގައި އެތައް ދުވަހެއް ވޭތުކުރިއެވެ. އެންމެ ފަހުން އާކިން ނިންމީ ހިތް ކިތަންމެ ގަބޫލުނުވިއަސް އެހެން އަންހެނަކާ ކައިވެނިކުރާން ޖެހޭކަމަށެވެ. އެކުވެރީންގެ އެއްބާރުލުމާ އެކު އާކިން ކައިވެންޏެއްކުރިއެވެ. ނަބީލާއަކީ ކިޔަމަންތެރި ބަސް ގަބޫލުކުރާ ރަނގަޅު އަތްނބެކެވެ. ޒިންމާދާރު ގެވެހި އަންހެނެކެވެ. އޮފީހަށް ދަމުން ގޭގެ ކަންތައްތައް ބަލަހައްޓައެވެ. ބައްޕައަށް އަޅައިލާ ޅީދަރިއެކެވެ. ގޭތެރޭގެ ހަމަހިމޭންކަމަށް ބަދަލު އަންނާން ފެށީ ނަބީލާ ގެއަށް އައި ފަހުންނެވެ. އާކިންގެ ބައްޕަ ވެސް ގޭތެރޭގައި ހިނގައިލައި މިހާރު އުޅެއެވެ. ކުރީން އަބަދުހެން އޮށޯވެ އޮންނަ ބައްޕަ މިހާރު އާކިނާއި ނަބީލާއާ ވެސް ވާހަކަދައްކައި ހަދައެވެ.

އާކިނާއި ނަބީލާގެ ދިރިއުޅުމަށް އުފާވެރިކަން ގެނައީ ކުޑަކުޑަ ނީލާގެ ހިނިތުންވުމެވެ. ނީލާ އުފަންވުމާ އެކު ގޭތެރެއަށް ދިރުން ލިބިއްޖެއެވެ. އާކިންގެ ބައްޕަ ވެސް ކާފަ ދަރިފުޅު ފެނުމާ އެކު އުފަލުން ވަރެއް ނެތެވެ. ނީލާ ދުނިޔެއަށް އައުމާ އެކު އެ ކުޑަ ޢާއިލާއަށް އުފާވެރިކަން އިތުރުވިއެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާކިން މަސައްކަތް ނިންމައިލައިފައި އައިސް ފެންވަރައިގެން ނީލާއާ ސަކަރާތް ޖެހުމުގައި އުޅުނެވެ. އެ ވަގުތު ނަބީލާ އުޅެނީ ސައި ތައްޔާރުކުރުމަށެވެ. އާކިންގެ ބައްޕަ ވެސް ގޭގައި އުޅެއެވެ. ގޭގެ ބެލްޖެހި އަޑަށް ނަބީލާ ގޮސް ދޮރު ހުރުޅުވައިލިއެވެ.

[އާކިން އުޅޭތަ؟] ނަބީލާއަށް ފެނުނީ ސާމިރާ އެ ގޭގެ ދޮރުމަތީ ހުއްޓައެވެ. އާކިންގެ ފަރާތުން ސާމިރާ ކަންތައް ކުރި ގޮތް ނަބީލާއަށް ވެސް އޮތީ އެނގިފައެވެ.

[މަޑުކޮށްލާ! އާކިނަށް އެބަ ގޮވައިލަން.] އާކިން ގޮވައިގެން ނަބީލާ އައެވެ. އޭރު ދޮރުމަތީ ސާމިރާ ހުރި ތަން ފެނި އާކިން ދިޔައީ ސިއްސައިގެންނެވެ.

[ސާމިރާ! ކޮންކަމަކު ތިޔަ އައީ؟] އާކިނަށް މިހެން އަހައިލެވުނީ ހައިރާންކަމާ އެކުގައެވެ.

[އަހަރެން މިއައީ ކިޔެވުން ދޫކޮށްލައިފައި އާކިން މަތީން ހަނދާންވާ ވަރުން.] ސާމިރާ ދެރަވެފައި ހުރެ ބުނެލިއެވެ.

[ސޮރީ ސާމިރާ! ސާމިރާއަށް އަހަރެން ކާވެނި ހުށަހެޅި ދުވަހު ސާމިރާ އަހަރެން ދޫކޮށްލިކަމީ އަހަންނަށްކޮށްދިން ވަރަށް ބޮޑު ހެޔޮ ކަމެއް. އެ ދުވަހަށް ފަހު އަހަރެންގެ ލޯ ހުޅުވިއްޖެ.] އާކިންގެ ބަހުން ސާމިރާ އިތުރަށް މާޔޫސްވިއެވެ.

[ތިޔަ ހެން ނުބުނޭ، އަކިން! އަހަރެން މިއީ އާކިން އެންމެ ލޯބިވީ މީހާ. އަހަރެން އެނބުރި މިއައީ އާކިން ގާތަށް.] ސާމިރާ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެ މަންޒަރު ބަލާކަށް އާކިނަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު މިއަދު އާކިނަކަށް ސާމިރާ އެ ދައްކާވާހަކައެއް ވެސް މުހިންމެއް ނޫނެވެ.

[އެ ދުވަހު އަހަރެން ސާމިރާއަށް ކިހައި ވަރަކަށް އާދޭސްކުރިން. އެ ދުވަހު އަހަންނަށް އެނގުނު ސާމިރާއަށް މުހިންމީ ލޯބިވެތި ދިރިއުޅުމަކަށް ވުރެ އަމިއްލަ ކެރިއަރުކަން. އެ ދުވަހު ސާމިރާ ހުރީ ސާމިރާގެ ދުނިޔެ އާބާދުކުރުމުގެ ހުވަފެނުގައި. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވުނު. އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް.] އާކިން ރުޅިވެރިކަމާ އެކު، ބުނަމުން ގެންދިޔަ ބަސްތަކުން ސާމިރާ ހިތް ރޮއްވަމުން ގެންދިޔައެވެ. އެކަމަކު އާކިން ބުނަމުން ގެންދިޔައީ ތެދު ޙަގީގީ ވާހަކަތަކެވެ.

[އަހަރެން ހާދަ ހިތާމައެއްކުރީމޭ. އެ ދުވަހު ސާމިރާ ހީކުރީ އަހަރެން އުޅެނީ ގެއަށް ނޯކަރެއް ގެންނާންކަމަށް. ސާމިރާ ފަދަ ކިޔަވައިގެން ތިބި މޮޅު އަންހެން ކުދީން ގޭތެރޭގެ މަސައްކަތްކުރުމަކީ ދެރަކަމެއްކަމަށް.. އަހަރެންގެ އަންހެނުން ނަބީލާއަކީ ވެސް ކިޔަވައިގެން ހުރި އަންހެނެއް. އަހަރެންގެ ހިތާމަތައް ފިލައި ދިޔައީ ނަބީލާގެ ސަބަބުން. މިއަދު އަހަރެންގެ ހަޔާތަށް ސާމިރާ ކަހަލަ އަންހެނެއް ބޭނުމެއް ނުވޭ. ސޮރީ!]

ސާމިރާއަށް ލިބުނު ހިތާމައިން އެ ގެއިން ނިކުމެގެން ދިޔައީ ކުރި ފޮނި އުންމީދުތައް ހިތި ޒަހަރަށް ހަދައިގެންނެވެ. ސާމިރާ ކިޔެވުން ދޫކޮށްލައިފައި އައީ އާކިން ގާތަށެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ.

ކޮމެންޓު