Advertisement

ޒަކާތު ހައުސް ހުރެގެން ފަރުޖެހޭބާ؟

21 Dec 2023 | 21:42
ޒަކާތާ ބެހޭ އިދާރާގެ ނަންބޯޑު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޒަކާތަކީ މުސްލިމުންގެ މުދަލުގެ ތެރެއިން ނަގައިގެން އޭގެ ޙައްޤުވެރީންނަށް ލިބިދިނުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ. ޒަކާތަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. ނަމާދު އަދާކުރުމަށް ކުރައްވައިފައި ހުންނަ އަމުރުފުޅުތަކާ ވިދިގެން ޒަކާތްދޭން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ ތަންތާނގައި އަންގަވައިފައިވެއެވެ. ޤުރުއާނާއި ސުންނަތުން މި އަޅުކަން ވަނީ ސާބިތުވެގެންނެވެ. ޒަކާތް ފަރުޟުކުރައްވައިފައިވަނީ ހިޖުރައިން ދެވަނަ އަހަރުއެވެ.  ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީންނެވެ. އެހެންވީމާ ޒަކާތަށް އިސްލާމް ދީނުގައި އިސްކަން ދެއްވައިފައިވާ މިންވަރު ސާބިތުވެއެވެ. އެއީ ވަރަށް މަތިވެރި އަޅުކަމެކެވެ.

ބަހަވީ ގޮތުން "އައްޒަކާތު" މި ލަފުޒު ވަރަށް ގިނަ މާނައިގައި ބޭނުންކުރެވޭކަމަށާއި، މީގެ ތެރޭގައި ގިނަވުމާއި އިތުރުވުމާއި ބޮޑުވުމާއި ޠާހިރުވުމާއި ބަރަކާތް ޙާސިލްވުން ފަދަ ކިތަންމެ މާނައެއް ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. ޒަކާތް ދެބައަކަށް ބެހިގެންވެއެވެ. އެއީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ. މިއީ ޒަކާތާ ބެހޭ ފިލާވަޅަކަށް ނުވާތީ މީގެ ތަފުޞީލުތައް ކަމާ ބެހޭ އިދާރާއަށް ދޫކޮށްލުމަށް ފަހު އަސްލު މައުޟޫއަށް އެނބުރިލާނަމެވެ.

އާދޭހެވެ! ޒަކާތުގެ މުހިންމުކަމަށް ޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިޚުތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުން ވަކި ޚާއްޞަ އިދާރާއެއް އުފެއްދެވިކަމީ އިސްލާމް ދީނަށް ދެއްވި އިސްކަމެއްކަމުގައި ދެންނެވިދާނެއެވެ. އެ ކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް ތަހުނިޔާ ދަންނަވަމެވެ.

އިސްލާމް ދީނުގެ މުހިންމު ރުކުނެއްކަމަށްވާ ޒަކާތާބެހޭ ޚާއްސަ އިދާރާއަކީ ރައީސް މައުމޫންގެ ޒަޢާމަތުގައި ވެސް އުފައްދަވައިފައިވާ އިދާރާއެކެވެ. ޒަކާތާ ބެހޭ އޮފީހުގެ ނަމުގައެވެ. އަދި ޑިޕާޓްމަންޓް އޮފް ޒަކާތުގެ ނަމުގައި ވެސް އެ އިދާރާ ހިންގެވިއެވެ. ނަމަވެސް އެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ހަވާލަތުގެ ތެރެއަށް ވައްދަވައި ފަހުން އެ އިދާރާ އުވައިލެއްވީއެވެ. އަލުން މި ފަދަ އިދާރާއެއް އުފެއްދެވުމަކީ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ވަރަށް ކުރީގެ ތަޞައްވުރެކެވެ.

ކޮންމެއަކަސް މި މަހު 18ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަނެއްކާ މި ވަނީ ޒަކާތާ ބެހޭ އިދާރާއެއް އުފައްދަވައިފައެވެ. މި އިދާރާ އުފެއްދެވިކަން ހާމަކުރައްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު:18/2023  (18ޑިސެންބަރު 2023)ގެ ދެންނެވުމުންނެވެ. ޒަކާތާ ބެހޭ ގޮތުން، ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި"ކަން އެ ދެންނެވުމުގައި ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފައި އެބަ އޮތެވެ.

ނަމަވެސް މި ކަމާ ގުޅިގެން އަޅުގަނޑުގެ ދެ ކަންބޮޑުވުމެއް އެބަ އޮތެވެ. ފުރަތަމަ ކަންބޮޑުވުމަކީއެ އިދާރާގެ ނަމެވެ. ނަމަވެސް އެ ވާހަކަ ފަހަށް ބޭއްވުމަށް ފަހު، އެ އިދާރާ އުފެއްދެވި މަގުސަދަށް ފުރަތަމަ ބަލައިލާނަމެވެ. އިސްވެ ދެންނެވި ދެންނެވުމުން އެނގެނީ އެ އިދާރާ އުފެއްދެވީ "ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި"ކަމެވެ. އަޅުގަނޑަށް މި އިދާރާގެ ހަވާލަތު މާ ހަނީއެވެ. މާ ކުޑައީއެވެ. އަޅުގަނޑުގެ ނަޒަރުގައި އެ އިދާރާއިން ކުރާން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ޒަކާތާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމެވެ. ހަމައެކަނި ޒަކާތް ދެއްކުމާ ބެހޭ ހޭލުންތެރިކަމެއް ނޫނެވެ. ޒަކާތް ބެހުމުގެ ފަސޭހަ ގޮތްތައް އެކަނި ހޯދުމެއް ނޫނެވެ. އެންމެ ބޮޑު ހޭލުންތެރިކަމެއް އުފައްދާން ޖެހޭކަމަށް ތަޖުރިބާއިން އަޅުގަނޑަށް ވިސްނެނީ ޒަކާތުގައި ހިފުމާ ބެހޭ ހޭލުންތެރިކަމެވެ. ސަބަބަކީ ޒަކާތް ހައްގުނުވާ ކިތަންމެ ބަޔަކު ޒަކާތް ލިބިގަތުމަށް ޝައުގުވެރިވެ ޒަކާތުގައި ހިފާކަން އެނގޭތީ، އެ ނުބައި ޢަމަލުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކޮށްދޭން ޖެހޭކަމެވެ. ބައެއް ރަށްރަށުގައި "ފަގީރުން"ގެ ލިސްޓު އެހާ ދިގުވަނީ މި ސަބަބާ ހުރެއެވެ. ވީމާ، ޒަކާތުން ލިބޭ އެއްޗެއް، ހައްގުނުވާ މީހަކު ޒަކާތުގައި ހިފުމަކީ ކިހައި ބޮޑު ނުބައިކަމެއްކަމާއި އެއީ ހުއްދަ ނޫންކަމެއްކަން ވަރަށް ބޮޑަށް ވިސްނައިދޭން އެބަ ޖެހެއެވެ. ގިނަ ރައްޔިތުންނަކަށް އެ ކަމެއް ނޭނގެއެވެ. ޒަކާތު ފައިސާ ނަމަ ވެސް، ހައްގު ނޫން ގޮތުގައި ހޯދާ ކޮންމެ ފައިސާއަކީ ޙަރާމް އެއްޗެއްކަން ރައްޔިތުންނަށް ވިސްނައިދޭން އެބަ ޖެހެއެވެ. ގިނަ މީހުންނަށް ހީވަނީ ކޮންމެ ލިސްޓެއްގައި ޖަހައިގެން ނަމަވެސް ލިބިއްޖެ ނަމަ އެއީ ހަމަ ޙައްޤު، ޙަލާލު އެއްޗެއްކަމެވެ. ނަމަވެސް ޒަކާތުގެ ބެހެނިވެރީންގެ ތެރޭގައި ހިމެނުމުގެ ޝަރުޠު ހަމަ ނުވާ މީހަކު ބެހެނިވެރިއެއްކަމަށް ވެގެން ޒަކާތުން ލިބޭ އެއްޗަކާ ޙަވާލުވުމަކީ ހުއްދަކަމަކަށް ނުވާނެތާއެވެ. މި ކަމުގެ ތަފުޞީލުތައް ޢާންމުންނަށް ވަރަށް ރަނގަޅަށް ދިގު މުއްދަތެއްގެ މަސައްކަތުން ވިސްނައިދޭން އެބަޖެހެއެވެ. މި މަސައްކަތް ޒަކާތާ ބެހޭ ޚާއްޞަ އިދާރާގެ ހަވާލަތުގެ ތެރޭގައި ހިމަނާން އެބަ ޖެހެއެވެ. އެ އިދާރާގެ ހަވާލަތު ފުޅާކުރާން އެބަ ޖެހެއެވެ.

އަޅުގަނޑުގެ މި ކަންބޮޑުވުމަށް މި އިލްތިމާސަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފަހި އިޖާބައެއް ދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.

ދެން އޮތީ ނަމުގެ މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، އިސްވެ ދެންނެވުނު ދެންނެވުމުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އެ ތަނަށް ނަން ދެއްވައިފައިވަނީ ރަނގަޅަކަށް ނޫނެވެ. މިހެން މި ދެންނެވީ އިސްވެ ބަޔާންކުރެވުނު ދެންނެވުމުގައި އަންގަވައިފައިވަނީ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފި ކަމަށެވެ. ފަހުން ވިދާޅުވެފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރާން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"ކަމަށެވެ. އެހެންވީމާ، މި ޢިބާރާތްތަކުން މި އެނގެނީ ދިވެހިބަހަށް ދެއްވައިފައި މިވަނީ ދެވަނަ ދަރަޖަކަމެވެ. މިއީ ދެންނެވުމުން ފެންނާން އޮތް ގޮތެވެ. ނަމަވެސް ހަގީގަތުގައި އެ އިދާރާގެ ނަންބޯޑަށް ބަލައިލުމުން ދޭހަވާ މާނަ ތަފާތެވެ. ނަންބޯޑުން ވަރަށް ސާފުކޮށް އެނގެނީ އެންމެ ބޮޑު އިސްކަމެއް ދެއްވައިފައި ވަނީ ޢަރަބިބަހަށްކަމެވެ. އިސްލާމްދީނުގެ މުހިންމު ރުކުނަކާ ބެހޭ އިދާރާއަކަށް ޢަރަބި ނަމެއް ކިޔައި ޢަރަބިބަހަށް އިސްކަން ދިނުމަކީ އިޖުތިމާޢީ ގޮތުން ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް މި ބާވަތުގެ އިދާރާއެއްގެ ނަން ކިޔުމުގައި އިނގިރޭސިބަހަށް އިސްކަންދިނުމަކީ މައްސަލައެކެވެ. ގާނޫނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސްމެއެވެ.

ތެދުފުޅެކެވެ. ގާނޫނެއްވިއްޔާ އެ ގާނޫނެއް ތަންފީޒުކުރުމުގައި ގާނޫނުގެ ދަރަޖަތަކެއް ކަނޑައެޅިގެންނެއް ނުވާނެއެވެ. ނަމަވެސް ތަންފީޒުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދެވޭ ގަނޫނުތަކާއި މާ ބޮޑު ސަމާލުކަމެއް ނުދެވޭ ގާނޫނުތަކާއި އެއް ގޮތަކަށް ވެސް އަޅައިނުލެވޭ ގާނޫނުތައް ވެސް އެބަހުއްޓެވެ. މިއީ ދައުލަތުގެ ބަންޑަރަނައިބު ދިރާސާއެއް ހައްދަވައި އިސްލާޙުކުރައްވާން ޖެހިފައިވާ މުހިންމު މައްސަލައެކެވެ. ދައުލަތުން ޢަމަލުކުރުމުގައި ސަމާލުކަން ނުދޭ އަދި ފަރުވާކުޑަކޮށްލާ ގާނޫނުތަކެއް ހުރުމަކީ، ގާނޫނާ ޚިލާފުވާން ރައްޔިތުންނަށް ދެވޭ ތަމްރީނަކަށް ނުވާނެތޯއެވެ؟

އާދޭހެވެ! މި ދެންނެވި ގޮތަށް ތަންފީޒުކުރުމުގައި ފަރުވާކުޑަކޮށްލެވިފައިވާ އެއް ގާނޫނަކީ، ގާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު)އެވެ. މި ދަންނަވަނީ ހަމައެކަނި މި ސަރުކާރުގެ ވާހަކައެއް ނޫނެވެ. މިހާތަނަށް އެއްވެސް ސަރުކާރަކުން މި ދެންނެވި ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވައިފައެއް ނެތެވެ. މި އަދު މި ވާހަކަ މި ދަންނަވައިލަނީ މިއަދުގެ ސަރުކާރަކީ އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިބަހަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގަތް ސަރުކާރަކަށް ވާތީ، މި ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައެވެ.

އާދޭހެވެ! ކުރީން ވެސް ދެންނެވި ފަދައިން "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދަވައިފައިވަނީ އިނގިރޭސިބަހަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ދިވެހިބަހަށް ދެވަނަ ދަރަޖަ ދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމުން ފެންނާން އޮތަސް އެ އިދާރާގެ ނަންބޯޑު ހެއްދެވި ބޭފުޅުން އިސްކަން ދެއްވައިފައިވަނީ ޢަރަބިބަހަށެވެ. ދެން އިނގިރޭސިބަހަށެވެ. ދެން ދިވެހިބަހަށެވެ. އެހެނީ ނަންބޯޑުގައި އެންމެ ފަލަކޮށް ރީތިކޮށް އޮތީ "ބައިތުއްޒަކާތިލްމާލްދީފީ" މިހެންނެވެ. އިނގިރޭސި ނަމާއި ދިވެހި ނަން އޮތީ މި ނަމަށް ފުރިހަމަކަން ގެނެސްދޭ ފަރުމާއެއްގެ ގޮތުގައި މަތީގައްޔާއި ތިރީގައި ލިޔެފައެވެ. ޢަރަބިބަހުން އޮތް "ބައިތު"ގެ ބަދަލުގައި އިނގިރޭސިބަހުން އޮތީ "ހައުސް" މިހެންނެވެ. އެއީ "ބައިތު" މި ލަފުޒަށް އިނގިރޭސިބަހުން ކިޔާ ގޮތްކަމަށް ބަހުގެ އަހުލުވެރީން ވިދާޅުވެއެވެ. ނަމަވެސް ދިވެހިބަހުގައި "ބައިތު"އަށް ކިޔާނެ ދިވެހި ނަތްތައް ރަދީފުގައި ހުއްޓަސް ދިވެހި ތަރުޖަމާގައި ހަމައެކަނި ބަދަލުކޮށްލައްވައިފައިވަނީ މޯލްޑިވްސް އޮތް ތަންކޮޅު "ދިވެހިރާއްޖޭގެ" މި ގޮތަށެވެ. އެހެން ބަދަލެއް ނެތެވެ.

ނަމަވެސް ގާނޫނު ނަންބަރު:2011/9 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު)ގެ ފަސްވަނަ މާއްދާގެ (ހ)ގައި ވަނީ "ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެއެވެ." މިހެންނެވެ. މި މާއްދާގެ (ށ)ގައި އޮންނަނީ "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތާނގެ ނަން ނުވަތަ ނަމުގެ މާނަ އެ ތަނެއްގެ ނަމުގެ ތިރީގައި ނުވަތަ ނަމުގެ ވާތްފަރާތުގައި އެހެންބަހަކުން ނުވަތަ ބަސްތަކަކުން ލިޔެފައި ހުރުމަކީ މި ޤާނޫނު މަނާކުރާކަމެއް ނޫނެވެ." މިފަދައިންނެވެ. އެ މާއްދާގެ (ނ)ގައި އޮންނަނީ، "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔާން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ." މިހެންނެވެ. އަދި ހަމަ މި މާއްދާގެ (ރ)ގައި ވަރަށް މުހިންމު ވާހަކައެއް ބަޔާންކޮށްފައި އޮވެއެވެ. މި މާއްދާގައި ބުނެފައި އޮންނަނީ "މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާ ނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށްވުރެ ބޮޑުވެގެންނުވާނެއެވެ." ނަމަވެސް އިނގިރޭސި ބަހުން އޮތް "މޯލްޑިވްސް ޒަކާތު ހައުސް" ލިޔެފައި އޮތް އަކުރުތަކާއި ދިވެހިބަހުން "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ލިޔެފައި އޮތް އަކުރުތައް މި ދެންނެވި ނަންބޯޑުގައި މާ ކުއްޖެވެ.

ނަންކިޔާންވީ ގޮތާއި ނަންބޯޑު ހެދުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް މި ގާނޫނުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި އޮތަސް މާލޭގެ މަގުތަކުގައި ހިނގައިލުމުން މި ގާނޫނަށް ޢަމަލުކުރެވޭ މިންވަރު ވަރަށް ރަނގަޅަށް ހާމަވާނެއެވެ. މި ގާނޫނު ފާސްވިތާ 12 ވަރަކަށް އަހަރުވެފައި ވިޔަސް މި ގާނޫނަށް ފުރިހަމައަށް ޢަމަލެއް ނުކުރެވެއެވެ. އެއްވެސް ސަރުކާރަކުން މި ގާނޫނަކަށް ފުރިހަމައަށް ޢަމަލެއް ނުކުރެއެވެ. ނަމަވެސް މިއަދު މި ވާހަކަ ދަންނަވައިލާން ބޭނުންވީ މި ދެންނެވި ގާނޫނަށް ސައްތައިން ސައްތަ ޢަމަލުކުރައްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާކަމަށް ޑރ. މުޙަންމަދު މުޢިއްޒު އިންތިޚާބުވެވަޑައިގަތުމަށް ފަހު ހުވައިކުރެއްވުމުގެ ކުރީން ވިދާޅުވެފައިވާތީ، މި ކަން ސަރުކާރުގެ ސަމާލުކަން ގެނައުމަށް ޓަކައެވެ.

ބައެއް ގާނޫނަށް ޢަމަލުކުރުމުގައި ޚަރަދުތަކެއް ހިނގިޔަސް މި ގާނޫނަށް ޢަމަލުކުރުން ފުރިހަމަކުރުމަށް ޓަކައި ދެން އިތުރަށް ކުރާންޖެހޭ އެއްވެސް ޚަރަދެއް ނެތެވެ. ވިޔަފާރިކުރާ ތަންތާގެ ނަންބޯޑުތައް އިގުތިސާދީ ވުޒާރާއަށް އެންމެ އިއުލާނަކުން ރަނގަޅުކުރެއްވޭނެއެވެ. ދައުލަތުގެ އިދާރާތަކުގެ ނަންބޯޑު ސަރުކާރަށް އިސްލާހުކުރެއްވޭނެއެވެ. ވީމާ "ޒަކާތު ހައުސް އެކަނި ހުރެގެން" ފަރުޖެއްސޭކަށް ނެތެވެ. ނަންތައް ކިޔާއިރުގައްޔާއި އެހެން ޙާލަތްތަކުގައި ވެސް ދިވެހިރާއްޖޭގައި ހެދިފައި ހުރި ހުރިހައި ގާނޫނަކަށް ޢަމަލުކުރެވޭން ޖެހޭނެއެވެ. ޢަމަލު ނުކުރާ ގާނޫނުތަކެއް ހުރުމަކީ ގާނޫނާ ޚިލާފުވާން ރައްޔިތުންނަށް ދެވޭ ތަމްރީނެކެވެ. ޢަމަލުކުރެވޭން ނެތް ނަމަ، އެ ފަދަ ގާނޫނުތައް އުވައިލައްވާން އެބަޖެހެއެވެ. ގާނޫނުތައް ގިނަވި ވަރަކަށް ޢަމަލުނުކުރެވޭ ގާނޫނުތައް ވެސް ގިނަ ވެއެވެ. ޢަމަލުނުކުރެވޭ ގާނޫނުތައް އިތުރުވުމަކީ ރައްޔިތުންނަށް ވަރަށް ނުބައި މެސެޖެއް ލިބޭނެ ކަމެކެވެ. ވީމާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު" ފުރިހަމައަށް، ސައްތައިން ސައްތަ، ތަންފީޒުކޮށްދެއްވުމުގައި ދައުލަތުގެ ހުރިހާ އިދާރާއަކުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. މިހާރު ދިވެހިބަހުގެ ނަން ހިމެނިފައިވާ ވުޒާރާއެއް ވުޖޫދުގައި އޮތް އިރު، މި ގާނޫނު ތަންފީޒުކުރެވޭ މިންވަރު ވިލަރެސްކުރެއްވުމުގެ މަސްއޫލިއްޔަތު ވެސް މި ވުޒާރާގެ ހަވާލަތުގެ ތެރެއަށް އިތުރުކުރައްވާންޖެހޭކަމަށް އަޅުގަނޑު ދެކެމެވެ. އެހެން ނޫންނަމަ، ވުޒާރާއެއް ހެދުމަކުން ދިވެހިބަހަށް ކުރާނެ ފައިދާއެއް އޮންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

_______________________________________

ލަފުޒެއްގެ މާނަ:

ހަވާލަތު:  ނ.  ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ.

Advertisement

ކޮމެންޓް