ad_banner
ޓެޑީގެ ތިން ސިޓީ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

25 ޑިސެންބަރު 2025

ދަރިވަރުންގެ ހަގީގަތް ނުބަލައި ގޮތް ނުނިންމާށެވެ!

ގުރޭޑު ފަހެއްގެ ކިލާހަށް އެ ކުލާހުގެ މުދައްރިސާ ވަންނަވައި، ކުލާހު ކުދީންގެ މޫނަށް ބައްލަވައިލެއްވިއެވެ. އަހަރުގެ މެދާ ހަމައަށް އާދެވުނު އިރު، އެއް ކުއްޖަކު ފިޔަވައި އެހެން ހުރިހައި ކުދީންނާ މެދު އޭނާ ހުންނެވީ ވަރަށް ވެސް ހިތް ހަމަޖެހިވަޑައިގެންފައެވެ. އެ ކުއްޖާ ފިޔަވައި ހުރިހައި ކުދީން ވެސް، ފިލާވަޅުތައް ހަދަމުން، އެއްޗެހި ދަސްކުރަމުން، އެ ކުދީންގެ ވާޖިބުތައް އަދާކުރަމުން، ވަރަށް ވެސް ރަނގަޅަށް މަސައްކަތްކުރަމުން ގެންދާތީއެވެ. އެހެންވެ، ކުދީންނާ މުޚާތަބުކޮށް، މުދައްރިސާ ވިދާޅުވިއެވެ.

[ތިޔަ ހުރިހައި ކުދީން ދެކެ ވެސް، މުދައްރިސާ ލޯބިވެއެވެ. ތިޔަ މަސައްކަތްކުރާ ގޮތަށް އަބަދު ވެސް މަސައްކަތްކުރަމުން ގެންދައްޗެވެ. އޭރުން ކާމިޔާބުގެ އައްސޭރިއަށް ތިޔަ ކުދީންނަށް ދެވޭނެއެވެ.]

މިހެން ބުނި އިރު، މުދައްރިސާގެ ހިތްޕުޅުގައި، އޭނާގެ ލޯބީން، އެއް ކުއްޖަކު އިސްތިސްނާކުރެވިފައި އޮތެވެ. ޓެޑީ ސްޓެލާޑްއެވެ. ކިލާހަށް ވަން ފުރަތަމަ ދުވަހުއް ސުރެން ފެށިގެން، މުދައްރިސާގެ ހިތްޕުޅު ކުޑަ ޓެޑީއާ ދޭތެރޭ މާ ހެވެއް ނޫނެވެ. އަދި، ކިޔެއްހެއްޔެވެ؟ މުދައްރިސާ އޭނާއަށް ނަފުރަތުކުރެއްވިއެވެ. ސަބަބަކީ ޓެޑީ ހުންނަނީ ހަޑިކޮށެވެ. އޭނާގެ ހެދުން ހުންނަނީ ކިލާކޮށެވެ. ކިލާހުގެ ފިލާވަޅުތަކަކަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި ބައެއް ފަހަރުފަހަރު، ކިލާހުގައި އޭނާ އިންނަނީ ނިދައިފައެވެ.

ޓެޑީގެ ކަންތައް މިހެން ހުރި ކަމުގައި ވިޔަސް، ކިލާހުގެ ކުދީންގެ މެދުގައި ތަފާތުކޮށްގެން ނުވާނޭކަމާއި އެއް ކުޖަކު ދެކެ ވެސް ނަފުރަތުކުރަމީ މުޅީން ގޯހެއްކަން ވެސް މުދައްރިސާ ގަބޫލުކުރައްވައެވެ. ނަމަވެސް، ހިތުގައި ހިނގާ ބައެއް ކަހަލަ ޝުއޫރުތަކަކީ ހިފަހައްޓައި ކޮންޓުރޯލުކޮށް، ތިމާގެ ބާރުގެ ދަށަށް ގެނެވޭނޭ ޝުއޫރުތަކެއް ނޫނެވެ. ޓެޑީއާ ދޭތެރޭ ކޮންމެ އެއްޗެއް މުދައްރިސާގެ ހިތްޕުޅުގައި އޮތްކަމުގައި ވިޔަސް، ބޭރުފުށުން އެ ގޮތް ނުދައްކައި، އެހެންނަމަވެސް، ޓެޑީއަށް މާ ބޮޑު އަޅައިލުމެއް އަޅުއްވާއިނުލައްވައި ދުވަސްތައް ގުނުއްވަމުން މުދައްރިސާ ވަޑައިގަތެވެ.

އެއްދުވަހަކު، އޮފީހުގައި ކުދީންގެ ފައިލުތައް ބައްލަވަމުން ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް މުދައްރިސާގެ ނަޒަރު ހުއްޓުނީ ޓެޑީ ސްޓެލާޑްގެ ފައިލުގެ މައްޗަށެވެ. އެ ފައިލު ހުޅުއްވައިލައްވައިފައި ބައްލަވަލެއްވިއެވެ. އަދި އެ ފައިލުގައި ޓެޑީއާ ބެހޭ ގޮތުން، ޓެޑީގެ ކުރީގެ ކިލާސްތަކުގެ މުދައްރިސާއިން ލިޔުއްވައިފައި އޮތް ވާހަކަތައް ފެނިވަޑައިގަތެވެ.

ގުރޭޑް އެކެއްގެ މުދައްރިސާ: ޓެޑީއަކީ ވަރަށް ވިސްނުން ތޫނު، އުންމީދީ ކުއްޖެކެވެ. ނަމަވެސް ޓެޑީގެ ގޭގެ ހާލަތު މާ ރަނގަޅެއް ނޫނެވެ.

ގުރޭޑް ދޭއްގެ މުދައްރިސާ: ޓެޑީއަށް އޭނާގެ މިހާރުގެ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. ނަމަވެސް ޓެޑީގެ މަންމައަށްވަނީ އެ ބައްޔަށް ޝިފާއެއް ނެތް ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. ޓެޑީއަށް އޭނާގެ ގެއިން މާ ބޮޑު އެހީތެރިކަމެއް ނުލިބެއެވެ.

ގުރޭޑް ތިނެއްގެ މުދައްރިސާ: ޓެޑީއަކީ އަޚުލާގު ރަނގަޅު ކުއްޖެކެވެ. އަދި، ކަންކަމުގައި އެހީވެދީ އުޅެއެވެ. ނަމަވެސް، ޓެޑީ ހުންނަނީ ފިކުރުކުރުމުގެ ތެރައަށް ގެއްލިފައެވެ. އެއްޗެހި ދަސްވާލެއް ލަހެވެ. މި ދިޔަ އަހަރު ފަހުކޮޅުގައި ޓެޑީގެ މަންމަ ވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ.

ގުރޭޑް ހަތަރެއްގެ މުދައްރިސާ: ޓެޑީއަކީ ބަސްއަހާ ކުއްޖެކެވެ. ނަމަވެސް، އެއްޗެހި ދަސްވަނީ ވަރަށް ވެސް ލަހުންނެވެ. ގެއިން މާ ބޮޑު އަޅައިލުމެއް ނުލިބެއެވެ

ޓެޑީގެ ފަސްވަނަ ކުލާހުގެ މުދައްރިސާ މިސް ތޮމްސަން ވަރަށް ވެސް ލަދުފުޅުގަތެވެ. ޓެޑީގެ މައްސަލަ އެނގިވަޑައިގަތުމުންނެވެ. އަދި، ޓެޑީއާ ދޭތެރޭ މުދައްރިސާގެ ހިތުގައި ކުށް ހީތަކެއްކުރެވި، އޭނާއާ އަޅައިނުލެއްވުނީމައެވެ.

ޖެހިގެން އައި ދުވަހަކީ މުދައްރިސާގެ އުފަން ދުވަހެވެ. ޓެޑީ ނޫން ހުރިހައި ކުދީން ވެސް ވަރަށް ރީތިކޮށް ޕާރުސަލުކޮށްގެން މުދައްރިސާއަށް ހަދިޔާ ގެނެއެވެ. ނަމަވެސް، ޓެޑީއަށް ގެނައި ހަދިޔާ އޮތީ ބާޒާރު ކޮތަޅަކަށްލައިފައެވެ. މި ކަމާ ކުދީން ހީ މަލާމާތްކޮށް ވެސް ހެއްޖެވެ. އެހެންކަމަށް ވިޔަސް، މުދައްރިސާ އެ ކޮތަޅުގައި އޮތް ހަދިޔާ ނެންގެވިއެވެ. އޭގައި އޮތީ ބާ ފަށަކާއި ބޭނުންކޮށްފައި އޮތް ސެންޓުފުޅިއެކެވެ. މުދައްރިސާ އެ ފަށް އަޅުއްވައިފައި ފަށް ރީތި ވާހަކަ ވިދާޅުވެ، ފަށަށް ވަރަށް ތައުރީފުކުރެއްވިއެވެ. އަދި، ސެންޓުފުޅިން ސެންޓުފޮދެއް ޖައްސަވައި ސެންޓުގައި ވަރަށް މީރު ވަސް ދުވާ ވާހަކަ ވިދާޅުވިއެވެ. އަދި، ޓެޑީއަށް ވަރަށް ޝުކުރުއަދާކުރެއްވިއެވެ. ދެން، ހުރިހައި ކުދީން ވެސް ހިމޭންވިއެވެ.

އެ ދުވަހު، އިސްކޫލު ނިމިގެން ހުރިހައި ކުދީން ދަންދެން ޓެޑީ ކިލާހުގައި މަޑުކޮށްލައިގެން އިނެވެ. ހުރިހައި ކުދީން ދިޔުމުން، މުދައްރިސާއާ މުޚާތަބުކޮށް ޓެޑީ ބުންޏެވެ. މިއަދު އަޅުގަނޑުގެ މަންމަ މަތީން އަޅުގަނޑު ވަރަށް ހަނދާން ވެއްޖެއެވެ. މުދައްރިސާގެ ގައިކޮޅުން ދުވަނީ މަންމަ ވަހެވެ. ޓެޑީގެ ބަސްކޮޅު އިވުމުން، މުދައްރިސާ ތޮމްސަން ފެންކަޅިވެ، ކީރިތިކުރެއްވުނެވެ. އަދި، ޓެޑީ ހަދިޔާއަކަށް ގެނައީ ޓެޑީގެ މަންމަގެ ފަށާއި ސެންޓުފުޅިކަން ވެސް އެނގިވަޑައިގަތެވެ.

ދެން ޖެހިގެން އައި ދުވަސްކުގައި ޓެޑީއާ މެދު މުދައްރިސާ ޚާއްސަ ގޮތެއް ބަހައްޓަވައި ޓެޑީއާ އަޅުއްވައިލެއްވިއެވެ. ކޮންމެ ދުވަހަކު އިސްކޫލުގެ ރަސްމީ ގަޑި ނިމުމުން، އިތުރުގަޑީގައި ޓެޑީއަށް އެހީވެދެއްވިއެވެ. އެ ކަމުގެ ސަބަބުން، ޓެޑީގެ މަންމަ ގެއްލުމުގެ ހިތާމައަށް ލުޔެއް ލިބުނެވެ. ދެން، ޓެޑީ ކުރިއެކޭ އެއް ގޮތަށް މަސައްކަތްކުރާން ފެށިއެވެ. އަދި އަހަރު ނިމުނު އިރު ޓެޑީވީ ހިމެނުނީ ކިލާހުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައެވެ.

އޭގެ އަހަރުތަކެއް ފަހެވެ. މުދައްރިސާ ތޮމްސަންއަށް ޓެޑީގެ ސިޓީއެއް ލިބިލެއްވިއެވެ. އޭގައި ޓެޑީ ލިޔެފައި އޮތެވެ. [ލޮބުވެތި މިސް ތޮމްސަންއެވެ. އަޅުގަނޑު އިސްކޫލުން ދެވަނައަށް އައިސް، އަންނަ މަހު، އަޅުގަނޑު ދަސްވެނިވާނެ ވާހަކަ މުދައްރިސާ އަރިހު ދަންނަވައިލާ ހިތްވެ، އެ ވާހަކަ ލިޔެލީއެވެ! އިޚުލާސްތެރި ޓެޑީ.]

ދެން، މުދައްރިސާ، ޓެޑީއަށް މުބާރިކްބާދީ އަދާކޮށް، ކުޑަ ހަދިޔާއަކާ އެކު ސިޓީއެއް ފޮނުއްވިއެވެ.

އަނެއްކާ ވެސް އަހަރުތަކެއް ފަހެވެ. މުދައްރިސާއަށް ޓެޑީގެ ސިޓީއެއް ލިބިލެއްވިއެވެ. އޭގައި ޓެޑީ ލިޔެފައި އޮތެވެ. [ލޮބުވެތި މިސް ތޮމްސަންއެވެ. އަޅުގަނޑު ޔުނިވަސިޓީއިން އެއްވަނައަށް އައިސް، އަންނަ މަހު ދަސްވެނިވާ ވާހަކަ ދަންނަވައިލާ ހިތްވެ، އެ ވާހަކަ ލިޔެލީއެވެ! އިޚުލާސްތެރި ޓެޑީ.]

ދެން، މުދައްރިސާ އަނެއްކާ ވެސް ޓެޑީއަށް މުބާރިކްބާދީ އަދާކޮށް، ކުޑަ ހަދިޔާއަކާ އެކު ސިޓީއެއް ފޮނުއްވިއެވެ.

އޭގެ ތިން އަހަރު ފަހެވެ. މުދައްރިސާއަށް ޓެޑީގެ ސިޓީއެއް ލިބިލެއްވިއެވެ. އޭގައި ޓެޑީ ލިޔެފައި އޮތެވެ. [އަޅުގަނޑުގެ ޑޮކްޓަރުކަމުގެ ކޯސް ނިމި އަންނަ މަހު އަޅުގަނޑަށް ޑޮކްޓަރީ ފާސް ލިބޭނެއެވެ. އަދި، ދެން އަންނަ ޖުލައި މަހު، އަޅުގަނޑު ކައިވެނިކުރުން ވެސް އެބަ އޮތެވެ. އަޅުގަނޑުގެ ކައިވެނީގެ ހަފުލާއަށް މުދައްރިސާ ވަޑައިގެން، އަޅުގަނޑުގެ މަންމަ އިންނަވާން ހުރި ގޮނޑީގައި މުދައްރިސާ އިންނަވައިފި ނަމަ، އަޅުގަނޑު ވަރަށް އުފާވާނެއެވެ. މިހާރު އަޅުގަނޑުގެ އާއިލާގެ އެކަކު ވެސް ނެތެވެ. މި ދިޔަ އަހަރު ބައްޕަވަނީ ނިޔާވެފައެވެ!]

ދެން މުދައްރިސާ މިސް ތޮމްސަން ޓެޑީއަށް ލިޔުއްވިއެވެ. [ޓެޑީއެވެ! މުބާރިކުބާދީ އަދާކުރަމެވެ. މިއަދު އަހަރެން ވަރަށް ވެސް އުފާވެއްޖެއެވެ. ޓެޑީ ތިޔަ ހޯދި ކާމިޔާބީގެ ސަބަބުންނެވެ. ޓެޑީ ތިޔަ ހޯދި ކާމިޔާބީ ތިޔަ ހޯދީ ހަމައެކަނި ޓެޑީގެ ހިއްވަރާއި މަސައްކަތުންނެވެ. އަހަރުމެން ކަހަލަ މުދައްރިސުންނަށް ކުރެވޭ ނުރަނގަޅު ކަންތައްތަކާ ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް، ޓެޑީ ކުރި ހިތްވަރާއި މަސައްކަތުގެ ނަތީޖާ މިއަދު ތިޔަ އޮތީ ފެނިފައެވެ. އަދިވެސް އެއް ފަހަރު މުބާރިކުބާދީ ކިޔަމެވެ!

ޓެޑީއެވެ! ޓެޑީގެ ކައިވެނީގެ ހަފުލާގައި ނުހަނު އުފަލާ އެކު ބައިވެރިވާން އަހަރެން ދާނަމެވެ!]

އާދޭހެވެ! މިއީ ހަގީގީ ވާހަކައެކެވެ. ކިޔަވާ ކުއްޖާގެ ފުރަގަހުގައި އޮތީ ކޮން ކަމެއްކަމާއި، އެ ކަމުން ކުއްޖާއަށް ކޮށްފާނޭ އަސަރާއި އަދި، ހީނުކުރާ ހަދިޔާއެއްގެ ސަބަބުން، ލޯބީން މަހުރޫމުވެފައިވާ ކުއްޖަކަށް އަޅައިލުން މެދުވެރިވެ، އެ ކުއްޖާ [ދިރި]، އެ ކުއްޖާގެ ހަޔާތަށް އައި މުއުޖިޒާތެއް ފަދަ ބޮޑު ހެޔޮ ބަދަލަކާއި ލިބުނު ކާމިޔާބީ ބުނެދޭ ވާހަކައެކެވެ! މި ވާހަކައާ މެދު މުދައްރިސުން ވަރަށް ބޮޑަށް ވިސްނައިވަޑައިގަންނަވާން ޖެހޭ ކަހަލަ ވާހަކައެކެވެ.

ކޮމެންޓު