ad_banner
ފެހިމޭވާ - ޞިއްޙީ ގޮތުން ވަރަށް ފައިދާ ހުރި ބޭނުންތެރި މޭވާއެއް

އަބާ މުޙަންމަދު

25 ޑިސެންބަރު 2025

ފެހިމޭވާއަކީ ފައިދާ ހުރި މޭވާއެކެވެ.

ފެހި މޭވާ ނުވަތަ އެވަކާޑޯ (avocado) އަކީ ދިވެހީންނަށް މިހާރު އާ ނަމަކަށް ނުވާނެއެވެ. ފެހިމޭވާގެ ޢިލްމީ (ސައެންސީ) ނަމަކީ ވަރަށް މަޖާ ނަމެކެވެ. އެންމެ ހަތުރުވެރި ދެ ގައުމުގެ ނަން ހިތް މައްޗަށް އަންނަ ނަމެކެވެ. އީރާނާއި އެމެރިކާގެ ނަން ހިތްމައްޗަށް އާދެއެވެ. އާދޭހެވެ! [ޕަރްސިއާ އެމެރިކާނާ]  (Persea americana) އެވެ. މިއީ  [ލޮރެއިސިއާއެ] (lauraceae) އާއިލާއަށް ނިސްބަތްވާ މޭވާއެކެވެ.

ފެހި މޭވާގެ ސައިޒާއި ކުލައާއި ބޭރުގެ ސިފައަށް ބަލާ އިރު ވެސް އޭގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. މިއީ ވަރަށް ގިނައިން ލިބޭ މޭވާއެކެވެ. އެއީ އެތެރޭގައި ކިރިމި ގޮތަށް ހުންނަ ބައިގެ ސަބަބުންނާއި ހުތް ފޮނި ރަހައެއް ނުދޭތީ ތަފާތު ކާނާގެ ބާވަތްތަކުގައި ބޭނުންކުރާން ވަރަށް މަގުބޫލު މޭވާއެކެވެ. އެތެރޭގައި އޮންނަ ބޮޑު އޮށާއި ބޭރު ތޮށިގަނޑާ ދެމެދުގައި އޮންނަނީ މި ކިރިމި ފާޑުގެ ބައެވެ. ޗީޒާއި މަޔޯނައިޒްގެ ބަދަލުގައި ބޭނުންކުރެވޭނެއެވެ. ޞިއްޙީ ގޮތުން ގެއްލުމެއް ނެތް ފައިދާ ބޮޑު އެއްޗެކެވެ.

ފެހިމޭވާ ނުވަތަ އެވަކާޑޯ އެހައި މަގުބޫލު މޭވާއަކަށް ވަނީ މި މޭވާގައި ހުންނަ ޞިއްޙީ ފައިދާތައް ގިނަކަމުންނެވެ. މިއީ ކަނާދުގެ ގޮތުން މުއްސަނދި މޭވާއެކެވެ. ކަނާދުގެ ގޮތުން މުއްދސަނދިވުމުގެ އިތުރަށް އަންނަނިވި ފައިދާތައް ވެސް ފެހިމޭވާއިން ލިބެއެވެ.

·    ހިތުގެ ޞިއްޙަތަށް އެހީތެރިވުން

·    ކޮލެސްޓުރޯލު ހަމަޖެއްސުމުގައި ނުވަތަ ދަށްކުރުމަށް އެހީތެރިވުން.

·    ކާހިތްކުރުވުން

·    ލޮލުގެ ޞިއްޙަތަށް އެހީތެރިވުން

·    ހަމުގެ ޞިއްޙަތަށާއި ބޭރަށް ފެންނަ ފެނުން ރަނގަޅުކޮށްދިނުމުގައި އެހީތެރިވެދިނުން

·    ބަނޑާއި މަޢިދާގެ ޞިއްޙަތަށް އެހީތެރިވުން

·    ކަށްޓާއި ހުޅުތަކުގެ ޞިއްޙަތަށް އެހީތެރިވުން

·    ކަނާދުގެ ބައިތައް ހަމަޖެއްސުމުގައި ފަސޭހަކަން.

·    ކަނާދު ހަށިގަނޑަށް ފޯރުކޮށްދިނުމުގައި އެހީތެރިވުން.

 

ފެހިމޭވާ ރަނގަޅީ މުޅީން ދޮންނުވާ މެވާއެވެ. ގޭގައި ބާއްވައިގެން ދޮންކުރުން މާ ރަނގަޅުކަމަށް ބުނެވެއެވެ. މުޅީން ދޮންވެ ފައްކާވެފައިވާ ފެހިމޭވާއެއް ނަމަ، ރަނގަޅީ ވަގުތުން ބޭނުންކޮށްލުމެވެ. ފެހިމޭވާ އަވަހަށް ދޮންކޮށްލާން ނުވަތަ ފާކޮށްލާން ބޭނުންނަމަ، ނޫސް ކަރުދާސްގަނޑެއްގައި ނުވަތަ ޕާރުސަލް ކަރުދާސްގަނޑެއްގައި ބަންދުކޮށްލައި ކުޑަކޮށް ހޫނުވާ ހިސާބެއްގައި ބޭއްވުން ރަނގަޅުވާނެއެވެ. ފިހާރައިގައި ނުވަތަ ބަދިގޭގައި އެވަކާޑޮ ބަހައްޓާނަމަ، އެކަތި އަނެކައްޗާ ނުޖައްސައި ބެހެއްޓުން ރަނގަޅުވާނެއެވެ.

ފަޅިކޮށްފައިވާ ފެހި މޭވާއެއް ގިނަ ދުވަހު ބާއްވާ ނަމައޭގެ މަތީ ބައިގައި ލުނބޯކޮޅެއް ކާއްތައިލައި ރަބަރު، ވައި ނުވަންނަ ކޮތަޅެއްގައި ބަންދުކޮށްލައިފައި ބޭއްވިދާނެއެވެ. އޭރުން ހަލާކުވުން ލަސްވާނެއެވެ.

ފެހިމޭވާއަކީ ގެންގުޅޭން ފަސޭހަ، އަދި ކަނާދުގެ ގޮތުން މުއްސަނދި މީރު މޭވާއެކެވެ. ފެހިމޭވާ ގަހަކީ ރާއްޖޭގައި ވެސް ހެދޭ އަދި ބައެއް ރަށްރަށުގައި މިހާރު ވެސް ހެދިފައި ހުރި މޭވާއެކެވެ. މި މޭވާގެ ފަިދާތައް އަދި ދިވެހީންގެ ގިނަ ބަޔަކަށް މާ ބޮޑަށް އާންމުވެފައި ނުވިޔަސް ބާޒާރުގައި މި މޭވާގެ އަގު ވެސް ހެވެއްނޫނެވެ. ވީމާ މި ބާވަތުގެ މޭވާ ރާއްޖޭގައި ހައްދައިގެން ރަނގަޅު ފައިދާއާއި ނަފާ ވެސް ހޯދިދާނެއެވެ.

ބައެއް ލަފުޒުގެ މާނަ:

ކަނާދު      ނ.    ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު. nutrients

ފެހިމޭވާ     ނ.    [ލޮރެއިސިއާއެ] އާއިލާއަށް ނިސްބަތްވާ މޭވާއެއް. މިއީ އެތެރޭގައި ބޮޑު އޮށެއް އޮވެފައި ތޮށްޓާއި އޮށާ ދެމެދުގައި އޮންނަ ކާ ބައި ކިރިމި ގޮތަށް ހުންނަ، ފޮނި ރަހައެއް އަދި ހުތް ރަހައެއް ނުލާ މޭވާއެކެވެ. މީގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. nutrients (މިއީ ރަދީފުގައި ނެތް، އެކަމަކު ލިޔުންތެރިޔާ އަމިއްލަފުޅަށް  ބޭނުންފުޅުކުރައްވައިފައިވާ ލަފުޒެކެވެ.)

ކޮމެންޓު