ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (10)

އައްޝައިޚު އިބްރާހީމް އަޙުމަދު

24 ޑިސެންބަރު 2025

(2025 ޑިސެންބަރު 15ވަނަ ދުވަހާ ގުޅޭ)

ޤިޔާސްގެ ރުކުންތައް

ރުކުންގެ މާނައަކީ  އެޔާއި ނުލައި ކަމެއްފުރިހަމަ ނުވާ ކަމެއްގައި ހިމެނޭ ބަޔެކެވެ. [1]

ޤިޔާސް ބެހިގެންވަނީ ހަތަރު ރުކުނެއްގެ މައްޗަށެވެ. އެއީ އަލްއަޞްލު، އަލްފަރުޢު،  އަލްޢިއްލާ، އަދި ޙުކުމުލްއަޞްލެވެ.

1-     الأصل:  ފިޤްހު ޢިލްމުވެރީން މާނަކުރައްވަނީ އެއީނައްޞުން ސާބިތުވާ ގުޅުމަކާ ބެހޭ ޙާދިޘާ  އެކަމަކު މުތަކައްލިމީންގެ ގާތުގައި އެއީ  ޙުކުމަކަށް ދަލީލު ކުރާ ނައްޞެކެވެ.  ނުވަތަ ޙުކުމެއް އޭގެ މައްޗަށް ބިނާވެފައިވާ ނައްޞެވެ.  އެހެންކަމުން މިއުޞޫލަށް ބަލައިފިނަމަ  ފިޤްހު ޢިލްމުވެރީންގެ ގާތުގައި ނަބީޛު ޙަރާމް ވަނީ ރަލަށް ޤިޔާސް ކޮށްގެންނެވެ.   ސަބަބަކީ އަޞްލު ވަނީ ފަރުޢުގެ ޙުކުމަށް ޤިޔާސް ކުރެވިފައެވެ.

2- الفرع: ޤުރްއާނާއި ސުންނަތުން ނުވަތަ އިޖުމާޢުން ނައްޞެއް ވާރިދުވެފައި ނުވާ ޙާދިޘާ ،  މިއަށް ބަލާނަމަ މީގެ މިސާލަކީ ވެސް އިސްވެ ބަޔާން ކުރެވުނު ނަބީޛުގެ މިސާލު

3- العلة: އަޞްލާއި ފަރުޢު  ގުޅުވައިދިނުމުގައި އެއްފަދަ ކުރި ފަރާތް  މީގެ މިސާލަކީ މަސްތުވުން.

4- حكم الأصل: ނައްޞަކުން ސާބިތުވެގެން އައިސްފައިވާ ޝަރުޢީ ޙުކުމް އިސްވެ ދިޔަ މިސާލަށް ބަލާނަމަ ޤިޔާސް ކުރެވުނު އަޞްލަކީ ރަލެވެ. އޭގެ ފަރުޢަކީ މަސްތުވާ ބުއިމެކެވެ. މީގެ ޢިއްލައަކީ މަސްތުވުމެވެ. އަދި އަޞްލު ޙުކުމަކީ ޙަރާމް ކަމެކެވެ.[2]

ޤިޔާސްއަކީ ޙުއްޖަތެއްކަމުގައި ބެލޭނެތަ؟ (ޤިޔާސަކީ ޝަރުޢީ ޙުކުމުގެ ދަލީލެއްތަ؟)

ޙުއްޖަތަކީ ދަލީލެއް ނުވަތަ ހެއްކެއް ނުވަތަ ބުރުހާނެކެވެ. ޤިޔާސް ޙުއްޖަތަކަށް ވެޔޭ ބުނެވޭ ބަހުގެ މާނާއަކީ ޤިޔާސަކީ ބައެއް ޙުކުމް ދެނެގަތުމަށް ދަލީލެއްކަމުގައި ވުމެވެ. ނުވަތަ ހެއްކެއް  ނުވަތަ ބުރުހާނެއް ކަމުގައި ވުމެވެ.  އެހެންކަމުން ޤިޔާސަކީ ޙުއްޖަތެކޭ ބުނެވޭ ބަހުގެ މަޤްޞަކީ އެއީ ޝަރުޢީ ޙުކުމްތައް ދެނެގަތުމުގެ އަޞްލުތަކުން އަޞްލެއް ކަމުގައި ވުމެވެ. އެއީ ތަޢައްބުދީ ގޮތުން ޤިޔާސް ކުރުމުގެ މާނައެވެ.

ޤިޔާސާ މެދު އުޞޫލީން ވިދާޅުވަނީ އެއީ ދުނިޔެވީ ކަންކަމުގެ ޙުއްޖަތެއްކަމުގައެވެ. އެހެންނަމަވެސް ޝަރުޢީ ކަންކަމުގައި އެއީ ޙުއްޖަތެއްކަމުގައި ބެލުމާ މެދު ފަސް މަޒުހަބެއްގައި ނުވަތަ ފަސް ގޮތެއްގެ މައްޗަށް ޢިލްމުވެރީން އިޚުތިލާފުވެއެވެ.[3]

1-        ޖުމްހޫރުންގެ މަޒުހަބު: ޤިޔާސްގައި  ތަޢައްބުދަކީ ބުއްދީގެ ގޮތުން ހުއްދަ ކަމެކެވެ. އަދި އެއަށް ޢަމަލު ކުރުން ޝަރުޢުގައި ވާޖިބެވެ. އިބްނުއްސުބްކީ ވިދާޅުވަނީ  ޤިޔާސަކީ ދީނުގެ ކަމެކެވެ.  ސަބަބަކީ އެކަމަށް ﷲ އަމުރު ކުރައްވައިފައި ވެއެވެ.  ފަހެ އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. فَاعْتَبِرُوا يَا أُولِي الْأَبْصَارِ[4] މާނައީ: "އޭ ބުއްދީގެ أهل ވެރީންނޭވެ! ފަހެ، ތިޔަބައިމީހުން عبرة ލިބިގަންނާށެވެ."

2-        ޤުއްފާލުއްޝާފިޢީއާއި  މުޢުތަޒިލާއިންގެ އަބީ އަލްޙުސައިނުލް ބަޞަރީގެ މަޒުހަބުގައި ވެއެވެ.  ތަޤްލީދީ ތަޤްލީދީ ދަލީލުތަކާއެކު ބުއްދި ވުމުން ދަލީލު ކުރަނީ  ޤިޔާސަށް ޢަމަލު ކުރުން ވާޖިބު ކަމުގައެވެ. 

3-        އަލްޤާސާނީ [5] އާއި  އައްނަހްރާވާނީ އާއި ދާވޫދުލް އަޞްފަހާނީގެ މަޒުހަބު ގައިވަނީ  ޤިޔާސަށް ދެގޮތެއް ނުވަތަ ދެޙާލަތެއްގައި ޢަމަލު ކުރުން ވާޖިބެވެ. އެނޫން ޙާލަތުގައި ޢަމަލު ކުރުން ޙަރާމެވެ.

ފުރަތަމަ ޙާލަތަކީ އަޞްލުގެ ޢިއްލަތް ނައްޞަކުން ޞަރީޙަކޮށް ވިޔަސް ނުވަތަ އިޝާރާތުން ވިޔަސް އައިސްފައިވުމެވެ.  ޞަރީޙުގެ މިސާލަކީ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّمَا نَهَيْتُكُمْ مِنْ أَجْلِ الدَّافَّةِ[6] މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނަށް އުޟުޙިޔާގެ މަސްކައި އުޅުން ނަހީ ކުރެއްވީ  ކާބޯތަކެތި ހޯދުމަށް އެއްތަނުން އަނެއް ތަނަށް ގޮސް އުޅޭ މީސްތަކުންގެ ޖަމާޢަތަށް ޓަކައެވެ." މިތާގައި މިފާހަގަ ކުރެވުނީ  އުޟުޙިޔާގެ މަސް ކެއުމުގެ ޢިއްލާއެވެ. 

ދެވަނަ ޙާލަތަކީ  އަޞްލަށްވުރެ ޙުކުމުގައި ފަރުޢުގެ އައުލާކަން ބޮޑުވުމެވެ.  މިސާލަކަށް  މައިންބަފައިންގެ ގައިގައި ތެޅުން މިކަމާއި އުއްފު ފަދަ ބަހެއް ބުނުމާއި  މިދެކަމުގެ ޢިއްލާއަށް ބަލާއިރު ފަރުޢުގެ އައުލާކަން ބޮޑުވުމެވެ.  އެއީ ނައްޞުގައި ބަޔާންވާ ކަމަށް ލިބޭ އަނިޔާއާއި ތެޅުމުގެ އަނިޔާއެވެ.  ފަހެ ﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ [7]އެވެ. މާނައަކީ، އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) ސަބަބަކީ  މިތަނުގައި އުއްފުގެ ބަހަކަށްވުރެ ތެޅުން ޙަރާމްވުން އައުލާކަން ބޮޑުވެގެން ވުމެވެ. އެއީ އެކަމުގެ ސަބަބުން ލިބޭ އަނިޔާގެ ބޮޑުކަމަށްޓަކައެވެ. އެއީ މިނައްޞުން ދަލީލު ކުރާ ކަންތަކެވެ.

4-        ޡާހިރީ މަޒުހަބުގެ އަހުލުވެރީން މިބައިމީހުންނާއި މެދު އަލްއިމާމު އައްޝައުކާނީ ވިދާޅުވަނީ  ޤިޔާސަކީ ބުއްދީގެ ގޮތުން ޖާއިޒު ކަމެކެވެ.  އެހެންނަމަވެސް  ޤިޔާސަށް ޢަމަލުކުރުން ވާޖިބުކަމަށް ބުނެވޭ އެއްވެސް ދަލީލެއް ޝަރުޢުގައި އައިސްފައެއް ނުވެއެވެ. [8]

5-        ޝީޢީންގެ އިމާމިއްޔާއާއި މުޢުތަޒިލާއިންގެ ނިޡާމީ މަޒުހަބުގައި ވަނީ ބުއްދީގެ ގޮތުން ޤިޔާސް އަކީ މުސްތަޙީލު ކަމެކެވެ. [9] ސަބަބަކީ އެއިން ތަރުތީބުވެ ހާމަވަނީ  މުޖުތަހިދުންގެ ނަޒަރުގައި  ޤިޔާސްގެ މިންވަރު ތަފާތު ކަމެވެ. އަދި ތަފާތު ދެކަމެއް ބައްދަލުވުމުން އެޔަށް ޤިޔާސްކުރުމުގައި މުޖުތަހިދުންގެ މެދުގައި ހުރި ތަފާތު ކަމެވެ. [10]

އިސްވެ ދިޔަ ބަޔާންތަކުގެ ޚުލާޞާ ދެގޮތަކަށް ކުރެވެއެވެ. އެއީ  ޖުމްހޫރުންގެ މަޒުހަބުގައި ވާފަދައިން ޤިޔާސަކީ ކަނޑައެޅިގެން ޙުއްޖަތެއް ކަމުގައި ބުނުމެވެ. ދެވަނަ ގޮތަކީ  ޝީޢާއިންނާއި ނިޡާމީންނާއި ޡާހިރިއްޔާއާއި މުޢުތަޒިލާއިންގެ ޖަމާޢަތަކުން ބުނާފަދައިން ޤިޔާސަކީ ޙުއްޖަތެއް ނޫން ކަމަށް ބުނުމެވެ.

ޤިޔާސްގެ  ނުގުތާތަކެއްގެ ދަލީލުތައް:

ޢިލްމުވެރީން ޤިޔާސަކީ ޝަރުޢުގައިވާ ކަމެއްކަމަށް ދެއްކެވި ބައެއް ނުކުތާތައް އައިސްފައިވަނީ އަންނަނިވި ބައިތަކުން ދަލީލު ދައްކައިގެންނެވެ.

1-        ޤުރްއާނުން: ކީރިތި ޤުރްއާނުގެ އާޔަތްތައް. އެ ފަދަ  ބަޔެއް އާޔަތްތަކަކީ: يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ۖ [11]މާނައީ:  "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسولއާގެ حضرةގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ!" މި އާޔަތުން  ނަހީކުރަނީ ﷲގެ ފޮތާއި ރަސޫލާގެ ސުންނަތް ފިޔަވައި އެހެނިހެން ގޮތްގޮތަށް ޢަމަލުކުރުމަށެވެ.  އެހެންކަމުން ޤިޔާސަށް ޢަމަލު ކުރުމަކީ ވެސް އެހެންގޮތަކަށް ޢަމަލު ކުރުމެވެ. ސަބަބަކީ އެއީ ﷲއާއި ރަސޫލާގެ ޙަޟުރަތުގައި އިސްވުމެވެ.  އެއީ ނަހީކުރައްވައިފައިވާ ކަމެކެވެ.

-                ﷲ ވަޙީކުރައްވައިފައި ވެއެވެ. وَأَن تَقُولُوا عَلَى اللَّـهِ مَا لَا تَعْلَمُونَ[12] މާނައީ: "އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާ މެދު ތިޔަބައިމީހުން ބުނުމަށެވެ." އަދި ވެސް ވަޙީކުރައްވައިފައި ވެއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ[13] މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبعނުވާށެވެ"!  މިދެއާޔަތުން އިންސާނާއަށް އެގި ޔަޤީންވާ ކަންކަމަށް މެނުވީ ތަބާނުވުމަށް އަންގަވައިފައި ވެއެވެ. މިއެންގެވުމަކީ ނަހީގެ އެންގެވުމެކެވެ. އަދި ޤިޔާސަކީ ހީއަކަށް ބެލެވެއެވެ.  އެހެންވީމާ  އެއަށް ޢަމަލު ކުރުން މުޖުތަހިދަކަށް ނަހީވެއެވެ. ސާބިތު ޙުކުމަކަށް ޤިޔާސް ކުރުމަކީ  ޡަންނީ ގޮތުން ހެއު ރަގަޅު އަމުރެކެވެ.  ސަބަބަކީ އެކަން އޭރުން އޮންނާނީ  އެގިފައިވާކަމެއްގެ ގޮތުގައެވެ. އެއީ އަޞްލުގައި އޮތް އެއްޗެއްގެ ޢިއްލާއެއް ދެނެގަނެ  ފަރުޢުން އެކަން ދެނެގަތުމެވެ.

-                އަދިވެސް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَمَا لَهُم بِهِ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا[14]  މާނައީ: "އެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ." ހީއަކީ ޙައްޤު އަންގައިދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ޤިޔާސަކީ ޡަންނެއްގައި ފައިދާ ކުރާ ކަމެކެވެ.  އެކަމަކު ޙުކުމެއް ސާބިތު ކުރުމުގައި ފައިދާއެއް ނުވެއެވެ.

-                އަދިވެސް ﷲ ވަޙީ ކުރައްވައިފައިވެއެވެ. وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ[15] މާނައީ: "އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވައިފައި) މެނުވީ ނުވެތެވެ."   މިއާޔަތުން މަޤްޞޫދުވެވެނީ ޤުރްއާނުގެ ހުރިހައި ޙުކުމްތަކެއް ދެނެގަތުމަށެވެ. ޤުރްއާނުގައި ހުރިހައި ވާހަކައެއް  ޝާމިލުވެ ބަޔާން ވެފައި ވުމަށެވެ. އެހެންކަމުން ޤިޔާސް ކުރުމަކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ ޤިޔާސެއް ކުރުމަށް ނައްޞެއް ނެތުން ބޭނުންވުމެވެ.  ޤިޔާސް ޙުއްޖަތަކަށް ވާނީ  އެޔަށް ބޭނުންވެއްޖެ ނަމައެވެ.  އެހެންވީމާ ޤިޔާސަށް ޢަމަލު ކުރުން ޖާއިޒެއްނޫނެވެ.  ސަބަބަކީ ޤިޔާސެއްގެ ބޭނުން ޖެހެނީ ނައްޞު ނެތުމުން ކަމަށްވެފައި ޤުރްއާނުގައި ހުރިހައި ކަމެއް ބަޔާން ވެފައި ވުމުންނެވެ.

އެހެންވީމާ އިސްވެ ދިޔަ ދެއާޔަތުން ދަލީލު ކުރާކަންތަކަށް ބަލާއިރު  ފުރަތަމަ އާޔަތުން ދަލީލު ކުރަނީ  ޤިޔާސަށް ޢަމަލު ކުރުން މަނާ ނޫން ކަމުގައެވެ.  ސަބަބަކީ އެއާޔަތުގައި އަމުރު ކުރައްވައިފައި ވަނީ ޤިޔާސް ކުރުމަށް ކަމަށް ވާތީއެވެ. ޤިޔާސަށް ޢަމަލު ކުރުމަކީ ﷲގެ ފޮތާއި ރަސޫލާގެ ސުންނަތަށް  ޢަމަލު ކުރުމެވެ.  އެއީ ﷲއާއި ރަސޫލާގެ ޙަޟުރަތުގައި ކަމެއްގައި އިސްވެގަތުމެއްނޫނެވެ.

ދެވަނަ އާޔަތުގައިވެސް ޤިޔާސަށް ޢަމަލުކުރުން މަނާކުރައްވައިފައެއް ނުވެއެވެ. ސަބަބަކީ އޭގެ ޙުކުމް މުޖުތަހިދަށް ދޫކޮށްލެވިފައި އޮތުމެވެ. އެ ގޮތުން ﷲގެ ޙުކުމްކަން ޔަޤީންކުރުމަށް ފަހު އެޔަށް ޢަމަލުކުރާށެވެ. (ނުނިމޭ)

 
މަރުޖާ:

[1]- އަބޫޙާމިދު މުޙައްމަދު ބުނު މުޙައްމަދު އަލްޣަޒާލީ،އަލްމުސްތަޞްފާ މިން ޢިލްމިލްއުޞޫލި: (މަޠުބަޢަތު މުޞްޠަފާ މުޙައްމަދު ، ފުރަތަމަ ޗާޕް، އަލްޤާހިރާ 1356) ( 2/ 54)

[2] - ވަހްބާއައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމީ: ( ދިމިޝްޤު ، ދާރުލްފިކުރު،1986) (ޞ 1/576)

[3]- އަލްޣަޒާލީ، އަބޫޙާމިދު މުޙައްމަދު ބުނު މުޙައްމަދު،އަލްމުސްތަޞްފާ މިން ޢިލްމިލްއުޞޫލި:  (2/ 56)

[4] - އަލްޙަޝްރު 2

[5] - ތުރުކިސްތާނުގެ ރަށެއް

[6] -  އަލްޢަޡީމު އާބާދީ، ޝަމްސުލްޙައްޤު، ޢައުނުލްމަޢުބޫދި ( ބައިރޫތު، ދާރުލްކުތުބުލްޢިލްމިއްޔާ، 1415) (ޞ8/ޞ7)

[7] - އަލްއިސްރާ  23

[8] - ވަހްބާ އައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމީ: (1/ޞ 579)

[9] -  އަލްޢައްލާމާ އަލްޙައިދަރީ ލިޔުއްވަނީ  ޤިޔާސާއ އިސްތިޙްސާނަކީ  ޝީޢީންގެ ގާތުގައި  ޙުކުމް ސާބިތު ކުރާނެ އެއްޗެއް ނޫނެވެ.

[10] - ވަހްބާ އައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމީ: (1/ޞ 580)

[11]  ސޫރަތުލްޙުޖުރާތު 1

[12]  ސޫރަތުލްބަޤަރާ 169

[13]  ސޫރަތުލްއިސްރާ 36

[14]  ސޫރަތުއްނަޖުމު 28

[15]  ސޫރަތުލްއަންޢާމު 59

ކޮމެންޓު