ad_banner
ހަމައެކަނި ޙައްގެއް ނޫނެވެ. އެއީ ވަރަށް ބޮޑު އަމާނާތެއްވެސްމެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

18 ޑިސެންބަރު 2025

ތެދުފުޅެކެވެ. އަޅުގަނޑުމެން އިންސާނުންނަކީ އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިން ކަންކަމު އެދުމަކީ ކުރާން ލާޒިމުކަމެކެވެ. ނަމަވެސް ސަބަބެއް ނުވަތަ ޒަރޫރަތެއް އޮވެގެންނެވެ. މި ފަދަ ސަބަބެއް ނެތި މީހުންގެ ކިބައިން ކަންކަމު އެދުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ.

މީހުންގެ ކިބައިން ކަންކަމު އެދުމަކީ ހަގީގަތުގައި ރީތި ކަމެއްކަމުގައި ބައެއް މީހުން ދެކެއެވެ. އަދި ޚާއްޞަކޮށް މީހުންގެ އަތުން ލިބުނު ގޮތަކަށް މުދަލާއި ފައިސާ ހޯދުމަކީ އެ މީހުންގެ ސުމާޓުކަން ހާމަވާ ކަމެއްކަމުގައި ވެސް ބައެއް މީހުން ދެކެއެވެ.

ސަލާންޖަހައިގެންނާއި މަކަރާއިޙީލަތް ހަދައިގެންނާއި އޮޅުވައިލައިގެންނާއި ރިޝްވަތުގެ ގޮތުގައްޔާއި އަދި މި ނޫނަސް ހޯދުނު ކޮންމެ ގޮތަކުން ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި ފައިސާ ހޯދާ މީހުން މި އިސްލާމީ ދިވެހި މުޖުތަމަޢުގައި އުޅޭކަމީ ހިތި ހަގީގަތެކެވެ.

އަދި އިންތިޚާބީ މޫސުންތަކާ ދިމާކޮށް، މުޅި ޢާއިލާއަށް ލިބިފައިވާ އިންތިޚާބީ ފުރުޞަތަކީ ފައިސާ ހޯދުމުގެ ފުރުޞަތެއްކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަދި އެއީ ހަމައެކަނި އޭނާއަށް ލިބިފައިވާ ވަރުގަދަ ހައްގެއްކަމަށް ދެކެ، އެ ހައްގަކީ ފައިސާ ހޯދާން ލިބިފައިވާ ރަން ފުރުޞަތެއްކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ނަމަވެސް އެއީ ހައްގަކަށްވާ އިރު، އެއީ ވަރަށް ބޮޑު އަމާނާތެއްކަމެއް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. ތިމަތިމާމެންނާ ގުޅޭ ކަންކަން ހިންގުމުގެ މަސްއޫލުވެރީންނަށް މީހުން ހޮވާ އިރު، އިޚުލާސްތެރިކަމާ އެކު، އެ މީހެއްގެ ނަޒަރުގައި އެ މަގާމަށް އެންމެ ރަނގަޅު މީހާއަށް ވޯޓުދިނުމަކީ އޭނާއާ ހަވާލުވެފައިވާ އަމާނާތެކެވެ. ރަނގަޅު މީހާ ކަނޑައަޅާނީ އެ މީހަކު އަމިއްލައަށެވެ. މާޒީގެ ކަންކަން ދިރާސާކޮށް އޭނާގެ ފަތިފުށާއި އޭނާގެ ނަޒާހަތްތެރިކަމަށް ރިޢާޔަތްކޮށްގެންނެވެ. އެ ރަށަކަށް އެ އަތޮޅަކަށް އެ ޤައުމަކަށް އެންމެ މަޞަލަޙަތު ހުރި ގޮތަކަށް ބަލައިގެންނެވެ. އެ މުޖުތަމަޢަށް އެންމެ ލާބަ ހުރި ގޮތަކަށް ވިސްނައިގެންނެވެ. މި ކަން ކުރާންވާނީ އިޚުލާޞްތެރިކަމާ އެކު، މާތް ﷲއަށް ޓަކައެވެ. 

ނަމަވެސް ވޯޓަކީ ވިޔަފާރިކުރާން ލިބޭ ފުރުޞަތެއްކަމަށް ބަލައި ވޯޓު ވިއްކާ މީހުން އުޅޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ތިމަންނަގެ ވޯޓު ދޭނީ އެންމެ ރަނގަޅު އެއްޗެއް ދޭ މީހަކަށްކަމަށް އެއްވެސް ލަދެއް ބިރެއް ނެތި ބުނެލާ މީހުން އުޅޭކަމީ ޙައިރާންވާން ޖެހޭ ކަމެކެވެ. ހަގީގަތުގައި ތިމާކުރާ ހުއްދަ ކޮންމެ ޢަމަލެއް ކުރާންވާނީ މާތް ﷲއަށް ޓަކައި އަދާކުރާ ޢަމަލެއްކަމަށް ކަނޑައަޅާއި އެ ކަމަށް ނިޔަތް ގަނެގެންނެވެ. ތިމާ އަދާކުރާންޖެހޭ އަމާނާތެއް ހަނދާން ނައްތައިލައި އެއީ ރިޝްވަތު ހޯދައިގެން ކުރާ ކަމެއްކަމަށް ހަދާން ބައެއް މީހުން މަސައްކަތްކުރާ ކުރުމަކީ ޚުދު އޭނާގެ އަމިއްލަ ނަފުސަށާއި އެ ކަމުގައި އޭނާ މުޢާމަލާތުކުރާ އަނެކާއަށް ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ ރިޝްވަތުދިނުމާއި ރިޝަވަތު ހިފުމަކީ މާތްﷲ ލަޢުނަތް ލައްވައިފައިވާ ކަމެކެވެ. މީހަކަށް ރިޝްވަތު ދެވޭނީ ރިޝަވަރު ހިފާނެ ބަޔަކު ތިބެގެންނެވެ. ރިޝްވަތަކީ މި ދެ ފަރާތަށް ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ  ޙަދީސްގައި އައިސްފައިވަނީ މި ފަދައިންނެވެ. عَنْ عَبْدِاللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا قَالَ: لَعَنَ رَسُولُ اللَّهِ ﷺ الرَّاشِي وَالْمُرْتَشِي.[1] - [ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް رسول الله صلى الله عليه وسلم(ގެ ދޫފުޅުމަތީން) ލަޢުނަތްލެއްވިއެވެ.] (އޭގެ މާނައަކީ އެ ފަދަ މީހުންނަށް ﷲ ލަޢުނަތްލެއްވި ވާހަކައެވެ.) ﷲ ލަޢުނަތް ލެއްވުމުގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ އެ ކަލާނގެ ރަޙުމަތުން ބޭރުވުމެވެ.

އާދޭހެވެ! ރިޝަވަތު ނޫނަސް ދީނީ ނަޒަރަކުން ބަލާ އިރު، މީހުން ކިބައިން ފައިސާ ހޯދާން އެދުމާއި ސަލާންޖެހުމަކީ ވެސް ހުތުރު ކަމެކެވެ. އަދި ގިނަ ޙާލަތްތަކުގައި އެއީ ހަރާން ކަމެކެވެ. 

އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވާ ގޮތުން، މީހުންގެ ކިބައިން ތަކެއްޗަށް އެދުން ހުއްދަވެ، ޙަލާލުވެގެންވަނީ ތިން ޙާލަތެއްގައެވެ. ނުވަތަ އެންމެ ތިން ބާވަތެއްގެ މީހަކަށެވެ. އެއީ:

(1)      އުޖޫރައަށް މަސައްކަތްކުރި މީހާ އެނާއަށް އަގު ލިބެންދެނެވެ. އޭނާއަށް އޭނާގެ ދަރަނި (އަގު) ލިބުމަށް ފަހު، ދެން އިތުރަށް އެދުން ޙަލާލުވެގެންނެއް ނުވެއެވެ.

(2)      ދެވަނަ މީހަކީ މުޞީބާތެއްގެ ސަބަބުން އޭނާގެ މުދާ ހަލާކުވެ ނެތިއްޖެ މީހާއެވެ. އޭނާއަށް ވެސް މުދަލަށް އެދުން ހުއްދަވާނީ އޭނާގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ފުދޭ މިންވަރަށް ތަކެތި ލިބިއްޖައުމަށް ދާންދެނެވެ. 

(3)      ތިންވަނަ މީހަކީ ފަޤީރުކަމާ ކުރިމަތިލާންޖެހިފައިވާ މީހާއެވެ. އޭނާއަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދޭ ވަރަށް ލިބެންދެނެވެ. މި ނޫން ޙާލަތެއްގައި ވާ މީހަކު ސަލާންޖެހުމަކީ، ނުވަތަ މީހުންގެ ކިބައިން ތަކެއްޗަށް އެދުމަކީ ޙަރާންކަމެކެވެ.

މި ކަން ކައުރަސޫލާ ބަޔާންކުރެއްވުމަށް ފަހު، މި ޙަދީސް އެ ބޭކަލެއްގެ ކިބައިން ރިވާކުރެއްވި قَبِيصَةُ بْنُ مُخَارِقއާ މުޚާޠަބުކޮށް ރަސޫލާ ޙަދީޘްކުރެއްވި ކަމަށް އެ ކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. [އޭ ޤަބީޞާއެވެ! މި ނޫން ގޮތަކަށް މީހުންނަށް އާދޭސްކޮށްގެން (ނުވަތަ އެ ނޫން ގޮތްގޮތަށް) ލިބޭ ތަކެއްޗަކީ ޙަރާމް ތަކެއްޗެވެ. އެ ފަދަ ތަކެތި ކައި ހަދާ މީހާ އެ ކައި ހަދަނީ ޙަރާމް ތަކެއްޗެކެވެ.][2]

ވީމާ، މި ކުރިމަތިވާ އިންތިޚާބީ މޫސުމުގައި ޚާއްޞަކޮށް، އަދި ޢާންމުކޮށް މުސްލިމުންގެ އާންމު ދުވަހީ ދިރިއުޅުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަމެއްކަމަށް ދެކޭތީ މި ވާހަކަ ދަންނަވައިލާ ހިތްވީއެވެ.

 

މަރުޖާ:

[1]  رَوَاهُ أَبُو دَاوُدَ، وَالتِّرْمِذِيُّ وَصَحَّحَهُ.

[2]  صَحِيْحُ مُسْلِم، ޙަދީޘް ނަންބަރު: 1044، كِتَابُ الزَّكَاةِ ގެ بَابُ مَنْ تَحِلُّ لَهُ الْمَسْأَلَةِ  

ކޮމެންޓު