ad_banner
މީސްމީޑިއާގައި އަރައިގަނެވޭ ހަތަރު ފާފައެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

19 ޑިސެންބަރު 2025

މީސްމީޑިއާއިން ވަރަށް ގިނަ މީހުންހަތަރު ފާފައަކަށް އަރައިގަނެއެވެ.

މީސްމީޑިއާއަކީ މިއަދު އެ ގިރާނުކޮށް އުޅެވެންނެތް އޮޅިގަނޑެކެވެ. އެހެނަސް އެއީ ވަރަށް ނައްސި އޮޅިގަނޑެކެވެ. ވަރަށް ފަސޭހައިން ކައްސައިލާ ތަނެކެވެ. ވެއްޓި ގައި މަށައިގެންދާ ތަނެކެވެ. އެހެނެއްނޫނެވެ. ހިތާއި ނަފުސު ޒަޚަމުވާ ތަނެކެވެ. މި ކަމުގެ ސަބަބުން އިޖުތިމާޢީގުޅުން ވާޞިލުވަނީއަކީއެއް ނޫނެވެ. މިގުޅުން ކަފާސްވަނީއެވެ.

މިއަދު މީސްމީޑިއާ ކުޅޭ ދައުރަކީ ކައު ރަސޫލާގެ ޒަމާނުގައި މަގުމަތީގައި މަޖިލިސް ހަދައިގެން އުޅުނު މީހުން ކުޅުނު ދައުރެވެ. ރަސޫލާ r ވަނީ މަގުމަތީގައި ދެ ފައި ވަށްކޮށްލައިގެން ބޭކާރު އަނގަތަޅާން ތިބުން ނަހީކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (( إيّاكُمْ والجُلُوسَ بالطُّرُقاتِ فقالوا: يا رَسولَ اللَّهِ، ما لنا مِن مَجالِسِنا بُدٌّ نَتَحَدَّثُ فيها، فقالَ: إذْ أبَيْتُمْ إلّا المَجْلِسَ، فأعْطُوا الطَّرِيقَ حَقَّهُ قالوا: وما حَقُّ الطَّرِيقِ يا رَسولَ اللَّهِ؟ قالَ: غَضُّ البَصَرِ، وكَفُّ الأذى، ورَدُّ السَّلامِ، والأمْرُ بالمَعروفِ، والنَّهْيُ عَنِ المُنْكَرِ[1] - މީހުން ހިނގައިބިނގައިވެ އުޅޭ މަގުތައް މަތީގައި ތިޔަބައިމީހުން އިށީދެތިބުމާ ދުރުހެލިވާށެވެ! އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ވާހަކަދައްކައިލުމަށް ޓަކައި މަޖިލިސްކުރާނެ އެހެން ތަނެއް ނެތެވެ. ފަހެ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. މަގުމަތި ނޫން އެހެން ތަނެއްގައި މަޖުލިސްކުރުމަށް ތިޔަބައިމީހުން ނުރުހޭ ނަމަ، ފަހެ ތިޔަބައިމީހުން މަގުގެ ޙައްޤު އަދާކުރާށެވެ! އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! މަގުގެ ޙައްޤަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ ބެލުންތައް ތިރިކުރުމާއި، ގޯނާކުރުން ހުއްޓައިލުމާއި، ސަލާމަށް ރައްދުދިނުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމެވެ.))

މިބަސްފުޅުގެ މާނައަކީ އަޚުލާޤީގޮތުން ނުރަނގަޅު އެންމެހާ ޢަމަލުތަކާ ދުރުހެލިވާށެވެ! މުސްލިމަކާ އެކށީގެންނުވާ އެއްވެސް ކަމެއް ނުކުރާށެވެ! އެކަންކަމާ ދުރުހެލިވުން ބުރަ ކަމެއް ކަމުގައިވާ ނަމަ މުސްލިމު މީހާ އެ ޙައްޤުތައް އަދާކުރާށެވެ! މީސްމީޑިއާގެ އޮޅިތަކަށް ވަނުމަށް  މަޖުބޫރުވާ ނަމަ، މި ޞަފުޙާތަކަށް ވަދެގެން އުޅޭއިރު މި ޞަފުޙާތަކުގެ ނައްސި ކަންކަމާ ދުރުހެލިވާށެވެ! ދީން މަނާކުރާ ޙަރާން ކަންކަމުގެ ދާއިރާތަކުގެ ތެރެއަށް ނުވަންނާށެވެ! އެ ފަދަ ކަންކަން އާދައިގެ ކުޑަ ކަމެއްކަމުގައި ނުދެކޭށެވެ! އެއީ ﷲގެ ޙަޟުރަތުގައި ބޮޑެތި ފާފަތަކެކެވެ. ނުރަނގަޅު ޢަމަލުތަކެކެވެ. އޭގެ ތެރޭގައި މި އަންނަ ކަންތައްތައް ފާހަގަކުރެވެއެވެ.

ފުރަތަމަ ކަމަކީ: މަލާމާތްކުރުން

މީހުންނަށް މަލާމާތްކުރުމާއި އާޑަފުރައްސާރަކުރުމަކީ މުޖުތަމަޢުތަކަށް ޖެހޭ ވަރަށް ނުބައި ރޯގާއެކެވެ. މިއީ ވަރަށް އަވަހަށް ފެތުރޭ ރޯގާއެއް ވެސްމެއެވެ. މާތް ﷲ މިކަން ނަހީކުރައްވާ ވަޙީކުރެއްވިއެވެ. ((يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ  [2] -އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ.))

މީސްމީޑިއާގައި މީހުން ހެއްވުމަށް ޓަކައި ނޭނގޭ މީހުންގެ ފޮޓޯތައް ދައްކައެވެ. އެ މީހާ ހިސާބަށް ވުރެ ބޮޑަށް ފަލަ މީހަކަށް ވެދާނެއެވެ. ނުކުޅެދޭ މީހަކަށް ވެދާނެއެވެ. އޭނާގެ ޚަލްޤުގައި އުނި ކަމެއް ހުރި މީހަކަށް ވެދާނެއެވެ. މި ފޮޓޯތައް ބަލަބަލައިފާ ހީނހަދަތެވެ. މިއީ ކިހާ ވަރެއްގެ ފާފައެއްކަމެއް ނޭނގި ތިބެއެވެ. ޙަޤީޤަތުގައި އެ މީހުންނަށް މި މަލާމަތްކުރެވެނީ ﷲގެ ޚަލްޤުކުރެއްވުމަށެވެ. މާތްﷲ ވަޙީކުރއްވިއެވެ. ((هُوَ الَّذِي يُصَوِّرُكُمْ فِي الأَرْحَامِ كَيْفَ يَشَاءُ لاَ إِلَهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ[3] - އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން رحِمތަކުގައި ތިޔަބައިމީހުން صورة ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.))

ﷲ ތަޢާލާ އެއްބަޔަކު އަނެއް ބަޔަކަށް ވުރެ މާތްކުރެއްވީ އެމީހުންގެ ޚަލްޤުގެ ސަބަބަކުންނޫނެވެ. އެހެނަސް އެމީހުންގެ ޚުލުޤުގެ ސަބަބުންނެވެ.ޤިޔާމަތްދުވަހުން ކައުރަސޫލާއާ އެންމެ ގާތުގައި ވާ މީހަކަށް ވާނީ އެންމެ އަޚުލާޤު ރިވެތި މީހާއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައްލަވައިވޮޑިގަންނަވަނީ މީހުންގެ ބުރުސޫރައަކަށްނޫނެވެ. އެމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ. ތަޤްވާވެރިކަމަށެވެ. ލޮބުވެތި ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (( إِنَّ اللهَ تعالى لا ينظرُ إلى صُوَرِكُمْ وَأمْوالِكُمْ، ولكنْ إِنَّما ينظرُ إلى قلوبِكم وأعمالِكم [4] - ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންގެ ބުރަސޫރައަކަށް އަދި ތިޔަބައިމީހުންގެ މުދާތަކަކަށް ބައްލަވައިވޮޑިއެއްނުގަންނަވައެވެ. އެހެނެއްކަމަކު އެކަލާނގެ ބައްލައިވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.))

މީސްމީޑިއާގެ އޮޅިތަކުގައި ބައެއްފަހަރަށް ބައެއް މީހުންނަށް ޖެހިފައިވާ ބަލިތަކަށް ވެސް ޖޯކުޖަހައި ހަޖޫކިޔަތެވެ. ބައެއް މީހުންނާ ކުރިމަތިވެފައިވާ އާފަތަކާމެދު ވާހަކަދައްކައި ހީނ ހަދަތެވެ. އަނެއްބައި ފަހަރަށް މީހަކަށް ކުރެވުނު ފާފައަކާ ބެހޭ ގޮތުން ވާހަކަދައްކައި ހީނހަދައެވެ. رسول الله صلى الله عليه وسلم މިކަމުގެ ނުބައިކަން ބަޔާންކުރައްވާ ޙަދީސްކުރެއްވިއެވެ. ((مَنْ عَيَّرَ أَخَاهُ بِذَنْبٍ لَمْ يَمُتْ حَتَّى يَعْمَلَهُ [5]- އޭނާގެ އަޚާގެ ފާފައަކަށް ޓަކއި އޭނާ ލަދުގަންނަވައިފި މީހަކު އެ ފަދަ ފާފައެއް އޭނާ އަމިއްލައަށް ކޮށްފުމަށް ދާންދެން އޭނާ މަރުނުގަންނަވާހުއްޓެވެ.))

މި ޒަމާނުގައި އިންޓަނެޓު މެދުވެރިކޮށް ފޮޓޯއާއި ވީޑިއޯއާއި މެސެޖުގެ ޒަރީޢާއިން ގަނާކުރެތެވެ. މި ކަމާބެހޭގޮތުން ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. ((އޭނާގެ އަޚާ ތައުބާވެފައިވާ ފާފައަކަށް އަރައިގަނެފައިވާކަމަށް ބުނެ ތުހްމަތުކުރާ މީހާއާ މާތް ﷲ އެ ކަން މެދުވެރިނުކުރައްވަނީސް އޭނާ މަރެއްނުވާނެތެވެ.))[6]  އަލްފުޟައިލު ބުނު ޢިޔާޟު ވިދާޅުވިއެވެ. ((ޙައްޤަކާ ނުލައި ކުއްތާއަކަށް ނުވަތަ އޫރަކަށް ގޯނާކުރުން ތިބާއަށް ހުއްދަވެގެންނުވާ އިރު މުސްލިމަކަށް ގޯނާކުރުން ތިބާއަށް ހުއްދަވާނީ ކިހިނެއްހެއްޔެވެ؟)) [7]

ދެވަނަ ކަމަކީ: އަބުރާ ބެހުން

އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި މުސްލިމުންގެ އަބުރާ ބެހުން ވެއެވެ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި އަބުރު ރައްކައުތެރިކުރުން ވެއެވެ. ބައެއް ފަހަރަށް އަބުރާބެހުން ސީދާކޮށް އަނެއްބައި ފަހަރަށް ނުސީދާކޮށް ކުރެއެވެ. ފާޙިޝް ޢަމަލުތަކާ އަޅުވައި އިޝާރާތުން ވެސް އަބުރާ ބެހެވިދާނެއެވެ. އަބުރާ ބެހުމުން އިސްލާމީ އުންމަތް ރައްކައުތެރިކުރެއްވުމަށް ޓަކައި މާތް ﷲ ވަނީ އެފަދަ އަމަލުތަކަށް ޙައްދު ކަނޑައަޅުއްވައިފައެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَٰدَةً أَبَدًا ۚ وَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ [8]- عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ.)) މުސްލިމުންގެ ތެރޭގައި ފާޙިޝް ޢަމަލުތައް ފަތުރާން ލޯބިކުރާ މީހުންނަށް އެ ކަމާ ދުރުހެލިވުމަށް އަންގަވައި މާތް ﷲ ވަނީ އިންޒާރުދެއްވަވައިފައެވެ. އެ މީހުންނަށް ހުރި ވޭންދެނިވި ޢަޒާބު ބަޔާންކުރައްވަމުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ [9]- ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.)) ރަސޫލާ  صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((من ذَكَرَ  امرأ  بِشَيءٍ لَيْسَ فيه لِيُعِيبَهُ بِهِ حبَسَهُ اللهُ في نارٍ جَهَنَّمَ حتى يَأْتِيَ بِنَفاذِ ما قالَ فيه[10] - މީހަކު ބަދުނާމުކުރުމަށް ޓަކައި އޭނާގެ ގައިގައި ނެތް ކަމެއްގެ ވާހަކަ ދެއްކި މީހާ އެކަމުގެ ތެދުކަން ސާބިތުކޮށްދިނުމަށް ދާންދެން މާތް ﷲ އޭނާ ޖަހަންނަމައިގެ އަލިފާނުގައި ހައްޔަރުކުރައްވާނެތެވެ.))

ތިންވަނަ ކަމަކީ: ހިލޭ އަންހެނުންނާއި ފިރިހެނުން ހީނ ސަމާސާކުރުން

އަންހެނުންގެ މެދުގައި ދެކެވޭ ވާހަކަތަކެކޭ ކިޔައިފައި މީސްމީޑިއާ އޮޅިތަކުގައި އަންހެނުންގެ ޖަމާޢަތްތައް ހެއްވާ ވާހަކަތަކާއި މަޖާވާހަކަތަކާއި ޖޯކުތައް ބަދަލުކުރެއެވެ. އެހެނަސް މައްސަލައަކީ މިއީ އެހާ ސާދާ ކަމެއް ނޫނެވެ. އަންހެނުންގެ ޗެޓުތަކުގައި ވަރަށް ގިނައިން ފިރިހެނުން ބައިވެރިވެއެވެ. ބައެއް ފަހަރަށް މި ޗެޓުތައް ވަގަށް އަޑު އަހައެވެ. މި ވާހަކަތައް ވަރަށް އަވަހަށް ވިރަވެގެން މުޖުތަމަޢުގައި އާންމުވެގެންދެއެވެ.

ހުރަސްތައް ވެއްޓި ގޭތެރޭގެ ސިއްރުތައް ވެސް ބޭޒާރުވެގެންދެއެވެ.ފިރިމީހާއާއި އަނބިމީހާ ބީރަށްޓެހިންނަށްވެ ދާދިވަރު ފިރިހެން ރަޙްމަތްތެރިޔާ "ވަގު" ފިރިއަކަށް ބަދަލުވެއެވެ.

ފިރިހެނުންގެ ޝަހްވަތްތައް ކައްކުވައިލާ ފަދަ ތޫރަތައް އެކަނބަލުން ނެޓުގެ ޞަފުޙާތަކުގައި ޝާއިޢުކުރެއެވެ. މިލިޔުންތަކަށް ފިރިހެނުންގެ "ލައިކްސް" މާ ގިނައިން ލިބެއެވެ.

އަނެއްބައިއަންހެނުން އެމީހުންގެ އުދާސްތައް ނެޓުގައި ބަންޑުންކޮށްލައެވެ.އެފަދަ އަންހެނުން ފިރިހެނުންގެ ޝިކާރައަކަށް ވަރަށް އަވަހަށް ބަދަލުވެއެވެ.

ތިންވަނަ ބަޔަކު އެމީހުންގެ ފިރިން މަރުވެ އެކަނިވެރިވެފައިވާ ޝަކްވާތައް ކުރެއެވެ. އަންހެނުންގެ ޝުޢޫރުތަކާ ކުޅޭ ހިތްވާ މީހުންނަށް މި ފަދަ އަންހެނުންނަށް ސަލާންޖެހުމުގެ ފުރްޞަތު ތަނަވަސްވެއެވެ. 

ހަތަރުވަނަ ބަޔަކު އެމީހުންގެ ތަފާތު ފޮޓޯތައް ޞަފުޙާތަކަށް ލައެވެ.މިއީ ބައެއް ފިރިހެނުންނަށް މަސްހިފަން ލިބޭ  އޮއިވާލިތަކެކެވެ. މި ކަހަލަ ކަންކަމާމެދު ވިސްނާ ރައްކައުތެރިވުމަށް ކައު ރަސޫލާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ.(( مَا ترَكْتُ بعدي فِتنةً أضَرَّ مِن فِتنةِ النِّساءِ للرِّجالِ[11]  - އަންހެނުންގެ ފިތުނައަށް ވުރެ ފިރިހެނުންނަށް ގެއްލުން ބޮޑު ފިތުނައެއް ތިމަންކަލޭގެފާނަށް ފަހުގައި ނުވެއެވެ.)) 

ހަތަރުވަނަ ކަމަކީ: މީހުންގެ ޝަޚުޞީ ފޮޓޯތައް އާންމުންގެ ތެރެއަށް ފެތުރިގެންދިޔުން

މިއަދު މީސްމީޑިއާއަކީ އިޖުތިމާޢީ މަސްއަލަތަކުން ފުރިފައިވާ "ހިނި ދަރުގަނޑު" އެކެވެ. ﷲދެކެ ބިރުނުގަންނަ މީހުން މި ފަދަ ފޮޓޯތަކުގެ ބޭނުން އަނަފާކޮށް ބޭނުންކުރެތެވެ. ފިރިންނަށާއި ބެލެނިވެރިންނަށް އެމީހުންގެ އަނބިންނާއި އަންހެން ދަރިން ފަޟީޙަތުން ސަލާމަތްކުރުމަށް ޓަކައި ބުރަ ހޭދަތަކެއް ކުރަންޖެހޭ ތަން ފެނެއެވެ. މި ވެނި ފޮ ޓޯއެއް ނެޓުން ނެގޭނީ މިހާ ފައިސާ ދީގެން ކަމަށް ބުނެއެވެ. މިފަދަ ފޮޓޯތައް ނެޓަށް ލެވެނީ ތާރީފުގެ ބަހެއް ލިބޭތޯއެވެ. ރުހުމުގެ އަޑެއް އިވޭތޯއެވެ.

އަންހެނުން ފޮޓޮ ނަގައިފާ ފިރިހެނުންނަށް ނުވަތަ ފިރިހެނުން ފޮޓޯ  ނަގައިފާ އަންހެނުންނަށް މިގޮތަށް ހުށައެލުމަކީ އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަމެއްނޫނެވެ. އެއީ އުރެދުންތަކެއްގެ އިސްމަންޒަރަކަށް ވެދާނެ ކަމެކެވެ. އެއީ ދީން މަނާކުރާ ޙަރާން ޢަމަލުތަކަކަށް ދޮރުހުޅުވިގެން ހިނގައިދާނެ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.(( قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (30) وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا [12]- مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! )) ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((العَينانِ تزنيانِ وزناهُما النَّظرُ [13]– ދެ ލޯ ޒިނޭކުރެތެވެ. އެ ދޭތީގެ ޒިނޭއަކީ ބެލުމެވެ.))   (ނުނިމޭ)

 

ބައެއް ލަފުޒުގެ މާނަ:

ނައްސި     ނ.    (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (2) ނޭދެވޭ ނުވަތަ ނުރުހެވޭ. (3) ސުމަކަށް ވުރެ ދަށް. negative

ވިރަވުން     މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.  become viral

މީސްމީޑިއާ   ނ.    ގިނަބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media

ގަނާ       ނ.    (1) ކުރާ އުނދަގޫ، ތޮޅޭ ތޮޅުން ނުވަތަ ހާރުވާ ހޭރުވުން. (2) ދިމާކުރާކުރުން. (3) ކުރާ ގޯނާ ނުވަތަ ކުރާ ބުލީ. bully

ޗެޓު       ނ.    އޮންލައިންކޮށް އަނގަތެޅުމަށް ކިޔާ ނަން. chat


މަރުޖާ:

[1]  - أخرجه البخاري(٦٢٢٩)، وأبو داود (٤٨١٥)، وأحمد (١١٤٣٦و مسلم (٢١٢١)

[2]  - الحجرات: 11

[3]  - آل عمران: 6

[4]  - أخرجه مسلم (٢٥٦٤)، وابن ماجه (٤١٤٣)، وأحمد (٧٨٢٧) وابن حبان (٤٥٥٧)

[5]  - أخرجه الترمذي (٢٥٠٥)، وابن أبي الدنيا في ((الصمت)) (٢٨٨)، وابن حبان في ((المجرحين)) (٢/٢١٢)

[6]  - فيض القدير (6/ 183)

[7]  - سير أعلام النبلاء (8/ 427)

[8]  - النور: 4

[9]  - النور: 19

[10] - أخرجه الطبراني كما في ((مجمع الزوائد)) للهيثمي (٤/٢٠٤)

[11] -  أخرجه البخاري (٥٠٩٦) ومسلم (٢٧٤١)، والترمذي (٢٧٨٠)، والنسائي في ((السنن الكبرى)) (٩٢٧٠)، وابن ماجه (٣٩٩٨)، وأحمد (٢١٨٢٩

[12] - النور :  30 -31

[13]  -  أخرجه أحمد (٨٥٠٧) واللفظ له، وأخرجه البخاري (٦٢٤٣)، ومسلم (٢٦٥٧) مطولاً

ކޮމެންޓު