ad_banner
އިމާމާ ފަހަތުގައި ނަމާދުކުރާ މީހާ ސޫރަތުލްފާތިޙާ ކިޔެވުން

ޑރ. މޫސާ އަންވަރު ޙަސަން

18 ޑިސެންބަރު 2025

އިމާމާގެ ފަހަތުގައި ތިބި މައުމޫމުންތަކެއް މަޑުމަޑުން ސޫރަތުލްފާތިޙާ ކިޔަވަނީ

އިމާމާ ފަހަތުގައި ނަމާދުކުރާ މީހާ ސޫރަތުލްފާތިޙާ ކިޔެވުމަކީ ޢިލްމުވެރީންގެ މެދުގައި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. މި ކަމުގައި ޞަޙާބީންގެ ޒަމާނަށް ފަހުން ވެސް ވަރަށް ގިނަ ބަހުސްތައް ކުރެވިފައިވެއެވެ.

މިކަމުގައި ރާޖިޙު ނުވަތަ ބުރަދަން ހުރި ރައުޔަކީ، އިމާމާ ފަހަތުގައި ނަމާދުކުރާ މީހާ ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ސޫރަތުލްފާތިޙާ ކިޔެވުން ވާޖިބުވުމެވެ. އެއީ ސިއްރުން ކިޔަވާ ނަމާދެއް ކަމުގައި ވިޔަސް ނުވަތަ އަޑުހަރުކޮށް ކިޔަވާ ނަމާދެއް ކަމުގައި ވިޔަސް މެއެވެ. މިކަމަށް ދަލީލުކުރަނީ رسول الله صلى الله عليه وسلم ގެ ޢާންމު ބަސްފުޅު ކަމުގައިވާ (لا صَلاةَ لِمَن لَمْ يَقْرَأْ بفاتِحَةِ الكِتابِ) (صحيح البخاري (٧٥٦)، أخرجه مسلم (٣٩٤) މާނައީ: "ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ." އަދި ފަތިސް ނަމާދުގައި ކިޔެވުމާ ބެހޭ ގޮތުން ޞަޙާބީންނާ ވާހަކަފުޅު ދެއްކެވި ހިނދު رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (لَعلَّكم تَقْرَؤون خَلْفَ إِمَامِكم قَالُوا نَعَمْ قَالَ لَا تَفْعَلُوا إِلَّا بِفَاتِحَةِ الكِتَابِ فَإِنَّه لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِهَا) (أخرجه أبو داوود(٨٢٣) واللفظ له، وأحمد (٢٢٦٧١)، والطبراني في ((مسند الشاميين)) (٢١٠١) މާނައީ:"ތިޔަބައިމީހުންގެ އިމާމުގެ ފަހަތުން ކިޔަވަނީކަމަށް ތިމަންކަލޭގެފާނު ހީފުޅުކުރައްވަމެވެ." އެބޭކަލުން ދެންނެވިއެވެ. "އާދޭހެވެ." އެހިނދު ޙަދީޘްކުރެއްވިއެވެ. "ސޫރަތުލްފާތިޙާ ފިޔަވައި އެހެން އެއްޗެއް ނުކިޔަވާށެވެ. އެހެނީ އެ ސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއްނުވެއެވެ."

މި މައްސަލައިގައި ހަތަރު ރައުޔެއް ވެއެވެ. އޭގެތެރެއިން އެއް ރައުޔަކީ ކުރީން ބަޔާންކުރި ރައުޔެވެ.

ދެވަނަ ރައުޔަކީ، އިމާމާ ސިއްރުން ކިޔަވާ ނަމާދުތަކުގައި މައުމޫމު ކިޔެވުން ވާޖިބުވުމެވެ. ނަމަވެސް ބާރަށް ކިޔަވާ ނަމާދުތަކުގައި ވާޖިބުނުވުމެވެ. މިއީ އިމާމު ޝާފިޢީގެ ދެ ބަސްފުޅުގެ ތެރެއިން ކުރީގެ ބަސްފުޅެވެ. އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ އިޚުތިޔާރު ކުރައްވައިފައިވާ ގޮތެވެ. އެއީ، ސިއްރުން ކިޔަވާ ނަމާދުގައި އިމާމުގެ ކިޔެވުން މައުމޫމަށް ނުއިވޭތީއެވެ. އެހެންކަމުން، އިމާމާ ކިޔަވާ ހިނދު ހިމޭންވެ އަޑުއެހުމަށް އަމުރުކުރުމުގެ މާނައެއް ނުލިބޭނެއެވެ.

ތިންވަނަ ރައުޔަކީ، އިމާމާ މަޑުންކިޔާ ނަމާދުތަކުގައި މައުމޫމު ކިޔެވުން މުސްތަޙައްބު ކަމެކެވެ. ނަމަވެސް އިމާމު ބާރަށް ކިޔަވާ ނަމާދުތަކުގައި މައުމޫމުން ކިޔެވުން ޝަރުޢުކުރެވިފައިނުވާ ކަމެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.

ހަތަރުވަނަ ރައުޔަކީ، ޖަމާއަތުގެ ނަމާދުގައި އިމާމަށް ތަބާވާ މީހާ (މައުމޫމް) ނަމާދުގައި ކިޔެވުމަކީ އެއް ގޮތަކަށް ވެސް ޝަރުޢުވެފައިވާ ކަމެއްނޫންކަމެވެ. މިއީ އަހުލުއްރަޢުޔުގެ (ޙަނަފީ މަޒުހަބުގެ ފިޤުހުވެރިންގެ) ބަހެކެވެ.

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. "މި ކަމާ ބެހޭ ގޮތުން ހުރި މައިގަނޑު ރައުޔުތަކަކީ ތިން ރައުޔެވެ. ދެފަރާތުގެ ދެ ރައުޔަކާއި، މެދުތެރޭ ރައުޔެކެވެ. ފުރަތަމަ ރައުޔަކީ "އިމާމްގެ ފަހަތުން އެއްވެސް ހާލަތެއްގައި ކިޔަވާންނުޖެހޭކަމެވެ." ދެވަނަ ރައުޔަކީ "އިމާމްގެ ފަހަތުން ކޮންމެ ޙާލަތެއްގައިވެސް ކިޔަވާންޖެހޭކަމެވެ."  ތިންވަނަ ރައުޔަކީ އަދި މިއީ ގިނަ ސަލަފުން (ކުރީގެ ޢިލްމުވެރިން) ބުރަވެވަޑައިގަންނަވާ ރައުޔެވެ. "އިމާމް ކިޔަވާ އިރު އަޑުއިވޭ ނަމަ، އެ މީހާ ހިމޭންވެ އިސްކަންދީ އަޑުއަހާނީއެވެ. އަދި އޭނާއެއް ނުކިޔަވާނެއެވެ."

ابن قدامة رحمه الله ވިދާޅުވެފައިވެއެވެ. "އެ ބަސްފުޅުގެ ޚުލާސާއަކީ، އިމާމު މީހާ އަޑުހަރުކޮށް ކިޔެވި ނަމަވެސް ނުވަތަ ސިއްރުން ކިޔެވި ނަމަވެސް، އިމާމުގެ ފަހަތުން ނަމާދުކުރާ މީހާގެ މައްޗަށް (ޤުރްއާން) ކިޔެވުން ވާޖިބެއްނޫނެވެ. އަދި ޒުހުރީ، ޘައުރީ، އިބްނު ޢުޔައިނާ، މާލިކް، އަބޫ ޙަނީފާ އަދި އިސްޙާޤު މި ބޭބޭކަލުން ވެސް ވިދާޅުވެފައިވަނީ މި ފަދައިންނެވެ. ނަމަވެސް ޝާފިޢީއާއި ދާވޫދު ވިދާޅުވެފައިވަނީ ވާޖިބުވާނެކަމަށެވެ." މި ހުރިހައި ކަމެއް ހިމެނެނީ އިމާމާ އެކު ނަމާދުގެ ފުރަތަމަ ރަކުޢަތުން ފެށިގެން ބައިވެރިވާ މީހާގެ ޙައްޤުގައެވެ.

އިމާމު ރުކޫޢުގައި އޮއްވައި ޖަމާއަތުގައި ބައިވެރިވާ މީހާއަށް (މަސްބޫޤަށް) ފާތިޙާ ކިޔެވުން ޝަރުޢުކުރެވިފައެއްނުވެއެވެ. އެހެންކަމުން، އޭނާއަށް އޮތީ ތަކްބީރަތުލްއިޙްރާމް ކިޔުމަށްފަހު ސީދާ ރުކޫޢަށް ދިއުމެވެ. އެ ރަކުޢަތްތައް އޭނާއަށް ގެއްލިފައިވާތީ، އޭނާ ބެލެވެނީ އެކަނި ނަމާދުކުރާ މީހެއްގެ ގޮތުގައެވެ. ސަބަބަކީ، އޭނާ އިމާމަށް ތަބާވާ މީހެއް ކަމުގައި ނުބެލެވޭތީއެވެ. ވުމާ އެކު، އޭނާގެ ޙައްޤުގައި ކިޔެވުމުގެ ޙުކުމަކީ، އެކަނި ނަމާދުކުރާ މީހެއްގެ ޙައްޤުގައި ކިޔެވުމުގެ ޙުކުމެވެ. އެހެންކަމުން ބޮޑަށް ބުރަވެވޭ ރަޢުޔަކީ، ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ވެސް، އެއީ ސިއްރުން ކިޔަވާ ނަމާދެއް ކަމުގައި ވިޔަސް ނުވަތަ ބާރަށް ކިޔަވާ ނަމާދެއް ކަމުގައި ވިޔަސް، އިމާމު މީހާ ކިޔަވާ އަޑުއިވުނަސް ނުއިވުނަސް، މައުމޫމު މީހާ (އިމާމަށް ތަބާވާ މީހާ) ސޫރަތުލްފާތިޙާ ކިޔެވުން ވާޖިބުކަމުގައިވުމެވެ. الإمام البيهقي رحمه الله އިމާމު ވިދާޅުވިއެވެ. "މިއީ ސުންނަތާ އެއް ގޮތްވާ، އަދި އެންމެ ރައްކާތެރިކަމަށް ބެލެވޭ ރަޢުޔެވެ."

عبد العزيز بن باز رحمه الله  ވިދާޅުވެފައިވެއެވެ. ފާތިޙާ ކިޔެވުމަކީ، އެއްވެސް ޝަރުޠަކާ ނުލައި، ވާޖިބެކެވެ. އިމާމު މީހާ ހުއްޓިޔަސް ނުވަތަ ނުހުއްޓިޔަސް މެއެވެ. އިމާމު މީހާ މަޑުކޮށްފި ނަމަ، މައުމޫމުން އެ ވަގުތު ފާތިޙާ ކިޔެވުން ހުއްދަވެގެންވެއެވެ. މި ކަމުގެ ސަބަބުން ކިޔެވުމާއި އިމާމަށް ސަމާލުވުން އެއްކޮށްލެވޭނެއެވެ. އަދި ތިޔަބައިމީހުން ފާތިޙާ ކިޔަވާންފަށައި ނުނިމި ވަނިކޮށް އިމާމާ ކިޔަވާން ފެށި ނަމަވެސް، ފާތިޙާ ސޫރަތް ފުރިހަމަކުރާށެވެ. އޭގެ ފަހުން އިމާމަށް ސަމާލުވާށެވެ. މިއީ رسول الله صلى الله عليه وسلم ގެ ބަސްފުޅުގެ ސަބަބުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (لَعلَّكم تَقْرَؤون خَلْفَ إِمَامِكم قَالُوا نَعَمْ قَالَ لَا تَفْعَلُوا إِلَّا بِفَاتِحَةِ الكِتَابِ فَإِنَّه لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِهَا) (أخرجه أبو داوود(٨٢٣) واللفظ له، وأحمد (٢٢٦٧١)، والطبراني في ((مسند الشاميين)) (٢١٠١) މާނައީ: "ތިޔަބައިމީހުންގެ އިމާމުގެ ފަހަތުން ކިޔަވަނީ ކަމަށް ތިމަންކަލޭގެފާނު ހީފުޅުކުރައްވަމެވެ." އެބޭކަލުން ދެންނެވިއެވެ. "އާދޭހެވެ." އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ސޫރަތުލްފާތިޙާ ފިޔަވައި އެހެން އެއްޗެއް ނުކިޔަވާށެވެ. އެހެނީ އެ ސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ." މިއީ، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކާއި ސިއްރުން ކިޔަވާ ނަމާދުތަކުގައި ވެސް، އެއްވެސް ޝަރުޠަކާ ނުލައި މައުމޫމުން ފާތިޙާ ކިޔެވުމަށް އަންގަވައިފައިވާ ސާފު ނައްޞެކެވެ. ހަމަ މިފަދައިން رسول الله صلى الله عليه وسلمގެ ޢާންމު ބަސްފުޅުތަކުން ވެސް ފާތިޙާ ކިޔެވުމުގެ މުހިންމުކަން ހާމަވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (لا صَلاةَ لِمَن لَمْ يَقْرَأْ بفاتِحَةِ الكِتابِ) (صحيح البخاري (٧٥٦)، أخرجه مسلم (٣٩٤)  މާނައީ: "ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ."

ޢިލްމުވެރިންގެ އެންމެ ރަނގަޅު ބަސްފުޅުތަކަށް ބަލާ އިރު، އިމާމެއްގެ ފަހަތުން ނަމާދުކުރާ މީހާ (މައުމޫމް)އަށް ވާޖިބުވެގެންވަނީ ސިއްރުން ކިޔަވާ ނަމާދާއި އަޑުހަރުކޮށް ކިޔަވާ ނަމާދުގައި ވެސް (ސޫރަތުލްފާތިޙާ) ކިޔެވުމެވެ. މި ކަމާ ބެހޭ ގޮތުން ޢިލްމުވެރީންގެ ތިން ބަސްފުޅެއްވެއެވެ.

ފުރަތަމަ ބަސްފުޅު: މައުމޫމުން އެއްގޮތަކަށް ވެސް ނުކިޔަވާނެއެވެ. އެއީ ސިއްރުން ކިޔަވާ ނަމާދުގައި ކަމުގައި ވިޔަސް އަދި އަޑުހަރުކޮށް ކިޔަވާ ނަމާދުގައި ކަމުގައި ވިޔަސްމެއެވެ. އެހެނީ، އިމާމުގެ ކިޔެވުމުން މައުމޫމުން ކިޔަވާންނުޖެހުމެވެ.

ދެވަނަ ބަސްފުޅު: މައުމޫމުން ކިޔަވާނީ ސިއްރުން ކިޔަވާ ނަމާދުގައެވެ. ނަމަވެސް އަޑުހަރުކޮށް ކިޔަވާ ނަމާދުގައި މައުމޫނުން ކިޔަވާކަށްނުޖެހޭނެއެވެ. މި ކަމަށް ދަލީލުކޮށްދެނީ މާތް ގެ މިބަސްފުޅުގެ ޢާންމު މާނައެވެ. ﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾(سورة الأعراف 204) މާނައީ: "އަދި قرآن ކިޔަވާ ހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށް ޓަކައެވެ." އަދި رسول الله صلى الله عليه وسلم ގެ މިޙަދީޘް ބަސްފުޅެވެ. (وَإِذَا قَرَأَ الْإِمَامُ؛ فَأَنْصِتُوا) (أخرجه الروياني في ((مسنده)) (٥٦٥) واللفظ له.، وأحمد (١٩٧٢٣)، وأبو يعلى (٧٣٢٦) مطولًا. މާނައީ: "އިމާމު ކިޔަވާ ނަމަ ތިޔަބައިމީހުން އަޑުއަހާށެވެ."

ތިންވަނަ ބަސްފުޅު: މައުމޫމް ސިއްރުން ކިޔަވާ ނަމާދުގައްޔާއި އަޑުހަރުކޮށް ކިޔަވާ ނަމާދުގައި ވެސް ކިޔަވާނެއެވެ. މި ކަމަށް ދަލީލުކޮށްދެނީ رسول الله صلى الله عليه وسلمގެ މިޙަދީޘް ބަސްފުޅެވެ. (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) މާނައީ: "ފާތިޙާ ސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއްނުވެއެވެ." އަދި އެކަލޭގެފާނުގެ މިޙަދީޘް ބަސްފުޅެވެ. (لَعَلَّكُمْ تَقْرَؤُونَ خَلْفَ إِمَامِكُمْ؟) މާނައީ:"ތިޔަބައިމީހުންގެ އިމާމުގެ ފަހަތުން ކިޔަވަނީ ކަމަށްތަ؟" ތިމަންބޭކަލުން ދެންނެވީމެވެ. "އާދޭހެވެ!" އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (لَا تَفْعَلُوا إِلَّا بِفَاتِحَةِ الْكِتَابِ فَإِنَّهُ لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِهَا) މާނައީ: "ފާތިޙާ ސޫރަތް ނޫން އެއްޗެއް ނުކިޔަވާށެވެ. ފަހެ، އެސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ."

މި ޞަޙީޙް ޙަދީޘްތަކުން ދޭހަވަނީ، މައުމޫމް ސިއްރުން ކިޔަވާ ނަމާދުގައްޔާއި އަޑުހަރުކޮށް ކިޔާ ނަމާދުގައި ވެސް ޚާއްޞަކޮށް ފާތިޙާ ސޫރަތް ކިޔަވާނެކަމަށެވެ. އެއަށް ފަހު، ބާރަށް ކިޔަވާ ނަމާދުގައި ނަމަ، އިމާމަގެ އަޑުއަހާނީއެވެ. ނަމަވެސް މަޑުން ކިޔަވާ ނަމާދުގައި އިތުރަށް ކިޔެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ، އެހިނދު އަޑުއަހަންޖެހޭ ޤިރާއަތެއް ނޯންނާތީއެވެ. މާތް ގެ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ މިބަސްފުޅާއި ބެހޭގޮތުން ﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾(سورة الأعراف 204) މާނައީ: "އަދި قرآن ކިޔަވާ ހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ."

މިއީ ޢާންމު ޙުކުމެއް ޚާއްޞަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިންނެވެ. އަދި ސުންނަތުން ޤުރްއާން ޚާއްޞަކުރެއެވެ. މި އާޔަތް "ޤުރްއާނުން ކިޔަވާ އިރު އަޑުއެހުމަށް އަންގަވައިފައިވާ އާޔަތް" ޚާއްޞަވެފައިވަނީ ސޫރަތުލްފާތިޙާ ފިޔަވައި އެހެން އާޔަތްތަކަށެވެ. ހަމަ އެފަދައިން ރަސޫލާ صلى الله عليه وسلم ގެ މިބަސްފުޅު "އިމާމު މީހާ ކިޔަވާން ފަށައިފި ނަމަ، ފަހެ އަޑުއަހާށެވެ." މި ޢާންމު ޙުކުމް ޚާއްޞަވެފައިވަނީ ސޫރަތުލްފާތިޙާއަށެވެ. އެބަހީ:"ފާތިޙާ ފިޔަވައި އެހެން ސޫރަތްތައް ކިޔަވާ އިރުއެވެ." ޢާންމު އަސާސީ ޤަވާޢިދަކީ ސުންނަތުން ޤުރްއާން ޚާއްޞަކުރާކަމެވެ. އަދި ބައެއް ޙަދީޘްތަކުން އަނެއް ބައި ޙަދީޘްތައް ޚާއްޞަކުރާކަމެވެ. މިއީ އުޞޫލީ ޢިލްމުވެރިންނާއި، މުޞްޠަލަޙު ޢިލްމުވެރިންގެ ކިބައިގައި އެނގިގެންވާ ޤަވާޢިދެކެވެ. ފަހެ، ޝަރުޢީ ނައްޞުތައް ތަޢާރުޟުވާ ނަމަ ޢާންމު ދަލީލު ޚާއްޞަ ދަލީލުން ޚާއްޞަކުރުމާއި، މުޠުލަޤު ދަލީލު މުޤައްޔަދު ދަލީލުން ތަޤުޔީދުކުރުން ވާޖިބުވެއެވެ. މިއީ ޢިލްމުވެރިންގެ ކިބައިގައި އެނގިގެންވާ ކަމެކެވެ.

މިމައްސަލައިގައި الدرر السنيةގައި ބަޔާންކޮށްފައިވެއެވެ.

الفَرْعُ الأول: އިމާމު އަދި އެކަނިހުރެ ނަމާދުކުރާ ފާތިޙާ ކިޔެވުމުގެ ޙުކުމް:

ނަމާދުގައި ފާތިޙާ ސޫރަތް ކިޔެވުމަކީ، އިމާމަށް ވެސް އަދި އެކަނި ނަމާދުކުރާ މީހާއަށް ވެސް، ނަމާދުގެ އެއް ރުކުން ކަމުގައި ވެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ (ޖުމްހޫރުގެ) ރައުޔެވެ؛ މާލިކީ، ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންނާއި، ދާވޫދުއް ޒާހިރީ، އަދި ޞަޙާބީންނާއި ތާބިޢީންގެ އިތުރުން އެބޭކަލުންގެ ފަހުން އައި ގިނަ ޢިލްމުވެރިން ވެސް މި ރައުޔުގައި އެއްބަސްވެވަޑައިގެންފައި ވެއެވެ.

الفَرْعُ الثاني: އަޑުހަރުކޮށް ކިޔަވާ ނަމާދުގައި މައުމޫމަށް ފާތިޙާ ކިޔެވުމުގެ ޙުކުމް

އަޑުހަރުކޮށް ކިޔަވާ ނަމާދުގައި، މައުމޫމުގެ މައްޗަށް ސޫރަތުލްފާތިޙާ ކިޔެވުން ވާޖިބެއް ނޫނެވެ. މިއީ ޙަނަފީ، މާލިކީ، އަދި ޙަންބަލީ މަޛްހަބުގެ ބޭކަލުންގެ ރައުޔުކަމަށް ވާއިރު، ޝާފިޢީ މަޛްހަބުގެ ކުރީގެ ރައުޔަކީ ވެސް މިއެވެ. އަދި މިއީ ސަލަފުންގެ ގިނަ ބޭކަލުން ތާއީދުކުރައްވާ ރައުޔު ކަމުގައި ވެސް ވެއެވެ. އިބްނު ތައިމިއްޔާ ވެސް މި ރައުޔަށް ތާއީދު ކުރައްވައެވެ.

الفَرْعُ الثالث: ސިއްރު ނަމާދުތަކުގައި މައުމޫމުން ފާތިޙާ ސޫރަތް ކިޔެވުމުގެ ޙުކުމް

ސިއްރުން ކިޔަވާ ނަމާދުތަކުގައި މައުމޫމުން ފާތިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެންވެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންގެ ބަހެވެ. އަދި މާލިކީ މަޛްހަބުގެ އިބްނުލްޢަރަބީ އިޚުތިޔާރުކުރައްވައިފައިވާ ގޮތަކީ ވެސް މިއެވެ. އަދި އިބްނު ޙަޒްމާއި، އައްޞަންޢާނީއާއި، އައްޝައުކާނީއާއި، އިބްނު ބާޒާއި، އިބްނު ޢުޘައިމީންއާއި، އަލްބާނީ ވެސް މި ރައުޔަށް ތާއީދުކުރައްވައެވެ. އަދި اللجنة الدائمةއިން ވެސް މި ކަމަށް ފަތުވާދެއްވައިފައިވެއެވެ.

ކޮމެންޓު