އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
24 ޑިސެންބަރު 2025
ފެނަކީ ހުރިހައި ދިރުމެއްގެ އަސްލެވެ.
الله تعالى އެކަލާނގެ މާތް ފޮތުގައި ވަޙީކުރެއްވިއެވެ. ((أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ- الأنبياء : 30 – މާނައީ: ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެ ދޭތި ވަކިކޮށްލެއްވިކަން، كافرވި މީހުން ނުދަންނަނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން إيمانނުވަނީ ހެއްޔެވެ؟))
ފެނަކީ ޙަޔާތުގެ ސިއްރެވެ. ފެނާ އެކު ދުނިޔޭގެ ކަނޑުތަކާއި ކޯރުތަކުގެ ސައިޒާ އެއް ފަދަ ބޮޑު ސުވާލެއް ކުރިމަތިވެއެވެ. ފަޒާވާރުން[1] ދުރު ގުރަހަތަކަށް ދަތުރުކޮށް ފެން ހުރިތޯ ދިރާސާކުރަނީ ކީއްވެގެންހެއްޔެވެ؟
އިސްވެ ދެންނެވި ﷲގެ ބަސްފުޅުން އެ މީހުންގެ މި ސުވާލަށް ޖަވާބު ނުލިބޭހެއްޔެވެ؟
ކީމާވީ އެންމެ މަޝްހޫރު މުރައްކަބަކީ ފެނެވެ. ކީމާވިއްޔާތުގެ އަލިފުބާ ކިޔަވާ ކޮންމެ މީހަކަށް ފެނަކީ ހައިޑްރޯޖަންގެ 2 ޒައްރާއާއި އޮކްސިޖަންގެ ޒައްރާއެއް ގުޅިގެން އުފެދިފައިވާ މުރައްކަބެއްކަން އެނގޭނެއެވެ. މި ތިން ޒައްރާ ދެ ވާފަށަކުން ގުޅިފައިވެއެވެ. މި ދެ ވާފަށުގެ ދެމެދުގައިވާ ޒާވިޔާގެ މިންވަރަކީ 105 ދަރަޖައެވެ. ފެނުގެ ޖުޒައި (މޮލިކިޔޫލް)ގެ އެއް ތަނޑިއަކީ ފައްސި ދެ ޗާޖުގެ ތަނޑިއެކެވެ. އަނެއް ތަނޑިއަކީ ނައްސި އެއް ޗާޖުގެ ތަނޑިއެކެވެ. މީގެ އިތުރަށް ފެނަކީ އެއްޗެހި ގިރުވައިދޭ އެންމެ ބާރުގަދަ މާއްދާއެވެ. ޖަނަވާރުންނާއި ގަސްގަހާގެހީގެ ދިރޭ ހަތާތަކުގެ ހަޔަވީ ހުރިހާ ހަރަކާތްތަކެއްގައި ފެން، މުހިންމު ދައުރެއް އަދާކުރެއެވެ.
ކީމިޔާގެ ދަރުސުތަކުން މި ކަން އެނގުނަސް މި ދެ ގޭސް (ހައިޑްރޯޖަނާއި އޮކްސިޖަން) އެއްކޮށްގެން ފެން އުފެއްދުމަށް ސައެންސީން ވަނީ ނުކުޅެދިފައެވެ. މި ކަމުގެ ސަބަބަކީ ހައިޑްރޯޖަނަކީ ވަރަށް އަވަހަށް ރޯވެ ގޮވާ ގޭހަކަށް ވުމެވެ. އަދި އޮކްސިޖަން ވަރަށް އަވަހަށް ރޯވުމަށް އެހީވެދޭ ގޭހަކަށްވުމެވެ. މި ދެ ޢުންޞުރުގެ ކައިރިއަށް ކަންޏެއް ގާތްކޮށްލާ އިރަށް މި ދެ ޢުންޞުރު ފަޅައިގެންގޮސް ވަރަށް ބާރަށް ގޮވާނެއެވެ. އޭރުން އެ އުފެއްދުނީ ބާރުގަދަ ބޮމެކެވެ. 1937ވަނަ އަހަރު ހިނގި (Hindenburg) ބިރުވެރި ކާރިސާ އަކީ މި ފަދަ ކަމެކެވެ.
ތިބާގެ ހަށިގަނޑަށާއި މި ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާއަށް ބަލާށެވެ!ތިބާގެ ހަށިގަނޑުގެ އެންމެހައި ކަންކަން ހިނގަމުންދަނީ ފެނުގެ ސަބަބުންނެވެ.
ފެނުގެ އަހައްމިއްޔަތަކީ އޭގެ ޒާތުގައި މުޢުޖިޒާތެކެވެ. ކީރިތި ޤުރްއާނުގައި މި މުޢުޖިޒާތް ސިފަކޮށް ދެއްވައިފައިވަނީ އެންމެ ފަސް ކަލިމައިންނެވެ.((وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ - އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ.))
ފެނުގެ އަހައްމިއްޔަތު ފެނިގެންދަނީ ހަމައެކަނި ކެއުމާއި ބުއިމަކުންނެއްނޫނެވެ. މީގެއިތުރަށް ހަށިގަނޑުގެ ދިޔަތަކާއި ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރުގެ ތަވާޒުނު ހިފެހެއްޓުމަށް ޓަކައި ވެސް ފެނަކީ ވަރަށް މުހިއްމު ޢުންޞުރެކެވެ.މި ތަވާޒުނަށް ގަނޑުބަޑު ކަމެއް އަތުވެއްޖެނަމަ އިންސާނާ ހަލާކުވެ މަރުވެދާނެތެވެ.
ބައެއް ދިރޭއެއްޗެއްސަށް ވައިގެ އޮކްސިޖަނާ ނުލައި ދިރިއުޅެވިދާނެއެވެ. އެހެނަސް ފެނާ ނުލައި ދިރިއުޅެވިދާނެ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ.
ފެނުގެ ފައިދާތަކުގެ ތެރޭގައި ހޫނުކަން ކުޑަކޮށް ތިރިކޮށް ދިނުންވެއެވެ. އަޅުގަނޑުމެން ހުން އައިސް މާ މައްޗަށް ހުން ހިނގައްޖެ ނަމަ ފެނުން ބޮޑިތާންކުރަމުއެވެ. މި ކަމާ އެކު ހުން ތިރިވެ ހުން ވިހެލައެވެ. މީގެ އިތުރަށް އެއީ ހަށިގަނޑުގައި އުފެދޭ އެސިޑުން ހަށިގަނޑު ސަލާމަތްކޮށްދޭ އެއްޗެކެވެ. ފެނުގެ ސަބަބުން އެސިޑުގައި ހުންނަ ހުތްކަން ފިލައިގެންދާތީއެވެ. މި ކަންކަމާ ހުރެ، ފެނަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ އެންމެ ވަރުގަދަ ރައްކައުތެރި އުންސުރެވެ. މީހެއްގެ ހަށިގަނޑުގައި ހުންނަ ފެނުން 1 % މަދުވެއްޖެ ނަމަ ކަރުހިއްކާން ފަށާނެއެވެ. 5 % ފެން މަދުވެއްޖެނަމަ ކަރުތެރެއާ ދޫ ހިކިދާނެތެވެ. ބަސްމޮށުމަށް ދަތިވެދާނެތެވެ. އެއްޗެހި ދިރުވާން އުނދަގޫވެދާނެތެވެ. 10 % އަށް ފެން މަދުވެއްޖެ ނަމަ، އިންސާނާ ހަލާކަށް ހާސާކޮށްފާނެތެވެ.
ވުޖޫދުގައިވާ ހުރިހާ އެއްޗެއްގެ ކުރީން މާތް ﷲ ފެން އުފައްދަވައިފިއެވެ. ސޫރުދަ ނިޒާމުގައިވާ ގުރަހަތަކުގެ ތެރެއިން ފެނުގެ މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވާ ގުރަހައަކީ ބިމެވެ. ބިމުގެ 71 % އަކީ ފެނެވެ. ފެން ނެތް އެއްގަމުގެ މިންވަރަކީ 29 % އެވެ. މި ބިމުގެ ސަތަޙައިގެ މަތީގައި ގާތްގަނޑަކަށް 1.4 ބިލިއަން ކޮޑި ކީލީމީޓަރުގެ ފެން ހުރިކަމަށް ސައެންސީން ވިދާޅުވެއެވެ. ބިމުގެ ބަނޑުތެރޭގައި މާތް ﷲ ޚަޒާނާކުރައްވައިފައިވާ ފެން އަދި މާ ގިނައެވެ. މީގެ އިތުރަށް އުސް ފަރުބަދަތައް މަތީގައި މާތްﷲ ލައްވަވައިފައިވާ ގަނޑުފެނާއި ސުނޯއަކީ ވެސް ފެނުގެ މަޞްދަރެކެވެ.
ކީރިތި ޤުރްއާން ދިރާސާކުރައްވާ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސައެންސީންނަށް މި ޙަޤީޤަތްތައް އެނގުމުގެ ކުރީން މާތްﷲ މި ކަމުގެ ޙަޤީޤަތް ވަނީ ޤުރްއާނުގައި ބަޔާންކޮށްދެއްވައިފައެވެ. ކީރިތި ޤުރްއާނުގައި ފެނުގެ ވާހަކައިގެ އިތުރަށް ވާރޭއާއި ކަނޑާއި ކޯރާއި ވިލާފަދަ ފެނުގެ މަޞްދަރުތަކުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް ތަފާތު ސިފަސިފައިގައި ބަޔާންކުރައްވައިފައވެއެވެ. ފެން ލުއިވެއްޖެ ނަމަ އެއީ ވިލައެވެ. ބަރުވެއްޖެނަމަ އެއީ ކެރިއެވެ. ހޫނުވެއްޖެނަމަ އެއީ އާތްވެއެވެ. ފިނިވެއްޖެ ނަމަ އެއީ ޝަބްނަމާއި ސްނޯއާއި ގަނޑުފެނެވެ. ކޯރުތަކާއި ކުޅިތައް އުފެދިފައިވަނީ ފެނުންނެވެ. ފަޅައިގެން އިރިގެން މައްޗަށް އަރައިފި ނަމަ އެއީ އާރާއި ވަޅެވެ. ރިޒްޤުގެ އެންމެ މުހިންމު ބަހާއަކީ ފެނެވެ. ފެން ނެތި ޖަނަވާރަކަށް ނޫޅެވޭނެތެވެ. ގަސްގަހާގެއްސަކަށް ނުހެދެވޭނެތެވެ. ސުބްޙާނަﷲ !
ކީރިތި ޤުރްއާނުގައި (ماء – ފެން) މި ލަފުޒު 63 ފަހަރު އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގައި ފެނުގެ ވާހަކަ އެންމެ ފުރަތަމަ އައިސްފައިވާ އާޔަތަކީ ((الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلَا تَجْعَلُوْا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُوْنَ - البقرة : 22 – މާނައީ: އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزقއެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالقވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّهއަށް شريكންތަކެއް ތިޔަބައިމީހުން ނުލާށެވެ!)) މި އާޔަތުގެ ތަރުތީބީ ވަނައަކީ 22އެވެ. އެއީ 11 + 11އެވެ. 11އަކީ މި އާޔަތުގައި މި ކަލިމައިގެ ތަރުތީބީ ވަނައެވެ.
އަޖައިބުވަނިވި ކަމަކީ سورة البقرةގެ ކަލިމަތައް ފެށޭ ކޮޅުން ތިބާ ގުނައިފި ނަމަ (مَاء) މި ކަލަމައިގެ ތަރުތީބަކީ 253ކަމުގައި ވުމެވެ. ތިބާ މި ސޫރަތުގެ ފެށޭ ކޮޅުން އާޔަތްތަކުގެ އަދަދު (1 އިން 22 އަށް) ގުނައިފި ނަމަ އޭގެ ޖުމްލައަކީ 253އެވެ.
- 253 = 11 × 23 އެވެ. 11 އަށާއި 23 ށް ބަލަމާ ހިނގާށެވެ!
- 11އަކީ މި އާޔަތުގައި (مَاء) މި ކަލިމައިގެ ތަރުތީބީ ވަނައެވެ. 23އަކީ މި އާޔަތުގައިވާ ކަލިމަތަކުގެ އަދަދެވެ.
- އިތުރަށް ވިސްނައިލަމާ ހިނގާށެވެ. 23އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ. ވަޙީ ބާވައިލެއްވީ އުޑުންނެވެ. ފެން ވެސް ވެއްސަވަނީ އުޑުންނެވެ. ވަޙީއަކީ ހިތްތަކުގެ ދިރުމެވެ. ފެނަކީ ބިމުގެ ދިރުމެވެ. ބިމުގައި އުޅޭ އެއްޗެހީގެ ދިރުމެވެ.
އެހެނަސް މިތާނގައި 23 އިޝާރަތްކުރަނީ އެހެން ކަމަކަށެވެ. ކީރިތި ޤުރްއާނުގެ ޑޭޓާތަކުގައި އަދަދުތައް ތަފާތު ގޮތްގޮތަށް ތަފާތު މާނަތަކަށް އިޝާރަތް ކުރުމަށް ޓަކައި އައިސްފައިވެއެވެ. މި ކަމުގައި އަރައިރުމެއް ނެތެވެ. (ނުނިމޭ)
ބައެއް ލަފުޒުތައް ލިޔުންތެރިޔާ ބޭނުންކުރެއްވި މާނަ:
ހަތާ ނ. ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭ އެއްޗެހި އެ އެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭ އެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. cell
ޙަޔަވީ ނއ. ދިރޭ ތަކެއްޗާ ގުޅުން ހުރި.
ހާސާ ނއ. (1) ނިވަލެއް ނުވަތަ ހިމާޔަތެއް ނެތިގެން ހާމަވެފައިވާ. (2) ހާމަ. exposed
ބޮނޑިތާންކުރުން މ. (1) ފޮތިގަނޑެއް ހޫނު ފެނުން ތެންމައިގެން ނުވަތަ ފިނިކުރި ފެން ތެންމައިގެން ގައިގައި އޮބުން. (2) ބޮނޑިތާން ހޫނުކޮށްގެން ފަރުވާޔަކަށް ޓަކައި ގައިގައި އުނގުޅުން. (3) ފަރުވާޔަކަށް ޓަކައި ކޮންމެވެސް އެއްޗަކުން މާލީސްކުރުން. (4) ފަރުވާޔަކަށް ޓަކައި، އެއްޗަކުން ގައިގައި އޮބުން. massage
*ކީމާވީ ނއ. ކީމިޔާއާ ގުޅޭ
އާވި ނ. (1) ދިޔާއެއްޗިއްސާއި މި ނޫން ތަކެއްޗަށް ހޫނުވީމާ އެއިން އުފެދޭ ގޭސް. vapour (2) އެއްޗަކަށް ހޫނުވެގެން އަރާ އުދާސްvapour (3) ބައެއް ތަކެތީން ނަގާ ލުއިތެލެއް. gas
*އިކްސީރު ނ. ޚިޔާލީ މަޢުދަނެއް
އުންސުރު ނ. (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. (3) ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާންމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލުކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ.
*އޮކްސިޖަން ނ. އިންސާނާ ނޭވާލުމަށްޓަކައި ބޭނުންވާ ގޭހުގެ ބާވަތް
*ފަޒާވާރުން ނ. ފަޒާއަށް ދަތުރުކުރާ ފަޅުވެރީން (އެސްޓްރޮނޯޓުން)
ގުރަހަ ނ. ނާރެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ، އޭގެ އަމިއްލަ ދަމާބާރުގެ ސަބަބުން ވަށް ބައްޓަމެއް ހިފެހެއްޓުމާއެކު އޭގެ ފަލަކު މުޅިން ސާފުކޮށް، އަމިއްލަކޮށްފައިވާ ކައުނީ ޖިސްމެއް.
*ސައެންސީން ނ. ސައެންސްވެރީން scientists
ސޫރުދަ ނިޒާމު ނ. އިރު ނުވަތަ ސޫރުދައާއި އޭގެ ވަށައިގެން ދައުރާނަވާ ގުރަހަތަކާއި ގުރަހިލަތަކާއި ދުންތަރިތައް އެކުލެވޭ ކައުނީ ނިޒާމު. solar system
ސުނޯ ނ. ވައިގައި ހުންނަ ތެތްކަން ފިނިކަމުގެ ސަބަބުން ގަނޑުވެގެން އުފެދޭ އެތި ކޮޅު. މި ހުންނާނީ ހުދުކޮށެވެ. ކަފަހައި ލުއިކޮށެވެ. (ވައިގައި ހުންނަ ތެތްކަން މި ގޮތަށް ބަދަލުވަނީ ސުންދަރަޖަ ސެލްސިއަސް ދަރަޖައިގައެވެ.) snow
ޑޭޓާ ނ. ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު. data
ޒައްރާ ނ. (1) އެއްޗަކުން ވަކިވާ ހަމަލޮލަށް ނުފެންނަހާ ކުޑަ މިންވަރު. 2) ވައިގެ ތެރޭގައި އުދުހޭ ކުދިކުދި އެތިއެތިކޮޅު. (3) އެޓޮމް atom
ޒާވިޔާ ނ. ސީދާ ދެ ރޮނގެއް ބައްދަލުވާ ނުކުތާގައި ދެ ރޮނގު ދޭތެރޭ އުފެދޭ ޖާގަ. މި ޖާގަ އާންމުކޮށް މިންކުރާނީ ދަރަޖައިންނެވެ. angle
*ޖުޒައި ނ. މޮލެކިޔޫލް
_________________________________________
*ރަދީފުގައި ނެތް، އެކަމަކު ލިޔުންތެރިޔާ ބޭނުންކުރައްވައިފައިވާ އާ ލަފުޒުތައް
މަރުޖާ:
[1] - އެސްޓްރޮނޯޓުން