އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
22 ޑިސެންބަރު 2025
ފަންނިއްޔަތުގެ ބާރުތައް
މިއަދުގެ އިޤްތިޞާދީ ޢާލަމީ މައިދާނަކީ އޭގެ މައްޗަށް ހެދިބޮޑުވުމުގެ ޤާނޫނު ހިނގާ ތަނެއް ނޫނެވެ. އޭގެ މައްޗަށް ދައުލަތްތަކުގެ ރޭވުން ހިނގާ ތަނެއް ނޫނެވެ. އޭގެ މައްޗަށް މަރުކަޒީ ބެންކުތަކުގެ އަމުރުތައް ހިނގާ ތަނެއް ވެސް ނޫނެވެ. މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ޢާލަމީ މައިދާން ހިނގަނީ ފުރޮޅެނީ ދައުރުކުރަނީ މަޑުމަޑުން އޮވެގެން ހަމަހިމޭންކަމާއެކު ހަތް ބާރަކުން ނުވަތަ ހަތް ކުންފުންޏަކުން މޮޑޭ ފުށްގަނޑަކާ އެއްގޮތަށެވެ. މި ކުންފުނިތަކުގެ ދަށުގައި ލަޝްކަރެއް ނެތެވެ. އދ މަޖިލީހުގައި ގޮނޑިއެއް ވެސް ލިބިފައެއް ނުވެއެވެ. އެހެނަސް މި ކުންފުނިތަކަށް ލިބިފައިވާ ބަސްބުނުމުގެ ބާރު ބޮޑެތި ޞިނާޢީ ގައުމުތަކުގެ ބާރަށް ވުރެ ބޮޑެވެ. ޑޭޓާއާއި ކޮންޕިޔުޓަރާއި ސިނާރުގެ މީޔާރުތަކުން ބާރު ވަޒަންކުރަމުންދާ މި ޒަމާނުގައި މި ކުންފުނިތައް ބަދަލުވެފައި މި ވަނީ ދައުލަތުގެ އާންމު ގިއުގަނޑުން ބޭރުގައިވާ ދައުލަތުގެ މަރުކަޒީ ބާރާ ފަރަލިކޮށް ވާދަކުރާ ބާރަކަށެވެ. މި ކުންފުނިތަކުން ދުނިޔޭގެ ފެންވަރުގައި އިޤްތިޞާދާއި ސިޔާސަތު ރާވައި ޙައްޤުތައް ކަނޑައަޅައެވެ.
މި ކިޔާނުތަކަކީ: އެޕަލް – މައިކްރޯސޮފްޓް – އެންވިޑިޔާ – އެމަޒަން – އަލްފާބެޓް - މީޓާ – ގޫގްލް އެވެ. 51 ޓްރިލިއަން ޑޮލަރަށް ވުރެ މަތީގެ އެސް އެންޑް ޕީ 500 އިންޑެކްސް ބާޒާރުގެ ތިންބައިކުޅަ އެއްބައި މިހާރު ކޮންޓުރޯލުކުރަނީ މި ހަތް ކިޔާނުންނެވެ.
މި ވާހަކައިގެ އިންތައް މާލީ އިންޑެކުސްތަކާ ހަމައަކުން ނުހުއްޓެއެވެ. އަދި ސިލިކޯން ވާދީގެ މައްޗަށް އަތްގަދަކޮށްފައިވާ އަތްގަދަކުރުމާ ހިސާބަކުން ވެސް ނުނިމެއެވެ. މި ކިޔާނުތަކުގެ ހެދިބޮޑުވުމާއި އަތްނުފޯރާ ފަށަށް އުސްވެގެން ދިޔުމުގެ ސަބަބުން އުފެދިފައިވާ ބާރުގެ އައު ފަށަލަތަކަކީ އާންމު އިޤްތިޞާދީ މިންގަނޑުތައް ފަހަނަޅައި ގޮސް، ޙައްސާސީކަން ބޮޑު ފަޒާތަކަކަށް ވާޞިލުވެފައިވާ ބާރެކެވެ. މިއަދު ހޭލުންތެރިކަމާއި އިންސާނީ ސުލޫކު ބައްޓަންކުރުމާއި، ގައުމުތަކާއި ގައުމުތަކުގެ ރައްޔިތުންގެ ޙަޔާތުގެ ލޭނާރުތައް ކޮންޓުރޯލުކުރާ ސުމޭކީ ބިނާރުތައް އޮތީ މި ހަތް ކިޔާނުގެ ދަށުގައެވެ. މި ކަމުގެ ބިރު މިއަދު ވަނީ އިޤްތިޞާދީ ތަޙުލީލީ ކޮޓަރިތަކުން ނުކުމެ އދ.ގެ މާލަންތަކުގެ ތެރެއަށް ވަދެފައެވެ. އިންސާނާގެ ޙައްޤުތަކާ ބެހޭ ހައި ކަމިޝަނަރު Volker Turk ވިދާޅުވާ ގޮތުގައި ހަތް ކުންފުންޏެއްގެ ބާރުގެ ދަށުގައި އިޤްތިޞާދީ ބާރާއި މަޢުލޫމާތު (ޑޭޓާ)ގެ ބާރު އޮތުމަކީ އިންސާނާގެ ޙައްޤުތަކަށާއި ދީމުޤްރާޠީ ބިންގާތަކަށާއި އަސާސުތަކަށް އޮތް ބޮޑު ބިރެކެވެ. މި ކަމުގެ ސަބަބުން މި އަސާސުތައް ކުރީން ދެކެފައިނުވާ ފަދަ ބިރުވެރި ޙާލަތަކަށް ޙާލަތު ބަދަލުކޮށްލައިފިއެވެ.
މިއަދު މިކުންފުނިތަކުގެ ނުފޫޒު ފެތުރިފައިވަނީ ހަމައެކަނި ބައިނަލްއަޤްވާމީ ބާޒާރުތަކަކަށްނޫނެވެ. މި ކުންފުނިތައް އެއަށް ވުރެ މާ ދިގުވެ މިހާރު ވަނީ މި އަންނަ ދާއިރާތަކަށާއި މަޖާލުތަކަށް ފޯރައިފައެވެ.
§ އެލްގޮރިޒަމާއި ވިސްނުންތޫނު ނަމޫނާތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހަކަތަކަމުގައިވާ އެތައް ބިލިޔަން އިންސާނުންގެ ޑޭޓާތަކުގެ މައްޗަށް ވަނީ ވެރިވެގެންފައެވެ.
§ ފަރުދުންގެ ވިސްނުމާއި އިޚްތިޔާރުތަކަށް އަސަރުފޯރުވާ އަދި ޖަމާޢަތީ ސުލޫކު އަލުން ފަރުމާކުރާ ސިނާރީ އަދާތުތައް ވަނީ މިލްކުކޮށްފައެވެ.
§ އާންމު ރައުޔު އުފެއްދުމަށާއ ސިޔާސީ އަދި އިޤްތިޞާދީ މަޝްވަރާތައް މިސްރާބުކުރުމަށް ބޭނުންވާ މީސްމީޑިއާގެ އޮޅިތައް ވަނީ ކޮންޓްރޯލްކޮށްފައެވެ.
§ ސަރުކާރުތަކާއި މާލީ މުއައްސަސާތަކާއި މީޑިއާ މަރުކަޒުތަކާއި ޞިއްޙީ މުއައްސަސާތައް ބަރޯސާވާ ކޮންޕިޔުޓަރު ބިނާރުތަކާއި ކްލައުޑް ބިނާރުތައް ވަނީ ކޮންޓްރޯލްކޮށްފައެވެ.
މިއަދު މި ކުންފުނިތަކަކީ ފައިދާއާއި ގެއްލުމުގެ ވިޔަފާރި ކުރާ ކުންފުނިތަކެއްނޫނެވެ. މި ނިޒާމު ފަހަނަޅައިގޮސް މި ކުންފުނިތައް ވަނީ މަޢުލޫމާތުތައް މިސްރާބުކުރާ، ގައުމުތަކުގެ އިންތިޚާބުތަކުގެ ނަތީޖާތަކަށް ބާރުފޯރުވާ، ގައުމީ ވިއުގަތަކުގެ މަސައްކަތް ހުއްޓުވާ، އިޤްތިޞާދީ ސެކުޓަރުތައް ވާކޮށްލާ ބޮޑު މާރިދަކަށް ވެފައެވެ.
އިޤްތިޞާދީ ބައެއް މާހިރުންނާއި މުފައްކިރުން ސިފަކުރައްވާ ގޮތުގައި މިއީ ސިޔާދަތީ ފުރަ ބާރެއްގެ އުފަންވުމެވެ. މި ކުންފުނިތަކަށް ކަނޑައެޅިފައިވާ ޖޯގުރަފީ ސަރަހައްދެއް ނެތެވެ. މި ކުންފުނިތައް މަސައްކަތްކުރަނީ ސަރުކާރުތަކަށް ފާރަލެވޭ ވަރަށް ވުރެ މާ ބާރަށް ޢާލަމީ ގިއުގަނޑެއްގެ ތެރޭގައެވެ. ޤާނޫނުހަދާ ބާރުތަކަށް އައިސް އަރާ ހަމަނުކުރޭވޭ ވަރަށް ވުރެ އަވަހަށް ކުޅިގަނޑު ކުޅެ ނިންމައިލުމުގެ ގަވައިދުތަކަށް ބަދަލުގެނައުމުގެ ބާރާ އެކުގައެވެ. ފަންނިއްޔަތުގެ ބާރާއި ވެރިކަމުގެ ބާރާ ދެމެދުގައި އޮންނާން ޖެހޭ ތަވާޒުނު މި ކުންފުނިތަކުގެ އަތަށް ބަރުވެފައިވަނީ ނުރައްކާތެރި މިންވަރަކަށެވެ. ސުމޭކީ އިޤްތިޞާދު، ވެރިކަމުގެ އައު ނަމޫނާއަކަށް ބަދަލުވުމުންނެވެ. އިޖުތިމާޢީ އުޞޫލުތަކަށް ނުބަލައި އެލްގޮރިޒަމުގެ އުޞޫލުތަކަށް ބަލައިގެންނެވެ.
ކުރުކޮށް ދަންނަވާނަމަ މި ހަތް ކުންފުނި މިއަދު މި ވަނީ ދައުލަތް ހުރަސްކޮށްފައިވާ އިޤްތިޞާދީ – ސިޔާސީ ބާރަކަށް ވެފައެވެ. ފަންނިއްޔަތުގެ ކުރިން، އިންސާނާ ޙިމާޔަތެއް ނުކުރެއެވެ. އެލްގޮރިޒަމުގެ ކުރީން، ޙައްޤު ޙިމާޔަތެއް ނުކުރެއެވެ. މި ކަމުގެ ސަބަބުން ޢާލަމީ ނިޒާމު ރޫޅިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ބައެއް ލަފުޒުގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުންހުރި އެއްޗެއް. entity
ޢާލަމީ ނއ. ބައިނަލްއަގުވާމީ international
އޮޅި ނ. (1) ގަވައިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކު މީހުން. (2) ދޮރުދޮރުގެ މައްޗާއި ތިރީގައި ހުންނަ ހުރަސް. (3) އަށިއަށީގެ ދެފަރާތުގައްޔާއި ދެކޮޅާއި މެދުގައި ހުންނަފަތް.
ވަޒަންކުރުން މ. (1) މިންވަރު ބެލުން. (2) ބަރުދަން ބެލުން. (3) ފެންވަރު ބެލުން. evaluate
މާހިރު ނ. (1) ކޮންމެވެސް ފަންނަކަށް ކުޅަދާނަ މީހާ. (2) ކޮންމެވެސް ފަންނެއްގައި އަރައިހުރި މީހާ. expert
މާރިދު ނ. ފިރިހެން ޖިންނީންގެ ތެރޭގައި ހިމެނޭ ގަދަފަދަ ބިޔަ ޖިންނިއެއް.
މުފައްކިރު ނ. ކަނަކަމާ މެދު ފިކުރު ހިންގައި މޮޅު ޙިކުމަތްތައް ހާމަކުރާ މީހާ (ރަދީފުގައި ނެތް ލަފުޒެއް)
މީޔާރު ނ. އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އަންމު ހަމަ (3) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް. standard
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
މީސްމީޑީއާ ނ. ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.
ފަރަލި ނ. (1) އިދި ދެ ބިތް އެއްވަރު، ހަތަރު ބިތް ހުންނަ ބައްޓަން. Parallelogram
ފަރަލި ނއ. ދެމެދުގައި އެއް ދުރުމިނެއް އަބަދުވެސް ހުންނަ. Parallel
ފަންނިއްޔަތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އުފައްދާ އާލަތްތައް.
ދައުލަތް ނ. ގައުމެއްގައި އެ ގައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން ވެރިކަމުގެ ބާރުހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަހައްދާއި މިހުރިހައި ފަރާތަކަށް ޖުމްލަކޮށް ކިޔާ ނަން. state
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.
ގިއުގަނޑު ނ. (1) އެކިއެކި މަސައްކަތަށް ކަނޑައެޅިފައި ހުންނަ މިންގަނޑު. (2) އޮނިގަނޑު (3) ފުރޭމު frame
ސުމޭކީ ނއ. ސުމޭކަށް ނިސްބަތްވާ (ރަދީފަކު ނޯންނާނު) digital
ސިނާރު ނ. ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. Artificial Inteligence (AI)
ޑޭޓާ ނ. ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު.