ad_banner
ކޮލަމް ހަމަ (51): އަދަބީ ލިޔުންތަކުގައި ބޭއަދަބީ ލަފުޒު ބޭނުންކޮށްގެންނުވާނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

23 ޑިސެންބަރު 2025

ދިވެހި ވަޒީރު (ކ)އާއި ދިވެހި އެކެޑަމީގެ ރައީސް

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ސިލްސިލާ މަގާލުތަކުގައި މި ފަހަރު ވެސް އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ އާދައިގެ ޖުމުލައަކަށް ނޫނެވެ. އެ ޖުމުލައެއް ލިޔެލާން ވެސް އަޅުގަނޑު ޖެހިލުންވާ ޖުމުލައެކެވެ. އަޅުގަނޑު ކުށްވެރިވެދާނެތީ ބިރު ވެސް ގަންނަ ފަދަ ޖުމުލައެކެވެ. ނަމަވެސް ކޮމާ ކޯޅީގައި މި ވަނީ އަޅުގަނޑުގެ ޖުމުލައެއް ނޫނެވެ. އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ.

އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެންވީމާ އެ ނޫހުގައި ލިޔުއްވި ލިޔުންތެރިޔާ ކުށްވެރިނުވެ އަޅުގަނޑު ކުށްވެރި ނުވާނެ ކަމުގެ އުންމީދުގައި އެ ޖުމުލަ ރަނގަޅުކޮށްލުމުގެ ނިޔަތުގައި އެ ޖުމުލަ ބޭނުންކޮށްލާނަމެވެ. މަޢާފުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ.

އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، ފާހަގަކުރެވޭ ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާ އެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.

މިއަދު އަޅުގަނޑު މި ނަކަލުކޮށްލަނީ މި ދަންނަވާ ޖުމުލައެވެ. "ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ބަޔަކު ޖަމަލު ގޮރު ބޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ." މި ޖުމުލައެވެ. މި ޖުމުލައިން ލަފުޒު އެތުރުމާއި ލަފުޒު ދުރުކުރުމާއި ސުކުންކުރުމާއި އައިބައިފިލީގެ ހަމަތާކައި މި ފަދަކަންކަން ބަހުގެ ހަމަތަކަށް ފެތޭކަން އުފަލާ އެކު ފާހަގަކޮށްލަމެވެ. ތަހުނިޔާ ދަންނަވަމެވެ.

މި ޖުމުލައިން ފާހަގަކުރެވުނީ ދެތިން ކުށެކެވެ. ބަހަވީ ނަޒަރުން ކުށަކަށް ނުވިޔަސް އަދަބީ އަދި އިޖުތިމާޢީ ނަޒަރުން ބަލާއިރު ދެތިން ކުށެއް އެބަ އޮތެވެ. ފުރަތަމަ ކުށަކީ "ގޮރު ބޯ" މި ޢިބާރާތެވެ. ނަމަކާއި ކަމެކެވެ. "ގޮރު" މިއީ ބޭއަދަބީ ބަހުރުވައި އިސްތިމާލުކުރާ ލަފުޒެކެވެ. ރުޅިވެރިކަމާ އެކު ހުތުރުބަހުން މުޢާމަލާތުކުރުމުގައި މި ނަން ބޭނުންކުރިޔަސް، މިއީ ނޫސްވެރިކަމުގެ ދާއިރާގައި އަދި އަދަބީ އެއްވެސް ލިޔުމެއްގައި ބޭނުންކުރުން ރަނގަޅު ލަފުޒެއް ނޫނެވެ. މިއީ އަޅުގަނޑުމެން އިސްތިމާލުކުރާ ލަފުޒަކަށް ނުވިޔަސް ކިހިނެއް ކޮން މާނައެއް ކަމުގައި ބޭނުންކުރާ ލަފުޒެއްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެތީ އެ ވާހަކަތައް ދަންނަވާކަށް ނެތީމެވެ.

ދީނީ ބައެއް ފޮތްތަކުގައި މި "ލަފުޒު"، ކުރީން ބޭނުންކޮށްފައި ހުންނަނީ "ކުޑަގިފިލި"ގެ ގޮތުގައެވެ. ނަމަވެސް މި ފަހަކަށް އައިސް ދީނީ، ޤާނޫނީ، ޞިއްޙީ ލިޔުންތަކުގައި ބޭނުންކޮށްފައި ހުއްޓައި ފެންނަނީ "ކުޑަކަމުދާ ތަކެތި" މިހެންނެވެ. އާންމު މުޢާމަލާތްތަކުގައި "ހީސް"، "ފަހަރުވާ" ފަދަ ނަންނަން ބޭނުންކުރިޔަސް އައިބެއް ނޫނެވެ. ނަމަވެސް ލިޔެކިޔުންތަކުގައި ގިނައިން ބޭނުންކޮށްފައި ހުއްޓައި ފެންނަނީ [ކުޑަކަމުދާ ތަކެތި] މިހެންނެވެ. މިއީ ހަގީގަތުގައި ލަފުޒެއް ނޫނެވެ. ޢިބާރާތެކެވެ. އަދި ޞިއްޙީ ދާއިރާގައި މި މާނައިގައި ބޭނުންކުރާ ލަފުޒެއް ވެސް ރަދީފުން ފެނެއެވެ. [މޫތު]އެވެ.

އަޅުގަނޑު ނަކަލު ކޮށްލި ޖުމުލައިން ފާހަގަކޮށްލާން ބޭނުންވާ އަނެއް ލަފުޒަކީ [ވައިރަލްވެއްޖެ] މި ލަފުޒެވެ. މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒެއް އެބަ އޮތެވެ. އެއީ [ވިރަވެއްޖެ] މިލަފުޒެވެ. [ވިރަވުން] މި ލަފުޒު ދިވެހިބަހުގެ ރަދީފުގައި އެބަ އޮތެވެ. (މާނަ ތިރީގައި އޮންނާނެއެވެ.)

އަދި ވެސް އެއް ލަފުޒު އެބަ އޮތެވެ. އެއީ "ސޯޝަލް މީޑިއާ"އެވެ. "ސޯޝަލް މީޑިއާ"ގެ ބަދަލުގައި ބޭނުންކުރާ ދިވެހި ލަފުޒެއް ވެސް މިހާރު ވަނީ އާންމުކޮށް ބޭނުންކުރާން ފަށައިފައެވެ. އެ ލަފުޒު މުޖުތަމަޢުވަނީ ބަލައިގެންފައި ވެސް މެއެވެ. އެއީ "މީސްމީޑިއާ"އެވެ.

މިއަދު އަޅުގަނޑު ޚާއްޞަކޮށްލި ޖުމުލައިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ރަނގަޅު ލަފުޒު ޚިޔާރުކުރުމުގެ ވާހައެވެ. ޖުމުލައިގައި ލަފުޒު ތަރުތީބުކުރައްވައިފައިވާ ގޮތަށް ބަދަލު ގެނެސް އެހެން ގޮތަކަށް، ނުވަތަ އެއަށް ވުރެ މޮޅަށް ލަފުޒުގެ ތަރުތީބުނުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ފާހަގަކޮށްލީ ހަމައެކަނި ރަނގަޅު ލަފުޒު ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ ވާހަކައެވެ.

އިސްވެ އަޅުގަނޑު ދެންނެވި ވާހަކަތަކަށް ރިޢާޔަތްކޮށް، އަޅުގަނޑު މިއަދު އެ ޖުމުލައަކާ މެދު، މި ވާހަދެއްކި ޖުމުލަ އޮންނާން އަޅުގަނޑަށް ފެންނަ ގޮތަކީ، [ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ޖަމަލުގެ ކުޑަކަމުދާ ތަކެތި ބޯން ބަޔަކު ތިބޭ ވީޑިއޯއެއް މީސްމީޑިއާގައި ވިރަވެއްޖެއެވެ.] މިއީއެވެ. ނަމަވެސް ޞިއްޙީ ދާއިރާއާ ގުޅުން ހުރި ކަމަކަށް ވާތީ އެ ޖުމުލައިގައި [ކުޑަކަމުދާ އެއްޗެހީ]ގެ ބަދަލުގައި ބޭނުންކުރާން އަޅުގަނޑަށް އެންމެ ރަނގަޅީ އަދި ކުރުވެފައި ފަސޭހައީ ވެސް [މޫތު]އެވެ. އޭރުން އެ ޖުމުލަ އޮންނާނީ [ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ޖަމަލުގެ މޫތު ބޯން ބަޔަކު ތިބޭ ވީޑިއޯއެއް މީސްމީޑިއާގައި ވިރަވެއްޖެއެވެ.] މިހެންނެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުންތަކުގައި މި ކަންކަން އިޞްލާހުކުރައްވާން ވިސްނުންފުޅު ބެހެއްޓެވުމެވެ. ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީއިން އުފައްދަވައި އާންމުކުރައްވާ އާ ލަފުޒުތައް ނޫސްވެރީންނާއި ލިޔުންތެރީން ބޭނުންފުޅުކުރެއްވުމަކީ ވެސް ދިވެހިބަހަށް ކުރެއްވޭ ޚިދުމަތެއް ކަމަށް ވާނެކަން ގަބޫލުފުޅުކުރައްވައި އެ ފަދަ ލަފުޒުތައް މީޑިއާގައި ބޭނުންފުޅުކުރެއްވުން އާދަކުރެއްވުމެވެ.

ބައެއް ލަފުޒުގެ މާނަ:

ވިރަވުން     މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.

މީސްމީޑިއާ   ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

މޫތު       ނ.    ކުރިމަތިފަރާތު ދޮރުން ބޭރުކުރާ ނަޖިސް ފެން. މިއީ ސިއްހީ ދާއިރާގައި މި ކަމަށް އާންމުކޮށް ބޭނުންކުރާ ލަފުޒެވެ.

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު އަޙްމަދު
24 ޑިސެންބަރު 2025 15:20
ވަރަަށް ރަނގަޅު ހުށަހެޅުމެއް. ޝުކުރިއްޔާ ، ފަރަގު މީޑިއާ
އަހުމަދު
24 ޑިސެންބަރު 2025 08:51
ތިޔަކޮޅުގެ އަތުރާލުން ރަނގަޅުކަމަށް ގަބޫލު ކުރެވިއްޖެ، ޝުކުރިއްޔާ،
އަހުމަދު
24 ޑިސެންބަރު 2025 08:48
ތިޔަކޮޅުން ޖުމުލަ ތަރުތީބު ކުރި ގޮތް ހަމަ އެއްމެރަނގަޅުބާއޭ އަޮުގަނޑު ހިތަށްއަރަނީ،