ad_banner
ޑިމޮކްރެސީއަކީ ވަހުމެއް!!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

21 ޑިސެންބަރު 2025

ޑިމޮކްރެސީއަކީ ހަގީގަތެއް ނެތް ވަހުމެއް

]ދިމިޤުރާޠިއްޔަތަކީ] މުދާވެރި ފިރިހެނުން ނޫން، މުފުލިސުން ވެރިންނަށްވާހިނދެވެ.[ މިއީ ޓުވިޓަރު ނުވަތަ އެކުހުގެ ކަތިބަހެއް ނޫނެވެ. މިއީ މީގެ 2300 އަހަރު ކުރިން އަރުސްޠޫ ވިދާޅުވެފައިވާ ޙިކުމަތުން ފުރިގެންވީ ބަސްކޮޅެކެވެ.

ތާރީޚަށް ނަޒަރު ހިންގާ އިރު، ދިމިޤުރާޠިއްޔަތެއްގައި ވެރިކަން ކުރަނީ ކޮން ބަޔެއްތޯ، މިއީ ގިނަގުނަ ބަހުސްތަކެއް ކުރެވޭ މައުޟޫއެކެވެ. އެއް ބަޔަކު، އެއީ މުއްސަނދީންނާއި މުޖުތަމަޢުގެ އަޝްރާފުން ވެރިކަންކުރާ ނިޒާމެއްކަމަށް ބުނާ އިރު، އަނެއް ބަޔަކު ބުނަނީ އެއީ މުފުލިސުން ވެރިކަންކުރާ ނިޒާމެއްކަމުގައެވެ.

ދިމިޤުރާޠިއްޔަތުގެ މާނައަކީ ރައްޔިތުންނަށް ބާރާއި، މިނިވަންކަމުގެ އިޚުތިޔާރާއި، ވޯޓުލުމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުންކަން އަހުރެމެންނަށް އެނގެއެވެ. އެކަމަކު، ތިބާގެ ވޯޓަކީ ދުވަހަކު ވެސް ތިބާގެ އެއްޗެއް ނޫން ނަމަ، ވާނީ ކިހިނެއްހެއްޔެވެ؟ ކޮންޓްރޯލުކުރުމުގެ އެންމެ ބޮޑު ވަހުމުތަކަކީ، އެހެން މީހަކު ފަރުމާކުރި ދެ ގޮތުން ކުރެ ގޮތެއް ޚިޔާރުކުރާން ތިބާއަށް ދޫކޮށްލުންކަމަށް ވެއްޖެ ނަމައެވެ. އިޚުތިޔާރަކީ ހިލިހިލާއެއް ނުވަތަ ފާރެއް ނުވަތަ ބާރެއް ބޭނުންނުކޮށް ސަފެއްގައި ތިބާ ބަހައްޓާ ގޮތް ނަމަ، ވާނީ ކިހިނެއްހެއްޔެވެ؟

ވިލާތުގެ ފަލްސަފާގެ ބައްޕަކަމަށްވާ އަފުލާޠޫނަށް މި ކަންތައްތައް ކުރިމަގުގައި ކުރިމަތިވާނެކަން އެނގުނެވެ. އަފުލާޠޫނަކީ ދިމިޤުރާތީ އެތެންސް ވެއްޓުނު ދުވަސްވަރު ދުނިޔޭގައި އުޅުނު މޮޅު ފަލްސަފާވެރިއެކެވެ. އޭނާ ދިމިޤުރާޠިއްޔަތެއް އިހުތިފާލެއް ނުކުރެއެވެ. އޭނާ އެ ކަން ތަޝްރީޙުކުރީއެވެ. އެއަށްފަހު، މި އަދާ ހަމައަށްވެސް ގިނަ ބަޔަކު އަޑުއަހާން ދެކޮޅުހަދާ ނުރައްކާތެރި ތެދެއް އޭނާގެ އަތުން ކަފުންކޮށް ވަޅުލިއެވެ. ސަބަބަކީ މިނިވަންކަމާ ބެހޭ ގޮތުން ތިބާ ގަބޫލުކުރި ހުރިހައި އެއްޗަކަށް، އެ ތެދު ގޮންޖަހާތީއެވެ.

އަފުލާޠޫން އެއްވެސް ހާލެއްގައި ހުއްރިއްޔަތަކަށް ނަފުރަތެއް ނުކުރެއެވެ. އެކަމަކު، ހުއްރިއްޔަތު ޤާނޫނާ ޚިލާފުވެގެން ދިއުމުން ކަންތައްތައް ވާނެ ގޮތަކާ މެދު އޭނާ ބިރުގަތީއެވެ. އޭނާ ބަލާން ހުއްޓައި އެތެންސުގެ މަގުމައްޗަށް އެއްވެފައިވާ މީހުންގެ އަތަށް މައިކު ދިނުމުން، އޭނާއަށް ފެނިގެން ދިޔައީ، އެއްވެފައި ތިބި މީހުން އޭނާގެ އުސްތާޛު ސުޤުރާޠު މަރައިލުމަށް، އެ މައިކު ބޭނުންކުރި ތަނެވެ. ސުޤުރާޠަކީ ސަބަބުވެރި، މަންޠިޤީ އަދި އަޑުއަހާން ފަސޭހަ ނޫން ތެދު ބަޔާންކުރި މީހެކެވެ. ސުޤުރާޠު މަރައިލީ އަނިޔާވެރި ވެރިއެއް ނޫނެވެ. ނަމަވެސް ސުޤުރާޠު މަރައިލީ އެތެންސުގެ ރައްޔިތުންނެވެ. އަދި އެ ހާދިސާއަކީ އަފުލާޠޫނުގެ ލޯ ހުޅުވައިލައިދިން ހާދިސާއެކެވެ. އޭނާއަށް ވިސްނުނީ ވެރިކަމުގައި އެންމެން ހަމަހަމަކަމުގައިވިޔަސް ޙިކުމަތްތެރިކަމުގައި އެންމެން ހަމަހަމަ ނޫންކަމެވެ. އޭނާއަށް ފެނިގެން ދިޔައީ، އެންމެ ބުއްދިވެރި، ޙިކުމަތްތެރި، އަދި ލަޔާޤަތާއި ޤާބިލިއްޔަތުގެ އަހުލުވެރީން ހަމަހިމޭންކޮށްލުމަށްފަހު، އެންމެ އަޑުގަދަ މީހުން ކާމިޔާބު ހޯދިތަނެވެ. އެހެންކަމުން، އެކަމަށް ރައްދުދެމުން، އޭނާ ބުނެފައިވަނީ، އެއީ މިނިވަންކަމުގެ ފޭރާމުގައި އުފަންވާ ޒުލްމުވެރިކަމެއްކަމަށެވެ. އަދި 2300 އަހަރު ފަހުން މިއަދުވެސް، އަހުރެމެން މިއަންނަނީ ދިމިޤުރާޠިއްޔަތަކީ މިނިވަންކަންކަމަށް ހީކުރަމުންނެވެ. އަދިވެސް އަހަރެމެން ގަބޫލުކުރަނީ ދިމިޤުރާޠިއްޔަތަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ އެންމެ ރަނގަޅު ނިޒާމުކަމުގައެވެ. އަދިވެސް އަހުރެމެން ހީކުރަނީ އެންމެ ބާރަށް ވާހަކަ ދައްކާ މީހާ، ދައްކާ ވާހަކައަކީ ތެދު ވާހަކަކަމުގައެވެ. ތެދެކެވެ. ތިބާއަށް ވޯޓުލުމުގެ މިނިވަންކަން އެބައޮތެވެ. އެކަމަކު ތިބާ އިސްވާރުން ހޮވަނީތޯއެވެ؟ ނުވަތަ، އެއީ އެހެން ބަޔަކު އޮފުދާރުކޮށް ހުށަހަޅއިފައިވާ ދެ މާސްކުގެ ތެރެއިން މާސްކެއް ހޮވަނީތޯއެވެ؟ ދިމިޤުރާޠިއްޔަތުން ތިބާ ހިމާޔަތްކުރާކަމަށް ހީވަނީހެއްޔެވެ؟ ނުވަތަ ތިބާއަކީ އެ ނިޒާމުގެ ބައެއްކަމަށް ގަބޫލުކޮށްދީގެން، ތިބާ ލައްވައި އެ ނިޒާމު ރައްކާތެރިކުރުވަނީހެއްޔެވެ؟ ތިބާއަށް ހީވަނީ ތިބާގެ އަޑު ގުނޭނެކަމަށްހެއްޔެވެ؟ ނޫނެކެވެ. ތިބާގެ އަޑު ގުނޭނީ ހަމައެކަނި މެޖޯރިޓީ ޤަބޫލުކުރާ ގޮތަށް ނުވަތަ އެބައިމީހުންގެ އިހުސާސްތަކާ އެއް ގޮތަށް ތިބާ ވާހަކަދައްކާ ނަމައެވެ. އަދި، އެ ގޮތަށް އެ ކަން ނުކޮށްފި ނަމަ ތިބާ ހުނިޖަހައިލެވޭނީ ނުރައްކާތެރި، ހަރުކަށި ނުވަތަ ހުރިހައި ކަމަކާ ދެކޮޅު މީހެއްގެ ގޮތުގައެވެ. އަފުލާޠޫނުގެ ދުނިޔޭގައި ދިމިޤުރާޠިއްޔަތެއް ނޯވެއެވެ. އޭނާ ޤަބޫލުކުރި ގޮތުގައި، އެއީ ޖަމާޢީ ވަހުމެއް ނުވަތަ މާސް ޑިލޫޝަނެކެވެ. އެތަނުގައި، ޙަޤީޤަތްތަކުގެ މައްޗަށް ކުރިހޯދަނީ އިހުސާސްތަކެވެ. ތެދުގެ މައްޗަށް ކުރިހޯދަނީ މަޤުބޫލުކަމެވެ. ދިމިޤުރާޠިއްޔަތަކީ ޖަމާޢީ މަސްތުވުމެއް ނުވަތަ ހެލޫސިނޭޝަނެކެވެ. އަފުލާޠޫން އަހުރެމެންނަށް އިންޒާރުކުރީ، ރައްޔިތުން އަބަދުވެސް އިޚުތިޔާރުކުރަނީ އެންމެ މޮޅަށް، އެންމެ ޝައުޤުވެރިކޮށް ދޮގުހަދާ ދޮގުވެރިޔާއެވެ. ސަބަބަކީ، ދިމިޤުރާޠީ ރެލީތަކަށް އެއްވެ ތިބޭ މީހުން، ޙިކުމަތެއް ބޭނުމެއް ނުވެއެވެ. އެ މީހުންނަށް ބޭނުންވަނީ އުފަލާއި، އަރާމާއި، ޔަޤީންކަމެވެ. އެ މީހުން ބޭނުންވަނީ ޤައުމިއްޔަތުގެ ދަޅަ ދައްކައިގެން، މާމުއިން ފޮނިކޮށްފައިވާ ތަޤުރީރުތަކެވެ. އެ މީހުން ބޭނުންވަނީ ފެންނާށެވެ. ތަހައްދީކުރާކަށް ނުވަތަ ޗެލެންޖުކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެހެންކަމުން އަހުރެމެން އިންތިޚާބުކުރަނީ ފަންނާނުންނާއި، ނުފޫޒުދާރުން ނުވަތަ އިންފުލުއެންސަރުންނެވެ. އެއީ އައު ކަމެއްނޫނެވެ. ތިބާ ވޯޓުދިނުމުގެ ކުރިން، ތިބާގެ ވޯޓް ތަޝްކީލުކޮށް، ނަޤުލުކޮށް ތަޙުސީނުކުރެވެއެވެ. އަފުލާޠޫނަށް އެ ކަންތައް ފާހަގަކުރެވުނީ އިންޓަނެޓެއް، ބިޔަބޮޑު ޑޭޓާތަކެއް، ޔޫޓިއުބެއް، ޓިކުޓޮކެއް އަދި ވޯޓު ދިރާސާކުރާ ފާމްތަކެއް ނެތިއެވެ. އޭނާ ހަމަ އެއްވެ ތިބި މީހުން ދިރާސާ ކުރިއިރު އޭނާއަށް ފެނުނީ، އެމީހުންގެ ހިޔަންޏާއި، ހައިހޫނުކަމާއި، ނުރައްކާތެރިކަމެވެ.

ދިމިޤުރާޠިއްޔަތަށް އަފުލާޠޫން އިތުބާރުނުކުރީ އެހެންވެއެވެ. އެހެނީ، އެއްވެ ތިބި މީހުންނަކީ ބުއްދިވެރި ބަޔެއްކަމަށް ގަބޫލުކުރުމުން، އެ ކަން ވަނީ އެންމެ ފަސާދަވެރި ދޮގަށެވެ. އެކަމަކު، ހަގީގަތަކީ މުޅީން އެހެން އެއްޗެކެވެ. ދިމިޤުރާޠީ ރެލީތަކަށް އެއްވެ ތިބޭ މީހުންނެއް ނުވިސްނައެވެ. އެ މީހުން ހަމައެކަނި އިހުސާސްކުރަނީއެވެ. އެއަށް ފަހު، ރައްދު ޢަމަލުކޮށް ތަބާވަނީއެވެ. އެ ހިސާބުން މިނިވަންކަން މަރުވެ ފަނާވެގެންދެއެވެ. ޒުލްމުވެރިކަމުގެ ސަބަބުންނެއް ނޫނެވެ. އެކަމަކު، އަތްތިލަބަޑިޖެހުމާއި، ތަރުހީބުގެ ތެރެއިންނެވެ. އެ ހިސާބުން އުފެދޭ ނުތަނަވަސް ސުވާލަކީ، ހަގީގަތުގައި ވެސް އަހުރެމެން މިނިވަންހެއްޔެވެ؟ ނުވަތަ ކޮށިކޮށީގައި ބަންދުކޮށްފައިވާ ދޫނިބައިގަނޑެއް ފަދައިން، އަހުރެމެން ހަމައެކަނި ވޯޓުލަނީހެއްޔެވެ؟ އެހެނީ، ދިމިޤުރާޠިއްޔަތަކީ މިނިވަންކަންކަމަށް އަހުރެމެންނަށް ދަސްކޮށްދެވިފައިވިޔަސް، ހަގީގަތުގައި، އެއީ މިނިވަންކަމެއްނޫނެވެ. އެއީ މިނިވަންކަމުގެ ވަހުމު ތަމުސީލުކޮށްދޭ ކުޅިވަރެކެވެ. އަހުރެމެންނަށް ފެންނަނީ ހަމައެކަނި ދިމިޤުރާޠިއްޔަތުގެ ބޭރުފުށުގެ ހެދުމެވެ. ޙަޤީޤީ އިސްކިރީތު (ސްކްރިޕްޓް) ފެނިއްޖެ ނަމަ، އަހުރެމެން ދުވަހަކު ވެސް ދިމިޤުރާޠީއްޔަތަކަށް އަތްތިލަބަޑިޖަހައި ތަރުހީބެއް ނުދޭނެއެވެ.

ނިކޮލޯ މަކިއަވެލީ ބުނެފައިވެއެވެ. [އާންމު ރައްޔިތުން އަބަދުވެސް ހެއްލެނީ، ސަތަހީ ސިފައަށާއި ކާމިޔާބީއަށެވެ.]

މަކިއަވެލީ ފާހަގަކުރައްވައިފައިވާ ގޮތުން އިންސާނުންގެ ނަޒަރިއްޔާތު، މާއްދާއަށް ވުރެ ބޮޑަށް އަގުކުރަނީ ސަތަހައެވެ. ތެދާއި އަދި މުރުވައްތެރިކަމުގެ ބަދަލުގައި މުއްސަނދިކަމާއި، ބާރާއި، ތަމާޝާއަށް، އާދައިގެ މީހުން ވަރަށް ފަސޭހައިން ހެއްލެއެވެ. މި ވިސްނުމުން އަހުރެމެންނަށް އިންޒާރު ދެނީ، ސަތަހީ ސިފަތަކުން ބޭރަށް ނަޒަރު ހިންގައި ބެލުމަށެވެ. ކާމިޔާބީގެ އޮފުދާރު ވަހުމުތަކާއި، ހަކުރުން ފޮނިކޮށްފައިވާ ތަޤުރީރުތަކަށް ނުހެއްލި، ނަޒާހަތްތެރިކަމުގެ މައްޗަށް ނަޒަރުކޮށްގެން، އިސްވާރުންގެ މައްޗަށް ފައިސިލާކުރުމަށެވެ.

ކޮމެންޓު
ކޮމެންޓުތައް
އަހޫ
22 ޑިސެންބަރު 2025 20:16
މި ލިޔުން ލިޔެފައި މި އޮތީ ދިވެހި ބަހުންތަ؟