Advertisement

މާލެއަކަށް މޭޔަރެއް ބޭނުމެއް ނޫނެވެ.

19 Dec 2023 | 14:10
މާލޭ މޭޔަރުކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން (ފޮޓޯ: ޕީއެސްއެމް)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މާލޭގައި ހުންނަ ގޮތަށް، ނުވަތަ އޭރު ކިޔާ ގޮތުން ނަމަ، މާލެ ފައިބާން، އަޅުގަނޑު މާލެ އައީ އުމުރުން 11ވަރަށް އަހަރުގެ ތެރޭގައެވެ. 1970ގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. އެ ދުވަސްވަރު، މާލޭގެ މޭގަ ވެސް، މަލަ ވެސް، ފެންނަ އިރު، ޚާއްޞަ ގޮތެއް ހުރެއެވެ. އެންމެ މަތީ ކައިރި ފެންނާނީ ވަރަށް ރަހައަށް ތެދުކޮށެވެ. ތަންކޮޅެއް ކައިރިއަށް އާދެވި ގަސްކަރަ ފެންނާން ފެށިމާ އަދި މާ ތަފާތުކަން ފާހަގަކުރެވެއެވެ. ފެހިކަން ގަދަ ރަށެއްގެ ގޮތުގައެވެ. ގަހުގެ ގޮތުގައި އާންމުކޮށް ފެންނާނީ އަނބުގަހެވެ. ބަނބުކެޔޮ ނުވަތަ އެހެން ބާވަތްބާވަތުގެ ރުއްގަސް ހުއްޓަސް މައިގަނޑު ގޮތެއްގައި ފެންނަނީ އަނބުގަހެވެ.

އަޅުގަނޑު މި ދެންނެވި ދުވަސްވަރު، އަދި 1970ގެ ފަހު ކޮޅަށް އައި އިރު ވެސް، ރަށްރަށަށް އަނބު ގެންދާނީ މާލެއިންނެވެ. ރަށްރަށަކުން މާލެއަކަށް އަނބެއް ނުގެންނާނެއެވެ. ގެނަޔަސް ނުވިކޭ އެއްޗެއް ނުގެންނާނެތާއެވެ. އަނބު މޫސުމުގައި މާލެ އަންނަ މީހުން ރަށަށް ގެންދާ އެންމެ ރަނގަޅު ހަދިޔާއަކީ ދޮން އަނބެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެންމެ އަށް ރުފިޔާއަށް 100 އަނބު ލިބޭނެއެވެ. އެއީ ވެސް ހަލާކު ނުވާ ރީތި އަނބެވެ. ކިރިޔާ ވެސް ހަލާކުވެފައި ހުރި ނަމަ، ނުވަތަ އައިބެއް ހުރެއްޖެ ނަމަ، އެ އަނބުތައް، އަނބު ގަންނަ މީހާއަށް ހިލޭ ދޭނީއެވެ. އަނބު ދޮންވަނީ, ހެންވޭރު ކުދީންނަށް ގިތި އަނބު، އެހެން އަވަށްތަކުން އަންނަ ކުދީންނަށް ހުތް އަނބު، ވިއްކަވިއްކައި ތިއްބައެވެ. އަޅުގަނޑަށް ވެސް އެ ކަމުގައި ޢަމަލީ ގޮތުން އުޅުމުގެ ފުރުސަތު އޮތީ ލިބިފައެވެ.

ނަމަވެސް އެކި ރަށްރަށުން މުޅިމުޅީގައި ފުރައި އަޅައިގެން ރަށްރަށުން ލުނބޯ ގެންނާނެއެވެ. މުލަކަތޮޅުންނެވެ. ކޮޅުމަޑުލުންނެވެ. ހައްދުންމަތީންނެވެ. ފުވައްމުލަކުންނެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށުންނެވެ. ރާއްޖެއިން ބޭރުން ލުނބޯ ގެންނާކަށް އޭރަކު ނުޖެހެއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ލުނބޯ ލިބޭން ހުރެއެވެ.

މި ދެންނެވި މާލެއަށް އައިސް ފައިބާ އިރު، ވެލި ބިންތަކުން ފެންނަނީ ބިޔަ ބޮޑެތި ލޯރިތަކެވެ. ޚާއްޞަކޮށް ބަނދަރުމަތީ، ބާޒާރުމަތީ ސަރަހައްދުންނެވެ. ރަށުތެރެއިން ދެން ފެންނަނީ އަތްގާޑިއާ ނުވަތަ ދަމާގާޑިއާތަކެވެ. ޕިކަޕުތަކެއް ފެންނާކަށް ނުހުރެއެވެ. ދެން ފެންނަނީ މަދު އަދަދެއްގެ ކާރެވެ. އަތުގެ އިނގިލިތަކުން ގުނައިލެވޭ އަދަދެއްގެ މޮޓަރުސައިކަލެވެ. ބައިސިކަލު ފެންނަލެއް ތަންކޮޅެއް ގިނައެވެ. އާންމު ގޮތެއްގައި ރެލީ ފިރިހެން ބައިސިކަލާއި އަންހެން ބައިސިކަލެވެ. ފަހުންފަހުން އައިސް ބައިސިކަލްތައް އާންމު ވިއެވެ. އެކި މަރުކާތަކުގައެވެ.

މާލެތެރޭގައި ހިނގައިލާ އިރު، ގިނަ މަގުތަކަށް އޮންނަނީ ބިޔަ ގަސްތަކުން ހިޔާދީފައެވެ. މަގުތައް އޮންނަނީ ފަތިހުފަތިހާ ނުކުމެ ކުނިކަހައި ސާފުކޮށްލައިފައެވެ. ދިވެހީންގެ މުރާލިކަމާއި އިޖުތިމާޢީ ރޫޙު ދައްކައިދޭ ފުރިހަމަ މިސާލެކެވެ. މީހަކު ބުނާކަށް ނުޖެހެއެވެ. މަގުތައް ސާފުކުރުމަކީ ސަރުކާރުން ކުރާން ޖެހޭ ކަމެއްކަމަކަށް ރައްޔިތުންނެއް ނުދެކެއެވެ. ވާރޭވެހުން މަދު ހަނަފަސް ދުވަސްވަރު ހިރަފުސް އޮއްބާން ވެސް މަގުތަކަށް ފެންޖަހަނީ އެ ބަޔަކު އަމިއްލައަށެވެ. މަގުތައް އަމާނެވެ. ހިތްގައިމެވެ. ކޮންމެ މަގަކުން ވެސް ތެދަށް ނުވަތަ އަރި ހުރަހަށް ވެސް ހިނގާންވީއެވެ. ނުރައްކަލެއް ނެތެވެ. މިއީ އެ މާލެއެވެ. އަޅުގަނޑުމެން ބައި ހަދައިފައި ހަވީރު ފިންޏަށް މި މަގުތަކުގައި ހިނގާން ވެސް ގޮސް އުޅުނީމެވެ.

އަޅުގަނޑު ދިޔަ އިސްކޫލުގެ ގޯތިތެރެއަށް އޮންނަނީ ތަފާތު ގަސްގަހާގެހީން އެކީއެކަށް ހިޔާދީފައެވެ. ބިޔަ އަނބުގަސްތަކެވެ. އާވި އަނބުގަހެވެ. ޖަންބުގަހެވެ. ޖަނބުރޯލުގަހެވެ. އަރޮޅިގަހެވެ. ހިތްގައިމެވެ. ހިމޭން މާހައުލެކެވެ. އެއީ މާފަންނު އާގެއެވެ. އަތިރީ މާފަންނުގޭ (މިހާރުގެ ތީމުގޭ) ކުރިމައްޗެވެ. ފަހުން އީޕީއެސް ބަދަލުވީ މައްޗަންގޮޅީ ޗާނދަނީގެއަށެވެ. މިއީ ވެސް ހަމަ އެހާ ސަގާފީ ގޯއްޗެކެވެ. ގަސް ގިނައެވެ. އަމީނިއްޔާ ކުރިމައްޗެވެ.

ދޮންނަ މެޝިނެއްގެ ޚިޔާލެއް ވެސް ނެތެވެ. ގިނަ މީހުން، ޚާއްސަކޮށް ވިޔަފާރި އުސޫލުން ދޮވެ އިސްތިރިކުރާ މީހުން، އެއްޗެހި ދޮންނާން އަންނައުނު މޫދުގައި އަޅަނީއެވެ. ވަލަކަށް މަހައިފައި ދެކޮޅު ދެ ތިލޯށީގައި އައްސައިފައެވެ. 24 ގަޑިއިރު ވާ އިރު، ހުންނަނީ ވަރަށް ރަނގަޅަށް ސާފުވެފައެވެ. މީހެއްގެ އުނދަގުލެއް ނުވެއެވެ. އެ މީހެއްގެ އެއްޗެއްގައި ނޫނީ އެ މީހަކު ނުޖެހޭނެއެވެ. އުފަލާއެކު މޫދަށް އެރި އުޅޭންވީއެވެ. މާލޭގެ ދެކުނު ފަރާތަށެވެ. ކުޑަކުޑަ ރަށެއް ކަމުގައިވާ ކުޑަމާލެއަށް ދާންވީއެވެ. ވިލަށް އެރޭންވީއެވެ. މިއީ އެ މާލެއެވެ. މާލެސިޓީއެއް ނޫނެވެ. އަމާން މާލެއެކެވެ.  

ކާރާއި ސައިކަލަކީ ތަނަވަސްކަމުގެ އަހުލުވެރީންނަށް ނޫނީ އަތްނުފޯރާހާ އަގު ބޮޑު ވެހިކަލްތަކެކެވެ. ބައިސިކަލެއް ގަނެލެވެނީ ވެސް ބޮޑު މުސާރަ ލިބޭ މީހަކަށެވެ. 500 ރުފިޔާއަކީ ވަރަށް ބޮޑު މުސާރައެކެވެ. އެއީ ޤާޟީންގެ މުސާރައެވެ. ނަމަވެސް ބައިސިކަލުގެ ތަފާތު މަރުކާތައް ބާޒާރަށް ނުކުމެ، ބައިސިކަލްތަކުގެ އަގު ހެޔޮވާން ފެށި އިރު، މުސާރަތަކަށް ވެސް ހެޔޮ ބަދަލުތައް އަންނާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އެކި ވައްތަރުވައްތަރުގެ ބައިސިކަލްތައް މަގުތަކަށް އިތުރުވިއެވެ. ރީތި ފާޑުފާޑުގެ ބައިސިކަލު ބައްތިތައް އެއީ ޒުވާން ކުދީންގެ ފެޝަނަކަށް ވިއެވެ.

އަދިވެސް ސައިކަލެއް ގަންނާން އާދައިގެ މީހަކު ޚިޔާލެއް ވެސް ނުކުރެއެވެ. އަތްނުފޯރާހައި އަގުބޮޑުކަމުންނެވެ. ނަމަވެސް މަހުން މަހަށް ބައިބަޔަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ވިއްކުމުގެ ވިޔަފާރި އާންމުވުމާ އެކު، މާލޭގެ މަގތަކަށް ސައިކަލުތައް އިތުރުވީ ހީނުކުރާހައި އަވަހަށެވެ. މިހާރު ވެސް ކޮންމެ ހަފުތާއަކު މަދުވެގެން ހައެއްކަ ސައިކަލު މަގުތަކަށް އެބަ އިތުރުވެއެވެ. ކާރު ވެސް ހަމަ އެ ބީދައިން އިތުރުވާންފެށީ އާދަޔާ ޚިލާފަށެވެ. ނަތީޖާއެއްގެ ގޮތުން ބައިސިކަލަކީ ހަމައެކަނި ބިދޭސިން ދުއްވާ އެއްޗަކަށްވިއެވެ. ކުރީން ހަވީރު ފިންޏަށް ދުއްވަމުން އައި ބައިސިކަލް ދުއްވާން ގިނަ ދިވެހީން ލަދުގަންނާން ފެށިއެވެ. މިހާރު ގިނަ ބިދޭސީން ވެސް ފެންނަނީ ބައިސިކަލު ދޫކޮށްލައި ސައިކަލުގައި އުޅޭ ތަނެވެ. މާލޭގެ ބިން އޮތީ އޮތްވަރަށެވެ. ބާރުބޮޑުވަނީ މާލޭގެ މަގުތަކަށެވެ. މިއީ ހަމަ އެ މާލެއެވެ.

މުރަކައިން އުފެދިފައިވާ ޖާޒީރާ މި ގައުމުގެ ވެރިރަށް، މާލޭގެ ވެލި ބިންތަކަށް ނުތަކާ ވަރަށް ދުއްވާ އެއްޗެހި ގިނަވުމުގެ ސަބަބުން މާލޭގެ މަގުތައް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ތުރާލަށް ވިއެވެ. މި ކަމަށް ޙައްލެއް ހޯދުމަށް ޓަކައި މަގުތައް ސިމެންތީން ގުންގުރޭޓު އަޅައިގެން ބައެއް މަގުތައް ހަދާން ފެށިއެވެ. ނަމަވެސް އެއީ ކާމިޔާބުކަމެއްކަމަށް ނުވުމުން ބޭރު ގައުމެއްގެ އެހީއާއި ތަޖުރިބާއާއެކު ޗާނދަނީމަގުގައި ސިމެންތި ގާ އަތުރާން ފެށިއެވެ. އެ މަޝްރޫޢު، މުޅި މާލެގެ ހުރިހާ މަގެއްގައި ގާ އަތުރައި ނިމެންދެން، ކުރިއަށް ގެންދިޔައެވެ. މިއީ ހަމަ މާލެއެވެ. ޤާނޫނުއަސާސީގައި އޮންނަ ގޮތުން ފުރަމާލެއެވެ.

2008ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް ފަހު، ދިވެހިރާއްޖޭގެ އިދާރީ ނިޒާމަށް އައި ބަދަލާއެކު ފުރަމާލޭގެ ނަމުން ފުރަތަމަ ދެ އަކުރު އުނިވެ މާލެއަކަށް ވެއްޖެއެވެ. އަދި ރަށްރަށުގައި ރަށު އޮފީހުގެ ބަދަލުގައި ކައުންސިލް، އަތޮޅު އޮފީހުގެ ބަދަލުގައި އަތޮޅު ކައުންސިލް އުފަންވެއްޖެއެވެ. އަތޮޅުގެތައް އިނގިރޭސިކޮށްލައި އެއީ "ސްޓޭޓް ހައުސް"ތަކަކަށް ވެއްޖެއެވެ. ރާއްޖޭގައި އެ ފަދަ އިސްޓޭޓްތަކެއް ނެތްކަމަށް ވިޔަސްވެހެވެ. އަދި ބައެއް ރަށްރަށުގައްޔާއި މާލޭގައި ސިޓީކައުންސިލް އުފަންވެ މާލެއަކީ "ސިޓީއަކަށް" ވެއްޖެއެވެ. މާލެ އޮތީ މާލެ އޮތް ގޮތަށެވެ. ބަދަލު އައީ ގާނޫނުގައި ލިޔެލި ލިޔެލުމަކަށެވެ. މާލެއަކީ "ސިޓީއަކަށް" ވުމުން ސިޓީ ކައުންސިލު އުފަންވެ، ކައުންސިލުގައި އެންމެ އިސްކޮށް ހުންނަވާ ވެރިޔާއަށް (އެހެން ތަންތާނގައި ވެސް ކިޔާތީ) މޭޔަރު ކިޔާން ޖެހިއްޖެއެވެ. ނަމަވެސް މާލެސިޓީއަކީ ހަމަ މާލެއެވެ. އެހެން ބަދަލެއް ނާދެއެވެ.

ދެން ފަހުން ފެނުނީ މާލޭ ދެކުނުފަރާތާއި އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން އަދި އުތުރު ފަރާތުން ތަންކޮޅެއް ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްގީކުރި ތަނެވެ. ވަށަމަގުގެ ގޮތުގައެވެ. ވަރަށް ފަހުން އަމީނީމަގުގެ ބޮޑު ބައެއްގައި ތާރުއަޅައި ތަރައްގީކުރިއެވެ. މިހާރު އެ މަގުގައި ތާރުއަޅައި ނިންމުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު އެބަ ހިނގައެވެ. ނަމަވެސް ގާ އެތުރި މަގުތައް ވަނީ ގާތައް އަރައިރުންވެ ތަކެތި ދުއްވާށާއި ހިނގައިބިނގާ ވާ މީހުންނަށް ނުރައްކާ ވާ ފަދަ ހާލަތެއްގައެވެ. މަގުމަތީގައި އެއްވެސް އުސޫލެއް ނެތި ދުއްވާ ތަކެއްޗާއި ޕާކުކުރާ ތަކެތި އިތުރުވެއްޖެއެވެ. ދުވާރުމަތީން ހިނގޭކަށް ނޯވެއެވެ. އުޑުމަތި ސާފު ދުވަސްދުވަހު ވެސް ރީތިވެގެން ހިނގައިފައި ދަނިކޮށް "ވާރެއިން" ތެމިދާނެއެވެ. ބައެއް ފަހަރު ގަސްގަހަށް ދޭ ފެނުންނެވެ. އަނެއްބައިފަހަރު ދޮންނަ މެޝިނުން ދޫކުރާ ފެނުންނެވެ. ނުވަތަ އިމާރާތްކުރާ ތަންތަން ގުންގުރެޓުކޮށްފައި، ހަރުކުރާން އަޅާ ފެނުންނެވެ. ނުވަތަ އެއާކޯނުން ފައިބާ ފެނުންނެވެ. މި ފަދަ ތަންތަނުން ވެއްޓޭ އެއްޗެހީން ޖެހި ދުއްވާ އެއްޗިއްސަށް ގެއްލުން ލިބުމުގެ އިތުރަށް މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައި އެބަ ހުއްޓެވެ. ވިޔަފާރިއަށް ޚާއްޞަ ސަރަހައްދެއް ނެތެވެ. މުޅި މާލޭގައި ފިހާރައެވެ. ދުއްވާ އެއްޗެހި މަރާމާތުކުރާ ގަރާޖުތައް ވެސް މުޅި މާލޭގައެވެ. ގުދަންތައް ވެސް ހަމަ އެހެންނެވެ. އަލަށް ޢިމާރާތެއް އެޅިޔަސް އެ ޢިމާރާތެއްގެ ތިރި ނުވަތަ އަޑި، އުޅަނދުތައް ޕާކުކުރާން ޚާއްޞަކުރެވޭނެ ނިޒާމެއް އޮތްހެނެއް ހިޔެއް ނުވެއެވެ. ކުރީން ގާއިމުކުރި ޓުރެފިކު ބައްތީގެ ނިޒާމު ވަނީ އުވައިލެވިފައެވެ. ރޯޑުވާރތީނަސް (މަގުމަތީގައި ދުއްވުން އެކަށީގެންވޭތޯ) ބަލައި އިސްޓިކަރެއް ވެސް ދުއްވާ ތަކެތީގައި ހަރުކުރާން ޖެހެއެވެ. ނަމަވެސް މޫނަށް ކަޅުދުން އަރުވަމުން ދުއްވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. މަގުމަތީގައި ސިނގިރޭޓު ބޮމުން، އެހެން މީހުންނަށް އޭގެ ދުމުން ގެއްލުން ލިބޭ ގޮތަށް ދުން ދޫކުރަމުން ދާންވީއެވެ. ހުއްޓުވޭނެ ގޮތެއް ނެތެވެ. ދެ ގާ ދޭތެރޭގައި ހުސް ތަންކޮޅެއް އޮވެއްޖިއްޔާ ރަތްކުޅު ވެސް ޖަހާންވީއެވެ. އެއީ މަނާ ކަމެއްކަމަށް ގާނޫނުގައި ލިޔެފައި އޮތަސްވެހެވެ. ސައިކަލެއްގައި ވަށިގަނޑެއް ހަރުކޮށްފައި ހުރެއްޖެ ނަމަ، އެއީ އަނެކާގެ ކުނިއަޅާ ވަށިގަނޑު ފަދައެވެ. ނުވަތަ ބައެއް ފަހަރަށް މި ފަދަ ވަށިގަނޑަކަށް ވަނީ މަގު އަރިމަތީގައި ހުންނަ ކަރަންޓު ފޮށިތަކެވެ. މިއީ އެ މާލެއެވެ. ލިޔެވިވައި އޮންނަ މާލެސިޓީއެވެ.

ސިޓީއަކީ ރަށަކަށް، އަތޮޅަކަށް ނުވަތަ ސަރަހައްދަކަށް ދޭ ދަރަޖައެކެވެ. ސުވާލަކީ މާލެއަކީ ހަމަ ހަގީގަތުގައި ވެސް ސިޓީއެއް ހެއްޔެވެ؟ އާދޭހެވެ! ގާނޫނުގައި އެހެން އެބަ އޮތެވެ. ނަމަވެސް ސިޓީއަކުން ލިބޭން ޖެހޭ ހިތްހަމަޖެހުމާއި ފަސޭހަކަން އެބަ ލިބޭހެއްޔެވެ؟ އެ އަމާންކަމާއި ރައްކާތެރިކަން އެބަ އޮތްހެއްޔެވެ. ނުލިބެއެވެ. ނެތެވެ. ނަމަވެސް މާލޭގައި ސިޓީ ކައުންސިލެއް އޮވެފައި މޭޔަރަކު ވެސް ހުންނަވައެވެ. މިހާރު މިއީ މޭޔަރު ހޮވާ އިންތިޚާބަށް ދޮންވަމުންދާ ދުވަސްވަރެވެ. ވީމާ، މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑެވެ.

މާފުކުރެއްވުން އެދެމެވެ. އަޅުގަނޑު މި ވަކާލާތުކުރަނީކީ އެއްވެސް ޙާލެއްގައި މޭޔަރުކަމުގެ މަގާމު އުވައިލާކަށް ނޫނެވެ. އަދި މާލެއަށް ގާނޫނީ ގޮތުން ލިބިފައިވާ ސީޓީގެ ދަރަޖަ އުވައިލާކަށް ވެސް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ގާނޫނީ ގޮތުން މާލެއަށް ލިބިފައިވާ ސިޓީގެ ދަރަޖަ ދިފާޢުކޮށް މާލެއަކީ ހަގީގަތުގައި ވެސް ސިޓީއަކަށް ހަދާން، މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު މަސައްކަތްކުރައްވާން ޖެހޭނެ ވާހަކަ ދެންނެވުމެވެ. ނަމުގެ ފަހަތަށް "ސިޓީ" އިތުރުކޮށްލުމުން އެއީ ސިޓީއަކަށް ވީކަމަށް ބައްލަވައިގެން ނުވާނެ ވާހަކަ ހަނދުމަފުޅުކޮށްއެރުވުމެވެ. މާލޭ އުތުރުފަރާތުގައި މި އޮންނަ "ފުނަދޫ" ވެސް އެއީ ސިޓީއަކަށް ހަދާން، ފަހަތަށް، "ސިޓީ" އިތުރުކޮށްލުމުން ފުދުނީތޯއޭ ދަންނަވައިލުމެވެ. ވަރަށް ފަހުން ތިނަދޫ އެއީ ވެސް (ހަމަ އޮތް ގޮތަށް އޮއްވައި) ސިޓީއެކޭ ވިދާޅުވިތާއެވެ. ގާނޫނީ އަދަދު އާބާދީގައި ހަމަނުވިޔަސްވެހެވެ. އަޅުގަނޑުގެ ބޭނުމަކީ މާލެއަކީ ހަގީގީ ސިޓީއަކަށް ވާން ޖެހޭ ވާހަކަ ދަންނަވައިލުމެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ރައްކާތެރިކަމާއި ފަސޭހަކަން އިޙުސާސުކުރެވޭން ޖެހޭ ވާހަކަ ދަންނަވައިލުމެވެ. އެހެން ނޫނީ ކުރިއެކޭ އެއްގޮތަށް ސަރުކާރުން މާލޭ މުނިސިޕަލްޓީއިން މާލެ ހިންގީމާ ނިމުނީތާއެވެ. ހަގީގީ ސިޓީއަކަށް ނުވާނަމަ، މާލެއަކަށް މޭޔަރެއް ބޭނުމެއް ނުވެއެވެ.

ވީމާ، މި ފަހަރު މާލޭގެ މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު، މާލެއަކީ ހިތްހަމަޖެހޭ އަމާން ސަހަރަކަށް ހައްދަވާން މަސައްކަތްޕުޅުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. މާލެއަކީ ހަމައެކަނި ލިޔެކިޔުމުން އޮންނަ ސިޓީއެއްގެ ބަދަލުގައި ހަގީގީ ސިޓީއަކަށް ހައްދަވާން މަސައްކަތްކުރެއްވުމުގެ މަތިވެރި ޒިންމާ އަދާކުރައްވާން، އާ މޭޔަރަށް އަޅުގަނޑު އިސްކޮށް އިލްތިމާސްކުރަމެވެ. އެހެން ނޫނީ ކޮން މޭޔަރެއްތޯއެވެ؟ ހަގީގީ ސިޓީއަކަށް މާލެ ނުވާ ނަމަ، ހަގީގަތުގައި މާލެއަކަށް މޭޔަރެއް ބޭނުމެއް ނޫނެވެ. މޭޔަރަކު ބޭނުންވާނީ މާލެސީޓީއަށެވެ.

___________________________________

ބައެއް ލަފުޒުގެ މާނަ:

ގަސްކަރަ:     ނ.      ދަތުރުކުރަމުން ދާއިރު ދުރުން ފެންނަ ރަށެއްގެ ރުއްގަސް ފުސްކަންކެނޑި ފެންނަ ހިސާބު

މަލަ:        ނ.      ދުރުން ފެންނަ ރަށެއްގެ ގަސްކަރަ، އަވަސް، ހަލުވި

މޭގަ:        ނ.      ރަށެއްގެ ޢިމާރާތްތަކާއި ފަރުބަދަތައް ދުރުން ފުސްކޮށް ފެންނަފެނުން، ދުރުން އަންނަ ބައިގަނޑެއްގެ ލިސާން ފެންނަފެނުން

ތެކުން:        މ.     ތަނަކަށް ނުވަތަ އެއްޗަކަށް ފެތޭވަރުވުން.  

Advertisement

ކޮމެންޓް
ޓީޗަރ
😄
21 Dec 2023