ad_banner
ދަޢުވަތު

އަސްމާ އަބޫބަކުރު

21 ޑިސެންބަރު 2025

ރަޙުމަތްތެރިކަމުގެ ގުޅުން ޢާއިލީ ގުޅުމަށްވުރެ ބައެއް ފަހަރު ވަރުގަދައެވެ. ޢާއިލާގެ ތެރޭގައި ނުދެއްކޭ ވާހަކަ ވެސް އަހަރެން ހިއްސާކުރަނީ ރަޙުމަތްތެރިޔާގެ ގާތުގައެވެ. ބައެއް ވާހަކަތައް ހިތުގައި ފޮރުވުމަށް ވުރެ އަހަރެންގެ ރަޙުމަތްތެރިޔާ ގާތުގައި ކިޔައިދިނުމުން ހިތަށްހަމަޖެހުން ލިބެއެވެ. ބައެއް ގުޅުންތަކަކީ ކިހައި ބާރުގަދަ ގުޅުންތަކެއްކަން އެނގެނީ އެ ގުޅުމެއް ވަކިވާ ހިސާބުންނެވެ. އަހަރެންގެ ނަމަކީ ލިވާޒެވެ. އަހަރެން ޢުމުރުގެ ބޮޑުބައި ހޭދަކުރީ ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި މާލޭގައެވެ.

މާލެ އައިސް ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭރު ޢުމުރުން އެންމެ އެގާރަ އަހަރެވެ. އަހަރެން އިސްޖަހައިގެން ކުލާހުގައި އިންނާތީ އަހަރެންގެ ގާތުގައި އިން ނާޒިމް ކޮށްޓައިލިއެވެ.

"މުދައްރިސް ވަރަށް ރުޅިދުރުވާނެ މުދައްރިސަށް ނުބަލަންޏާ" ނާޒިމް އެހެން ބުނުމުން އަހަރެންގެ ސަމާލުކަން އައީ ކުލާހުގައި މުދައްރިސްގެ ވާހަކައަޑުއަހާން އިންކަން އެނގޭނީ އެ ބުނިހެން މުދައްރިސަށް ބެލުމުންނެވެ. މަޑުމަޑުން އަހަރެން ހަމައަކަށް އެޅޭން ފެށީ އެ ހިސާބުންނެވެ.

އަހަރެން ކުލާހަށް އާވެފައި ދެ ދުވަހަށް ވުރެ ގިނައިން އިންނާން ނުޖެހުނީ ނާޒިމްގެ ސަބަބުންނެވެ. އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިވާން ފަށައިފިއެވެ. އެކީގައި ފޮތްކިޔުން ވެސް އަހަރެމެންގެ ތާވަލުގައި ހިމެނިއްޖެއެވެ. އަހަރެން ދެމީހުންގެ ރަށް ކިތަންމެ ދުރުކަމުގައި ވިއަސް ނަސީބަކުން ނާޒިމް ހުންނަގެއާއި އަހަރެން ހުންނަ ގެ ހުރީ އެއް މަގެއްގައެވެ. ސުކޫލްގައި އަހަރެމެންގެ ބަސްވިކެން ފެށީ ކިޔެވުމަށް ދޭ ސަމާލުކަމުގެ ސަބަބުންނެވެ.

 

އަހަރެންގެ މަޤްޞަދަކީ ކިޔަވައި ނިމިގެން ޑޮކްޓަރަކަށް ވުމެވެ. ނާޒިމް ޚިޔާލު ހުރީ ވިޔަފާއިއެއް ފެށުމަށެވެ. އެ ވެސް ރަށުގައެވެ. އޭނާ މާލޭގައި އުޅޭ ހިތް ނުވާތީއެވެ.

"މާލޭގައި ވިޔަފާރި ފެށީމަ މާބޮޑަށް ފައިދާވާނެ."އަހަރެން ބުނީމެވެ.

"ތަނުގެ ކުލި އިންތިހާއަށް ބޮޑު އިރު ކިހިނެއް ކުއްޔަށް ހިފައިގެން އުޅޭނީ. އަހަރެން ދާނީ ރަށަށް." ނާޒިމް ބުންޏެވެ. އޭރު އަހަރެމެން ކިޔަވަމުން ދަނީ ގްރޭޑް ބާރައިގައެވެ.

"ނާޒިމް ބައްޕަ ބޭހަށް އަންނަ ވާހަކަ ބުނީމެއްނު. ކޮން ދުވަހަކުން އަންނަނީ؟"

"އަންނަ ހަފުތާގައި އަންނާނެ." އަހަރެމެން ޢާންމުކޮށް ވަންނަ ކެފޭގައި ތިބެގެން ނާޒިމް ދެއްކީ އޭލެވެލް  ނިމުމާއެކު ވަޒީފާއަކަށް ވަންނަ ވާހަކައެވެ.

"ވިޔަފާރި ނުފަށަނީތަ؟ މާލޭގައި ވަޒީފާއަކަށް ދާން ވިސްނަނީ ތި؟" އަހަރެމެން ކިޔަވަމުން ލިބޭ ހުސްވަގުތު ކުރާ މަސައްކަތަކީ ފިހާރަތަކަށް ޑެލިވަރީކުރުމުގެ މަސައްކަތެވެ. ދެ މީހުން އެކުވެގެން އެ ކުރާ މަސައްކަތުން ރަނގަޅު އެއްޗެއް ލިބެއެވެ.

"އަހަރެއް ހައި ދުވަހު ވަޒީފާގައި އުޅެފައި ލާރިކޮޅެއް އެއްކޮށްގެން ރަށަށް ގޮސް ލޯނު ނަގައިގެން ފަށާނީ. ލިވާޒު ކިޔަވަން ބޭރަށް ދިޔައިމާ އަހަރެން ކީއްކުރާން މި ކޮޅުގައި ހުންނާންވީ؟" ކިތަންމެ ގިނަ ރައްޓެހިން ތިއްބަސް އަހަރެމެން އެކަކު އަނެކަކަށް ކުރާ އިތުބާރު އެހެން މީހަކަށް ނުކުރެވެއެވެ.

އަހަރެން ސުކޫލު ނިމުމާއެކު ސަރުކާރުގެ އިސްކޯލަރޝިޕަށް އެޕްލައިކުރާންފެށީމެވެ. ޖެހިގެން އައި އަހަރު ކިޔަވާން ބޭރަށް ދާން ލިބުނު ފުރުޞަތުގައި އަހަރެން ފުރައިގެން ދިޔައީ ނާޒިމްގެ ކައިވެނީގެ ޙަފުލާގައި ބައިވެރި ވެސް ނުވެވިއެވެ. ނާޒިމް ފޮނުވި ދަޢުވަތަށް އެ ރަށަށް ނުދެވުނީމާ އަހަރެން ވަރަށް ދެރަވިއެވެ. އެ ކަމާ ދެރަނުވާން ނާޒިމް އަހަރެން ގާތުގައި ބުނީ، ކިޔެވުމަށް ލިބުނު ފުރުޞަތު ގެއްލުވައިނުލާން ވެގެންނެވެ. އަހަރެންގެ ރަޙުމަތްތެރިޔާގެ ހިތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށެވެ. އަހަރެމެން ދެމީހުން ހިއްސާކުރި ވާހަކަތަކުގައި އެކަކު އަނެކަކުގެ ކައިވެނީގެ ޙަފުލާ ކިތަންމެ ކުޑަކޮށް ބޭއްވުމަށް ނިންމިއަސް ބައިވެރިވާން ޖެހޭނެއެވެ. އަދި އަހަރަކު އެއް ފަހަރު ކޮންމެ ހިސާބެއްގައި އުޅުނަސް ބައްދަލުކުރުމަށް ވެސް ޝަރުޠުކުރެވުނެވެ.

އަހަރެމެން ދެ މީހުން ޢާއިލާއާ އެކުގައި އަހަރެން ކިޔަވައިގެން އައިސް ވަޒީފާ ހަމަޖެހުމުން ދެ މީހުންގެ ރަށަށް ދާން ވެސް ނިންމީމެވެ. ރޭވި ކިތަންމެ ކަމަކާ ފޮނި ވާހަކަތައް ދައްކައިފައި އަހަރެން ފުރައިގެން ދާން ޖެހުނީ ކިޔެވާށެވެ. ނާޒިމް ގާތުގައި ވެސް ޑޮކްޓަރުކަން ކިޔަވާން އަހަރެން ބުނީމެވެ. އެކަމަކު އޭނާގެ މަންމަ ނިޔާވުމާ ގުޅިގެން ބައްޕަ އެކަނިވާނެތީ ކޮންމެހެން ރަށަށް ގޮސް ރަށުގައި ދިރިއުޅުމެއް ފަށާށް މަޖުބޫރިވީއެވެ. ނާޒިމަކީ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންވީމާ ނާޒިމްގެ ކޮނޑުގައި ޒިންމާތަކެއް ވަރަށް ޅައުމުރުގައި އަޅާން ޖެހުނީއެވެ.

އަހަރެން މެލޭޝިޔާގައި ކިޔަވާން ހުރިކަމުގައިވިއަސް ހަފުތާއަކު އެއްދުވަހު ނާޒިމަށް ގުޅަމެވެ. ނާޒިމް ވެސް އަހަންނަށް ގުޅައެވެ. ދެ މީހުން ޢާއިލާގެ ވާހަކަތަކާއި އެކިއެކި ވާހަކަ ހިއްސާކުރަމެވެ. ނާޒިމަށް ކުއްޖަކު ލިބުނީ އަހަރެން ކިޔެވުމުގެ ދެވަނަ އަހަރުއެވެ. އެ ދުވަހު އަހަންނަށް އިޙުސާސް ކުރެވުނީ އަހަރެންގެ ބޭބެއަށް ކުއްޖަކު ލިބުނުކަމުގެ އިޙުސާސެވެ. ނާޒިމް ދޮށީ އަހަންނަށްވުރެ އެއްއަހަރެވެ.

ކިޔެވުމުގައި ބިޒީވެގެން އުޅެން ޖެހުނު ވަރުން ދެ ހަފުތާ ނާޒިމަށް ނުގުޅި ވެސް ދިޔައެވެ. އިމްތިހާން ދުވަސްވަރުކަން ނާޒިމަށް ވެސް އެނގޭތީ އަހަންނަކަށް އޭނާއެއް ވެސް ނުގުޅައެވެ. އެހެންނަމަވެސް އިމްތިހާނުން ރަނގަޅު ކާމިޔާބެއް ހޯދާން ނަސޭޙަތްތެރިވެފައި މެސެޖެއް ފޮނުވިއެވެ. އަހަރެން ދެވަނަ އަހަރު އިމްތިހާން ނިމުމާއެކު ރާއްޖެ އަންނަ ވާހަކަ މަންމަ ގާތުގައި ބުނީމެވެ.

"މަންމާ. ތީ ކޮންކަހަލަ ސަޕްރައިޒެއް. އަހަރެން ހަމަ ރާއްޖެ ދާ ވާހަކަ ބުނާ އިރަށް ތިޔަ ތިބީ މިތަނަށް އައިސް." މަންމައާއި ބައްޕަގެ އިތުރުން ދައްތަ އާއި ކޮއްކޮ ވެސް އައެވެ. އަހަރެން އުފަލުން ގޮތެއް ނެތެވެ. މަންމަމެން ގޮވައިގެން އެކި ދުވަހު އެކިތަނަށް ދިޔުމާއި މަޖާކުރުމުގައި އުޅެނިކޮށް ޗުއްޓީ ނިމުނެވެ. ނާޒިމްގެ ޚަބަރެއް ވެސް ނުވެއެވެ. އަހަރެން ރާއްޖެ ދާން ބުނެފައި ނުދިޔުމުން ނާޒިމް ހިތްހަމަ ނުޖެހުނީބާއެވެ.

ނާޒިމުގެ ފޯން އެއްވެސް އެޕެއްގައި އޮން ނުވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ކޯލް ކުރިއަސް ނެޓްވޯކް ނުލިބޭތީ ކޯލެއް ނުދެއެވެ. ނާޒިމްގެ ޚަބަރު މުޅީން ހުއްޓުނީއެވެ. އަހަރެން އެކަމާ ވިސްނިއަސް ގުޅާލާނެ އެހެން ގޮތެއް ނެތެވެ. ނާޒިމްގެ އަންހެނުންގެ ނަންބަރެއް ވެސް ނޭނގެއެވެ. ދެން ގުޅޭނެ އެހެން ގޮތެއް ނެތުމުން ކިޔަވައި ނިމިގެން މާލެ ގޮސް ނާޒިމްގެ ޚަބަރެއް ހޯދާން އަހަރެން ނިންމީމެވެ. އަހަރެންގެ ބިޒީ ޝެޑިއުލްގައި ކުރިޔަށް ގެންގޮސް ޑޮކްޓަރުކަން ކިޔަވައި ނިމިއްޖެއެވެ.

ޒަމްނާއާއި އަހަރެން ރައްޓެހިވީ މެލޭގައި ކިޔަވާން އުޅުނު ދުވަސްވަރެވެ. ޒަމްނާ އަކީ ވެސް ޑޮކްޓަރެކެވެ. އަހަރެމެން މާލެ ގޮސް ކައިވެނިކުރުމުގެ އެންމެހައި ތައްޔާރީތަކެއް ވަމުން ދުރާލައި ގެންދިޔައިމެވެ.

އަހަރެމެން ދިރިއުޅޭން އެޕާޓްމަންޓެއް ކުއްޔަށްހިފުމާއި ދެ މީހުން ޑިއުޓީއަށްދާނެ ގޮތަށް ދަންދެން ޝެޑިއުލްކުރެވުނެވެ. އެންމެ އިސްކަމެއް ދިނީ ދަޢުވަތު ކާޑު ހިފައިގެން ނާޒިމްގެ ރަށަށް އެއް ދުވަހަށް ނަމަވެސް އަހަރެން ދިއުމެވެ.

"އަހަރެން މި ފަހަރު ނާޒިމަށް ވަރަށް އެއްޗެހި ކިޔައިލާނަން. ބަރާބަރު ދެ އަހަރު އޭނާ އަހަންނަށް ގުޅައިވެސްނުލައި އެ އުޅުނީ. ފޯން ނަންބަރު ވެސް ބަދަލުކޮށްގެން އެ ހުރީ" ޒަމްނާ އަހަރެންގެ ވާހަކަތައް އަޑުއެހި ނަމަވެސް އެއްޗެއް ނުބުނީ ނާޒިމަކީ ކާކުކަމެއް ޒަމްނާއަކަށް ނޭނގޭތީއެވެ. އަހަރެން ނާޒިމްގެ ނަން ޒަމްނާ ގާތުގައި ކިތަންމެ ވަރަކަށް ވެސް ކިޔުނެވެ.

"ނާޒިމް ކޮންމެހެން ވެސް ގެންނާންވާނެ. އެއީ ލިވާޒުގެ ބެސްޓްފުރެންޑެއްނު." އަހަރެމެން ވާހަކަދައްކައިފައި ކައިވެނީގެ ފަނަރަ ދުވަސް ކުރީން ނާޒިމްގެ ރަށަށް ދިޔައީ ފުރަތަމަ ޕްރިންޓްކުރި ދަޢުވަތުކާޑު ހިފައިގެންނެވެ. އެ ރަށަށް ދެވުނީ އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތަކުއެވެ.

"ޒަމާނީ މަންޒިލް ހުންނަނީ ކިހައި ހިސާބެއްގައި" އެ ރަށު މީހެއްގެ ގާތުގައި އެހުމުން އެބޭބެ އަހަރެން ގެންގޮސް އެ ގެ ދެއްކިއެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ ނާޒިމް ބުނި ވާހަކައެވެ.

"އަހަރެމެން ރަށުގައި ޢާންމުކޮށް ގޭގެއަށް މަންޒިލް ކިޔާނެ. އަހަރެންގެ ގެއަށް މަންމަ އާއި ބައްޕަ ނަން ދީފައިވަނީ އަހަރެންގެ ނަމާ ގުޅުވާފައި"  އެވަގުތު އެގޭގެ ނަންބޯޑު ފެނުނީމައި އަހަރެންގެ ގަތަށް ހިނިއައެވެ. ސަލާމް ގޮވައިލުމުން ދޮރު ހުޅުވައިލީ ނާޒިމްގެ ބައްޕައެވެ. ބަލިވެގެން މާލެ ދިޔައިމާ ނާޒިމްގެ ބައްޕައާ އަހަރެންނާ ކުރީން ދިމާވިއެވެ.

"ބޭބޭ ޙާލު ކިހިނިއް؟" އަހަރެން ފެނުމުން ނާޒިމް ބައްޕައަށް ވެސް އަހަރެން އެނގުނު ކަހަލައެވެ.

"ތީ ލިވާޒު ދޯ؟" އަހަރެން ހިނިއައިސް ބޯ ޖަހާލީމެވެ. ގޯތިތެރެއަށް ވަނުމުން ބޭރުގައި ހުރި އުނދޯލިގެ ފެނުނެވެ. ނާޒިމް އަބަދު ދައްކާ އުނދޯލިގޭ ވާހަކަ އަހަރެންގެ ހަނދާނަށް އައެވެ.

"ބޭބޭ. ނާޒިމް ކޮބާ. ނާޒިމަށް ގޮވައިލަބަލަ. އަހަރެން މިއައީ ކައިވެނީގެ ދަޢުވަތު ދޭންވެގެން މި ރަށަށް. ބޭބެމެން ވާނެ ދާން ކޮންމެހެން ވެސް." ނާޒިމްގެ ބައްޕަ އަހަރެން ގާތުގައި އިން ނަމަވެސް ނާޒިމަށް ގޮވައިލާކަށް ނުވެސް ދިޔައެވެ. އަދި އަހަރެން ވާހަކަދައްކާ އިރު ފާޑަކަށް ބަލާން އިނެވެ.

އެވަގުތު ކާފާ ގޮވަމުން ލޯބި ކުޑަކުއްޖަކު އަންނަ ތަން ފެނުމުން އެއީ ނާޒިމްގެ ނުވައިރާކަން އަހަންނަށް އެނގުނެވެ.

"ނުވައިރާ. އާދޭ ބޭބެ ގާތަށް އުރައިލާނަން"  އެ ކުއްޖާފުޅު ފާޑަކަށް ރޯންފެށީއެވެ. އެވަގުތު ގޭތެރެއިން ނިކުތް އަންހެނެއް ދަރިފުޅާއޭ ގޮވާލުމުން އެއީ ނާޒިމްގެ އަންހެނުން ޝާލިނީކަން އެނގުނެވެ. ނާޒިމް އެންމެންގެ ވާހަކަތައް ކިޔައިދީފައި އޮތަސް ނާޒިމްގެ އަންހެނުންނާ މީގެ ކުރީން ފޯނުން ވެސް ވާހަކަދެކެވިފައެއްނެތެވެ.

"ތިއީ ޝާލިނީ ދޯ؟" އަހަރެން ޝާލިނީއަށް ދޯ ދިނީމެވެ. އޭނާ ވެސް ބޮލުން އާނއެކޭ ބުންޏެވެ. 

"މީ ލިވާޒު. އަހަރެން މިއައީ އަހަރެންގެ ރަޙުމަތްތެރިޔާއާއި ޢާއިލާއަށް އަހަރެންގެ ކައިވެނީގެ ދަޢުވަތު ދޭން ވެގެން." އެވަގުތު ޝާލިނީގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. ވީ ކިހިނެއްހެއްޔެވެ؟ ޝާލިނީ ރޯން ފެށީ ކީއްވެހެއްޔެވެ؟ އަހަރެން އިނީ ވާނުވާ ނޭނގިއެވެ. އަނެއް ކޮޅުން ނާޒިމްގެ ބައްޕަ ވެސް ރޮނީއެވެ. އެ ވަގުތު ކޮންމެ ވެސް ކަމެއް ވެއްޖެކަމަށް އަހަރެންނަށް ޔަގީން ވެއްޖެއެވެ.

"ނާޒިމް ނިޔާވި ފަހުން ދެއަހަރާ ތިން މަސް ވެއްޖެ." ޝާލިނީ ރޮމުން ރޮމުން ބުންޏެވެ. ވީ ދެރައިން އަހަންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ އަންނާން ފެށިއެވެ. ނާޒިމްގެ ޚަބަރެއް ނުވި ސަބަބު އަހަންނަ މި އެނގުނީއެވެ.

"ނާޒިމް ނިޔާވީ ކެންސަރު ބަލީގައި. އެ ބަލީގައި އޮވެ ވެސް ލިވާޒުގެ ވާހަކަ ވަރަށް ދެއްކި. އެކަމަކު އެ ދުވަސްވަރަކީ ލިވާޒުގެ އެގްޒާމް ދުވަސްވަރު. ކިޔެވުން ހުއްޓައިލައިފައި މި ކޮޅަށް އަތުވެދާނެތީ ނާޒިމް އެއްބަހެއް ނުވި ބަލި ވާހަކަ ވެސް ބުނާކަށް. އެހެންވެ ނުބުނީ. ނާޒިމް އަހަރެން ލައްވައި ވަޢުދުކުރުވީ އެ ބަލީގައި އޮވެ ނިޔާވިޔަސް އެ ވާހަކަ ނުބުނުމަށް."

އަހަރެން އެގޭގައި އިނދެ ގިސްލަގިސްލައި ރުއީމެވެ. އަހަރެން ކިޔެވީ ބަލިމީހުންނަށް ފަރުވާކުރުމަށެވެ. އަހަރެންގެ ރަޙުމަތްތެރިޔާ ދުނިޔެއިން ވަކިވެގެން އެ ދިޔައީ އަހަންނަށް ނޭނގިއެވެ. ކުޑަވެސް ފުރުޞަތެއް ލިބުނު ނަމަ އަހަރެންގެ ރަޙުމަތެރިޔާއަށް ފަރުވާ ކުރެވުނީހެވެ. އަހަރެން ރޮމުން ރޮމުން އެހެން ބުނުމުން ޝާލިނީ ބުނީ ކެންސަރުކަން އެނގުނު އިރު ހުރީ އެންމެ ފަހު ސްޓޭޖުގައިކަމެވެ.

"ހިނގާ އަހަންނާ އެކު މާލެ ދާން. މީގެ ފަހުން އަހަރެންގެ ޒިންމާއެއް ނާޒިމްގެ ބައްޕައާ އަންހެނުންނާ ދަރިފުޅު ބެލުމަކީ. އެއީ އަހަރެމެން ދެމީހުން އެކަކު އަނެކަކު ކުރި ވަޢުދެއް. އެކަކު ނެތް ދުނިޔެއެއްގައި އާޢިލާއަށް އަޅައިލާން."

އަހަރެން މާލެ އައީ ނާޒިމްގެ ޢާއިލާ ގޮވައިގެންނެވެ. ނުވައިރާއަށް ބައްޕައެއްގެ ލޯބި ދޭނީ އަހަރެންނެވެ. ދެވަނަ މަންމައަކަށް ވާނީ ޒަމްނާއެވެ. (ނިމުނީ)

ކޮމެންޓު