ad_banner
ފިރުއައުނުގެ ގަބުރު ކައިރީން އިވުނު ވާހަކަކޮޅެއް (ދިވެހިކޮށްލުމެއް)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

17 ޑިސެންބަރު 2025

ފިރުއައުނުގެ ގަބުރު(ކަމަށް ބެލެވޭ) ގަބުރު

މިސުރުގެ ހަރަމުތަކަށް (ޕިރަމިޑުތަކަށް)، މީހަކު ޒިޔާރަތްކުރުމަށް ފަހު، މިސުރުގެ ދާރުލްއާސާރުގައި ބޭއްވިފައި އޮތް، މޫސާގެފާނުންގެ ފިރުއަނުކަމަށް ބެލެވޭ ގަބުރު ބަލައިލާން ވެސް އެ ދާރުލްއާސާރަށް ޒިޔާރަތްކުރިއެވެ. ފިރުއަނުގެ ގަބުރު ކައިރީގައި އޭނާ ހުއްޓިލައިގެން ހުރި އިރު، އޭނާއާ މާދުރު ނޫން ހިސާބެއްގައި ހުރި މީހަކު ފިރުއައުނުގެ ގަބުރާ ވާހަކަދައްކައި މިހެން ބުންޏެވެ.

[އޭ ފިރުއައުނާއެވެ! ކަލޭގެ ކިބައިން އަހަންނަށް ދިހަ ހިކުމަތެއް ދަސްވިއެވެ.]

1.     ކަލޭގެ ކިބައިން ދަސްވި ފުރަތަމަ ހިކުމަތަކީ މާތްﷲގެ އިރާދަފުޅު ތަންފީޒުވެ، ހިންގައިލެވޭނޭކަމެވެ. ކަލޭ، އެތައް ހާސް ތުއްތު ކުދީންނެއް މެރިއެވެ. މޫސާގެފާނު އުފަންވެ ވަޑައިގަތުން ހުއްޓުވުމަށް ޓަކައެވެ. ނަމަވެސް، އެކަލޭގެފާނު އުފަންވެވަޑައިގެން، އެކަލޭގެފާނު ބެއްލެވުން ހަވާލުކުރެވުނީ ކަލެއާއެވެ!

2.     ކަލޭގެ ކިބައިން ދަސްވި ދެވަނަ ހިކުމަތަކީ ހިތްތައް ވަނީ މާތް ﷲގެ ބާރުފުޅުގެ ދަށުގައިކަމެވެ. އެ ކަލޭގެފާނަށް، އެ ކަލޭގެފާނުންގެ މަންމާފުޅުގެ އޯގާތެރިކަމާއި އަޅައިލެއްވުމުން، އެ ކަލޭގެފާނު މަހުރޫމުކުރުން ކަލޭ މެދުވެރި ކުރުވުމުން، ކަލޭގެ އަނބިކަނބަލުން، އާސިޔަތުގެފާނުގެ ހިތްޕުޅުގައި އެ އޯގާތެރިކަމާއި އަޅައިލުން ލެއްވިއެވެ. ކަލޭ ބޭނުންވީ މޫސާގެފާނަށް އެ ކަލޭގެފާނުންގެ މަންމާފުޅު ލިބޭ ގޮތް ނުވުމަށެވެ. ނަމަވެސް، މާތްﷲ ނިންމެވީ، އެކަލޭގެފާނަށް، އެކަލޭގެފާނުންގެ މަންމާފުޅުގެ އިތުރަށް، އެހެން މަންމާފުޅެއް ވެސް ލިބިވަޑައިގަތުމެވެ.

3.     ކަލޭގެ ކިބައިން ދަސްވި ތިންވަނަ ހިކުމަތަކީ އެއްވެސް މީހަކަށް އެހެން މީހަކު ގޯސްކޮށްނުލެވޭނޭކަމެވެ. އެ ގަނޑުވަރެއްގައި «أنا ربكم الأعلى» ([އަހަންނަކީ ކަލޭމެންގެ އެންމެ ބޮޑު ރަސްކަލާނގެއޭ]) ބުނެ، ކަލެއަކީ ކަލެއްކަމަށް ދައުވާކުރަމުން ގެންދިޔަ އިރު، ހަމަ އެ ގަނޑުވަރުގެ އެހެން ކޮޓަރިއެއްގައި ކަލޭގެ އަނބިކަނބަލުން، މާތްﷲއާ މުޚާތަބުކޮށް، ވިދާޅުވަމުން ގެންދެވީ [سبحان ربي الأعلى] ([އަޅާގެ އެންމެ މަތިވެރިވެގެންވާ ސާހިބުވަންތަ ރަސްކަލާނގެ ހުރިހާ އައިބުތަކުންނާއި އުނިކަމަކުން ހުސްޠާހިރުވެގެންވެއެވެ.]) މިހެންނެވެ.

4.     ކަލޭގެ ކިބައިން ދަސްވި ހަތަރުވަނަ ކަމަކީ ގޭގޭގައި ވެސް ސިއްރުތަކެއް އެކުލެވިގެންވާކަމެވެ. ގެއެއްގައި އެއް ފުރާޅެއްގެ ދަށުގައި އަތްނބަކާއި ފިރިއަކު އުޅުނުކަމުގައި ވިޔަސް، އެ ދެ މީހުންނަކީ، ފިކުރީ ގޮތުން، ދެ ބީރައްޓެހީންކަމުގައި ވެދާނޭކަމެވެ. ދެމަފަރިއެއް ގުޅުވައިދެނީ އެ ދެމީހުންގެ ހިތްކަމެވެ. އެ ދެ މީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ފިކުރާއި އަގީދާކަމެވެ. އެ ދެ މީހުން އެއް ފުރާޅެއްގެ ދަށުގައި ތިބޭ ގޭގެ ފުރާޅެއް ނޫންކަމެވެ.

5.     ކަލޭގެ ކިބައިން ދަސްވި ފަސްވަނަ ކަމަކީ ބޮޑު ލަޝްކަރަކަށް ވެސް، މުއުމިނެއްގެ ކިބައިން އޭނާގެ އީމާންކަން ނިގުޅައި ނުގަނެވޭނޭކަމެވެ. ކަލޭގެ ސިހުރުވެރީން އީމާންވުމުން، ކަލޭގެ ލަޝްކަރަކަށް އެ މީހުންގެ ކިބައިން އެމީހުންގެ އީމާންކަން ނިގުޅައި ގަނެވުނުހެއްޔެވެ؟ ކަލޭގެ ލަޝްކަރަށް އެ ކަމެއް ނުވިއެވެ. އަދި، ކަލޭގެ ގަނޑުވަރުގެ ޚާދިމާއާއި އޭނާގެ ކުދީން ކަލޭގެ ލަޝްކަރު ލައްވައި ހޫނު ތެލުގެ ތެރޭގައި އަންދައިލުމުން ވެސް، އޭނާގެ ކިބައިން އޭނާގެ އީމާންކަން ނިގުޅައިގަނެވުނުހެއްޔެވެ؟ ކަލޭގެ ލަޝްކަރަކަށް އެ ކަމެއް ނުވިއެވެ.

6.     ކަލޭގެ ކިބައިން ދަސްވި ހަވަނަ ކަމަކީ ތިމާގެކަމުގެ ލޭ، ފެނަށް، އެއްވެސް އަސަރެއް ނުހުންނަ އެއްޗަކަށް، ބަދަލުވެގެން ނުދާނޭކަމެވެ. މޫސާގެފާނަށް ކިރުމަޔަކު ހޯދާން ރަށު ތެރޭގައި ކަލޭގެ މީހުން އުޅެނިކޮށް، އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، އެ ފަދަ މަޔަކު ދައްކައިދެންހޭ ވިދާޅުވީ މޫސާގެފާނުގެ ކުޑަކުޑަ އުޚުތެއް ނޫންހެއްޔެވެ؟ ދެން، މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވޭ ގޮތް މެދުވެރިވި ނޫންހެއްޔެވެ؟ މީގެ އިތުރަށް، ބަސްމޮށުންތެރިކަމުގެ ގޮތުން، މޫސާގެފާނަށް ވުރެ، އެކަލޭގެފާނުންގެ އަޚާ ކުޅަދާނަކަމަށް ވިދާޅުވުމުގެ މަތިވެރި ސިފަ އެކަލޭގެފާނަށް ލިބިވަޑައިގެންވިއެވެ. އެ ކަމަކީ ފަހަރެއްގައި ވެސް އެކަލޭގެފާނަށް އުނިކަމެއް ލިބިވަޑައިގެންފާނޭ ކަމަކަށް އެކަލޭގެފާނު ދެކެވަޑައެއްނުގަތެވެ.

7.     ކަލޭގެ ކިބައިން ދަސްވި ހަތްވަނަ ކަމަކީ އަޅުންގެ، ރައްޔިތުންގެ، ޖައްލާދުން - އެ މީހުންނަށް އަނިޔާދީ އެ މީހުން ކަތިލާ އަނިޔާވެރިން - އުފައްދަނީ ހަމަ އަޅުން، ރައްޔިތުންކަމެވެ. ކަލޭގެ ރައްޔިތުންގެ ބުރިކަށި މައްޗަށް ކަލެއަށް އެރުނީ، އެ މީހުން ބިމަށް ތިރިވެ، އެމީހުންގެ ބުރިކަށި މައްޗަށް ކަލޭ އެރުވުމުންނެވެ.

8.     ކަލޭގެ ކިބައިން ދަސްވި އަށްވަނަ ކަމަކީ، އެ ކަމަކަށް މާތްﷲ އިރާދަފުޅުކުރެއްވުމުން، އެއީ އޭގެ އެހީގައި ލެނގިލައި، އަދި، އެއިން ކަންބަޅިތައް އެއްކޮށް މަގަށް އަޅުވައި ގެންގުޅޭ އަސާގަނޑެއްކަމަށް ވިޔަސް، އެ އަސާގަނޑު މެދުވެރި ކޮށް ވެސް ލަޝްކަރެއްގެ އެންމެ އިސްމީހާ، އެ ލަޝްކަރެއްގެ ތެރޭގައި ހުއްޓައި، އޭނާ ބަލިކުރައްވާފާނޭކަމެވެ.

9.     ކަލޭގެ ކިބައިން ދަސްވި ނުވަވަނަ ކަމަކީ ދުނިޔޭގެ ތަބީއަތުގެ ގާނޫނުތަކަކީ ހަމައެކަނި މީސްތަކުންގެ މައްޗަށް ހިނގާ އެއްޗެއްކަމެވެ. އެ ގާނޫނުތައް ހުއްޓުވައިލާން އިރާދަކުރައްވައިފި ނަމަ، އެ ކަން މާތްﷲ ކުރައްވައިފާނޭކަމެވެ. ކޯރެއްގެ ފެންގަނޑަކީ، އޭގެ ތަބީއީ ހަމަ، ބުނާ ގޮތުން ނަމަ، އޭގެ ތެރެއަށް ތުއްތު ކުއްޖަކު އެއްލައިލުމުން، އެ ކުއްޖާ ގެނބި މަރުވެދާ އެއްޗެކެވެ. ނަމަވެސް، ކޯރުގެ ތެރެއަށް މޫސާގެފާނު އެއްލައިލެވުމުން، ކޯރުވީ ކަލެއާ ހަމައަށް، ކަލެއަށް ނުފެނިގެން އުޅުނު ތުއްޕުޅު ކަލޭގެފާނު ގެނެސްދިން ޕޯސްޓު މީހާއަށެވެ. ހަމައެހެންމެ، ބޮޑު ފެންގަނޑެއް، އެއީ ކަނޑަކަށް ވިޔަސް ނޫނީ ކޯރަކަށް ވިޔަސް، ހުރަސް ކުރެވެނީ ކަނޑުގެ އުޅަނދު ފަހަރުގައެވެ. ނަމަވެސް، މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، އިސްކޮޅު ނުކާ ބޮޑު ފެންގަޑެއް ހުރަސްކުރެއްވީ، ހިކި މަގެއްގައި ވަޑައިގަންނަވާ ގޮތަށް، ހިންގަވައިފައެވެ.

10.  ކަލޭގެ ކިބައިން ދަސްވި ދިހަވަނަ ކަމަކީ ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް މާތްﷲގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ އެއްޗެހި ކަމެވެ. މޫސާގެފާނާ ކުރިމަތިލާން ބޮޑު ލަޝްކަރެއް ކަލޭ ނެރުމުން، ހަމަ އެ ފަދަ ލަޝްކަރެއް ނެރުއްވުމަށް މާތްﷲ ކުޅަދުންވަންތަ ވޮޑިގެން ވެއެވެ. ނަމަވެސް، ކަލޭ، އެ އެއްޗެއްގެ އަތުން މަރުވެ، ނިމި ދިޔައީ، އެއިން ހުރިހާ އެއްޗަކަށް ދިރުންދޭ ފެން މެދުވެރި ކޮށެވެ. ކަލޭގެ ދުވަސް ދިޔުމަށް މާތްﷲ މެދުވެރި ކުރެއްވީ ފެނުގެ 'ލަޝްކަރެކެވެ'. ކަލޭ ޣަރަގުވެ، ކަލޭގެ އަނގަ ބަންދުވެ، ކަލޭގެ ބޮޑާ ބަސްތަކާއި އަމަލުތަކުގެ ބާތިލުކަން އެންމެނަށް ދެއްކެވުމަށް ޓަކައެވެ. ކަލޭ ފަދައިން ބޮޑާވެގަނެ، މޮޅު ބަސްބުނެ، މާތްﷲއަށް ގޮންޖަހައިލާ ކަލޭ ފަދަ އެހެން މީހުންނަށް ވެސް އިބުރަތަކަށްވުމަށް ޓަކައެވެ!

ކޮމެންޓު
ކޮމެންޓުތައް
މުހައްމަދު
17 ޑިސެންބަރު 2025 10:24
ވަރަށް ވަރަށް ރަނގަޅު ލިޔުންކޮޅެއް .. ނަސޭހަތްކޮޅެއް ..