އައްޝައިޚު އިބްރާހީމް އަޙުމަދު
16 ޑިސެންބަރު 2025
ސިޔާސާ ޝަރުޢިއްޔާގެ އަސްލު މަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނުގެ މުޞްޙަފެއް
(2025 ޑިސެންބަރު 09ވަނަ ދުވަހާ ގުޅޭ)
އުޞޫލީން ޤިޔާސްގެ އެތައް ތަޢުރީފުތަކެއް ގެންނަވައިފައި ވެއެވެ. އޭގެ ތެރެއިން ދެ ތަޢުރީފެއް މި ތާނގައި ބަލައިލާނަމެވެ.
ފުރަތަމަ ތަޢުރީފު
ޙުކުމްގެ ގޮތުން ނުވަތަ ސިފައިގެ ގޮތުން ގުޅިފައިވާ ދެ ކަމަކުން ކަމެއްގެ ޙުކުމް ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ޓަކައި އެނގިފައިވާ ކަމެއްގެ މައްޗަށް އެހެން ކަމެއް އުފުލައިގެން އުޅުމެވެ. މި ތާނގައި އެނގިފައިވާ ކަމެއް އުފުލުމުގެ މާނައަކީ ކަމެއްގެ ޙުކުމް އެ ފަދަ އެހެން ކަމެއްގެ މައްޗަށް ސާބިތުކުރުމެވެ. އެ ދެ ކަމަށް ޙުކުމެއް ސާބިތުކުރުމޭ މި ބުނެވެނީ ޤިޔާސްގައި އަޞްލަށް އޮތް ޙުކުމް ފަރުޢަށް ދޭ ދިނުމަށެވެ. ސަބަބަކީ މި ދެ ކަމުގައި ޢިއްލައިގައި ގުޅުން އޮތުމެވެ.
ދެވަނަ މާނައަކީ: އަޞްލު ފަހަނައަޅައި ފަރުޢަށް ޙުކުމް ދިޔުމެވެ. ނުވަތަ އަޞްލުން ޙުކުމް ނަގައި އެ ޙުކުމް ފަރުޢަށް ފޯރުކޮށްދިނުމެވެ. އެއީ މި ދޭތީގައި ޢިއްލައިގެ ގޮތުން ގުޅިފައި އޮތުމެވެ. އެހެންވުމުން އަޞްލެކޭ އެއް ފަދައިން ފަރުޢު ވެސް ޢިއްލާގައި ޤައިދުކޮށްލުމެވެ.[1]
އިސްވެދިޔަ ދެ ތަޢުރީފަށް ބެލުމުން އަންގައިދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އިތުރު ތަޢުރީފަކަށް ދާން ޖެހޭކަމަށް ޢިލްމުވެރީން ބުރަވެވަޑައިގަންނަވައެވެ. މި ފަދަ އެއް ބޭކަލަކީ ޒަކިއްޔުއްދީނު ޝަޢުބާނެވެ. އޭނާ އޭނާގެ ފޮތް އުޞޫލުލްފިޤްހުގައި މި ވާހަކަތައް ބަޔާންކުރެއްވުމަށް ފަހު އެހެން މާނައެއް ދެއްވައިފައި ވެއެވެ. އެއީ ޝަރުޢީ ނައްޞެއް ނެތް ކަމެއްގެ ޙުކުމް ބަޔާންކުރުމަށް ޝަރުޢީ ނައްޞަކުން ޙުކުމެއް އޮތް ކަމަކާ ގުޅުވައި އެ ދެ ކަންތަކުގެ ޢިއްލައިގެ ގުޅުން އެތް ގޮތްވެފައިވާތީ އެ ޢިއްލާގެ މައްޗަށް ބިނާކޮށް ޝަރުޢީ ނައްޞަކުން ޙުކުމެއް ނެތްކަމަކަށް ޙުކުމެއް ދިނުމެވެ.[2]
މިތާގައި އިލްޙާޤު (ގުޅުން)ގެ މާނައަކީ ޙުކުމަށް ޓަކައި ކަމެއް ކަޝްފުވެ ފާޅުވުމެވެ. މި ތާނގައި މި އޮތް ބަހުގެ މުރާދަކީ ޙުކުމް ސާބިތުވެ ލިޔެވިފައި އޮތުމެއް ނޫނެވެ. ސަބަބަކީ ޤީޔާސްކުރެވުނު އެތީގައި ޙުކުމް ސާބިތުވިޔަސް އެ އެއްޗެއްގެ މައްޗަށް ޤިޔާސްކުރެވުނު އެތީގައި ޙުކުމެއް ނެތުމެވެ. އެ ޙުކުމް ފާޅުވީ މުޖުތަހިދު ޤިޔާސްކޮށް ޢިއްލާއެއް އޮތްކަން ބަޔާންކުރުމުންނެވެ. އެހެންވީމާ މިއިން އެގެނީ
- ޤިޔާސަކީ ޙުކުމް ފާޅުކުރާ އެކަމަކު ސާބިތުކުރާ ކަމެއްނޫން ކަމެވެ.
- ޢިއްލާއަކީ ޙުކުމުގެ އަސާސްކަމެވެ.
- މުޖުތަހިދުގެ މަސައްކަތަކީ ފަރުޢުން ޙުކުމް ބަޔާންކޮށް ނެރުންކަމާއި ސަބަބަކީ ޤިޔާސްކުރި އެއްޗާއި ޤިޔާސްކުރެވުނު އެތީގެ ޢިއްލާ އެއް ގޮތްވުމެވެ. [3]
ޤިޔާސްގެ އިޞްޠިލާޙީ ތަޢުރީފު
އެއްޗެއްގެ ފަރުޢަކާއި އަޞްލަކަށް ޙުކުމެއް ދިނުމުގައި އެ ދޭތި ޢިއްލަތުގެ ގޮތުން އެއް ފަދަވާތީ ޙުކުމެއްގައި އެއް ގޮތްކުރުމެވެ.[4] މީގެ މާނައަކީ ޤުރްއާނުން ނުވަތަ ސުންނަތުން ނުވަތަ އިޖުމާޢުން ސާބިތުވެފައި ނެތް، ނައްޞެއްނެތް، ޙާދިސާއެއް ނުވަތަ ކަމެއް ހިނގައިފި ނަމަ، އެއާ އެއް ފަދަ އެހެން ކަމެއް ހިނގައި، ޤުރްއާނާއި ސުންނަތުން ނުވަތަ އިޖުމާޢުން އެއަށް ނައްޞެއް އޮތް ނަމަ، މި ގޮތުން އެއްގޮތްވި ޙާދިސާގެ ޢިއްލަތް ފުރަތަމަ މި ބަޔާންކުރި ނައްޞެއް ނެތް ޙާދިސާއާ ގުޅުވައި އޭގެ މައްޗަށް ޙުކުމެއް ނެރުމެވެ.
ޤިޔާސް ޝަރުޢު ކުރެއްވި ކަމުގެ ދަލީލު
ޤުރްއާނުގެ ދަލީލުތައް
މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ. اللَّهُ الَّذِي أَنْزَلَ الْكِتَابَ بِالْحَقِّ وَالْمِيزَان[5] މީޒާނަކީ ކަންތައްތައް ވަޒަންކުރާ އެއްޗެވެ. އެހެންކަމުން މި ދެފަރާތް ވަނީ ޤިޔާސްކުރެވިފައެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُه[6] މާނައީ: " އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادةކުރައްވާ ހުށީމެވެ." މި ތާނގައި ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން އަލުން ދިރުއްވުން ފުރަތަމަ އުފެއްދެވުމާއި އެއްފަދަ ކުރެއްވިއެވެ. މިއީ ޤިޔާސެކެވެ.
އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَاباً فَسُقْنَاهُ إِلَى بَلَدٍ مَيِّتٍ فَأَحْيَيْنَا بِهِ الأَرْضَ بَعْدَ مَوْتِهَا كَذَلِكَ النُّشُورُ[7] މާނައީ: " އަދި اللَّه އީ، ވައިރޯޅި ފޮނުއްވި ރަސްކަލާނގެއެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަންރަސްކަލާނގެ އެ ވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަންރަސްކަލާނގެ އެ ބިން ދިރުއްވީމެވެ. (قيامة ދުވަހުން) އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ." މިތާގައި ﷲ ތަޢާލާ މަރުވެފައިވާ މީހުން ދިރުއްވެވުން ބިންދިރުއްވެވުމާއި އެއްފަދަ ކުރެއްވިއެވެ. މިއީ ޤިޔާސެކެވެ.
ސުންނަތުގެ ދަލީލުތައް
1- عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ :جَاءَ رَجُلٌ إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، إنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ شَهْرٍ . أَفَأَقْضِيهِ عَنْهَا ؟ فَقَالَ : لَوْ كَانَ عَلَى أُمِّكَ دَيْنٌ أَكُنْتَ قَاضِيَهُ عَنْهَا ؟ قَالَ: نَعَمْ . قَالَ : فَدَيْنُ اللَّهِ أَحَقُّ أَنْ يُقْضَى[8] މާނައީ: މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިއަހުން ރިވާވެގެން ވެއެވެ. މީހަކު ރަސޫލާގެ އަރިއަހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ މަންމަ މަރުވި އިރު އެ މަންމަ ރަމަޟާންމަހު ހިފާން ހުރި ރޯދަ ވަނީ ނުހިފައެވެ. އެ ރޯދަ އަޅުގަނޑު ޤަޟާކުރާންވީތޯއެވެ؟ ފަހެ އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމަގެ ދަރަންޏެއް އޮތްކަމަށްވާ ނަމަ އެ ދަރަނި އެ މަންމަގެ ފަރާތުން އަދާކުރާ މީހަކުކަމުގައި ތިބާ ވާނަންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ! ރަސޫލާ ޙަދީޘްކުރެއްވިއެވެ. ﷲގެ ދަރަނި އަދާކުރުން މާއައުލާކަން ބޮޑުވެގެންވެއެވެ."
2- عَنْ أَبِي هُرَيْرَةَ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ وُلِدَ لِي غُلاَمٌ أَسْوَدُ. فَقَالَ " هَلْ لَكَ مِنْ إِبِلٍ ". قَالَ نَعَمْ. قَالَ " مَا أَلْوَانُهَا ". قَالَ حُمْرٌ. قَالَ " هَلْ فِيهَا مِنْ أَوْرَقَ ". قَالَ نَعَمْ. قَالَ " فَأَنَّى ذَلِكَ ". قَالَ لَعَلَّهُ نَزَعَهُ عِرْقٌ. قَالَ " فَلَعَلَّ ابْنَكَ هَذَا نَزَعَهُ "[9] މާނައީ: އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާގެ އަރިއަހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނައަށް ކަޅު ފިރިހެން ކުއްޖެއް ލިބިއްޖެއެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ކަލޭ ޖަމަލު ގެންގުޅެންހެއްޔެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ! ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެޖަމަލުތަކުގެ ކުލައަކީ ކޮބައިހެއްޔެވެ؟ އެ ބޭކަލަކު ދެންނެވިއެވެ. ރަތްކުލައެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭގައި ކަޅުކުލަ ހުރި ކެހެރި ހުރިހެއްޔެވެ. އެ ބޭކަލަކު ދެންނެވިއެވެ. އާދޭހެވެ! ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެ ކަން ހުރީ އެ ފަދައިންނެވެ. އެބޭކަލަކު ދެންނެވިއެވެ. އެއީ ދަރިފަސްކޮޅުގެ ކަމެއް ކަމުގައި ވެދާނެއެވެ. ފަހެ އެ ހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިބާގެ ދަރިފުޅުގެ ކިބާގައިވާ ކަމަކީ އެ ފަދައިން ދަރިފަސްކޮޅުގެ ކަމަކަށް ވެދާނެއެވެ.
މި ފަދައިން ޤުރްއާނާއި ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ ދަލީލުތަކުން ޤިޔާސަކީ ޝަރުޢުގައި އައިސްފައިވާ ކަމެއްކަން ދޭހަވެއެވެ.
ޞަޙާބީންގެ ބަސްފުޅުތަކުން ޤިޔާސް
ما جاء عن أمير المؤمنين عمر بن الخطاب في كتابه إلى أبي موسى الأشعري في القضاء قال: ثم الفهم الفهم فيما أدلى عليك، مما ورد عليك مما ليس في قرآن ولا سنة، ثم قايس الأمور عندك، واعرف الأمثال، ثم اعمد فيما ترى إلى أحبها إلى الله، وأشبهها بالحق.[10] މާނައަކީ، އަމީރުލްމުއުމިނީން ޢުމަރު ބުނުލްޚައްޠާބު އަބޫމޫސާ އަލްއަޝްޢަރީއަށް ޤާޟީއަކު ޢަމަލު ކުރައްވަންވީ ގޮތާ މެދު ފަތްކޮޅެއް ފޮނުއްވި އިރު އޭގައި ވެއެވެ. ތިބާޔަށް ހުށައެޅޭ ކަންކަން ދެނެގަންނާށެވެ! އެއީ އެ ގޮތަށް ހުށައެޅޭ ކަންކަމުގެ ތެރެއިން ޤުރްއާނާއި ސުންނަތުގައި ނުހިމެނޭ ކަންކަމެވެ. އަމްޘާލު ދެނެގަންނާށެވެ. ދެން އެ ކަމަކަށް ޤިޔާސްކުރައްވާ ކަންކަން ރަނގަޅަށް ދެނެގަނެ ހެދުމަށް ޓަކައި ހިތްޕުޅުގެ އަޑީން ވިސްނައިވަޑައިގެން ޙައްޤާއި އެންމެ ވައްތަރު ގޮތެއްގެ މައްޗަށް ނިންމަވާށެވެ!"
އަލްމުޒުނީ މިބަސްތަކާއި ގުޅުވައި ވިދާޅުވަނީ ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް އުޅުއްވި ފިޤްހު ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވަނީ ޙައްޤާ އެއް ފަދަ ކަމަކީ ޙައްޤުކަމާއި ބާޠިލާއި އެއް ފަދަ ކަމަކީ ބާޠިލުކަމުގައެވެ. އެހެންކަމުން އެ ބޭކަލުން ފިޤްހުގައި ހުރިހައި ކަމެއްގެ ޙުކުމްތައް ނެރުއްވުމުގައި ވެސް ޤިޔާސްގެ ބޭނުންފުޅުހިއްޕެވިއެވެ. އަލްއިމާމު އިބްނުލްޤައްޔިމު ވިދާޅުވަނީ މިއީ ޢިލްމުވެރީން ޤަބޫލުކުރެއްވި މަތިވެރި އުޞޫލެއްކަމުގައެވެ.[11] އެހެންކަމުން މިއިން ހާމަވަނީ ޤިޔާސަކީ ހުރިހައި ޒަމާނެއްގައި ވެސް ޢިލްމުވެރީން ޢަމަލުކުރެއްވި އިސްލާމީ ޝަރީޢާގެ ބައެއް ކަމުގައެވެ.
އިސްވެދިޔަ ބައިތަކާ ގުޅޭ ބައެއް މިސާލުތައް:
1- ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ރާ ޙަރާމްކުރައްވައި އާޔަތް ބާވާލައްވަވައިފައެވެ. ފަހެ އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ [12] މާނައީ: "ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيبހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!" އެހެންކަމުން މުޖުތަހިދުން ދެނެގަތީ މީގައި ރާ ޙަރާމް ވުމުގެ ޢިއްލާއަކީ މަސްތުވުމެވެ. ދެން އެޔަށްފަހު އެބޭކަލުން ވިސްނައިވަޑައިގަތުމުން އެނގިވަޑައިގަތީ ނަބީޛަކީ ވެސް މަސްތުވާ އެއްޗެއް ކަމެވެ. އެހެންވީމާ ނަބީޛު ބޭނުންކޮށް އުޅުމަކީ ރަލެކޭ އެއް ފަދައިން ޙަރާމް އެއްޗެއްކަމެވެ. ސަބަބަކީ މީގައި އަޞްލަކީ ރަލެވެ. ފަރުޢަކީ ނަބީޛެވެ. ޙުކުމަކީ ޙަރާމްވުމެވެ. ދެ ބައިގައި އޮތް ޢިއްލާއަކީ މަސްތުވުމެވެ.
2- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި އައިސްފައިވަނީ މީހަކު ޤަތުލުކުރުމަކީ ވާރުތަވުން މަނާކުރާ ކަމެއްކަމުގައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. لا يرث القاتل [13] މާނައަކީ، ޤާތިލަށް ވާރުތަ މުދާ ލިބުމެއްނުވެއެވެ. މީގެ ޢިއްލާއަކީ ކަމެއްވާންވީ ވަގުތުގެ ކުރީން އަވަސްވެ އެ ކަމެއް ކުރުމެވެ. އެހެންކަމުން އޭގެ ޢުޤޫބާއަކީ އެއިން މަޙްރޫމްކުރުމެވެ. މިޢިއްލާ މީހަކު ވަޞިއްޔަތްކޮށްގެން އެހެންމީހަކު ލައްވައި މީހަކު މަރައިލައިފި ނަމަވެސް ފުރިހަމަވާނެއެވެ. އެހެންވުމުން ވަޞިއްޔަތުން ލިބެން އޮތް ތަރިކައިގެ ބައި ޤަތުލުގެ ޙާލަތުގައި ވަޞިއްޔަތުން ބައިލިބޭން އޮތް މީހާ އެހެންމީހަކަށް އޭނާއަށް ވަޞިއްޔަތުން ބައިދޭން ބުނި މީހާ މަރައިލައިދިނުމުން ލިބޭ ބައި ދިނުން މަނާކުރެއެވެ. އެއީ ޤާތިލަށް ތަރިކަމުދަލުން ބައިލިބުން މަނާވި ގޮތުގެ މައްޗަށް ޤިޔާސްކުރެވިގެންނެވެ.
އެންގޭޖު ހުރި މީހަކާ އެހެންމީހަކު އެންގޭޖުވުން ރަސޫލާ ވަނީ ޙަރާމްކުރައްވައިފައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ وَلَا يَخْطُبْ بَعْضُكُمْ عَلَى خِطْبَةِ بَعْضٍ[14] މާނައީ: "އިބްނު ޢުމަރު ރަސޫލާގެ އަރިހުން ރިވާކުރެއްވިއެވެ. ތިޔަބައިމީހުންކުރެ ބަޔަކު ތިޔަބައިމީހުންގެ އަޚާ ވިއްކަމުންދާ އެއްޗެއްގެ މައްޗަށް އެއްޗެއް ނުވިއްކާށެވެ. އަދި ތިޔަބައިމީހުންގެ ބަޔަކު ތިޔަބައިމީހުންގެ އަޚުންގެ ބަޔަކު ޚިޠުބާކޮށްފައިވާ މީހަކަށް ޚިޠުބާނުކުރާ ހުށިކަމެވެ." މީގެ ޢިއްލާއަކީ އެންގޭޖުވި ފުރަތަމަ މީހާއާށް އުދަގޫ ކުރުމެވެ. އެއީ ޢަދާވާތްތެރިކަމުގެ ގޮތުން ނުވަތަ ޙަސަދައިގެ ސަބަބުންކަމަށް ވިޔަސް މެއެވެ. މި މާނަ ކުއްޔަށް ހިފާން އުޅޭ ތަނެއް ފުރަތަމަ ހިފާން އުޅުނު މީހާއާއި އެ ނޫން މީހުންނާ ދެމެދު ވެސް ވެއެވެ. މީގައި ޤިޔާސްކުރަނީ އެންގޭޖުކުރި މީހާއާއި އެ ނޫން މީހުންގެ ޙުކުމްގެ މައްޗަށެވެ. (ނުނިމޭ)
މަރުޖާ
[1] - މުޙައްމަދު ބިން އިސްމާޢީލު އަލްބުޚާރީ، ކަޝްފުލްއަސްރާރު ( ޤާހިރާ، މަކްތަބިއްޞަނާޔިޢު ، 1307) (2/ޞ 988)
[2] - ޒަކިއްޔުއްދީނު ޝަޢުބާން : އުޞޫލުލްފިޤްހިލްއިސްލާމީ ( އަލްޤާހިރާ، ދާރުއްތައުލީފި ، ފުރަތަމަޗާޕު 1956) ( ޞ59)
[3] - އައްޒިފުޒާފު، މުޙައްމަދު، މުޙާޟަރާތިން ފީ އުޞޫލިލްފިޤްހި ( އަލްޤާހިރާ، ޖާމިޢަތުލްޤާހިރާ ، ފުރަތަމަޗާޕު 1959) (ޞ8)
[4] - އަޙްމަދު ، އިބްރާހީމް، އިސްލާމީ ޝަރީޢާގެ ތާރީޚާއި މަޞްދަރުތައް (މާލެ، ވިލާކޮލެޖު ،2012) (ޞ18 )
[5] - އައްޝޫރާ 17
[6] - އަލްއަންބިޔާ 104
[7] - ފާޠިރު 9
[8] - މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ،ޞަޙީޙުލްބުޚާރީ :(ދާރު އިބްނުކަޘީރު، ދިމިޝްޤު، 1993) 1953ކިތާބުއްޞައުމި 24-باب من مات وعليه صوم
[9] - ،މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ،ޞަޙީޙުލްބުޚާރީ (5305) كتاب الطلاق ، 26- باب إذا عرض بنفي الولد
[10] - ޙަސަބުﷲ،ޢަލީ، އުޞޫލުއްތަޝްރީޢުލްއިސްލާމީ: ( ދާރުލްފިކްރުލްޢަރަބީ، އަލްޤާހިރާ ، 1997) (ޞ 106)
[11] - http://www.ibnothaimeen.com/all/books/printer_17747.shtml ( ބެލީ 28-9-2013 10:06 ގައި )
[12] - އަލްމާއިދާ 90
[13] - އަލްބައިހަޤީ، އަބޫބަކުރު އަޙްމަދު ބުނުލްޙުސައިން ބުނު ޢަލީ،އައްސުނަނުލްކުބްރާ :( ދާރުލްކުތްބުލްޢިލްމިއްޔާ، ބައިރޫތު 1994) (6/220)
[14] - ރަވާހުއްތިރުމިޛީ : ހަދީޘް ނަންބަރު 1292 (ޞ (3/587