ad_banner
ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުން ހުއްޓުވާން އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވުން

އަބާ މުޙަންމަދު

16 ޑިސެންބަރު 2025

ޣައްޒާ މިހާރު

ދުނިޔޭގެ އެންމެންގެ ކުރިމަތީގައި މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފައި ވިޔަސް އެ ކަން ކުރިކަމަކަށް އަދި ވެސް އިސްރާއީލުން އިޢުތިރާފެއްނުވެއެވެ. އެ މީހުން އެއްވެސް ލަދެއް ނެތި ބުނަމުން ގެންދަނީ އެ މީހުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާކަށެވެ.

ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢުދުވާނުގައި އިސްރާއީލުން ހިންގައިފައިވާ އަދި މިހާރު ވެސް ހިންގމުންގެންދާ އަމަލުތައް ތަޙުޤީޤުކުރުން ހުއްޓުވުމަށް އެދި، އިސްރާއީލުން ހުށަހެޅި ޤާނޫނީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (ބޖކ)ގެ އިސްތިއުނާފު މަރުކަޒުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. މިއީ މި މައްސަލަ ކުރިއަށް ގެންދިޔަނުދިނުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަށް ގާނޫނީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

[ބޖކ]ގެ ދަށު ކޯޓުން ނިންމި ނިންމުމެއްގައި، 7 އޮކްޓޯބަރު 2023 ގައި ހަމާސް އިސްވެ އޮވެ އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ހިންގައިފައިވާ ޖަރީމާތަކުގެ މައްސަލަ ބެލުމަށް ޕްރޮސެކިއުޓަރަށް ހުއްދަދިނުމަށް ކޯޓުން ނިންމި ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމަށް ބުނެ އެ ނިންމުން ބަދަލުކުރުމަށް ފަނޑިޔާރުން ވަނީ ދެކޮޅުހަދައިފައެވެ.

މި ނިންމުމަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަލަސްތީނުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ ނިންމުމެކެވެ.

ހޭގްގައި ހުންނަ އެ ކޯޓުގެ އިޚުތިޞާސް އިސްރާއީލުން  ބަލައިނުގަންނަ އިރު، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައިފައިވާ ކަމަށް ވެސް އިސްރާއީލުން ތަކުރާރުކޮށް ވަނީ އިންކާރުކޮށްފައެވެ.

[ބޖކ]އިން ކުރީން ނެރުނު އަމުރުގައި ހަމާސްގެ އޭރުގެ އިސްވާރު އިބްރާހިމް އަލްމަސްރީ ހައްޔަރުކުރުމުގެ އަމުރެއް ވެސް ބޖކއިން ނެރުނު ނަމަވެސް ފަހުން އެ އަމުރު އަނބުރައި ގެންގޮސްފައި ވަނީ އޭނާ ޝަހީދުވިކަން އިތުބާރުހުރި ގޮތެއްގައި ކޯޓަށް އެނގުމާ ގުޅިގެންނެވެ.

މި އިސްތިއުނާފުގައި ބޮޑަށް ބަލައިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ހިނގި ހާދިސާތައް ތަހުގީގުކުރުމުގެ ކުރީން ބޖކގެ ޕުރޮސެކިޔުޓަރ ޖެނެރަލް، އިސްރާއީލަށް އާ އެންގުމެއް އަންގާންޖެހޭތޯއެވެ.

އިސްރާއީލުން ބުނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ފަހުން ޣައްޒާއަށް ދިން ހަމަލާއަކީ އާ ހާލަތެއް ކަމަށާއި އެއީ ދެކުނު އެފްރިކާއާއި، ޗިލީއާއި މެކްސިކޯ ހިމެނޭ ގޮތަށް ނޮވެމްބަރު 2023 އިން ފެށިގެން އިތުރު ހަތް ގައުމަކުން ކޯޓަށް ހުށަހެޅި އިތުރު ހަވާލާތަކެއްކަމަށެވެ.

އިސްރާއީލުގެ އެ ހުށަހެޅުން ދޮގުކޮށް ފަނޑިޔާރުން ވަނީ 2021ވަނަ އަހަރު ނެރުނު އަސްލު އަމުރުގައި ފަލަސްތީނުގެ ހިފައިވާ އިންތަކުގައި ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކުގެ ތަހުގީގު ރަސްމީކޮށް ހުޅުވާލި އިރު، ކުރީން ވެސް ފަހުން ހިންގއިފައިވާ ކަންތައްތައް ވެސް ކަވަރުކޮށްފައިވާކަމަށް ހުކުމްކޮށްފައެވެ.

ކޯޓުން ބުނެފައިވަނީ އާ އެންގުމެއް އަންގާންނުޖެހޭކަމަށެވެ. މީގެ މާނައަކީ ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އަދިވެސް ސައްހަކަމެވެ.

މި ހުކުމް އިއްވައިފައި މި ވަނީ އިސްރާއީލުން ޣައްޒާއަށް މިހާރު ވެސް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަނާކުރަނިވި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއާ ޙަވާލާދީ އަލްޖަޒީރާއިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު އެއްބަސްވި އެއްބަސްވުމަށް ޢަމަލުކުރާން ފެށި ފަހުން ވެސް ފަލަސްތީނުގެ 391 މީހުން ޝަހީދުވެ 1،063 މީހުން ޒަޚަމުވެފައިވާކަމަށާއި،  632 މީހުންގެ ހަށިގަނޑު ފެނިފައިވާކަމަށެވެ.

2023 އޮކުޓޫބަރު 7އިން ފެށިގެން ފަލަސްތީނުގެ 70،663 މީހުން މަރުވެ، 171،139 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް މީޑިއާތަކުން މަޢުލޫމާތު ލިބިފައިވެއެވެ.

ކޮންމެއަކަސް އެމެރިކާގެ އެހީތެރިކަމާ އެކު، އިސްރާއީލުން ޣައްޒާ ފަނާކުރަމުން ދިޔަޔަސް އިސްރާއީލަކީ މިއަދު ދުނިޔޭގެ ބޮޑު އަޣުލަބިއްޔަތަކުން ނަފުރަތުކުރާ އަދި އިތުބާރު މުޅިން ގެއްލިފައިވާ ކިޔާނެކެވެ.

ކޮމެންޓު