ad_banner
މުޅި ދުނިޔެ ސުލްހަކޮށް ތަރައްގީކުރާން މަސައްކަތްކުރާ ގައުމަކީ ޗައިނާ؟- ޣައްޒާއަށް 100 މިލިޔަން ޑޮލަރު.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

16 ޑިސެންބަރު 2025

ޗައިނާ: ސުލްޙައަށް މަސައްކަތްކުރާ ގައުމެއް

ޗައިނާއަކީ އެ މީހުންގެ ސިޔާދަތާއި ސިޔާސަތާއި ޤިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ބަޔަކާ ގުޅިގެން ވަރަށް އެކުވެރިކަމާ އެކު، މަސައްކަތްކުރާ ގައުމެއްކަން ދުނިޔެއަށް ވަނީ ސާބިތުކޮށްދީފައެވެ. އެ މީހުންނާ ދުޝްމަނުނުވާ ބަޔަކާ އެ މީހުން ދުޝްމަނެއް ނުވެއެވެ. އެ މީހުންގެ ސަރަޙައްދަށް އިޙުތިރާމްކުރާ ބަޔަކާ އެ މީހުން ހަނގުރާމައެއްނުކުރެއެވެ. އެހެން ޤައުމެއްގެ ދާޚިލީ ކަންކަމަކާ އެބައިމީހުންނެއް ނުބެހޭނެއެވެ. މިއީ ކޮން ގައުމެއްތޯއެވެ؟

އިގުތިސާދީ ގޮތުންނާއި މިއުމާރިއްޔަތުގެ ގޮތުންނާއި މާލީ ގޮތުންނާއި އަސްކަރީ ގޮތުންނާއި ފަންނިއްޔާތުގެ ރޮނގުން ޗައިނާ ކުރިއަރަމުން އަންނަ ބާރު ދުވެލި އިޙުސާސްކުރެވި އެ ކަމާ ޙަސަދަވެރިވާ މީހުން ޗައިނާ އާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރައެވެ. މިއަދު ދުނިޔޭގެ މީޑީއާ ކޮންޓުރޯލުކުރަނީ އިސްރާއީލާއި އެމެރިކާއިންކަމަށް ވާތީ މޮޅު ގޮތްގޮތަށް ޗައިނާގެ އަގުވައްޓައިލާން އެ މީހުންނާ ބެހޭ ދޮގު ޚަބަރު ފަތުރާން މީޑިއާގެ ބޭނުން ފުރިހަމައަށް ހިފައެވެ.

ޗައިނާއާ ބެހޭ ގޮތުން ދުނިޔޭގެ މީޑިއާގައި ފަތުރާ އެންމެ ނުބައި އަޑަކީ އެ މީހުންނަކީ ޗައިނާއި ގުޅޭ އެހެން ދީންތަކަށް ޚާއްޞަކޮށް މުސްލިމުންނަށް އަނިޔާކުރާ ބަޔެއްކަމަށާއި، އަދި އެ ފަދަ އެހެން ދީންތަކުގެ މީހުންގެ ޢަޅުކަންކުރުމަށް ހުރަސްއަޅާ ވާހަކައެވެ. ނަމަވެސް ޗައިނާއަށް ގޮސް ޗައިނާގެ މުސްލިމުންނާ ވާހަކަދައްކައިލުމުން އެ މަޢުލޫމާތު ލިބުނީ އަނެއްކޮޅަށެވެ. ޗައިނާގައި ދީނީ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިފައިވާ ވާހަކަ އެ މީހުން ބުނެ ސާބިތުކޮށްދެއެވެ. އެ މީހުން އެ ކަން ސާބިތުކޮށްދޭން ދައްކާ އެންމެ އަލިގަދަ ސާފު ދަލީލަކީ އިސްލާމް ދީނުގެ މުހިންމު ހުރިހައި މަޞްދަރުތަކަކާއި މަރުޖާތަކަކާއި ފިޤުހު ފޮތްތަކެއް ޗައިނާބަހުން ތަރުޖަމާކޮށް އާންމުކޮށްފައިވާތަރުޖަމާތައް ދެއްކުމެވެ. މި ފަދަ ހުރިހައި ފޮތެއް އެހެރީ އެންމެ މޮޅަށް ޗާޕުކޮށް އާންމުކޮށްފައެވެ. ޗައިނާގެ ފަންނުވެރި މިއުމާރިއްޔަތު ދައްކުވައިދޭ އިސްލާމީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި އެ ތަންތާނގެ ކުތުބުޚާނާތަކުގައި ހުރި އިސްލާމީ މުހިންމު ހުރިހައި މަސްދަރުތަކަކާއި މަރުޖާތަކެއްގެ ތަރުޖަމާތަކުން އިސްލާމީ މިނިވަންކަން ޗައިނާގައި އޮތް މިންވަރު އެ ކަމަށް ވިސްނައިފި މީހަކަށް ހާމަވާނެއެވެ.

މި ކަން އިތުރަށް ސާބިތުކޮށްދިން އަނެއްކަމެއް މި ދިޔަ ބުރާސްފަތި ދުވަހު މި ވަނީ ރައީސް ޝީ ޖިންޕިން އިޢުލާނުކުރައްވައިފައެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮނާ އެކު މި މަހު ހަތަރުވަނަ ދުވަހު ބެއިޖިންގައި ބޭއްވި ބައްދަލުވުމަކަށް ފަހު ރައީސް ޝީޖިންޕިންގ އިޢުލާނުކުރެއްވީ މުސްލިމު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް 100 މިލިއަން އެމެރިކާޑޮލަރުގެ ހިލޭ އެހީއެއް ދެއްވާން ނިންމެވިވާހަކައެވެ. މިއީ ޣައްޒާގެ ބިނާރު އަލުން ބިނާކުރުމަށާއި އެ ތާނގައި އޮތް އިންސާނީ ކާރިސީ ޙާލަތު ނައްތައިލައި ރައްޔިތުންނަށް މާލީ ގޮތުން ދުޅަހެޔޮކަން ގެންނެވުމަށް ޓަކައި ވެދެއްވާ އެހީފުޅެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބައެއް މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޣައްޒާގައި ޗައިނާގެ ބެންކެއް ހުޅުވައި ކޮންމެ ރައްޔިތަކަށް ޗައިނާގެ ޚަރަދުގައި ބޭންއެކައުންޓެއް ހުޅުވައިދޭ ގޮތަށް ވެސް ޗައިނާއިން ވަނީ ހަމަޖައްސައިފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށާއި ޣައްޒާ ބިނާކުރާން ޗައިނާއާއި ފަރަންސޭސިވިލާތް ގުޅިގެން ކުރާ މަސައްކަތަށް އެއްވެސް ގައުމަކުން ހުރަސްއަޅައި ގެއްލުން ދީފި ނަމަ، އެއީ ޗައިނާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުންކަމަށް ވިދާޅުވެ ޗައިނާގެ ރައީސް ވަނީ އިސްރާއީލަށް އިންޒާރުދެއްވައިފައިކަމަށް ވެސް ބައެއް މަސަދަރުތަކުން ބުނެއެވެ.

އަދި ފަލަސްޠީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަނެ، އެ މީހުންނަށް ހިތްހަމަޖެހުން ހޯދާން މި މަސައްކަތްކުރާ އިރު، ފަލަސްތީނަށް މި މައްސަލަތައް ކުރިމަތިވުމުގެ އަސްލު ސަބަބުތައް ދުނިޔެއިން ދެނެގަނެ ގަބޫލުކުކުމަށް ވެސް ރައީސް ޝީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވައިލެއްވިއެވެ.

ޗައިނާއަކީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ތަކުރާރުކޮށް އެތައް ފަހަރަކު އެހީ ފޯރުވައިދީފައިވާ ދީލަތި ގައުމެކެވެ. އަދި ޗައިނާގެ ރައީސް ޝީޖިންޕިނަކީ ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް އެ ތާނގެ ރައްޔިތުންނަށް ފަލަސްތީނު ބިމުގައި ގާއިމުކޮށްދޭން ޖެހޭނެކަމަށް ޢާލަމީ ގޮތެއްގައި ވާކާލާތުކުރައްވާ އަދި އެ ސިޔާސަތަށް ވަރުގަދައަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

އިސްލާމުން ދެކެ ރުޅިއަންނަ ގައުމެއް ނަމަ، އުޅުނީހީ އެމެރިކާއާއި އިސްރާއީލާ ގުޅިގެން ޣައްޒާ އަވަހަށް ހަލާކުކޮށްލެވޭތޯތާއެވެ.

އަދި އެނގިވަޑައިގަންނަވައިތޯއެވެ؟ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އެހެރަ އިސްލާމީ މަރުކަޒުގެ ވަށައިގެން ކުރީން ތަޅުންއަޅައިފައި އޮއްވައި އެ ތަޅުމުގެ ބަދަލުގައި ސަންގުމަރުމަރު ހިލަޖަހާން މާލީ ގޮތުން ހުރިހައި އެހީތެރިކަމެއް ދިނީ ވެސް ޗައިނާ ސަރުކާރުންނެވެ. އިސްލާމުން ދެކެ އެ ހައި ރުޅި އަންނަ ބަޔެއް ނަމަ، މި ފަދަ ކަމަކަށް އެހީ ވީސްތޯއެވެ؟

ޗައިނާއާ ބެހޭ ގޮތުން ނޭދެވޭ ވާހަކަތައް ފަތުރަނީ ތަރައްގީގެ މައިދާނުގައި ޗައިނާއާ ވާދަކުރާން ބޭނުން އެކަމަކު ވާދަނުކުރެވޭ މަދު ގައުމަކުންނެވެ. މި ގައުމުތަކުގެ ކޮންޓުރޯލުގައި މީޑިއާ އޮތީމާ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީއެވެ.

ޗައިނާއަކީ އެހެން ގައުމެއްގެ ސިޔާދަތަށް، މިނިވަންކަމަށް، ނުފޫޒުފޯރުވާން މަސައްކަތްކުރުމެއް ނެތި، ޗައިނާގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކާ ވެސް ގުޅިގެން ޙަސަދަވެރިކަމެއް ނެތި، ތަރައްގީއަށް ޓަކައި މަސައްކަތްކުރާ ގައުމެކެވެ. އެ ގައުމުގެ ތަރައްގީގެ ސިއްރަކީ މިއީކަމަށް ވެސް ވެދާނެއެވެ.   

ކޮމެންޓު