ad_banner
ހެދުންއެޅުމުގެ "ހަރުކަށި" އުސޫލަށް އަންހެނުންތަކެއް ފުރައްސާރަކުރުމުން އީރާނުގެ އެންމެ މަތީ އިސްވާރުގެ ރައްދު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

8 ޑިސެންބަރު 2025

އީރަނުގެ އެންމެ މަތީ އިސްވާރު ޢަލީ ޚާމަނާއީ

އިސްލާމީ ގިނަ ޢިލްމުވެރީން އިއްތިފާގުވެފައިވާ ގޮތުގައި އަންހެނުންގެ މޫނާއި ދެއަތްތިލަ ނޫން ހައި ތަނަކީ އެ ކަނބަލުންގެ ޢައުރައެވެ. މި ކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް މިއީ ޖުމްހޫރު ޢިލްމުވެރީންގެ ރައުޔެވެ. މި ރައުޔަށް ދިވެހިރާއްޖޭގެ ގިނަ އަންހެނުން ތާއީދުކޮށް ދިވެހިރާއްޖޭގައި (ހާލަކުން ވަރަށް މަދު މީހަކު ނޫނީ) ހުރިހައި އަންހެނުން ވެސް އުޅެނީ ބުރުގާ އަޅައިގެންނެވެ. އެއީ ވެރިކަމުގެ ފަރާތުން ނުވަތަ ގާނޫނަކުން މަޖުބޫރުކޮށްގެނެއް ނޫނެވެ. މިއީ އުފާކުރުން ޙައްގުކަމެއްކަމަށް ހަމަ ގައިމު ވެސް އަޅުގަނޑު ދެކެމެވެ.

ހުޅަނގުގެ ނަޒަރުގައި އަންހެނުން ބުރުގާއެޅުމަކީ އެ މީހުންގެ މިނިވަންކަން ނިގުޅައިގަތުމެކެވެ. އެ މީހުންގެ ނަޒަރުގައި އަންހެނުން ބުރުގާއެޅުމަކީ އެ މީހުންގެ ހައްގަށް އަރައިގަތުމެވެ. އެހެންކަމުން ރަސްމިއްޔާތުތަކުގައި ވެސް ފިރިހެނުން ނިވައިކަން ބޮޑު ހެދުންލައިގެން އުޅޭ އިރު، އަންހެނުންގެ މިނިވަންކަން ދެއްކެނީ ވީވަރަކުން އެ މީހުންގެ ޢައުރަ ހާމަކޮށްގެންކަމަށް އެ މީހުން ދެކޭ ކަހަލައެވެ.

ނަމަވެސް އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވައިފައިވަނީ ވަރަށް މަތީ އަހަންމިއްޔަތެކެވެ. އެ ކަނބަލުންގެ ޢިއްފަތްތެރިކަން ރައްކާތެރިކޮށް ޝައިޠާނީ ގޯނާތަކުން އެ ކަނބަލުން ޙިމާޔަތްކުރެއްވުމަށް ޓަކައި "ޙިޖާބު" ޝަރުޢުކުރައްވައިފައި ވެއެވެ.

އަޅުގަނޑުމެން މަންޠިޤީ ނަޒަރަކުން ވިސްނައިލިޔަސް އަގުބޮޑު އަދި މުހިންމު ކޮންމެ އެއްޗެއް އަޅުގަނޑުމެން ގެންގުޅެނީ ވަރަށް ބޮޑަށް ރައްކާތެރިކޮށްގެންނެވެ. ފައިސާއާއި އަގުބޮޑު ޖަވާހިރުތައް އަޅުގަނޑުމެން ބަހައްޓަނީ މީހުންނަށް ވަގަށް ނުނެގޭނޭ ފަދައަކުން ތިޖޫރީގައި ރައްކާތެރިކޮށްފައެވެ. އަންހެނުންގެ ޢައުރަ ނިވައިކުރުމަށް އިސްލާމް ދީން ބާރުއެޅުއްވުމުގެ މަންޠިގީ އެއް މިސާލަކީ މިއީކަމަށް ބެލިދާނެއެވެ.

އެމެރިކާއާއި ހުޅަނގުގެ ޕްރޮޕެގެންޑާގެ ސަބަބުން އިސްލާމީ ބައެއް ގައުމުތަކުން، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތަކީ އިސްލާމް ދީނާ ޚިލާފު ގައުމެއްކަމަށް ބަލަމުން އަޔަސް އިސްލާމީ އުޞޫލުތައް އެންމެ ބޮޑަށް ތަންފީޒުކުރާ ޤައުމަކީ އެއީކަމަށް ދެންނެވިދާނެއެވެ. ފެންނަ ފެނުމާއި އިވޭ އަޑުތަކަށް ރިޢާޔަތްކުރާ އިރުގައެވެ.

އެމެރިކާއާއި ހުޅަނގުގެ ތާއީދު ލިބިފައި އޮތް އީރާނުގެ ވެރިކަން (ޝާހު މުޙަންމަދު ރިޒާ ޕަހެލަވީގެ ރަސްކަން) 1979ގައި ރައްޔިތުންގެ ލޭ އޮހޮރުވުމެއް ނެތް އިންޤިލާބަކުން ބަދަލުކޮށް އިސްލާމީ ޖުމުހޫރިއްޔަތެއް އީރާނުގައި ގާއިމުކުރި ފަހުން އީރާނުގައި ކަރާއި ބޮލުގެ އިސްތަށިގަނޑު ނިވާކޮށް އާދައިގެ ގޮތަކަށް ހެދުން އެޅުމަކީ އަންހެނުންނަށް ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.

ނަމަވެސް އީރާނުގެ އަންހެނުން ހެދުންއެޅުމުގެ [ހަރުކަށި] އުސޫލަށް ހުޅަނގުގެ ނުފޫޒުގެ ސަބަބުން ފުރައްސާރަކޮށް ފާޑުކިޔާ އަންހެނުން ފަހަކަށް އައިސް ގިނަވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

އަނެއްކޮޅުން އަންހެނުން ހެދުންއެޅުމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުނުކުރާކަމުގެ ތުހުމަތު، ޤައުމީ ފިކުރަށް ތާއީދުކުރާ މީހުންގެ އަޣުލަބިއްޔަތު އޮތް ބަރުލަމާނުގެ ދެބައިކުޅައެއްބައި މެންބަރުން، ޝަރުޢީކޯޓުތަކަށް ވަނީކޮށްފައެވެ.

ބަރުލަމާނުން ކޯޓުތަކަށް މި ތުހުމަތުކުރީ، މިދިޔަ ހަފުތާގައި އީރާނުގެ އެންމެމަތީ ވެރިޔާ ޚާމަނާއީގެ އޮފީހުން ނެރޭ ނޫހެއްގައި މަރުވެފައި އޮތް އަންހެނެއްގެ އިސްތަށިގަނޑު ހާމަވާ ފޮޓޯއެއް ޝާއިޢުކުރުމާ ގުޅިގެންނެވެ.  އެއީ މި ދިޔަ ޖޫން މަހު އިސްރާއީލާ ދެކޮޅަށް ހިނގި ހަނގުރާމައިގައި މަރުވި އީރާނުގެ އަންހެނެއްގެ މޫނުގެ ފޮޓޯއެކެވެ.

އެ ފޮޓޯގައި އެ އަންހެންމީހާ ފެންނަނީ ބޮލުގައި ބޭސްބޯޅަ ތޮތްޕެއް އަޅައިގެން އިސްތަށިގަނޑު ސާފުކޮށް ފެންނަ ގޮތަށެވެ.

މި ކަންކަމާ ގުޅިގެން އީރާނުގެ އެންމެ މަތީ އިސްވާރު އާޔަތުالله އަލީ ޚާމަނާއީ ވަނީ، ބުރުގާއެޅުމުގެ ދިފާޢުގައި އަދި އެ ކަމުގެ މުހިންމުކަމުގެ މައްޗަށް މި ދިޔަ ބުދަ ދުވަހު ވާހަކަފުޅުދައްކަވައިފައެވެ.

[[އީރާނުގެ] އިސްލާމީ ޖުމްހޫރިއްޔާގައި ސާބިތުކޮށްދީފައިވާ ގޮތުގައި މުސްލިމް އަންހެނުން، ބުރުގާއަޅައިގެން އިސްލާމީ ހެދުމަށް އިހުތިރާމްކުރުމާ އެކު، ހުރިހައި ދާއިރާއަކުން އެހެން މީހުންނަށް ވުރެ ކުރިއަރައި، މުޖުތަމައުގައި ވެސް އަދި ގޭގައި ވެސް ހީވާގި ދައުރެއް އަދާކުރެވޭނެއެވެ.] އަންހެނުންގެ ގުރޫޕަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވެފައި ވެއެވެ.

]އިސްލާމީ އިންގިލާބުގެ ކާމިޔާބީއަށް ފަހު މި އިސްލާމީ ޖުމްހޫރިއްޔާގައި ގާއިމްވެފައިވާ މި ތަސައްވުރާ އެކު، އަޅުގަނޑުމެންގެ އަންހެނުންނާއި އަންހެންކުދީން ވަނީ އެތައް ދާއިރާއަކުން ކުރިއަރުންތައް ހޯދައިފައެވެ.] ބުރުގާގެ ދިފާޢުގައި ވާހަކަފުޅުދައްކަވަމުން ޚާމަނާއީ ވިދާޅުވިއެވެ.

އެހެންކަމުން އިރާނަކީ އިސްލާމީ އުޞޫލުތަކަށް ތަބާވާ ވެރިކަމެއް އޮތް އިސްލާމީ ދައުލަތެއްކަމަށް ގަބޫލުކުރާން ޖެހެއެވެ. އަދި އެމެރިކާއާއި ހުޅަނގަށް ސަނާކިޔައި އެ މީހުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާ ހަމައެކަނި ގައުމަކީ އެއީކަން ވެސް ގަބޫލުކުރާންޖެހެއެވެ. އަދި އިސްރާއީލާ ދެކޮޅަށް އެންމެ ފާޅުގައި ބަސް ބުނެ، އިސްރާއީލަށް ބަހާއި ޢަމަލުން ރައްދުދޭން ކެރޭ ގައުމަކީ ވެސް އީރާނު ނޫން ދެން ކޮން ގައުމެއްހެއްޔެވެ؟

 

ލަފުޒެއްގެ މާނަ:

    އިސްވާރު     ނ.       (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ

ކޮމެންޓު
ކޮމެންޓުތައް
ފާތުން
8 ޑިސެންބަރު 2025 11:18
ޝުކުރިއްޔާ، ޚާމަނާއި! ޕްރައުޑް އޮފް ޔޫ. ޅަވް ޔޫ!