ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (8)

އައްޝައިޚު އިބްރާހީމް އަޙުމަދު

9 ޑިސެންބަރު 2025

ސިޔާސާ ޝަރުޢިއްޔާ

(2025 ޑިސެންބަރު 06ވަނަ ދުވަހާ ގުޅޭ)

ޤިޔާސް

ބަހުގެ ގޮތުން އަލްޤިޔާސް

ބަހުގެ ގޮތުން ބަލާ އިރު އަލްޤިޔާސް މި ލަފުޒު ނެގިފައިވަނީ މާއްދާ ޤާސައާއި އޭގެ ތެރެއިން އުފެދިގެން އަންނަ ލަފުޒުތަކުންނެވެ.  އެހެންކަމުން މި ލަފުޒު މާނަކުރުމުގައި އުޞޫލުލްފިޤްހުގެ އަހުލުވެރީންނާއި ބަހުގެ އަހުލުވެރީން އެއްބަސްވާ މާނަތަކަށް ދިޔުން އެދެވިގެން ވެއެވެ. 

ފުރަތަމަ ބައި: ބަހުގެ ފޮތްތަކުގައި ޤިޔާސްގެ މާނަ

އައްޞަޙާޙުގައި  ޤިޔާސް މި ލަފުޒު އައިސްފައިވަނީ އެއްޗެއް އެހެން އެއްޗަކާ އަޅައިކިޔުމަށެވެ.  ބުނެއުޅެނީ މިވެނި މީހަކު އެވެނި މީހަކާ ޤިޔާސްކުރުން އެއީ ޤިޔާސްކުރެވޭ ފަދަ ކަމެއްގައި އެ ގޮތް ބެލުމެވެ.  އޭނާ އެ ޤިޔާސްކުރާ އެއްޗަކާއި އެހެން އެއްޗަކާ އެއް ފަދަކޮށް ބަލައި ހެދުމެވެ. އޭނާގެ ބައްޕައާއި އޭނާއާ ޤިޔާސްކުރަމެވެ. އޭގެ މާނައަކީ އޭނާ އުޅުނު މަގު ނުވަތަ ގޮތް އިޚްތިޔާރުކޮށް އެ ގޮތަށް އުޅުމެވެ.[1]

ލިސާނުލްޢަރަބުގައި ވަނީ އެއްޗެއް ޤިޔާސްކުރުމަކީ އެއާ އެއް ފަދަ އެއްޗަކާ އެއް ގޮތްކުރުމެވެ. މިޤްޔާސަކީ މިޤްދާރުކަމަށް ނުވަތަ މިންވަރުކަމަށް ބުނެވެއެވެ.[2] އެހެންވީމާ މި މާނައަށް ބަލާ އިރު ޢަރަބި ބަހުގައި ޤިޔާސަށް ތިން މާނައެއް ލިބިގެންވާކަމަށް ޢިލްމުވެރީން ލިޔުއްވައެވެ. ފުރަތަމަ މާނައަކީ  ޙީއްސީ ގޮތުން މިންވަރުކުރުމެވެ.  އެއީ ފޮތި މުށުން މިންކުރުމެވެ. އަދި ބިން މިންކުރުމުގައި މީޓަރުން ބެލުމެވެ.  ދެވަނަ މާނައަކީ  ހަމަހަމަކުރުމެވެ. މި މާނައަކީ ގިނަ ފަހަރަށް މަޢުނަވީ މާނައެކެވެ. މި ގޮތަށް ބުނެ އުޅޭ އުޅުމުގައި މިވެނި މީހަކު ޢިއްޒަތާއި ޝަރަފާއި މާތްކަމާއި ދަރަޖައިގެ ގޮތުން ހަމަހަމައޭ ބުނެއުޅެއެވެ.  ތިންވަނަ ގޮތަކީ އިތުބާރާއި ދެކޭ ގޮތުން ޤިޔާސްކުރުމެވެ. ފަހެ މާތް ﷲ ވަހީކުރައްވަނީ فَاعْتَبِرُوا يَا أُولِي الْأَبْصَارِ[3] މާނައީ: " އޭ ބުއްދީގެ أهل ވެރީންނޭވެ! ފަހެ، ތިޔަބައިމީހުން عبرة ލިބިގަންނާށެވެ."  މީގެ މާނައަކީ ތިޔަބައިމީހުންގެ ޙާލު އެބައިމީހުންގެ ޙާލުގެ މައްޗަށް ޤިޔާސްކުރާށެވެ. ނުވަތަ  އެހެން ބުނުމެއްގައި ވާ ފަދައިން ކަމަކުން ކަމެއްގެ މައްޗަށް ޤިޔާސްކުރާށެވެ.[4]

އިސްވެދިޔަ ތިން ޙާލަތަށް ބަލާ އިރު، ތިން ޙާލަތު ވެސް އައިސްފައިވަނީ އެއް އުޞޫލެއްގެ މަތީންނެވެ. އެއީ ޢަރަބި ބަހުގައި ހިމެނޭ އަކުރެއްކަމުގައިވާ الباءއާ އެކު އެ ލަފުޒު އައުމެވެ. އެޔާ ޚިލާފަށް އުޞޫލުލްފިޤްހުގައި ޤިޔާސް މާނަކުރުމުގައި  ބޭނުންކުރެވޭ އަކުރަކީ على ގުޅުވުމުގެ މާނައާއި  ބިނާކުރުމުގެ މާނައިގެ  މައްޗަށް ބޭނުންކުރެވިފައެވެ.[5]

ފިޤްހު ޢިލްމުވެރީންގެ ގާތުގައި ޤިޔާސްގެ މާނަ

ފަވާތިޙުއްރަޙްމޫތުގައި ވެއެވެ. "ޢަރަބިބަހުގައި ޤިޔާސްގެ މާނައަކީ މިންވަރެވެ. ބުނެވެނީ ފޮތި މިންކުރެވެނީ މުށުންނެވެ. ފައިވާން ފައިވާނުންނެވެ. އެހެންކަމުން މި ލަފުޒު ފެތުރިފައިވަނީ އެއްވެސް ޤަރީނާއަކާއި އެއްޗެއް އެއްޗަކާއި ހަމަހަމަވެފައި ވުމަށެވެ. އެއީ މާނަވީ ގޮތުން ނަމަ އިޝާރާތްކުރެވިފައިވާނީ ހަމަހަމަކަން  އެއީ ނަޤްލެއް ކަމުގައެވެ.  ދެ އެތީގެ އެއް ފަދަ ގުޅުމެއް އޮތްކަމަކަށް ނޫނެވެ.[6]

އަލްމުސްތަޞްފާގައި އިމާމު ޣަޒާލީ ލިޔުއްވާ ގޮތުގައި އަލްޤިޔާސްގެ ލުޣަވީ މާނައަކީ ދެ އެއްޗެއްގެ މާނަ އެކަތި އަނެކައްޗަށް އިޟާފާކުރެވިފައިވުމެވެ. މިސާލަކަށް މީހަކު މީހަކާ ޤިޔާސްކުރުމެވެ.[7]

މީޒާނުލްއުޞޫލުގައި ގެނެސްފައިވާ ގޮތުގައި ޤިޔާސްގެ ލުޣަވީ މާނައެއްކަމުގައި ބޭނުންކުރެވިފައިވަނީ އެއްޗެއް އެހެން އެއްޗަކާ އެއް ގޮތްކަމަށް ދެއްކުމަށް އެއް ޙާލަތުގައި މިންވަރެވެ. މިސާލަކަށް ފައިވާނަކާއި ފައިވާނަކާ ޤިޔާސްކުރުމެވެ. އަނެއް ޙާލަތުގައި  ސިފައިގެ ގޮތުން އެއް ގޮތްކުރުމެވެ. މިސާލަކަށް މި ހެދުމާއި އެ ހެދުމާއި ސިފައިގެ ގޮތުން އެއް ގޮތެވެ. އަދި މި މައްސަލަ އެވެނި މައްސަލަކާ އެއް ގޮތެވެ. އެއީ ޢިއްލާގެ ގޮތުން ދެ މައްސަލަ އެއް ގޮތްވެފައިވާ ނަމައެވެ.[8]

އެހެންކަމުން އިސްވެދިޔަ މާނަތަކަށް ބަލާ އިރު، ޢަރަބި ބަހުގެ ޢިލްމުވެރީން ޤިޔާސް މާނަކުރައްވާ ގޮތާއި އުޞޫލީން ޤިޔާސް މާނަކުރާ ގޮތުން ނެރެވޭ މާނަތަކެއްވެއެވެ.

1-     މިންވަރާއި ހަމަހަމަކަން ލާޒިމުވުން.

2-     މިންވަރާއި ހަމަހަމަކަމާއި މުޅި އެތި މި ތިން ކަންތައް ލާޒިމުވެފައިވުން.

3-     މިންވަރު.

4-     އިޢުތިބާރު

5-     އެއްސިފަ އެއްގޮތްވުން

6-     އެއްފަދަވުން

ޢިލްމުވެރީން ބަހުގެ ގޮތުން ޤިޔާސް މާނަކުރުމުގައި އިޚްތިލާފުވެފައި ވެއެވެ.  އަދި އެޔާ އެކު ލުޣަވީ ގޮތުން ޤިޔާސް ސާބިތުކުރުމުގައި އެއީ އިޖުތިހާދީ އެއްޗެއްތޯ ނުވަތަ ތައުޤީފީ އެއްޗެއްތޯ ބެލުމުގައި ވެސް އިޚްތިލާފު ވެފައި ވެއެވެ.  އެހެންނަމަވެސް އުޞޫލީ ޤަވާޢިދުތަކުގައި އައިސްފައިވާ ގޮތުން އޮތް އަސަރަކީ  މިސާލަކަށް މޭބިސްކަދުރު ދިޔައަކީ އޭގައި މަސްތުވުމާއި ބުއްދި ފަސްވުން ނެތް ނަމަ އެއީ ޝަރުޢީ ގޮތުން އޭގައި ރާގެ ޙުކުމް އެކުލެވޭކަމަށް ޤިޔާސްކުރެވޭ ކަމެއް ނޫންކަމުގައެވެ.  އެޔާ ޚިލާފަށް މޭބިސްކަދުރު ނޫން އެހެން އެއްޗެއްގެ ދިޔަ ނުވަތަ ޖޫހަކީ އޭގައި މަސްތުވުމާއި ބުއްދި ފަސްވުން  އޮތް އެއްޗެއްކަމަށްވާ ނަމަ މީގެ ޤިޔާސެއްގެ ގޮތުގައި އެއީ އޭގައި ޝަރުޢީ ގޮތުން ރަލުގެ ޙުކުމް ހިމެނޭކަމަށް ޤިޔާސް ކުރެވޭނެ ކަމެކެވެ.  އަދި މި ޙާލަތުގައި މިޔަށް ޖޫސް ކިޔުމުގެ ބަދަލުގައި ރާއޭ ކިޔޭނެއެވެ. [9]

އަނެއް ބަޔަކު ދެކޭ ގޮތުގައި ޤިޔާސް ބަހުގެ ގޮތުން މި މާނަކުރުން އެއީ ޞައްޙަ ގޮތެއް ނޫނެވެ.  ސަބަބަކީ  ޢަރަބިބަސް ފޮތުގައި ރާއަށް ދެވިފައިވާ މާނައަކީ ހަމަ އެކަނި މޭބިސްކަދުރަށް ޚާއްޞަވެފައިވާ ނަމެއް ނޫނެވެ. އެޔާ ޚިލާފަށް  އެއީ  މޭބިސްކަދުރުން އަދި ކަދުރުން އުފައްދާ އެއްޗަކަށް ކިޔާ ނަމެކެވެ.  އޭރުން އޭގެ ޙަރާންކަން ވެސް އެ ވާހަކަ ބަޔާންކުރެއްވި އާޔަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا[10] މާނައީ: "އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ." އެހެންވީމާ ރާއަކީ މޭބިސްކަދުރުން އުފައްދާ ބުއިމެއްކަމަށް ޢަރަބި ބަސްފޮތުގައިވާ ގޮތަށް އެއްބަސްވާ ނަމަ މޭބިސްކަދުރުގެ ބުއިމުން ނޫން ގޮތަކަށް ވެސް މަސްތުވާ ބުއިމެއްވާ ނަމަ އެ ބުއިމުގެ ޙަރާމްކަން ޝަރުޢީ ޤަވާޢިދުންނާއި ޞަޙީޙު ޙަދީސުން  ސާބިތުވެއެވެ. ފަހެ ރަސޫލާ ޙަދީޘްކުރައްވައިފައިވަނީ كل مسكر حرام [11] މާނައީ: "މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ." 

މަންޠިޤީ ޢިލްމުވެރީންގެ ގާތުގައި ޤިޔާސް

ޢިލްމުލްމަންޠިޤުގެ އަހުލުވެރީން ނުވަތަ ލޮޖިކު ޢިލްމުވެރީން ޤިޔާސް މާނަކުރައްވަނީ އެތައް ބަހަކުން އެކުލެވިފައިވާ ބަހެއް ބުނުމުން އޭގެ ޒާތުން ލާޒިމުވާ އެހެން ބުނުމަކަށެވެ.  މިސާލަކަށް  ޒައިދަކީ ޢުމަރާ އެއް ފަދަ މީހެކެވެ. އަދި ޢުމަރު ބަކުރާ އެއް ފަދައެވެ. މިއިން އުފެދޭ އެހެން ބަހަކީ ޒައިދާއި ބަކުރާ އެއް ފަދައެވެ. ފަހެ މިއިން އަންގައިދޭ  އެއްޗަކީ އޭގެ ޒާތުގައި ޤިޔާސެއް ނޫނެވެ. އެހެންނަމަވެސް އެހެން ޤާޢިދާއަކުން އުފައްދައިދޭ ޤިޔާސެކެވެ. އެ ޤާޢިދާއަކީ އެއްޗެއް އެއްޗަކާ އެއް ފަދަވެފައި އެ އެއްޗަކާ އެއް ފަދަ އެހެން އެއްޗެއްވާ ނަމަ އެ އެއްޗަކާ އެ އެއް ފަދަވި އެއްޗާ އެއްވަރުވާނެއެވެ.

މަންޠިޤީންގެ ގާތުގައި  ޤިޔާސް ދެބަޔަކަށް ބެހެއެވެ.

1-     ޤިޔާސް އިޤްތިރާނީ:  އިސްތިސްނާގެ ބަހާއި ނުލައި ނަތީޖާއަށް ދަލީލުކުރުމެވެ.  މިސާލަކަށް ކޮންމެ އިންސާނަކީ ޙައިވާނެކެވެ. އަދި ކޮންމެ ޙައިވާނެއްގައި ޖިސްމެއް ވެއެވެ.  މީގެ ނަތީޖާއަކީ  ކޮންމެ އިންސާނަކަށް ޖިސްމެއް ވެއެވެ.  އަނެއް މިސާލަކީ ކޮންމެ މަސްތުވާ އެއްޗެއް ޙަރާމެވެ. އަދި ކޮންމެ ނަބީޛަކީ މަސްތުވާ އެއްޗެކެވެ. އެހެންވީމާ މިއިން ލާޒިމުވަނީ ކޮންމެ ނަބީޛަކީ ޙަރާމް އެއްޗެއްކަމުގައެވެ. [12]

2-     ޤިޔާސް އިސްތިސްނާއީ ނުވަތަ ޝަރުޠީ ؛ މިއީ އިސްތިސްނާގެ ބަހާއެކު  ނަތީޖާއަށް ދަލީލު ކުރުމެވެ.  މިސާލަކަށް ކޮންމެހެން ވެސް އިރުއަރައިފި ނަމަ، އޭރުން ދުވަހެއް އެބަ އޮތެވެ. އެހެނެއްކަމަކު އިރު އަރައްޖެއެވެ. ފަހެ އޭރުން ދުވަހެއް އެބަ އޮތެވެ.

އުޞޫލީން ޤިޔާސެކޭ ކިޔައި އުޅެނީ މަންޠިޤީ ޤިޔާސްގެ ދެ ވައްތަރަށް ނޫންކަން މި ތާނގައި ފާހަގަކުރާން ޖެހެއެވެ. އެހެންކަމުން އުޞޫލީންގެ ޤިޔާސްގެ ތެރޭގައި މި ވާހަކަ ދެއްކުމުގެ މައިގަނޑު ބޭނުމަކީ ދެބައިގެ ގުޅުމެއްނެތްކަން ހާމަކުރުމެވެ.

އުޞޫލީން  ޤިޔާސްގެ އެތައް ތަޢުރީފުތަކެއް ގެންނަވައިފައި ވެއެވެ.  އޭގެ ތެރެއިން ދެ ތަޢުރީފެއް މިތާގައި ބަލާލާނަމެވެ.

ފުރަތަމަ ތަޢުރީފު

 ޙުކުމްގެ ގޮތުން ނުވަތަ ސިފައިގެ ގޮތުން ގުޅިފައިވާ ދެ ކަމަކުން ކަމެއްގެ ޙުކުމް ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ޓަކައި އެނގިފައިވާ ކަމެއްގެ މައްޗަށް އެހެން ކަމެއް އުފުލައިގެން އުޅުމެވެ. މި ތާނގައި އެނގިފައިވާ ކަމެއް އުފުލުމުގެ މާނައަކީ ކަމެއްގެ ޙުކުމް އެ ފަދަ އެހެން ކަމެއްގެ މައްޗަށް ސާބިތުކުރުމެވެ.  އެ ދެ ކަމަށް ޙުކުމެއް ސާބިތުކުރުމޭ މި ބުނެވެނީ ޤިޔާސްގައި އަޞްލަށް އޮތް ޙުކުމް ފަރުޢަށް ދޭ ދިނުމަށެވެ.  ސަބަބަކީ މި ދެ ކަމުގައި ޢިއްލައިގައި ގުޅުން އޮތުމެވެ. (ނުނިމޭ)

މަރުޖާ: 

[1] - އަލްޖައުހަރީ، އައްޞަޙާޙު : ( ބައިރޫތު ، ދާރުލްފިކުރު 1963) ( 3 / ޞ 967-968)

[2]-  މުޙައްމަދު ބުނު މުކްރަމް އިބްނު މަންޡޫރު، ލިސާނުލްޢަރަބު: )ބައިރޫތު،ދާރުލިސާނުލްޢަރަބު،1961)ފަޞްލުލްޤާފި،ޙަރުފުއްސީނު(ޞ70-71)

[3] - އަލްޙަޝްރު 2

[4] - ނާދިޔާ އަލްޢަރަބީ،  އަލްޤިޔާސް ފިއްތަޝްރީޢު  ( ދިމިޝްޤު ދާރުލްފިކުރު 1985) (ޞ19-20)

[5] - ނާދިޔާ އަލްޢަރަބީ،  އަލްޤިޔާސް ފިއްތަޝްރީޢު  (ޞ-20)

[6] - އަލްއަންޞާރީ އައްލަކަނޫވީ، ފަވާތިޙުއްރަޙްމޫތި (އަލްޤާހިރާ، މަޠުބަޢަތިލް އަމީރިއްޔާ 1322) (2/ ޞ246)

[7] - އަބޫޙާމިދު އަލްޣަޒާލީ،  އަލްމުސްޠަޞްފާ:  (އަލްޤާހިރާ، މަޠުބަޢަތި މުޞްޠަފާ މުޙައްމަދު ފުރަތަމަ ޗާޕް، 1356) ( 2/ 229)

[8] -  މުޙައްމަދު ބުނު އަޙްމަދު އައްސަމަރުޤަންދީ، މީޒާނުލްއުޞޫލި ފީނަތާއިޖިލް ޢުޤޫލި (އަލްޤާހިރާ،މަކްތަބަތުއްޘަޤާފާއައްދީނިއްޔާ 1998)(2/ 792)

[9]  މުޙައްމަދު ޙުސައިން އަލްޚުޟްރު، އަލްޤިޔާސް ފިއްލުޣަތިލްޢަރަބިއްޔާ (އަލްޤާހިރާ، މުއައްސަސަތުއްރިސާލާ 1978) ( ޞ36)

[10]  ސޫރަތުއްނަޙްލު 67

[11]  މުސްލިމު ބިން އަލްޙައްޖާޖު، ޞަޙީޙު މުސްލިމު ( ލުބްނާނު، ދާރުލްކުތުބުލްއިލްމިއްޔާ، 2013)   (3/ 1587) ޙަދީޘް ނަންބަރު2003

[12] - ޢަބްދުލްމުތަޢާލި އައްޞަޢީދީ ، ޝަރުޙުލްޚަބީޞީ ޢަލައްތަހްޒީބި  ( އަލްޤާހިރާ، މަޠުބަޢަތިއްރިސާލާ 1969) ( ޞ120-122)

ކޮމެންޓު