ad_banner
މާލެސިޓީއަށް މަމްދާނީއަކު ބޭނުންވޭތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ޑިސެންބަރު 2025

މަމްދާނީގެ ތަޞައްވުރު ދިވެހިރާއްޖެއަށް (ޚިޔާލީ ކުރެހުމެއް)

މާލޭ އެކި ހިސާބުތަކުގައި އަދި މުޅި ރާއްޖޭގެ ވެސް ހޮޓާ/ކެފޭ/ރެސްޓޯރަންޓު/ކެފެޓޭރިއާތަކުގެ ކޮފީ މޭޒުތަކުންނާއި އަދި ދަންވަރު ޗެޓުކުރާ ގުރޫޕުތަކުން ވަރަށް ހައިރާންކުރުވަނިވި މިންވަރަކަށް ފެންމަތިކުރާ ސުވާލަކީ: މާލެސިޓީއަށް އަހަރެމެންނަށް މަމްދާނީއަކު މުހުތާދުވޭހެއްޔެވެ؟

އާދޭހެވެ! ޖިސްމާނީ ގޮތުން ނުވަތަ މާއްދީ ގޮތުން މަމްދާނީ ކިޔާ ބޭފުޅަކު ބޭނުންވާ ވާހަކައެއްނޫނެވެ. ނަމަކުން ކުރެވޭނެ ކަމެއް ވެސް ނޯންނާނެތާއެވެ. ނަމަވެސް މުހުތާދުވަނީ އެމެރިކާގެ ނިއުޔޯކުސިޓީގެ މޭޔަރުކަމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަމްދާނީގެ ޚިޔާލެވެ. ދުރަށް ވިސްނުން ފޯރުވާ، ހަކަތަ ހުރި ޒުވާން ނިޝާނެކެވެ. މި ފަދަ ނިޝާނަކުން ކުރީގެ ބާވެފައިވާ ސިޔާސީ ރާގު ބަދަލުކޮށްލާނެއެވެ. ޒަމާންތަކެއް ވަންދެން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާ ކުރިމަތިލައި އެ ކަންކަން ހައްލުކުރާނެއެވެ. މާލެއަކީ ރައްޔިތުންނަށް ހިތްގައިމު ސިޓީއަކަށް ބަދަލުކޮށްލާނެއެވެ.

ކައުންސިލު އިންތިޚާބުތައް ބޯމަތިވެފައިވާ މި ދުވަސްވަރު، ކޮފީ މޭޒުތަކުގެ މި މުއާމަލާތު މިހާރު އޮތީ ހަމައެކަނި ޚިޔާލުބަދަލުކޮށްލައި މަޝްވަރާކޮށްލާ ޚިޔާލަކަށް ވުރެ، މާ ބޮޑަށް ފުޅާވެ ވައިގައި ހިފައިފައެވެ.

މާލެއަށް މިއަދު ވަނީ އަދަދުކުރާން ނޭނގޭހައި ގިނަ މައްސަލަތައް ކުރިމަތިވެފައެވެ. ގެދޮރުގެ މައްސަލައަކީ އާންމުންނަށް އެންމެ ވޭން ހުރި މައްސަލައެވެ. ބައިބޯކަން އިތުރުވާ ވަރަކަށް ޖާގައިގެ މައްސަލަ އަންނަނީ ބޮޑުވަމުންނެވެ. ދެތިން އަކަކިލޯމީޓާރެއްގެ ބޮޑުމިނުގެ މި ސަރަހައްދުގައި ދަތުރުފަތުރުގެ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަންނަނީ އެތައް ދައްޗަކާއި ހުރަސްތަކެއް ކުރިމަތިވަމުންނެވެ. މީހުންގެ އިތުރަށް ދުއްވާ ތަކެތި އިތުރުވުމުގެ މައްސަލަ މިހާރު އެއީ މުޞީބާތަކަށް ވެއްޖެއެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް އިގުތިޞާދުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ މައްސަލައަކީ ވެސް ކުޑަ މައްސަލައެއް ނޫނެވެ. އަޑިގުޑަން މަގުތަކުން ޒުވާނުންނާއި މުސްކުޅީންގެ މައިބަދައަށް ލިބޭ ގެއްލުމާއި، ޕާކުކުރުމުގެ ޙައްލެއް ނުފެނުމާއި އުސް އިމާރާތްތަކުން މަގުމައްޗަށް މީހުންގެ ބޮލަށް ފެންފައިބާ މައްސަލަ ފަދަ މައްސަލަތަކަކީ ހައްލު ނުވެ، ކޮންމެ ކައުންސިލު އިންތިޚާބަކާ ގުޅިގެން ވާހަކަދައްކައިލާ އާންމު ކަމަކަށް ވެއްޖެއެވެ. މި ކަންކަމަކީ މާލެސިޓީއަށް އާ އިދާރިއްޔަތަކާއި އާ އިސްވާރުކަމެއް ބޭނުންވެއްޖެކަމަށް ޒުވާނުންނަށް އަދި އާންމުންނަށް ވިސްނާން މަޖުބޫރިކުރުވި ސަބަބުތަކަށް ވެދާނެއެވެ.  

މަމްދާނީގެ ޚިޔާލުން ރައްޔިތުންގެ އުންމީދުތަކަށްދިރުން ލިބުނީ އާންމު އުސޫލުތައް އެ ޚިޔާލުން ނައްތައިލާތީއެވެ. ރައްޔިތުން ތަޞައްވުރުކުރަނީ ރައްޔިތުންގެ ބޭނުންތަކާ މެދު ވަކާލާތުކޮށް ބަހުސްކޮށް ސުވާލު އުފައްދައި އެ ކަންކަން ހާސިލުކުރާން ބިރު ނުގަންނަ ހަރުދަނާ، ސާބިތު ކުރުންތެރި ސަމަކާރަ ޤިޔާދަތެކެވެ.

މި ފަދަ ޤިޔާދަތެއްގައި ރައްޔިތުން ތަޞައްވުރުކުރަނީ ޒަމާނީ ވިސްނުމަކާއި ގިޔަމުތަކާއި މާހަރާކަމާ އެކު، މާލެސިޓީގެ އާންމުރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަދައްކާނެ ވިސްނުމަކާ އެކު ސިޓީއަށް މާގަކުރާނެ އިސްވާރަކަށެވެ. ޕާޓީއަކުން ބުނާ ގޮތެއް ހަދައި ބުނާ ކަމެއްކުރާނެ އިސްވާރަކަށް ނޫނެވެ. ހަކަތައާއި ވަސީލަތްތައް ޖާއިޒު ގޮތެއްގައި ހިންގައި ބަލަހައްޓާނެ އާ ފުރުޞަތުތައް ތަޢާރުފުކުރާނެ މުޅިން އާ ޚިޔާޅު ތަނަވަސް ނަޒާހަތްތެރި އިސްވާރަކަށެވެ. ހަމަ މިހާރު މި ފެންނަ ފަދަ އިސްވާރެއްގެ ގިޔާދަތެއްގައި މާލެއަށް ފައިދާއެއް ކޮށްފާނެތޯ މާލޭގެ ރައްޔިތުން ސުވާލު އުފައްދާނެކަން އެއީ ކަށަވަރުކަމެކެވެ.

ނަމަވެސް މި ދެންނެވި ފަދަ މައްސަލަތަކުގެ ޖަވާބަކީ މި ދެންނެވި ފަދަ ޒުވާން ކެންޑިޑޭޓެއްކަމަށް ގަބޫލުނުކުރާ ބަޔަކު ވެސް އެބަތިއްބެވެ. ބައެއް މީހުން ވާހަކަދައްކަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ އަސާސީ އޮނިގަނޑު ތަރުތީބުކުރެވިފައިވާ ގޮތްކަމަށެވެ. ބައެއް މީހުން ބުނަކީ މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާ އިޚުތިޔާރާއި ބާރުތައް އަދި ވެސް ޙުދޫދުކުރެވިފައިވާ ކަމަށެވެ. ހަގީގީ ބާރު އޮންނަނީ މަރުކަޒީ ސަރުކާރަށް ކަމަށެވެ. އަމުދުން ތަޞައްވުރީ ވިސްނުން ހުންނަ އިސްވާރުން ވެސް ގާނޫނީ ފޮށްޓަކަށް ލައި ބަންދުކޮށްލެވިފައިވާ ކަމަށެވެ. ބަޖެޓާއި އިދާރީ ހުރަސްތައް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ވެސް ބައެއް ކައުންސިލުތަކުން މަސައްކަތްކުރަނީ ވަކިވަކި ސަރުކާރުތަކެއްކަމަށް މީހުންނަށް ހީވާ ފަދަ ގޮތަކަށްކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެހެންކަމުން މަރުކަޒީ ސަރުކާރަށް އެކި ކަންކަމާ ބެހުން މަޖުބޫރުވެސްވަނީއެވެ. އެހެނީ ދިވެހި ދައުލަތަކީ ޔުނިޓަރީ (އެއް ސަރުކާރެއް އޮންނަ އެއްބައިވަންތަ) ދައުލަތެކެވެ.

އަނެއް ބަޔަކު ބުނަނީ ގުޅިގެން މަސއްކަތްކުރުމުގެ ރޫޙާއި އެ މަޢުލޫމާތު ވެސް އިސްވާރުންގެ ކިބައިގައި ނުހުންނަނީކަމަށެވެ.

މި ކަމާ ގުޅިގެން ކުރެވޭ މި ފަދަ ބަހުސްތަކުގެ ތެރެއިން އޭގެ ޒާތުގައި އެ ބަހުސްތައް އެބަ ހާމަވެއެވެ.

އެހެންކަމުން ތަފާތު ބާވަތްބާވަތުގެ އިސްވާރުންނަށް ރައްޔިތުން ތަޞައްވުރުކުރެއެވެ.

ޒުވަން ޖީލުން ޚާއްޞަކޮށް، އަދި އާންމުކޮށް ހުރިހައި ރައްޔިތުން ކޮންމެހެން ބޭނުންވަނީކީ ޅަ ޒުވާން އިސްވާރެއް ނޫނެވެ. ނަމަވެސް މި އެންމެން ވެސް ބޭނުންވަނީ ވަކި ޕާޓީއަކުން ބުނާ ހައި ގޮތަކަށް ނަހަދާނެ، ފެންވަރު ރަނގަޅު، ނަޒާހާތްތެރި، ޒަމާނީ ވިސްނުން ހުންނަ، އަދި ރަނގަޅު ވަގުތުގައި ކަންކަމާ ކުރިމަތިލަން ކެރޭ ހިތްވަރު ހުރި އިސްވާރެކެވެ. އަދި މުޅި ސިޓީގެ އިޖުތިމާޢީ އިގުތިސާދީ ހިތްކަމަށްވާ ޒުވާނުންގެ އަޑު ވެސް އަހައިގެން އެ މީހުން ގޮވައިގެން ކުރިޔަށް ދިޔުމުގެ އިޚުލާސްތެރި ވިސްނުން ހުރި އިސްވާރެކެވެ. ސަރުކާރާ ވެސް ޖެހިނުގަނެ، އެކަމަކު މިނިވަންކަމާ އެކު، ސަރުކާރުގެ އެހީތެރިކަން ވެސް ހޯދާން އެނގޭ ހުނަރުވެރިއެކެވެ. މުޅި މާލޭ ރައްޔިތުންގެ އިޖުތިމާޢީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތަކުގެ ޙައްލުގެ ތަޞައްވުރީ ވިސްނުމެއް ހުރި، ޤައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ތެދުވެރި އިޚުލާސްތެރިއެކެވެ.

އެހެންވީމާ އަހަރެމެން ހަމަ މަމްދާނީއެއް ބޭނުންހެއްޔެވެ؟ މި ސުވާލުގެ ސާފު ޖަވާބެއް ލިބޭން އަދި ތަންކޮޅެއް އަވަސްކަމަށް ވެދާނެއެވެ. ފަހަރެއްގައި މި ސުވާލުގެ ޖަވާބު ބިނާވާނީ މި ކަމަށް ޓަކައި ރައްޔިތުން އެދެނީ ކާކުގެ ކިބައިންތޯ އެނގުމުގެ މައްޗަށެވެ. ބައެއް މީހުން ގަބޫލުކުރަނީ، މުޅީން އާ ނަޒަރަކުން ވިސްނާ އިސްވާރަކު މޭޔަރަކަށް ގެނެވިގެން ނޫނީ މާލެ މިހާރު ހުއްޓި މި އޮތް ހަތަރުއަނގޮޅީން ރަނގަޅު ދިމާއަށް މިސްރާބުޖެހޭނޭ ގޮތެއް ނޯންނާނެކަމަށެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ ހެޔޮ ވެރިކަމެއްގެ ބިނަގަލަކަށް ބޭނުންވަނީ ވަކިވަކި ފަރުދެއް ނޫންކަމަށާއި އެ ކަމަށް ބޭނުންވަނީ ހަރުދަނާ މުއައްސަސާއެއްކަމަށެވެ.

އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތި ސާފުވާ ކަމަކީ މި ވަގުތު މާލެ ހުއްޓި މި އޮތީ ވަރަށް މުހިންމު ހަތަރު އަނގޮޅިއެއްގައި ކަމެވެ. ރައްޔިތުން އިންތިޚާބުކުރާ އިސްވާރެއްގެ ސަބަބުން މާލެ ސިޓީ ހަމައެކަނި އިދާރީ ގޮތުން ހިންގަނީކީއެއް ނޫނެވެ. މާލޭގެ ރައްޔިތުން ބޭނުންވާ މުސްތަގުބަލަކަށް ރިވެލިވުން އެކަށީގެންވަނީ ކޮން ކަހަލަ ކާކު ހޮވައިގެންކަން ވެސް އެނގޭނެއެވެ. ރައްޔިތުން މި އުންމީދުކުރާ މުސްތަގުބަލަށް ޓަކައި ދެން ކުރިމަތިލާ ކެންޑިޑޭޓަކީ މަމްދާނީގެ ސިފަތައް ޖަމާކޮށްގެން ހުރި، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދެވޭ ވަރުގެ ކެންޑިޑޭޓަކަށް އުންމީދު ކުރާ ނަމަ، އެ ކަމުގެ ހުރިހައި ވެސް ބާރެއް އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ވޯޓަކީ އިޚުލާސްތެރިކަމާ އެކު، އަމިއްލަ ނަފުސު ވިއްކައިނުލައި ތެދުވެރިކަމާ އެކު މާތް ﷲއަށް ޓަކައި އަދާކުރާން ޖެހޭ އަމާނާތެއްކަމަށް ގަބޫލުކޮށްގެންނެވެ.

ބައެއް ލަފުޒުގެ މާނަ

ހަކަތަ      ނ.    (1) ހަށިގަނޑު ޙަރަކާތްކުރުމުގެ ކުޅަދާނަކަން ލިބިދޭ ބާރު، ނުވަތަ ގައިގެ ވަރު. (2) އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. (3) އިރުގެ އަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާ ބާރު. (4) އެއްޗެއް ވަކިވަރަކަށް ވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެ ބާރު. energy

ހަތަރުއަނގޮޅި ނ.    ދެ މަގެއް ބުރަފަތިވާ ތަން. މިތާ ހުއްޓި ހުންނައިރު ހަތަރު ފަރާތަށް ހަތަރު މަގު އޮންނާނެއެވެ. crossroad

ހުދޫދު      ނ.    (1) ސަރަހައްދު. (2) އިން. (3) ދާއިރާ. limitation

ނިޝާން    ނ.    (1) ފާހަގަ. (2) އަލާމާތް. (3) ޢިއްޒަތާއި ތަޢުރީފުގެ ފާހަގައެއް ކަމުގައި ދީއުޅޭ ރަން ރިހިފަދަ ތަކެތީން ހަދައިފައި ހުންނަ ފޮއްޗާއި މައު. sign

ނަޒާހަތްތެރި  ނއ.   މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ސާބިތުވުމުގެ ސުލޫކާއި އަޚުލާޤު ހުރި. 

ރިވެލި      ނ.    (1) އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ޖެހޭ ސަތަހައެއްގެ ސަބަބުން މިސްރާބު ބަދަލުވެ އައިކޮޅަށް އެނބުރި ދިއުމުން ފެންނަ ހިޔަނި. (2) ކަނޑުގެ ބާނިތަކަށް އަލީގެ ސަބަބުން އެޅިފައި ހުންނަ ދަޅަ. (3) ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި. (4) ހިޔަނި. reflection

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ leader

މުހުތާދު     ނ.    ބޭނުން. need

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ސަމަކާރަ      ނ.    ކުޑަ ހޭދަޔަކުން ރަނގަޅު ނަތީޖާ ނެރުމުގެ ގާބިލުކަން.  inanimate (efficiency)

ޗެޓު       ނ.    އޮންލައިންކޮށް އަނގަތެޅުމަށް ކިޔާ ނަން. chat

 

ކޮމެންޓު
ކޮމެންޓުތައް
ސަލީމް
10 ޑިސެންބަރު 2025 15:00
ވަކި ޕާޓީއަކަށްވެސް ނިސްބަތް ނުވިއްޔާ ރަނގަޅީ މަމްދާނީ އެއް ރަނގަޅު
ފާތުން
10 ޑިސެންބަރު 2025 09:35
ތައުލީމީ ޒުވާން އާ ކެންޑިޑޭޓެއް ކުރިމަތި ލައިފިއްޔާ ތާއީދުކޮށް ކެންޕޭނު ވެސް ކޮށްދޭނަން