ad_banner
ނިޔަތުގެ ސިންދަފާތުކަން - ސަވާބު ވުނަކުރުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

8 ޑިސެންބަރު 2025

ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މަތީގައެވެ.

މީހަކު ކުރާ ކަމެއް ޞައްޙަވުމާއި ޤަބޫލުކުރެއްވުން އޮތީ އޭނާގެ ނިޔަތުގެ މަތީގައެވެ. ރަނގަޅު ގަސްތުގެ މަތީގައެވެ. އޭނާ ހިތަށް އެރުވި ގޮތެއްގެ މަތީގައެވެ. ފިޤްހީ ގަވައިދެއް ބުނާ ގޮތުގައި  [لا ثواب إلا بالنية – ނިޔަތަކާ ނުލައި ސަވާބެއް ނެތެވެ.]

އިސްލާމްދީނުގައި ޢަމަލުތަކުގެ ނާރެހަކީ ނިޔަތެވެ. އެއީ ސަވާބު ލިބުމުގެ ބިންގަލެވެ. ކައު ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((إنَّما الأعْمالُ بالنِّيّاتِ، وإنَّما لِكُلِّ امْرِئٍ ما نَوى [1]-  ހަމަކަށަވަރުން ޢަމަލުތައް އޮތީ[2] ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އެ މީހަކު ނިޔަތްގަތް ކަމެއް ލިބިގެންވެއެވެ.))  މި ބަސްފުޅުން އެނގޭ ގޮތުގައި ބުނާ ބަސްތަކާއި ކުރާ ޢަމަލުތަކުގެ ނާރެހަކީ ނިޔަތެވެ. ﷲ ތަޢާލާ ބައްލަވާނީ ކަންކުރާ މީހާގެ ހިތަށެވެ. ލޮބުވެތި ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((إنَّ اللَّهَ لا ينظرُ إلى صورِكم ولا إلى أجسامِكم، ولَكن ينظرُ إلى قلوبِكم[3] - ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ބުރުސޫރައަކަށް އަދި ހަށިތަކަކަށް ނުބައްލަވައެވެ. އެހެނަސް އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ.))

މިހެންވެ ފަޤީހުން ވިޔަފާރިކުރެއްވުމުގައި ބައްލަވަނީ ހިތުގެ ފިހާރައަށެވެ. އެއީ ކަސާދުވުމެއް ނެތް، މުދާ ހުސްވުމެއް ނެތް، ގެއްލުން ލިބުމެއް ނެތް، ފައިދާވަނިވި ތަނެކެވެ. އެއީ ބުރަ އުފުލުމަކާ ނުލައި ސަވާބުތައް ގިނަގުނަވެ ދަރުމަތައް ފުނިޖެހެމުންދާނެ ތަނެކެވެ. ކޮންމެ ދުވަހަކު އާދަކޮށް ކުރާ ކަންތައްތައް އެ ތާނގައި އަޅުކަމަކަށް ބަދަލުވެއެވެ. ކުދިކުދި ޢަމަލުތައް ބޮޑެތި ޢަމަލުތަކަކަށް ފުރޮޅިގެންދެއެވެ. މިހެންވެ ފަޤީހަކު ވިދާޅުވިއެވެ. [ކޮންމެ ކަމެއް ކުރާއިރު ނިޔަތްގަތުމަށް އަހުރެން ލޯބިކުރަމެވެ. ކާ އިރުގައްޔާއި ބޯ އިރުގައްޔެވެ. ނިދާ އިރުގައްޔާއި ހޭލައި ހުންނަ އިރުގައެވެ. ފާޚާނާކުރާ އިރުގައްޔާއި ފެންވަރާ އިރުގައެވެ.]  ނިޔަތުގެ ވިޔަފާރިވެރީން ހުރިހައި ކަމެއްގައި ނިޔަތްގަނެއެވެ. ހުއްދަކަމެއް ކަމުގައި ވިޔަސްމެއެވެ. ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( إنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بها وجْهَ اللَّهِ إلّا أُجِرْتَ عَلَيْها، حتّى ما تَجْعَلُ في فَمِ امْرَأَتِكَ[4] - ހަމަކަށަވަރުން ތިބާ ﷲގެ ވަޖުހުފުޅު އަދައިގެން ހޭދަކުރާ ކޮންމެ ހޭދަކުރުމަކަށް ސަވާބުނުދެއްވައި ދޫކޮށެއްނުލައްވަތެވެ. ތިބާ ތިބާގެ އަނބިމީހާގެ އަނގައަށް ލައިދޭ ސުވަލަށް ވެސް މެއެވެ.))

އިސްވެ ބަޔާންކުރި ފިޤުހީ ގަވާއިދު ބުނާ ގޮތުގައި މުސްލިމު މީހާ (ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް) ކުރާ ޢަމަލުތަކަށް (އެއީ ޢިބާދާތުގެ ކަމެއްކަމުގައި ވިޔަސް، މުޢާމަލާތުގެ ކަމެއްކަމުގައި ވިޔަސް، ނުކޮށް ދޫކޮށްލާ ކަމެއްކަމުގައި ވިޔަސް) ސަވާބު ލިބޭނީ ﷲގެ ވަޖުހުފުޅު އަދައިގެން އެ ކަމެއް ކުރުމަށް ނިޔަތްގަތް ނަމައެވެ. ﷲގެ ވަޖުހުފުޅު އަދައިގެން އެ ކަމެއް ކުރުމަށް ނިޔަތްނުގަތް ނަމަ އެ ކަމަކަށް ސަވާބެއް ނުދެއްވާނެތެވެ. ސަވާބު ދެއްވުން ގުޅިފައިވަނީ ނިޔަތާއެވެ. މީހަކު ޒިނޭކުރުމާ ނުވަތަ ރާބުއިމާ ދުރުހެލިވީ ﷲ ތަޢާލާ ނަހީކުރައްވައިފައިވާ ކަމެއް ނުކުރުމުގެ ނިޔަތުގައި ނަމަ، އޭނާއަށް ސަވާބު ލިބޭނެތެވެ. އެހެނަސް އޭނާ އެ ކަން ކުރީ އެއީ ހަޑިމުޑުދާރު ކަމަކަށް ވާތީ ނަމަ އޭނާއަށް ސަވާބެއް ނުލިބޭނެތެވެ. މީހަކު އޭނާގެ މުދަލުން ފަޤީރަކަށް އެއްޗެއް ދިނީ ޞަދަޤާތްކުރުމުގެ ނިޔަތުގައި ނަމަ އޭނާއަށް ސަވާބު ލިބޭނެތެވެ. އޭނާ ޞަދަޤާތްކުރުމަށް ނިޔަތްނުގަތް ނަމަ އޭނާއަކަށް ސަވާބެއް ނުލިބޭނެތެވެ.

ހެޔޮ ކަމެއް ކުރުމަށް ނިޔަތްގަތުމަށް ފަހު އެ ކަމެއް ނުކުރެވުނަސް އޭނާގެ މި ނިޔަތަށް  ޓަކައި ދީލަތިވަންތަ ﷲ އޭނާއަށް ސަވާބެއް ދެއްވާނެއެވެ. އެ ކަން ކުރި ނަމަ ދިހަ ސަވާބު ދެއްވާނެއެވެ.  ރަސޫލާ صلَّى اللهُ عليه وسلَّم ޚަބަރުދެއްވި ފަދައިންނެވެ. ޙަދީސްކުރެއްވިއެވެ. ((مَن هَمَّ بحَسَنةٍ فلم يَعمَلْها كُتِبَت له حَسَنةً [5]- މީހަކު ހެޔޮ ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަން ނުކުރިޔަސް އޭނާއަށް އެއް ހެޔޮކަން ކުރިކަމުގެ ސަވާބު ލިޔުއްވާނެއެވެ.))   މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ރިވާކުރެއްވިއެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((من أتى فِراشَه وهو ينوي أن يُصَلِّيَ من اللَّيلِ، فغلَبَته عيناه حتى يُصبِحَ، كُتِب له ما نوى [6] -ދަމުނަމާދުކުރުމަށް ގަސްތޮކޮށްގެން ނިދާން އޮށޯތް މީހާ ފަތިސް ވަންދެން ނިދިފައި އޮތް ނަމަ އޭނާ ނިޔަތްގަތްކަމަށް ޓަކައި އެ ކަމުގެ ސަވާބު ދެއްވާނެއެވެ.))

ﷲގެ ވަޖުހުފުޅު އަދައިގެން މީހަކު ކުރި ޢަމަލެއް އެ ނިޔަތްގަތް ގޮތަށް ނުކުރެވުނަސް އޭނާއަށް އެ ޢަމަލުކުރިކަމުގެ ސަވާބުދެއްވާނެއެވެ. މާތްﷲ ރުއްސުންލެއްވި މަޢުނު ބިން ޔަޒީދު ވިދާޅުވިއެވެ. [އަހުރެންގެ ބައްޕަ ޔަޒީދު ޞަދަޤާތްކުރުމުގެ ގޮތުން މިސްކިތުގައި އިން މީހެއްގެ ގާތުގައި ދީނާރުތަކެއް ބޭއްވިއެވެ. އަހުރެން ގޮސް މި ދީނާރުތައް ނަގައިގެން ބައްޕަ ގާތަށް އައުމުން ބައްޕަ ބުންޏެވެ. ތިޔައީ ދަރިފުޅަށް ގަސްތުކޮށް ބޭއްވި އެއްޗެއްނޫނެވެ. މި ކަމުގައި ޒުވާބު އުފެދުމުން އަހުރެމެން ރަސުލުﷲގެފާނު އަރިހަށް ދިޔައިމެވެ. رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ ޙަދީސް ކުރެއްވިއެވެ. ((لكَ ما نَوَيْتَ يا يَزِيدُ، ولَكَ ما أَخَذْتَ يا مَعْنُ  – އޭ ޔަޒީދޭވެ! ތިބާ ގަސްތުކުޅަ ކަންތައް ތިބާއަށް ލިބިގެންވެއެވެ. އޭ މަޢުނޭވެ! ތިބާ ނެގި އެއްޗެއް  ތިބާއަށް  ލިބިގެން ވެއެވެ.))[7]

މާތް ﷲ ރަޙުމަތްލެއްވި އަލްޤަރާފީ ވިދާޅުވިއެވެ. [ކޮންމެ ވާޖިބު ކަމެއް ކުރުމުން އެ ކަމަށް ސަވާބު ނުލިބިދާނެއެވެ. އަދި ކޮންމެ ޙަރާންކަމެއް ނުކޮށް ދޫކޮށްލުމުން އެ ކަމަށް ސަވާބު ނުލިބި ހިގަނދާނެއެވެ. އަނބިމީހާއަށް ނަފަޤާދިނުން، ދަރަނި އަދާކުރުން، ފޭރިގެންފައިވާ އެއްޗެއް އޭގެ ވެރިފަރާތަށް ރައްދުކުރުން، މި ފަދަ ކަމެއް ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ނިޔަތާ ނުލައި ކުރުމަކުން ސަވާބެއް ނުލިބޭނެއެވެ. އޭނާއަށް އަދާކުރާންޖެހޭ ވާޖިބެއް އަދާކުރީތީ އޭނާގެ ޒިންމާ އެ ކަމުން ބަރީއަވެގެންދާނެއެވެ. އެހެނަސް އެ ކަމަށް ސަވާބެއް ނުލިބޭނެއެވެ. މި ކަންކަން ކުރުމުގައި ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގަސްތުގައި ކުރި ނަމަ އޭނާއަށް ސަވާބު ވެސް ލިބޭނެއެވެ.

އަލްޤަވާއިދުލް ފިޤްހިއްޔާ ކިޔަވާ ދަރިވަރުންނަށް އެނގޭނޭ ފަދައިން މި ގަވައިދަކީ  (الأُمورُ بمَقاصِدِها – ކުރާ ކަންކަން އޮންނާނީ އޭގެ މަޤްޞަދުތަކުގެ މަތީގައެވެ.) މި ގަވައިދުގެ ތެރޭގައި ހިމެނޭ ޚާއްޞަ ގަވައިދެކެވެ.

މި ގަވައިދުގެ ބައެއް  މިސާލުތައް :-

1-        މީހަކު މިސްކިތަށް އެރި އިރު ފަރުޟު ނަމާދު ވަނީ ކުރާން ފަށައިފައެވެ. މި މީހާ ފަރުޟުނަމާދާއި ތަޙިއްޔަތުލްމަސްޖިދި އަދާކުރުމަށް ނިޔަތްގަތް ނަމަ، އޭނާއަށް ފަރުޟުނަމާދާއި ތަޙިއްޔަތުގެ ސަވާބު ލިބޭނެއެވެ. ތަޙިއްޔަތު އަދާކުރުމަށް ނިޔަތްނުގަތް ނަމަ އޭނާއަށް ލިބޭނީ ހަމައެކަނި ފަރުޟު ނަމާދުކުރުމުގެ ސަވާބެވެ. ސަވާބު ލިބުން ގުޅިފައި ވަނީ ނިޔަތާ އެކުގައި ކަމަށް ވާތީއެވެ.

2-        މީހަކު ނަމާދުގެ ރުކުންތަކާއި ޝަރުޠުތަކާއި ސުންނަތްތައް ފުރިހަމަކޮށް ކުރި އިރު މި ނަމާދު ކުރީ ﷲ ތަޢާލާއަށް ޓަކައިކަމަށް ހިތަށް ނާރުވާ ނަމަ (ނިޔަތް ނުގަތް ނަމަ) އެ ނަމާދުން އޭނާއަށް އެއްވެސް ސަވާބެއް ނުލިބޭނެއެވެ. އެއީ ޝަރުޢީ ނަމާދަކަށް ނުވާތީއެވެ. އަދި ނަމާދުކުރި ކަމަކަށް ވެސް ނުވާނެއެވެ. އޭނާގެ މި ޢަމަލުން އެއްވެސް ސަވާބެއް ނުލިބޭނެއެވެ.

3-        ޒިންމާ ބަރީއަވުމާ ސަވާބު ލިބުމަކީ ތަފާތު ދެ ކަމެކެވެ. މުކައްލަފު އެ ކަން ކުރިކަމުގައި ބެލުނަސް އޭނާގެ މި ޢަމަލަށް ސަވާބެއް ނުލިބޭނެއެވެ. މިސާލަކަށް ހެދުމުގައި ޖެހިފައިވާ ނަޖިހެއް ފިލުވައިލުން. ﷲ  އެންގެވި ކަމެއް ކުރުމަށް ނިޔަތްނުގަނެ އެ ކަން ކުރި ނަމަ ސަވާބެއް ނުލިބޭނެއެވެ. އެހެނަސް އެ ހެދުން ޠާހިރުވެގެންދާނެއެވެ. އެ ހެދުމުގައި ނަމާދު ކުރެވޭނެއެވެ. 
މީގެ އިތުރު މިސާލަކީ ހުކުރު ދުވަހު ހިނައިގަތުމެވެ. އޭނާ ނިޔަތްނުގަތް ނަމަ ހުކުރު ނަމާދަށް ޓަކައި ހިނައިގަތް ކަމަކަށް ނުވާނެއެވެ. އެހެނަސް އޭނާގެ ފެންވެރުން ރަނގަޅުވާނެއެވެ.

ނިޔަތްތައް ބައިވެރިކުރުން ހުއްދަނުވާ ޙާލަތްތައް

ޞާލިޙު ޢަމަލުތަކުގައި ކަންދެއްކުން ޙަރާންވާނެއެވެ. ކަންދެއްކުމަކީ ފާފަވެރިވުމުގެ އިތުރަށް ކުރާ ޢަމަލުތަކުގެ ހެޔޮކަން ބާޠިލުކޮށް ސަވާބު ނައްތައިލާ ކަމެކެވެ. މިސާލަކަށް ބައެއް މީހުން ނަމާދުކުރާ އިރު، އެމީހުން ވަރަށް ފުރިހަމަކޮށް ނަމާދުކުރާކަން ދެއްކުމަށް ޓަކައި ދިގުކޮށް ނަމާދުކުރެއެވެ. މިއީ ކަންދެއްކުމެއްކަމަށް ވާތީ އޭނާގެ ގަސްތު މި ވަނީ ފާސިދުވެފައެވެ.

1-       ވަކި ވަގުތެއްގައި ކުރާންޖެހޭ ފަރުޟު ނަމާދުތައް ނުވަތަ ސުންނަތް ނަމާދުތައް އެއް ނިޔަތަކުން އަދާއެއްނުކުރެވޭނެއެވެ. މިސާލަކީ ފަރުޟު މެންދުރުނަމާދާއި ފަރުޟު ޢަޞްރުނަމާދު އެއް ނިޔަތަކުން ނުކުރެވޭނެއެވެ. ހަމަ އެފަދައިން ފަރުޟު ނަމާދަކާއި އެ ނަމާދުގެ ރަވާތިބު ސުންނަތް އެއް ނިޔަތަކުން ނުކުރެވޭނެއެވެ. ރަވާތިބު ސުންނަތުގެ އިހު ސުންނަތާއި ފަހު ސުންނަތް އެއް ނިޔަތަކުން ނުކުރެވޭވޭނެއެވެ. އެއިން ކޮންމެ ކަމަކީ މުސްތަޤިއްލު އަޅުކަމަކަށް ވާތީއެވެ.

2-       ރޯދައަށް ބަލާ އިރު ރަމަޟާންމަހުގެ ރޯދައެއް ޤަޟާކުރާ އިރު، އެ ރޯދައާ އެކު ނަދުރު ރޯދައެއް ނުހިފޭނެއެވެ. އެއިން ކޮންމެ ރޯދައެއް ހިފާން ޖެހޭނީ ވަކިވަކީންނެވެ.

3-       ޒަކާތަށް ބަލާ އިރު، މުދަލުޒަކާތްދެއްކުމާއި ދަރަނިއަދާކުރުން އެއްކޮށެއް ނުކުރެވޭނެއެވެ. ދަނޑުގޮވާމުގެ ޒަކާތާއި ކައްފާރާއެއް އަދާކުރުމަށް ޓަކައި ފަޤީރުންނަށް ކާންދިނުން އެކެއް ނުކުރެވޭނެއެވެ. ގެރިބަކަރީގެ ޒަކާތާއި ތަމައްތުޢުގެ ނުވަތަ ޤިރާނުގެ ކައްފަރާ އެކެއް ނުކުރެވޭނެއެވެ. އެއިން ކޮންމެ ކަމަކީ ވަކި އަޅުކަމަކަށް ވާތީއެވެ.

4-       ޙައްޖަށް ބަލާ އިރު ފަރުޟު ޙައްޖު އަދާކުރުމަށާއި ނަދުރު ޙައްޖެއް އަދާކުރުމަށް އިޙުރާމު ބަންނައިރު ދެ ނިޔަތް ޖަމަޢެއް ނުކުރެވޭނެއެވެ. ހަމަ އެ ފަދައިން ތިމާގެ ފަރުޟު ޙައްޖަށާއި އެހެން މީހަކަށް ފަރުޟު ޙައްޖެއް އަދާކޮށްދިނުމަށް އެއް ވަގުތެއްގައި ނިޔަތެއް ނުކިޔޭނެއެވެ.

އެއްނިޔަތުން ކުރުން ހުއްދަވާ ކަންތައްތައް

މުޠުލަޤު ކޮންމެ ދެ އަޅުކަމެއް (އަޅުކަންތަކެއް) އެއް ނިޔަތުން އަދާކުރެވިދާނެއެވެ. އޭގެ މިސާލުތަކަކީ:-

1-     ވުޟޫ ކުރާއިރު ކުޑަ ޙަދަސް އެރެގަތުމަށާއި ހަށިގަނޑު ފިނިކޮށްލުމަށާއި ޤުރްއާން ކިޔެވުމަށާއި ޠަވާފުކުރުމަށާއި ވުޟޫގެ ސުންނަތް ނަމާދުކުރުމަށާއި މެންދުރު ނަމާދުކުރުމަށް ނިޔަތް ގަތުން ހުއްދަވެގެންވެއެވެ.

2-     ހިނައިގަންނަ އިރު، ނަޖިސްފިލުވައިލުމަށާއި ހަށިގަނޑުން ކުނި މިލަ ފިލުވައިލުމަށާއި ޖުނުބުވެރިކަން އެރެގަތުމަށާއި ހުކުރު ނަމާދަށް ހިނައިގަތުމަށް ނިޔަތްގަތުން ޞައްޙަވާނެއެވެ. މިއީ ހިނައިގަންނާން ޖެހޭ ކަންތައްތަކަކަށް ވާތީ އެއް ނިޔަތުން އެ ހިނެއުން ޞައްޙަވަނީއެވެ. 

3-      ނަމާދަށް ބަލާ އިރު، ގަސްތުކުރެވޭ އަޅުކަމަކާއި ގަސްތުނުކުރެވޭ އަޅުކަމެއް އެއް ނިޔަތަކުން އަދާކުރެވޭނެއެވެ. މިސާލަކަށް ތަޙިއްޔަތުލްމަސްޖިދު ނުވަތަ އިސްތިޚާރާ ނަމާދު ފަރުޟު ނަމާދަކާ އެކު ނުވަތަ އަދާކުރާންޖެހޭ ސުންނަތް ނަމާދަކާ އެކު ކުރެވިދާނެއެވެ. އެހެނީ ތަޙިއްތުލްމަސްޖިދިއަކީ ނުވަތަ އިސްތިޚާރާ ނަމާދަކީ އޭގެ އަމިއްލަ ޒާތުގައި ގަސްތު ކުރެވޭ އަޅުކަމެއްނޫނެވެ. މިހެންވެ އެހެން ނަމާދަކާ އެކު، އެއް ނިޔަތުގައި މި ނަމާދު ކުރެވޭނެއެވެ.

4-     ނަމާދުކުރުމުގެ ނިޔަތާއި އިމްތިޙާނަށް ޓަކައި ޤުރްއާން މުރާޖަޢާކުރުމުގެ ނިޔަތް އެއްކުރުން ވެސް ހުއްދަވާނެއެވެ. ހަމައެފަދައިން މައުމޫންނާ ސަލާންކުރުމުގެ ނިޔަތާ އެކު ނަމާދުން ބޭރުވުމަށް ސަލާންދެވިދާނެއެވެ.

5-     ރޯދައަށް ބަލާ އިރު، ފަރުޟު ރޯދައަކާއި ސުންނަތް ރޯދައެއް އެއް ނިޔަތުން ހިފިދާނެއެވެ. މިސާލަކަށް ޢަރަފާތު ދުވަހު ރޯދަހިފާ އިރު، އެ ރޯދައާ އެކު ޤަޟާ ރޯދައެއް ހިފިދާނެއެވެ. ނުވަތަ  ހޯމަދުވަހާއި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފާ އިރު ފާއިތުވި ރަމަޟާން މަހު ގެއްލިފައިވާ ރޯދައެއް ޤަޟާކުރެވިދާނެއެވެ. އޭނާއަށް މި ކަމުން ދެ ސަވާބު ލިބޭނެއެވެ. ހަމަ އެ ފަދައިން ރޯދަހިފާ އިރު ރޯދައިން ލިބޭ ޞިއްޙީ ފައިދާ ހޯދުމަށް ޓަކައި ނިޔަތްގަތުން ހުއްދަވާނެއެވެ. މި ދެ ކަމުގައި އަރައިރުމެއް ނެތީތީއެވެ.

6-     ފަރުޟު ޒަކާތްދޭ އިރު، މި ޒަކާތް އަދާކުރުމުގެ ނިޔަތާ އެކު ތިމާގެ މީހުންނަށް ޞަދަޤާތްދިނުމުގެ ނިޔަތުގައި ޒަކާތްދެވިދާނެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުން ލިބޭ ސަވާބަށް އެދިއެވެ.

މި ފަދަ މިސާލުތައް ވަރަށް ގިނައެވެ. ވަކި ކަމެއް ކުރާ އިރު ތަފާތު ކަންކަމަށް ނިޔަތް ގަނެގެން ސަވާބު ލިބުން އިތުރުވެގެންދާތީ މިއީ މާތްﷲ އަޅުގަނޑުމެންނަށް ހުޅުއްވައިދެއްވައިފައިވާ ވިޔަފާރިގެއެކެވެ. ނިޔަތް ސިންދަފާތުކުރުމުގެ މަފުހޫމު ދެނެގަތުމަކީ ކޮންމެ ދުވަހަކު އާދަކޮށް އިންސާނާ ކުރާ ޢަމަލުތަކާއި މަސައްކަތްތައް، ސަވާބުގެ އާރަކަށް ބަދަލުކޮށްލެވިދާނެ ކަމެކެވެ. ވަރަށް ފަސޭހަކަމާ އެކު ﷲގެ ޙަޟުރަތުގައި ވުނަކުރެވިދާނެ ކަމެކެވެ. ނިޔަތުގެ ސަބަބުން ފައިދާ ޙާޞިލުކުރާ ވިޔަފާރިވެރިއަކަށް ވޭތޯ ބަލާށެވެ. ދީނުގެ ލުއިފަސޭހަކަން ދަސްކުރާށެވެ!

 

މި ލިޔުމުގައި ބައެއް ލަފުޒު ބޭނުންކޮށްފައިވާ މާނަ:

ނާރެސް      ނ.    ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށްޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް. axis

ނިޔަތް      ނ.    (1) ނަމާދު ރޯދަ ފަދަ އަޅުކަންތައް ކުރަންފަށާއިރު ދުލުން ކިޔާ ބަސްތައް. ނުވަތަ ހިތުން އެ ކަމަކަށް ކުރާ ގަސްދު. (2) ގަސްތު. intention

އާރު       ނ.    (1) ބިމުއަޑިން ފެން އަރާ ތަންތަން. (2) ފެންކޯރު.

ވުނަކުރުން   މ.    ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest

މަފުހޫމު     ނ.    (1) ވިސްނިފައިވާ ގޮތް. _2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.   concept

ދަރުމަ      ނ.    (1) ސަވާބު. (1) ހެޔޮ

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. diversity

ސުވާ       ނ.    ކާއެއްޗަކުން އެއްފަހަރާ އަނގަޔަށްލާން އަތުން ނަގާ މިންވަރު.

 

މަރުޖާ:

[1]  -  أخرجه البخاري (١) ومسلم (١٩٠٧) 

[2]  - ޝާފީޢިގެފާނު ވިދާޅުވާ ގޮތުގައި ކުރާ ޢަމަލުތައް ޤަބޫލުކުރެއްވުން އޮތީ ނިޔަތުގެ މަތީގައެވެ.

[3]  - الألباني، صحيح الجامع ( ١٨٦٢ (

[4]  -  صحيح البخاري  ( ٥٦ (،  الألباني، صحيح الجامع  ( ٣٠٨٢ (

[5]  -  أخرجه مسلم (١٦٢) و ابن حبان   (   ٣٨٤ (  و  الطبراني، المعجم الصغير  (  ٥١٥ )    و  الدارمي (٢٨٢٨)، والنسائي في ((الكبرى)) (٧٦٢٣)، وأبو عوانة في ((المستخرج)) (٣١٠)

[6]  - أخرجه النسائي (١٧٨٧)، وابن ماجه (١٣٤٤)

[7]  - صحيح البخاري الصفحة أو الرقم 1422

ކޮމެންޓު