އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 ޑިސެންބަރު 2025
އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި މީހަކު ގަބުރުސްތާނަށް ގެންދަނީ
ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމުކަމުގައިވާ ނޮބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ފާޅުގައި ކެންޕޭނުކޮށްގެން ވެސް އެ އިނާމެއް އޭނާއަކަށް ނުލިބުނެވެ. ދެން ދިމާކުރީ ފީފާގެ ރައީސްގެ ބޮލަށް ވަދެގެން އަލަށް އިނާމެއް ހަދައިގެން އެ އިނާމު ހޯދާށެވެ. މި ކަމަށް ޓަކައި އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތަކުރާރުކޮށް ގެންގޮސްގެން އެ އިނާމެއް އޭނާ ހޯދައިފިއެވެ. އޭނާއަށް އެ އިނާމު ފީފާއިން ދިނަސް އެ ކަމާ އުފާކުރި މީހުންނަށް ވުރެ ގިނައީ އެ ކަމާ މަލާމާތްކޮށް ހަޖޫ ކީ މީހުންނެވެ.
އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޓުރަންޕުގެ ފުރިހަމަ އެހީތެރިކަމާއި ތާއީދާއި މަދަދާ އެކު ފަލަސްތީނުގައި ހިންގާ ނަސްލުހޭދު ހުއްޓާން ފާޑެއްގެ އެއްބަސްވުމެއް ހެދިޔަސް އެ ނަސްލުހޭދަކަށް ހުއްޓުމެއް ނާދެއެވެ. ފަލަސްތީނު މީހުން ޝަހީދުކޮށް އަދި ހުސްނުވާތީކަން ނޭނގެއެވެ.
ފީފާއިން ޓުރަންޕަށް ހުކުރު ދުވަހު އެ ބުނާ ސުލްހައިގެ އިނާމެއް ދިން އިރު، ސުލްހައަށް ޓަކައި އޭނާ ކުރި ކަމެއް ނެތެވެ. އިއްޔެ ވެސް ފަލަސްތީނުގެ އުތުރު ޣައްޒާއަށް އިސްރާއީލުގެ އަސްކަރީ ސިފައިން ޙަމަލާދީ ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި އުމުރުން ހަތްދިހަ އަހަރުގެ އަނހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ހިމެނެއެވެ. މި ދެމައިން ޝަހީދުކޮށްލީ ކުއޯޑުކޮޕުޓަރު ޑުރޯނެއް ބޭނުންކޮށްގެން އެ ދެމައި ފައްސައި ފަހަތުން ހަމަލަދީގެންނެވެ.
ޓުރަންޕު އެ ބުނާ ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް ގަރަންޓީ ދިން ދެ ގައުމުކަމުގައިވާ ޤަޠަރާއި މިޞްރުން އިއްޔެ ގޮވައިލައިފައިވަނީ އިސްރާއީލުގެ ފައުޖުތައް ވަގުތުން ޣައްޒާއިން ބޭރުކޮށް ބައިނަލްއަގުވާމީ އަސްކަރީ ބާރެއް ޣައްޒާގައި ގާއިމުކުރުމަށެވެ. އަދި ހަނގުރާމަ ހުއްޓާން ވީ އެއްބަސްވުން ތަންފީޒުކުރުމަށެވެ. ނަމަވެސް ޓުރަންޕުގެ އެހީތެރިކަމާ އެކު، އިސްރާއީލުން އެ ގެންދަނީ ފަލަސްތީނު ރައްޔިތުން މަރައި ހުސްކުރަމުންނެވެ. ނަމަވެސް ފީފާއިން ޓުރަންޕަށް އިނާމު ދިނީ ސުލްހަ ގާއިމުކުރާ މީހަކަށް ވާތީޔޯލައެވެ.
ފުޓްބޯޅައާ ބެހޭ ނޫސްވެރިޔާ ޒެކް ލޯވީ ސިފަކުރި ގޮތުގައި [ޑޮނަލްޑް ޓުރަންޕަށް ސުލްހައިގެ އިނާމެއް ދިނުމަކީ މީހުންގެ ކަންފަތުގައި ދަތްނާޅާތީ ލުއިސް ސުއަރޭޒްއަށް އިނާމެއްދިނުމެއް ފަދަ ކަމެކެވެ.] އެހެނީ ކުޅިވަރުގެ ޙަޔާތުގައި މީހުންގެ ގައިގައި ދަތްއެޅުމުގެ މަދުވެގެން ތިން ހާދިސާއެއް ސުއަރޭޒުގެ ފަރާތުން ފާހަގަވެފައިވެއެވެ. ހަމަ އެ ފަދައިން ޓުރަންޕު އެ ގެންދަނީ ދުނިޔެ ފަސާދަކުރަމުންނެވެ. އިންސާނުންނާ ދިމާއަށް އެކި ގައުމުތަކުގެ ރައްޔިތުންނަށް ބޭ އިހުތިރާމުކޮށް އެ މީހުންނަކީ ކުނިބުނިކަމަށް ބުނަމުންނެވެ.
އިސްރާއީލުގެ އަސްކަރީ ބާރުތަކުން އިރުމަތީ ޣައްޒާއަށް ވެސް ޑުރޯނު ބޭނުންކޮށްގެން މެޝިންބަޑީގެ ނުރައްކާތެރި ޙަމަލާތައްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ހަމަ މިފަދައިން ގަވާއިދާ ޚިލާފަށް ފަލަސްތީނުގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީން ލައްވައި އިއްޔެ ހުޅަނގު އައްސޭރީގެ އިރުމަތީ ބައިތުލްއަޙަމްގެ ކިސާން އަވަށަށް ވެސް އިއްޔެ ވަނީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ.
ވަފާ ނޫސް އެޖެންސީއިން އިއްޔެ ބުނި ގޮތުގައި މި މީސްމީހުން ފަލަސްތީނުގެ ގެތަކަށް ހަމަލާދެނީ އިސްރާއީލު ސިފައިންގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންނެވެ.
ކިސާންގައި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިކުރުވައިފައި ތިބި ޔަހޫދީ ޒުވާނުން އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ތިބެ މިފަދަ ހަމަލާތައް ކޮންމެ ދުވަހަކުހެން ފަލަސްތީނަށް ދީ މީހުން ޝަހީދުކޮށް އެ މީހުންގެ މުދާތައް ފޭރުމަކީ އާންމު ކަމެކެވެ. އިސްރާއީލުން ކުރާ މި ފަދަ އެއްވެސް ކަމެއް ޓުރަންޕުގެ ރުހުން ނެތި ނުކުރެވޭނެކަން މުޅި ދުނިޔެ ދަންނާނެއެވެ. ނަމަވެސް ސުލްހައަށް މަސައްކަތްކުރާ މުޞްލިޙަކަށް ޓުރަންޕު ހަދައި އޭނާއަށް ފީފާއިން އިނާމު ދިނީތާއެވެ.
ފަލަސްތީނުގެ ނަސްލުހޭދު ހަނގުރާމައި 2023 އޮކުޓޫބަރުން ފެށިގެން މިހައި ތަނަށް 70 ހާހަށް ވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށް އެއް ލައްކަ ހަތްދިހަ ހާހަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ. މި ހަގީގަތްތައް މިހެން ހުއްޓައި ފީފާއިން ޓުރަންޕަށް ސުލްހައިގެ އިނާމު ދިނުމަކީ އިންސާފަށް ލޯބިކުރާ މީހުންގެ މޫނުމަތީގައި ފީފާއިން އެޅި ވަރުގަދަ ތަފާލެކެވެ.
ލަފުޒެއްގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide