އަސްމާ އަބޫބަކުރު
7 ޑިސެންބަރު 2025
ބައްޕަގެ ނަސޭހަތް
ޒުވާނާ، ހިތްވަރު ގަދަކުރާށެވެ. ދުނިޔޭގެ މީހުން ބުނާ ނުވަތަ ހިތަށް އަރުވާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓާށެވެ. ތިބާ ދާއިމަށް ދުނިޔޭގައެއް ނުހުންނާނެއެވެ. އިންސާނަކަށް ތިބާގެ ފުރާނަ ސަލާމަތްކުރެވޭނެހެއްޔެވެ؟ ނޫނެކެވެ. ބޮޑުވެގެންވާ، ބިރުވެރި ޖަވާބުދާރީވުމުގެ ދުވަހުގައި ތިބާގެ ޙާކިމަކަށް ވާނީ އިންސާނެއްހެއްޔެވެ؟ ނޫނެކެވެ. ދިރިހުއްޓައި ހިތްހަމަޖެހޭ ޒަމީރެއް، މަރުވުމުގައި ހެޔޮ އުންމީދެއް، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގެ ހެޔޮ ޖަވާބެއް އިންސާނަކަށް ދެވޭނެހެއްޔެވެ؟ ނޫނެކެވެ! ނޫނެކެވެ! ނޫނެކެވެ! އިންސާނަކަށް އެ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މީސްތަކުންގެ މަލާމާތަށް ބިރުނުގަންނާށެވެ. އަދި އެ މީހުންގެ ނިކަމެތިކުރުންތަކަށް ވެސް ބިރުގަނެ ނުސިހޭށެވެ. ޙިލްމީގެ ހިތުގެ އަޑު އަންނަމުން ދިޔަ އިރު އޭނާ އޮތީ ވެއްޓިފައެވެ. ބުޅަލެއް ސަލާމަތްކުރުމަށް ކުރި މަސައްކަތުން އެކި ވަރުގެ ހާނިއްކަ ވެއްޖެއެވެ.
ޙިލްމީއަކީ އުމުރުން ވިހި އަހަރުގެ ހިތްހެޔޮ، ތެދުވެރި ޒުވާނެކެވެ. އޭނާ ދިރިއުޅެނީ މާލޭގެ ކުޑަކުޑަ ކުލީ ކޮޓަރިގަނޑެއްގައެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު އުންމީދަކީ އަމިއްލަ މަސައްކަތުން ކުރިއަށް ދިޔުމެވެ. ޙިލްމީ އޭނާގެ ސައިކަލުގައި އަވަސްއަވަހަށް ހޮސްޕިޓަލަށް ދާން ނިކުތެވެ. ތަންކޮޅަކަށް ދުއްވައިލި ތަނާ މަގުމަތީން ކުއްލިއަކަށް ބުޅަލެއް ހުރަސްކުރިއެވެ. ބުޅާ ސަލާމަތްކުރުމަށް ޓަކައި ޙިލްމީ ވަގުތުން ބުރެކިޖެއްސިއެވެ. ނަމަވެސް ތަވާޒުނު ގެއްލި، މަގުގެ އަރިމަތީގައި ޕާކުކޮށްފައި އޮތް އަގުބޮޑު ރީތި ކާރެއްގައި ޖެހުނެވެ. ސައިކަލަށާއި ކާރަށް ވެސް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.
އެ ވަގުތު އެ ސަރަހައްދުގައި މީހުން ތިބި ނަމަވެސް ކާރުގެ ވެރިމީހާއެއް ނެތެވެ. ޙިލްމީއަށް އަނިޔާވީ ނަމަވެސް އޭނާ އަވަހަށް ހޮސްޕިޓަލަށް ދާން ނިންމިއެވެ. ބައްޕަ އޮންނާނީ އޭނާގެ އިންތިޒާރުގައެވެ. ނަމަވެސް، ކާރުގެ ވެރިފަރާތަށް އޭނާގެ ޒިންމާއަދާކުރަން ޖެހޭނެކަން އޭނާގެ ހިތަށް އެރިއެވެ. އެހެންކަމުން، އޭނާ ލަސްނުކޮށް އޭނާގެ ފޯނު ނަންބަރާއި ނަމާއި އެޑުރެސް، ކަރުދާސްކޮޅެއްގައި ލިޔެ، ކާރުގެ ވިންޑު އިސްކިރީނުގައި ތަތްކޮށްލިއެވެ. އޭނާގެ ހިތުގައި އޮތީ އެއްވެސް މީހަކަށް އޮޅުވައިނުލައި، ތެދުވެރިކަމާ އެކު ކަންތައްތައް ކުރިއަށްގެންދިއުމުގެ ޚިޔާލެވެ. އޭނާ އަވަސްއަވަހަށް ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ލިބުނު ގެއްލުމަށް ވުރެ ބައްޕައަށް ލަސްވާނެތީ އެ ކަމާ ވިސްނަމުންނެވެ.
[ދަރިފުޅާ ހާދަ ލަސްވީ.] ބައްޕަ އަބަދު އެކަނި އޮންނާންޖެހޭތީ އޮންނާނީ ޙިލްމީ އައުން ލަސްވެފައެވެ. ވާނީ ވެސް އެހެންނެވެ. ބައްޕަ ހޮސްޕިޓަލުގައި ބޭއްވިއެއް ކަމަކު އޮފީހަކުން ޗުއްޓީއެއް ވެސް ލިބުނީއެއް ނޫނެވެ.
ކާރުގެ ވެރިފަރާތް ކަމުގައިވާ އަނަސް އޭނާގެ ޑްރައިވަރާ އެކު، އެނބުރި އައިސް ކާރަށް ލިބިފައިވާ ގެއްލުން ފެނުމުން ވަރަށް ހިތްހަމަ ނުޖެހުނެވެ. ޑްރައިވަރު ބުނީ އެ ކަން ކުރި މީހާ ފިލައިގެން ދިޔައީކަމަށެވެ. އަނަސް ރުޅިގަނޑު އިތުރުވިއެވެ. އެވަގުތު އަނަސަށް ކޯލެއް އައުމުން ފޯނުން ވާހަކަދައްކާން ފެށިއެވެ.
ޑްރައިވަރަށް ކާރުގެ ވިންޑްޝީލްޑުގައި ހުރި ނަންބަރު ފެނި، އެ ނަންބަރަށް ގުޅިއެވެ. ފޯނު ނެގީ ޙިލްމީއެވެ. ޑްރައިވަރު އެދުނީ ވީހައި އަވަހަކަށް އެ ތަނަށް އައުމަށެވެ.
[ބައްޕާ. އަހަރެން ދާންޖެހިއްޖެ. ވަރަށް އަވަހަށް އެބަ އަންނަން.] ބައްޕަ އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.
[ދަރިފުޅުގެ ނިތްކުރީން ލޭ އެބަ އާދޭ.] ޙިލްމީ ނިތްކުރީގައި އަތްޖައްސައިލި އިރު އަތުގައި ވެސް ލޭ ހުއްޓެވެ.
[ހޮސްޕިޓަލަށް އަވަހަށް އަންނާން ވެގެން ތަންކޮޅެއް ބާރަށް ދުއްވައިފައި އާދެވުނީ. ކުއްލިއަކަށް ހުރަސްކުރި ބުޅަލެއް ސަލާމަތްކުރާން ހަދައިގެން ކާރެއްގައި ޖެހުނީ. އެމީހާ އެ ގުޅަނީ. ވަރަށް އަވަހަށް އަންނާނަން.] ޙިލްމީ ނިކުމެގެން ދިޔުމުން ޙިލްމީގެ ބައްޕަ ވިސްނަމުން ދިޔައެވެ.
[ދަރިފުޅު ކުށްވެރި ވެއްޖިއްޔާ އަހަރެން މި ހޮސްޕިޓަލުން ނިކުންނާނެގޮތެއް ވެސް ނޯންނާނެ.] އެ ބައްޕަ ދިޔައީ ދަރިފުޅަށް ޓަކައި ހެޔޮ ދުޢާކުރަމުންނެވެ.
ޙިލްމީއަށް ކާރު ކައިރިއަށް ދެވުނު އިރު، ޑްރައިވަރު ހުރީ ރުޅިއައިސްފައެވެ.
[މިހައި ބޮޑު ގެއްލުމެއް ދީފައި ކީއްވެ ފިލައިގެން ދިޔައީ؟] ޑްރައިވަރު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކާން ފެށިއެވެ.
[އަޅުގަނޑު ފިލައިގެން ދާ ޚިޔާލު ހުރި ނަމަ، ތިޔަ ބޭފުޅާއަކަށް އަޅުގަނޑެއް ނުފެންނާނެ. އަދި ހޯދާކަށް ވެސް ފަސޭހައެއް ނުވާނެ. ނަންބަރު ދީފައި ދިޔައީ އެ ކަހަލަ ނިޔަތެއްނެތީމާ.]
[ފިލުމުގެ ނިޔަތެއް ނެތް. އެހެން މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަލޭ ކުރި ކަމެއް މިއީ.] ޑްރައިވަރު ދެއްކި ވާހަކަ އަނަސް އަށް އިވުނުވެ. ފޯނު ކުރުކޮށްލުމަށް ފަހު ޙިލްމީ ކައިރިން އަނަސް ވީގޮތް އޮޅުންފިލުވިއެވެ.
ޙިލްމީ ހިނގި ހުރިހާ ކަމެއް ތެދުބަހުން ކިޔައިދިނުމުން، އަނަސްގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ރުޅިގަނޑު މަޑުވިއެވެ. އެހެންނަމަވެސް ޙިލްމީއާ ދިމާއަށް ޑްރައިވަރު ހަޅޭއްލަވައިގަތެވެ.
"އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް ދޮގު ހެދޭތޯ ބަލާތި. އިސްޓޯރީ ޖައްސާން މޮޅެއްނު.] ޑްރައިވަރު ބުންޏެވެ.
[ޙަޤީގަތާ ކުރިމަތިލާން ކެރޭނެތޯ؟ އަޅުގަނޑުގެ ބައްޕަގެ ނަސޭހަތަކީ އަބަދުވެސް ތެދުބަހުން ވާހަކަދެއްކުން.] ޙިލްމީ ދެރަވެފައި ބުނެޏެވެ.
އަނަސް، ޙިލްމީގެ ތެދުވެރިކަމަށްޓަކައި ވަރަށް އުފާކުރިއެވެ. އަނަސް ހޮސްޕިޓަލަށް ގޮސް ޙިލްމީގެ ބައްޕައާ ބައްދަލުކޮށް، ޙިލްމީގެ ތެދުވެރި ވާހަކަ ކިޔައިދިނެވެ.
އަދި ބޭނުންވީ ގެއްލުމުގެ ބަދަލު ޙިލްމީ ދިނުމަށްވުރެ ބޮޑަށް، އޭނާގެ ތެދުވެރިކަމަށްޓަކައި ޝުކުރު އަދާކުރާށެވެ. އަނަސް ބުނީ ގެއްލުމުގެ ހުރިހާ ޚަރަދެއް އޭނާ އަމިއްލައަށް ބަލާނެކަމަށާއި، ޙިލްމީއަށް ލިބުނު އަނިޔާއަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ. އަދި ޙިލްމީގެ ބައްޕައަށް ވެސް އަވަސް ޝިފާއަކަށް އެދިފައި ހޮސްޕިޓަލުން ނިކުތެވެ.
ޙިލްމީގެ ތެދުވެރިކަމުގެ ސަބަބުން، އަނަސް ޙިލްމީއަށް ވަޒީފާއެއްގެ ފުރުސަތު ވެސް ހުށަހެޅިއެވެ. މިހާރު އަދާކުރާ ވަޒީފާއަށް ވުރެ ދެގުނަ ބޮޑު މުސާރައަކާ އެކުގައެވެ. އެހެންނަމަވެސް ޙިލްމީއަށް އޭނާ އަދާކުރަމުން ގެންދާ ވަޒީފާ ދޫކޮށްލާކަށް އެހައި ފަސޭހައެއް ނުވިއެވެ. އަނަސާއި ޙިލްމީއާ ދެ މީހުންގެ ދެމެދުގައި ރަޙުމަތްތެރި ގުޅުމެއް ބަދަހިވެގެން ދިޔައެވެ.
އޭގެ ދެ އަހަރު ފަހެވެ. އަނަސަށް ޙިލްމީގެ ތެދުވެރިކަން އެނގި އަނަސްގެ ކައިރިއަށް ވަޒީފާއަށް އައުމަށް ކިޔާ ވަރުން ޙިލްމީ އެ ވަޒީފާ ގަބޫލުކުރިއެވެ. ޙިލްމީ މަސައްކަތްކުރީ ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާ އެކުއެވެ. އޭނާގެ މި ސިފަތަކުގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮފީހުގެ އެންމެންގެ އިތުބާރު ހޯދިއެވެ. އަނަސަށް ޙިލްމީގެ މަސައްކަތްތެރިކަމާއި ތެދުވެރިކަން ފެނި، އޭނާގެ މަޤާމު މަތިކުރިއެވެ. ޙިލްމީގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އެންމެ އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެކަމަކު އެ އެކުސިޑެންޓަށް ފަހު އޭނާ ދެއްކި ތެދުވެރިކަމުގެ ސަބަބުންނެވެ.
އަނަސްގެ ޑުރައިވަރާއި އޮފީހުގެ ބައެއް މީހުން ހިތްހަމަ ނުޖެހޭން ފެށިއެވެ. ޙިލްމީ އެ އޮފީހުން ބޭރުކުރާނެ ގޮތަކާ މެދު، އެ މީހުން ވިސްނާން ފެށިއެވެ. އެންމެ ފަހުން ވަޒީފާއަށް އައި ޙިލްމީއަށް މަތީ މަގާމު ލިބުމުން އެ ކަމަށް އެދިއެދި ތިބި މީހުންގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެއްޖެއެވެ. އެކި މީހުން ޚިޔާލު ދިނީ އެކި ގޮތަށެވެ. ޙިލްމީ ރޭގަނޑު މަސައްކަތްކުރާން އުޅޭ ވަގުތު އަންހެންކުއްޖަކު ފޮނުވާން މާނިޢު ޚިޔާލުދިނެވެ. އަދި ޙިލްމީގެ ކެބިންއަށް ވަދެ ހަޅޭއްލަވައިގަތުމަށް ރާވައި އެ ގޮތަށް ނިންމިއެވެ. އެރޭ އެ މީހުން ތައްޔާރުވެގެން ތިއްބައި ޙިލްމީ އޮފީހަށް އަންނާން އޮތް އޮތުން ކެންސަލުވިއެވެ.
އެހެން ދުވަހަކު އަނެއްކާ އެހެން ރޭވުމެއް ރޭވިއެވެ. އަނަސް ކޮންމެ ދުވަހަކު މުވައްޒަފުންގެ ސަޔަށް ނަގާ ފައިސާ ޙިލްމީގެ މޭޒުމަތިން ފެންނަ ގޮތަށް ހެދުމަށެވެ. އެ ހިސާބުން އަނަސްގެ އިތުބާރު ގެއްލޭނެކަމަށް ބުނެފައެވެ. އެ ކަމަށް އެންމެން އެއްބަސްވެ މަޝްވަރާ ނިންމައިލިއެވެ.
އަނެއް ދުވަހު ޙިލްމީ އޮފީހުގައި މަސައްކަތް ކުރަނިކޮށް، ޙިލްމީގެ މޭޒުމަތީން ފައިސާ ބޮނޑިއެއް ހުއްޓައި ފެނުނެވެ. ޙިލްމީ އެ ފައިސާ ބޮނޑި ނަގައި، އަނަސް އަށް ގެންގޮސް ދިނެވެ. އަނަސް އެ ފައިސާތައް ހޯދާން އުޅޭތާ ގިނަ އިރުތަކެއް ވެއްޖެއެވެ.
[މި ފައިސާގެނެސް މިތާ ބެހެއްޓި ހަނދާން ވަނީ. ކީއްވެ ޙިލްމީއާ ހިސާބަށް ދިޔައީ.]
[ތިޔައެއް ނޭނގޭ އަޅުގަނޑަކަށް. އަޅުގަނޑުގެ މޭޒުމަތީން ފެނުނީ. އަޅުގަނޑު އެއްވެސް ފައިސާއެއް ނުގެންގުޅެން. އެހެންވެ މި ގެނެސްދިނީ.] އޮފީހުގެ އެންމެންގެ ހިތްތަކުގައި ޙިލްމީއަށް އޮތް ލޯތްބާއި އިޙްތިރާމް އިތުރުވެ، އޭނާގެ ތެދުވެރިކަމުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއަކީ އެންމެންނަށް ވެސް ލިބުނު ފިލާވަޅެކެވެ. ޙިލްމީއަށް ބޮނޑިއެއް ދޭން އުޅުނު މީހުންނަށް، އެ މީހުންގެ އަމިއްލަ ނިޔަތުގެ ސަބަބުން ލިބުނީ ހިތްދަތިކަމާއި ލަދުވެތިކަމެވެ. އަނަސްގެ ކުރިމަތީގައި އެ މީހުންގެ ހަޤީޤަތް ފަޅައިއެރި ހިނދު، އެ މީހުންގެ މޫނުތަކުގެ ކުލަ ބަދަލުވެ އިސްދަށަށްޖަހާން ޖެހުނެވެ. ޙިލްމީ ދެކެ ނުރުހޭ އެ މީހުންގެ ޢަމަލުތައް ހާމަވުމުން، އޮފީހުގެ އެހެން މުވައްޒަފުން އެ މީހުންނަށް ދެކެމުން ދިޔައީ ނުރުހުމުގެ ނަޒަރަކުންނެވެ.
އަނަސް ވަރަށް ހަރުކަށިކަމާ އެކު، އެމީހުންނަށް ނަސޭހަތްދެއްވިއެވެ. އަދި ޙިލްމީގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމަށް ޓަކައި އޭނާއަށް ޝުކުރުއަދާކުރެއްވިއެވެ. ޙިލްމީއަށް އެއްވެސް ގެއްލުމެއް ނުލިބި، އޭނާގެ މަޤާމާއި އިތުބާރު އިތުރަށް ވަރުގަދަވެގެން ދިޔައީ، އޭނާގެ ސާފު ހިތާއި ތެދުވެރިކަމުގެ ސަބަބުންނެވެ. އެ ބޮނޑި ދިނުމަށް ރޭވި މީހުންނަށް އެމީހުންގެ ޢަމަލުތަކުގެ ސަބަބުން ވަޒީފާއިން ވަކިވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހުނެވެ. އެ މީހުން ދެން އޮފީހަށް އަންނާނީ ވެސް ބިރުވެތިކަމާއި ލަދުވެތިކަމާއެކުގައެވެ.
[އެ މީހުންނަށް އަދި ނުވިސްނެނީ. އަޅުގަނޑު އެދެނީ އެ މީހުންނަށް މަޢާފުދެއްވުމަށް." ޙިލްމީގެ ހިތްހެޔޮކަމުގެ ސަބަބުން، އޭނާ އެ މީހުންނަށް މާފުކުރުމަށް އެދި، އެ މީހުންނަށް އަދަބުދިނުމުގެ ބަދަލުގައި އިތުރު ފުރުޞަތެއް ދިނުމަށް އަނަސްގެ ކިބައިން އެދުނެވެ.
ޙިލްމީގެ މި ހިތްހެޔޮކަމުގެ ސަބަބުން، އޭނާގެ ދުޝްމަނުންގެ ހިތްތަކުގައި ވެސް އޭނާއަށް ޓަކައި އިޙްތިރާމް އުފެދުނެވެ. އެމީހުން ޙިލްމީގެ ކިބައިން މާފަށް އެދި، ދެން އެފަދަ ކަމެއް ނުކުރާނެކަމަށް ވަޢުދުވިއެވެ. ޙިލްމީ އެ މީހުންނަށް ހިނިތުންވުމާ އެކު، މާފުކުރިއެވެ.
އެ ދުވަހުން ފެށިގެން އޮފީހުގެ މާޙައުލު ބަދަލުވިއެވެ. އެންމެން އެކަކު އަނެކަކަށް އިތުބާރުކޮށް، އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާން ފެށިއެވެ. ޙިލްމީގެ ތެދުވެރިކަމުގެ ސަބަބުން އޭނާގެ ވަޒީފާގައި ކުރިއެރުން ލިބި، އޮފީހުގެ އެންމެ އިތުބާރު ހުރި މުވައްޒަފަކަށް އޭނާ ވެގެން ދިޔައެވެ. ޙިލްމީގެ ވާހަކައަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ކޮންމެ ހާލަތެއްގައި ވެސް އެންމެ މަތިވެރި ސިފަތައްކަމުގައި ދައްކުވައިދިން ނަމޫނާއެކެވެ.
ޙިލްމީގެ ތެދުވެރިކަމުގެ ވާހަކަ އޮފީހުގެ އެންމެންގެ ތެރޭގައި މަޝްހޫރުވިއެވެ. ޙިލްމީއަކީ އެންމެންގެ އިތުބާރު ލިބިފައިވާ މީހަކަށް ވިއެވެ. އަނަސް ބޭނުންވީ ޙިލްމީއަށް އިތުރު ފުރުސަތުތައް ދިނުމަށެވެ. އަނަސް އޭނާގެ ވިޔަފާރީގެ ބައެއް މުހިންމު މަސައްކަތްތައް ޙިލްމީއާ ހަވާލުކުރިއެވެ. ޙިލްމީ އެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔައީ ވަރަށް ކާމިޔާބުކަމާ އެކުގައެވެ. ޙިލްމީގެ ތެދުވެރިކަމާއި އިޚުލާސްތެރިކަމުގެ ސަބަބުން، އޭނާގެ ދިރިއުޅުން ރަނގަޅުވެ، އޭނާގެ އުންމީދުތައް ހާސިލުވިއެވެ. އޮފީހުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ކިޔެވުމަށް ފަރުވާތެރިވިއެވެ. ޔުނިވަރސިޓީއިން ވެސް އެންމެ ރަނގަޅު ދަރިވަރަކަށް ޙިލްމީ ވިއެވެ. ބައްޕަގެ ނަސޭހަތުގެ އެ ބަސް ގަބޫލުކުރުމުގެ ސަބަބުން ޙިލްމީގެ މުޅި ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވިއެވެ. (ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
އުންމީދު ނ. ކަމެއް ވާނެކަމާ މެދު އެދެވޭ އެދުން. hope
ދުޝްމަނު ނ. އަދާވާތްތެރިޔާ ނުވަތަ ހަތުރު. enemy
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
އިސްކިރީނު ނ. ގިއުގަނޑެއްގައި ފަތިޖަހައިގެން ހަދައިފައި ހުންނަ ބިތްގަނޑު. screen