އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 ޑިސެންބަރު 2025
އިންފަންޓީނޯ (ކ)އާއި ޓުރަންޕު (ވ). މެދުގައި އިށީނދެގެން ޓުރަންޕުގެ އަނބިމީހާ: ތުރަންޕު އުފަލުން ނަށަނީ (އޭޕީ ފޮޓޯ: އަލްޖަޒީރާއިން)
ކުޅުންތެރީން ސިޔާސީ މެސެޖުތައް ދެއްކުމުން ނުވަތަ އެ ފަދަ ޙަރަކާތްތައް ހިންގުމުން ގިނަ ފަހަރަށް ފީފާއިން އެ ފަދަ ކުޅުންތެރީން ޖޫރިމަނާކުރުމާއި ފުޓުބޯޅައިން ދުރުކުރުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި މުއައްސަސާ ފީފާއިން ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ތަވާޒުނު ސިޔާސަތެއް އިއުލާނުކުރަމުން ގެންދިޔައެވެ. ފަލަސްތީނުގެ ނަސްލުހޭދާ ދެކޮޅަށް ޝިޢާރު ފާޅުކުރުމަކީ ވެސް ސިޔާސީ ކަމެއްކަމަށް ބުނެ، ފަލަސްޠީނުގެ ޝިޢާރު އެއްވެސް ކުޅިވަރު ޙަރަކާތެއްގައި ނުވަތަ ދަނޑުމަތީގައި ހާމަކުރުން ވަނީ މަނާކޮށްފައެވެ.
އެކަމަކު ހުކުރު ދުވަހު އެ ޖަމިއްޔާގެ ވެރިޔާ ޖިއާނީ އިންފަންޓީނޯ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕަށް ފުރަތަމަ ފަހަރަށް ފީފާގެ ސުލްހައިގެ އިނާމު ކުއްލި ގޮތަކަށް ހަވާލުކޮށް، ރިޕަބްލިކަން ޕާޓީގެ އިސްވާރަށް އޭނާގެ ސިޔާސަތު އިތުރަށް ބަދަހިކޮށްދީފައެވެ.
ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޓުރަންޕަށް މި އިނާމުދިނީ ޓުރަންޕުގެ ވެރިކަމުގައި ކެރީބިއަން ސަރަހައްދުގައި އަނެއްކާ ވެސް ނުރައްކާތެރި މަރުގެ ވައިގެ ހަމަލާއެއް ދިންތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތައިލުމުގެ ހަނގުރާމައިގައި ދުނިޔޭގެ ފުޓްބޯޅައިން އިސްރާއީލު އެއް ފަރާތްކުރުމަށް ކެންޕޭނުކުރެއްވި، އދ.ގެ ކުރީގެ އޮފިޝަލެއްކަމަށްވާ ކްރެއިގު މޮކިބާރ ވިދާޅުވީ ޓުރަންޕަށް އިނާމުދިނުމަކީ އެއީ [ލަދުވެތި ތަރައްގީއެއް]ކަމަށެވެ.
"ޖިއޮޕޮލިޓިކަލް" މައްސަލަތައް ފުޓްބޯޅައިން ހައްލުނުކުރެވޭނެ ކަމަށް ބުނެ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންފަންޓީނޯ ވަނީ ކުރީން ދެކޮޅު ހަދައިފައެވެ. އެހެންނަމަވެސް ރޫސީވިލާތުން ޔުކްރޭނާ ހަނގުރާމަކުރާތީކަމަށް ބުނެ، ރޫސީވިލާތް ވަނީ ދުނިޔޭގެ ފުޓްބޯޅައިން އެއްފަރާތްކޮށްފައެވެ. ވީމާ، އިންސާފާއި ޢަދުލުގެ ވާހަކަދައްކާ މި މުނާފިގު މީސްމީހުން ދައްކާ ވާހަކަތަކުގެ ދެކޮޅު ދިމައެއް ނުވެއެވެ.
[ފަލަސްތީނުގައި އެމެރިކާގެ މަދަދާ އެކު އިސްރާއީލުން ހިންގި ނަސްލުހޭދުގައި ފީފާ ބައިވެރިވި މިންވަރާ މެދު ހިތްހަމަ ނުޖެހުމުން، އިންފަންޓީނޯއާއި އޭނާގެ އެކުވެރީން މިހާރު ވަނީ ޑޮނަލްޑު ޓުރަންޕުގެ ލޯބި ހޯދުމަށް ޓަކައި މުޅީން އަލަށް 'ސުލްހައިގެ އިނާމެއް' އީޖާދުކޮށްފައެވެ.] އަލްޖަޒީރާއާ ވާހަކަދައްކަވަމުން މޮކިބާރ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓުރަންޕަށް ދިން މި އިނާމުގެ މަގުސަދަކީ ވެސް އިސްރާއީލަށް ތާއީދުކުރާ ޓުރަމްޕުގެ [ރަހުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރި ރެކޯޑް]އާއި ކެރީބިއަން ކަނޑުގައި އުޅަނދުތަކަށް ދިން މަރުގެ ހަމަލާތަކާއި އެމެރިކާގެ އެތެރޭގައި [އިންސާނީ ހައްގުތަކާ ހިލާފުވުމުގެ ޢަމަލުތައް] ހިންދައިލައި އޮއްބައިލުމެވެ.
ޓުރަންޕަށް އިންފަންޓީނޯ ތާރީފުކުރުން
ހުކުރު ދުވަހު ޓުރަންޕަށް އިނާމުދެމުން އިންފަންޓީނޯ ވަނީ، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ހޯދުމުގެ މައްސަލައަށް ޙައްލު ނުހޯދައި، އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ރަސްމީ ގުޅުން ގާއިމުކުރި [އިބްރާހީމީ އެއްބަސްވުންތައް] (އަބްރަހަމް އެކޯޑްސް) ހިމެނޭ ގޮތަށް ޓުރަންޕުގެ ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް ތާރީފުކޮށްފައެވެ.
[މިއީ އަހަރެމެން އިސްވާރެއްގެ ކިބައިން ބޭނުންވާ ކަންކަމަކީ: ރައްޔިތުންނަށް އަޅައިލާ އިސްވާރެއް. އަހަރެމެން ބޭނުންވަނީ ރައްކާތެރި ދުނިޔެއެއްގައި، ރައްކާތެރި މާހައުލެއްގައި އުޅޭން. އަހަރެމެން ބޭނުންވަނީ އެއްބައިވަންތަވާން، އަދި އެއީ މިއަދު މި ތަނުގައި ކުރާ ކަމެއް، އަދި އެއީ ވޯލްޑް ކަޕްގައި ކުރާން ބޭނުންވާ ކަމެއް،] ފީފާ އިނާމު ހަދިޔާކުރަމުން އިންފަންޓީނޯ ބުންޏެވެ.
[ޢިއްޒަތްތެރި ރައީސް، ފީފާގެ ފުރަތަމަ ސުލްހައިގެ އިނާމު ކަނޑައެޅިގެން ހައްގުވަނީ މަނިކުފާނުގެ އަމަލުފުޅުތަކަށް، މަނިކުފާނު، މަނިކުފާނުގެ ގޮތުގައި ހޯއްދެވި ކަންކަމަށްޓަކައި، ހޯއްދެވި ކާމިޔާބީތަކަށް ޓަކައި. އެ ކާމިޔާބީތައް މަނިކުފާނު ހޯއްދައިފައިވަނީ ގަބޫލުކުރާން ދަތި، އާދަޔާ ޚިލާފު ގޮތްގޮތަށް.] އިންފަންޓީނޯގެ ތާރީފުގެ ބަސްތައް އޮއްސައިލީ މި ފަދަ މޭރުމަކުންނެވެ.
ޓުރަންޕު ވަނީ ނޮބެލް ސުލްހައިގެ އިނާމަށް ފާޅުގައި ކެމްޕޭންކޮށްފައި ނަމަވެސް، މި އަހަރު ކުރީކޮޅު ދިން އެ އިނާމު އޭނާއަށް ވަނީނުލިބިފައެވެ. ފިފާއިން މި ދިން އިނާމަކީ ނޮބެލް ސުލްހައިގެ އިނާމު ޓުރަންޕަށް ނުލިބުމުން އިންފަންޓީނޯގެ ބޮލަށް ވަދެގެން އޭނާއަށް ރިޝްވަތުދީގެން ހޯދި ނުހައްގު އިނާމެއްކަމަށް ދުނިޔޭގެ ސުލްހައަށް ލޯބިކުރާ މުހައްލިލުން ގަބޫލުކުރެއެވެ.
އިންފަންޓީނޯ ބުނީ ފީފާއިން ޓުރަންޕުގެ ޚިދުމަތްތައް ފާހަގަކޮށް އިނާމު ދިނުމަކީ، އޭނާއަށް ލިބިފައިވާ "ބޮޑެތި ޝަރަފު"ތަކުގެ ތެރެއިން އެއް ޝަރަފުކަމަށާއި، ޓުރަންޕުގެ ރިޔާސީ ދައުރުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްވެ، އަށް ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަމަށް އޭނާ ތަކުރާރުކުރިއެވެ. ނަމަވެސް ޓުރަންޕު ހުއްޓުވި ނަމަ، ހުއްޓުވި ހަނގުރާމަތަކަކީ އޭނާގެ އިސްނެގުމުގެ މަތީން ނުވަތަ އޭނާގެ މަދަދާއި އެހީތެރިކަމާއި ލަފާގެ މަތީން ފަށައިފައިވާ ހަނގުރާމަތަކެއްކަން ފާހަގަކޮށްލެވެއެވެ. މިސާލަކަށް އިސްރާއީލާއި އީރާނާ ދެމެދު ކުރެވުނު 12 ދުވަހުގެ ހަނގުރާމައާއި ޣައްޒާގައި ފަލަސްތީނުގެ ނަސްލުހޭދަކުރުމަށް އިސްރާއީލުން ހިންގާ ހަނގުރާމަތައް ފާހަގަކޮށްލެވެއެވެ.
އިނާމު ދިނުމުގެ މި ރަސްމިއްޔާތުގައި ޓުރަންޕު ދެއްކި ވާހަކަ ކުރު ނަމަވެސް އަދިވެސް ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ރެކޯޑަށް ގަލެއް އެއްލިއެވެ.
"އެމެރިކާ، މީގެ އެއް އަހަރު ކުރިން، ހިނގަމުން ދިޔައީކީ މާ ރަނގަޅަކަށް ނޫން. މިހާރު އަހަރެން ބުނާން އޮތީ، އަހަރެމެންނަކީ ދުނިޔޭގެ ހުރިހައި ކަންކޮޅެއްގައި ވެސް އެންމެ އަޑުގަދަ އެންމެ މަޝްހޫރު 'ހޫނު' ގައުމުކަމަށް ޓުރަންޕު ބުންޏެވެ.
މާޒީގެ ބަޔާންތަކުން ނުކުމެ ދުރަށް ދިޔުން
އިންފަންޓީނޯ މީގެ ކުރީން ވަނީ ބައިބައިވުން އުފެއްދާ ޙަރަކާތަކަށް ފުޓުބޯޅަ ނެހެދުމަށް ގޮވައިލައި އެ ކަމަށް އިންޒާރުދީފައެވެ. ނަމަވެސް އިންފަނޓީނޯ، ޓުރަންޕަށް މި ދިން އިނާމުގެ ސަބަބުން ފުޓުބޯޅައިގެ މުޖުތަމަޢު ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ބައިބައިވުން އުފެދިފައެވެ.
[ޤައުމު އެއްބައިވަންތަކުރުމަށް ކުޅިވަރަށް ވުރެ ވަރުގަދަ ވަސީލަތެއް ނޯންނާނެއެވެ.] 2023ވަނަ އަހަރު އިންފަންޓީނޯ ބުނެފައި ވެއެވެ.
ފާޑުކިޔާ މީހުން ފާހަގަކުރާ ގޮތުގައި އިންފަންޓީނޯ ވަނީ ސުލްހައާއި އެއްބައިވަންތަކަން ފާހަގަކުރުމަށް ދެ އަހަރު ފަހުން އިނާމެއް އުފައްދައި، އޭގެ މަދު ދުވަސްކޮޅެއް ކުރީން ސޯމާލިއާގެ ރައްޔިތުންނަކީ "ކުނި"ކަމަށް ބުނެ ވާހަކަދެއްކި ރައީސަކަށް ދީފައެވެ.
އެނގިވަޑައިގެންފައިވާނޭ ފަދައިން، ދާދި ފަހުން ޓުރަންޕު ދިން ތަގުރީރެއްގައި އޭނާ ވަނީ ސޯމާލިޔާ މީހުންނަށް ނިސްބަތްކޮށް ވަރަށް އިހާނެތިކޮށް ވާހަކަދައްކައި އެތާނގެ ރައްޔިތުންނަކީ ކުނިބުނިކަމަށް ބުނެ، ވަރަށް އަދަބުކުޑަ ވާހަކަތަކެއް ދައްކައި އިންސާނީ ކަރާމަތަށް އަރައިގެންފައެވެ.
[ޑޮނަލްޑް ޓުރަންޕަށް ސުލްހައިގެ އިނާމެއް ދިނުމަކީ މީހުންގެ ކަންފަތުގައި ދަތްނާޅާތީ ލުއިސް ސުއަރޭޒްއަށް އިނާމެއްދިނުމެއް ފަދަ ކަމެކެވެ.] ކުޅިވަރުގެ ޙަޔާތުގައި މީހުންގެ ގައިގައި ދަތްއެޅުމުގެ މަދުވެގެން ތިން ހާދިސާއެއް އޭނާގެ ފަރާތުން ފާހަގަވެފައިވާ، އުރުގުއޭގެ ފުޓުބޯޅަ ކުޅުންތެރިޔާ ލުއިސް ސުއަރޭޒަށް އިޝާރާތްކޮށް، ފުޓްބޯޅައާ ބެހޭ ނޫސްވެރިޔާ ޒެކް ލޯވީ މީސްމީޑިއާގެ މަންސައެއްގައި ލިޔެފައިވެއެވެ.
އަންނަ އަހަރު މެކްސިކޯއާއި ކެނެޑާއާ އެކު، ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާން އެމެރިކާ ތައްޔާރުވަމުން އަންނަ އިރު، އިންފަންޓީނޯ ވަނީ ޓުރަންޕާ އެކު ވަރުގަދަ ގުޅުންތަކެއް ގާއިމްކޮށްފައިކަމަށް ފެނެއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއަށް އާންމުކޮށް ގަވާއިދުން ޒިޔާރަތްކުރާ މެހުމާނެއްގެ ގޮތުގައި ފީފާގެ ރައީސް ފާހަގަކުރެވޭ އިރު، މި ދިޔަ އޮކްޓޯބަރު މަހު މިސްރުގައި ޣައްޒާގެ ހަނގުރާމައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓުރަންޕާ އެކު ފީފާގެ ރައީސް ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި އިނާމާ ގުޅިގެން އަލްޖަޒީރާއިން ފީފާއަށް ފޮނުވައިފައިވާ ސުވާލުތަކަށް އަދި މިހައިތަނަށް އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ފީފާގެ އާ އެވޯޑަށް ފާޑުކީ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ ވެސް ހިމެނެއެވެ. [ޓުރަންޕަށް ސުލްހައިގެ ނޮބެލް އިނާމެއް ނުލިބުނީމާ ފީފާއިން އޭނާއަށް އެހެން އިނާމެއް ހަދައިދިނީ.] މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އެ ޕާޓީއިން ބުނެފައިވެ އެވެ.
އެކަމަކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އެމެރިކާގެ ރައީސްއަށް އިތުރު ސީރިއަސް އެހެން ފާޑުކިޔުންތަކެއް އަމާޒުކޮށް، އޭނާގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި ދޯހަޅި ޚާރިޖީ ސިޔާސަތަށް މާ ބޮޑަށް ފާޑުކިޔައިފައި ވެއެވެ.
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide
އިސްވާރު ނ. (1) ވެރިޔާ. _(2) އިސްވެ ހުންނަ މީހާ leader
މީސްމީޑިއާ ނ. ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
ތާރީފު ނ. މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise