އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 ޑިސެންބަރު 2025
އިސްލާމީ ވުޒާރާގެ "މީޑިއާ މައުރަޒު - 2025" ހުޅުއްވައިދެއްވުމަށް ފަހު، ޝަރަފުވެރި މެހުމާނާއި އިސްލާމީ ވަޒީރު މައުރަޒު ބައްލަވައިލައްވަނީ. (ފޮޓޯ: އިސްލާމިކް ސްޓޫޑިއޯ)
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގަކީ ޤާނޫނުއަސާސީއާއި ޤާނޫނުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. މިއީ ބައެއް މުއައްސަސާތަކަށް ވަރަށް އުނދަގޫ ކަމަކަށް ވާހެން ހީވާ ފަހަރު ވެސް އާދެއެވެ. ނަމަވެސް މުއައްސަސާތަކުން ކުރެވޭ ކަންތައްތަކާއި ދެވޭ ޚިދުމަތްތައް އަމިއްލަ އިސްނެގުމުގެ މަތީން ހާމަކުރުމަކީ އެ މުއައްސަސާއަކަށް ފައިދާހުރި ކަމެކެވެ. އަދި އެއީ މަޢުލޫމާތު ހޯދާފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނޭ ކަމެކެވެ.
[މަހޯލި] ޙައްގުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދުމުން އެ މަޢުލޫމާތު ނުދެވިގެންނާއި ނުލިބިގެން ވަރަށް ގިނަ ޝަކުވާތައް އަޑުއިވެއެވެ. މި ހުރިހައި ޝކުވާތަކަކާއި އުނދަގޫތަކެއްގެ އެންމެ ފަސޭހަ ޙައްލަކީ މުއައްސަސާތަކުގެ އަމިއްލަ އިސްނެގުމުގެ މަތީން މަޢުލޫމާތު ޢާންމުކުރުމެވެ.
މި ކަމަށް ޓަކައި އަމިއްލަ އިސްނެގުމުގެ މަތީން އެންމެ ގިނަ މަޢުލޫމާތު އާންމުކުރާ އެއް މުއައްސަސާއަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ވާނެކަމަށް ގަބޫލކުރެވެއެވެ. އެ ވުޒާރާގެ ވެބުސައިޓުގެ އިތުރަށް [ސަރުކާރު]ގައި ވެސް އެންމެ ގިނަ މަޢުލޫމާތު ޙިއްސާކުރާ ވުޒާރާއަކީ ވެސް އެ މިނިސްޓްރީކަން [ސަރުކާރު.ގޮވް.އެމްވީ] (srukaaru.gov.mv)އިން ހާމަވެއެވެ. މީގެ އިތުރަށް [އަޚުބާރު]ގެ ނަމުގައި ވެސް އެ ވުޒާރާއިން ނޫހެއް ނެރުއްވައެވެ. އަދި ކޮންމެ ތިން މަހަކުން އެއް ފަހަރު [ހިދާޔަތުގެ އަލި]ގެ ނަމުގައި މަޖައްލާއެއް ވެސް ގެންދަވަނީ ޝާއިޢުކުރައްވަމުންނެވެ.
މީގެ އިތުރަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހަވާލަތުގެ ދަށުން ކުރައްވާ މަސައްކަތްޕުޅުތަކާއި ދެއްވާ ޚިދުމަތްތައް ޢާންމުންނަށާއި މީޑިއާއަށް ހާމަކުރެއްވުމަށް ޓަކައި [މީޑިއާ މަޢުރަޒު]ގެ ނަމުގައި އަހަރަކު އެއް ފަހަރު ގެންދަވަނީ މަޢުރަޒެއް ވެސް ބާއްވަވަމުންނެވެ.
މި ގޮތުން ފެއްޓެވި ސިލްސިލާ މަޢުރަޒުގެ ދެވަނަ މަޢުރަޒު އިއްޔެ (2025 ޑިސެންބަރު 5ވީ ހުކުރު ދުވަހު) ހަވީރު 4:00ގައި ވަނީ ޢާންމުންނަށް ހުޅުވައިލައްވައިފައެވެ. މި މަޢުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް އަލަފާޟިލް ޢަބްދުއްރަޙީމު ޢަބްދުﷲއެވެ. އެ މަނިކުފާނުގެ އިފުތިތާޙީ ތަޤުރީރުގައި [ދިވެހީންގެ ރާއްޖެ އޭގެ ޒާތުގައި ބިނާކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ އަސާސީ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ އިސްލާމް ދީނާ ގުޅުންހުރި ކަންތައްތައް - ދީނީ ސިޔާސަތުތައް – ތަންފީޒުކުރެއްވުން]ކަމަށް ވިދާޅުވިއެވެ. [މިއަދު އުފާކުރާންޖެހޭ ކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާތީ]ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި [ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވާކަމަށާއި މި ކަމުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ]ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
[އޭގެތެރޭގައި އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާން ބޭނުން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކީ ކީރިތި ޤުރުއާންނާއި ބެހޭ މުބާރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން. އެއީ ހަމަ ގައިމުވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އުފާކުރަންޖެހޭކަމެއް.] މަޖުލިސްގެ ރައީސް ވިދާޅުވިއެވެ. [މީގެ ކުރީގައި މި މުބާރާތަކީ އެހައި އަގުބޮޑު އިނާމުތަކެއް ލިބޭ މުބާރާތެއް ނޫން. އެއަށް ވުރެ މާ އާދައިގެ މުބާރާތްތަކަށް އެއަށް ވުރެ މާ އަގުބޮޑު އިނާމްތައް ލިބިގެންދޭ. އެހެންނަމަވެސް ރައީސް ނިންމެވީ ސައްތައިން ސައްތަ މި މުސްލިމް ދިވެހިރާއްޖޭގައި އެންމެ އަގުބޮޑު އިނާމު ދެވޭ މުބާރާތަކަށް ވާންވާނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށް. އަދި އެ މުބާރާތުގެ ޚާއްސަ ވަނަތައް ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ މަގު ވެސް ވަނީ އެ މަނިކުފާނު ފަހިކޮށްދެއްވައިފައި.]
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހައި ސެކްޝަންތަކަކާ ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ އެ ވުޒާރާއިން ހާސިލްކުރި ކާމިޔާބީތަކާއި، ކުރި މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާންމުންނަށް ފޯރުކޮށްދެއްވުމަށް ޓަކައި ބާއްވަވާ މައުރަޒެކެވެ.
މިއީ ދައުލަތުގެ މުއައްސަސާތަކުގެ އަމިއްލަ އިސްނެންގެވުމުގެ މަތީން މަޢުލޫމާތު ހާމަކުރެއްވުމަށް ޓަކައި ހިންގަވާ ވަރަށް މުހިންމު ޙަރަކާތެކެވެ. މި ކަމަށް އިޝާރާތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، [ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކުރެވޭ ކަންތައްތައް ފެނުމަކީ، ނުވަތަ އަންގައިދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް]ކަމަށެވެ.
[އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން ބާއްވާ 'މީޑިއާ މަރުރަޒު' ވާނީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާއިން ކުރި ގިނަ ކަންތައްތަކެއް - ޖުމްލަކޮށް ހުރިހައި ކަމެއް - އާންމުންނާ ހަމައަށް - މީޑިއާއަށް - ތިލަވެ އެނގޭނެ މައުރަޒަކަށް] ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ކަންތައްތަކެއް ކުރައްވައިފައިވާކަމަށެވެ. އެ މިނިސްޓްރީއިން ކުރައްވާ މަސައްކަތްތަކަކީ މުޖްތަމަޢަށް ފެންނާންޖެހޭނެ، އަދި މުޖުތަމަޢާ ހަމައަށް ފޯރާންޖެހޭނެ ކަންތައްތަކެއްކަމަށާއި މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
[މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައި ވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި.] ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި މައުރަޒުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ނުވަ ސެކްޝަންއަކުން ނުވަތަ ޑިޕާޓުމަންޓަކުން ފާއިތުވި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ފެންނާން އެބަހުއްޓެވެ. މި މައުރަޒު އާންމުންނަށް އިއްޔެ ހުޅުވައިފައި ހުރީ ހަވީރު 4:00އިން ހަވީރު 6:00އަށެވެ. އަދި މާދަމާ (ހޮނިހިރު ދުވަހު) ހެނދުނު 10:00އިން ހަވީރު 6:00އަށް ވެސް މަޢުރަޒު ހުޅުވިފައި ހުންނާނެކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މި މަޢުރަޒަށް ޒިޔާރަތް ކުރާއްވާ އާންމުންނަށް، ދީނީ ޢިލްމުވެރީންނާ ވަގުތުން ސުވާލުކޮށް ކަންކަން އޮޅުންފިލުވުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދެއްވައިފައެވެ، އަދި ޒުވާން ޚަތީބުން ތަމްރީނުކުރާ ކޯހުގެ ފަސް ވަނަ ބުރުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ކަމަށް އެދި ނަން ނޯޓުކުރުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދެއްވައިފައެވެ.
މި ފަދަ ގޮތް ގޮތަށް، ދައުލަތުގެ އިދާރާތަކުން ކުރައްވާ ކަންތައްތައް އާންމުކުރައްވާ ނަމަ، [މަހޯލި] ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭކަށް ނުޖެހޭނެއެވެ. އަދި އެ ދުނުކަމުގައި ވިޔަސް އެ މަޢުލޫމާތު ވާނީ މި ވެނި ދުވަހަކު ހާމަކޮށްފައިކަމަށް ވިދާޅުވުމުން އެ މައްސަލަ ޙައްލުވީއެވެ.
މުއައްސަސާތަކުން ކުރާ ކަންކަން ހާމަކުރުމުން އެ މުއައްސަސާއަކަށް ލިބޭނީ ޝުހުރަތާއި ތާރީފެވެ. ވީމާ، ދައުލަތުގެ ހުރިހައި މުއައްސަސާއަކުން ވެސް އަމިއްލަ އިސްނެންގެވުމުގެ މަތީން މަޢުލޫމާތު ހާމަކުރައްވާން ފައްޓަވާންވީއެވެ. ކޮންމެ މުއައްސަސާއަކުން ވެސް މާހަރާކަމާ އެކު ކަންކަން ކުރައްވާ ނަމަ، މަޢުލޫމާތު ހާމަކުރުމަކީ އޭގެ ފައިދާއާއި ލާބަ މުޅި މުޖުތަމަޢަށް ވެސް ލިބޭނެ ކަމެކެވެ. އެއީ ފަސާދައަށް ހުންނަ ދޮރުތައް ބަންދުވެ، ޑިމޮކްރެސީ ފައްކާވާނެ ކަމެއް ވެސް މެއެވެ.
އިއްޔެ ހުޅުވުނު މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހައި މީޑިއާއަކަށް ދަޢުވަތުދެއްވިކަން ފާހަގަކޮށްލެވެއެވެ. މި ގޮތުގެ މަތީން [ފަރަގު މީޑިއާ]އަށް ވެސް އިއްޔެގެ އިޙުތިފާލަށް ދަޢުވަތު ލިބިގެން [ފަރަގު މީޑިއާ]ގެ އޮފިޝަލަކު ވެސް އެ އިޙުތިފާލުގައި ބައިވެރިވިކަން ފާހަގަކުރެވެއެވެ. އަދި މިއީ ދައުލަތުގެ ފަރާތުން ބޭއްވި މި ފަދަ ރަސްމިއްޔާތަކަށް [ފަރަގު މީޑިއާ]އަށް ދަޢުވަތު ލިބުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަމެވެ. މި ކަމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްލާމިކް ސްޓޫޑިއޯއަށް [ފަރަގު މީޑިއާ] ޝުކުރުވެރިވެއެވެ.
ބައެއް ލަފުޒުގެ މާނަ:
ހަވާލަތު ނ. ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate
މަހޯލި ނ. މަޢުލޫމާތު ހޯދައި ލިބިގަތުން (މިއީ ރަމްޒެއް. ރަދީފަކު ނޯންނާނެ.) RTI
މައުރަޒު ނ. (1) ފަންނީގޮތުން ކުރެވޭ މަސައްކަތްތަކުގެ ނަމޫނާތައް ހުށަހެޅޭތަން. (2) ދައްކައިލާން ބަހައްޓައިފައި ހުންނަ ތަން. (3) ދައްކާން ބޭނުންވާ ތަކެތި ދެއްކުމަށް ޓަކައި ބަހައްޓައިފައި ހުންނަތަން. exhibition
މާހަރާ ނއ. ސިއްރުކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. transparent
މާހަރާކަން ނއނ. ސިއްރުކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަކަން. transparency
ފަސާދަ ނ. (1) ފިތުނަ. (2) ބަޣާވާތް. (3) ގަޑުބަޑު. (4) ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ. corruption
ތާރީފު ނ. މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise