ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (7)

އައްޝައިޚު އިބްރާހީމް އަޙުމަދު

6 ޑިސެންބަރު 2025

ސިޔާސާ ޝަރުޢިއްޔާ

(2025 ނޮވެންބަރު 16ވަނަ ދުވަހާ ގުޅޭ)

2 - ކީރިތި ރަސޫލާގެ ސުންނަތުން:

ކީރިތި ރަސޫލާ ޙަދީސްކުރައްވައިފައިވެއެވެ. إِنَّ اللَّهَ لَا يَجْمَعُ أُمَّتِي أَوْ قَالَ أُمَّةَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ضَلَالَةٍ[1]  މާނައީ: ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ނުބައިކަމަކަށް ނުވަތަ މަގުފުރެދުމެއްގެ މައްޗަށް އެއްބަހެއްނުވާނެއެވެ."

މިއިން ދޭހަކޮށްދޭ އެއްޗަކީ އިސްލާމީ އުންމަތުގެ އެންމެން ޚާއްޞަކޮށް އިސްލާމީ އުންމަތުގެ އިމާމުންނާއި މުޖުތަހިދުންނާއި ފިޤުހު ޢިލްމުވެރީން ޝަރުޢީ މައްސަލައެއްގައި އެއްބަސްވެ އިއްތިފާޤުވާނީ އުންމަތަށް ފައިދާއާއި ލާބަ ހުރި ރަނގަޅު ކަންތައްތަކަށްކަމުގައެވެ. އެހެންކަމުން ދަންނަބޭކަލުން، ކަމަކަށް އެއްބަސްވެ އިޖުމާޢުވެއްޖެ ނަމަ އޭގެ މާނައަކީ އެ ކަމަކީ ރަނގަޅު ކަމެކެވެ. އަދި އެ އިޖުމާޢަކަށް އިސްލާމީ އުންމަތުގެ ހުރިހައި މުސްލިމުން އެ ކަން ޤަބޫލުކުރާން ޖެހޭނެއެވެ. ސަލާމަތް ބުއްދިހުރި ހެޔޮވިސްނޭ ތަންދޮރުދަންނަ އެއްވެސް މީހަކު މިޙަޤީޤަކަށް އިންކާރެއްނުކުރާނެއެވެ.[2]

މި ޒަމާނުގައި އިޖުމާޢެއް ވެވިދާނެތަ؟

ޝަރުޢީ ޢިލްމުވެރީން މި މައްސަލައިގައި ދެ ގޮތަކަށް ދެކެވަޑައިގަންނަވައެވެ.

1 – މި ޒަމާނުގައި އިޖުމާޢެއްނުވެވޭނެއެވެ. މުއުތަޒިލާއިންނާއި އަހުލުއްސުންނާ ވަލްޖަމާޢަތުގެ ބައެއް ޢިލްމުވެރީން މިސާލަކަށް ޢަބްދުލްޙަމީދު މުތަވައްލީ ފަދަ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މި ޒަމާނުގައި ޢިލްމުވެރީން ވަކިކުރާކަށް ނޭނގޭނެއެވެ. ސަބަބަކީ މުޖުތަހިދުން ކަނޑައަޅާނެ މިންގަނޑުތަކެއް ނެތުމެވެ.

އަދި ހަމަ އެފަދައިން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ހުރިހައި ޢިލްމުވެރީންނަށް އިޖުމާޢެއްވުމަށް އަންގައި ޚަބަރުދިނުމަކީ މުސްތަޙީލުކަމެކެވެ. އަދި އެ މީހުންނަށް (ޢިލްމުވެރީން، މުޖުތަހިދުން) އެއްމެން އެއް ތަނަކަށް އެއްކުރާނީ ކިހިނެއްހެއްޔެވެ؟ އެއީ ނުކުރެވޭނެކަމެކެވެ. އެންމެން އެއްކުރިޔަސް އެ މީހުން އެ ކަމަށް އެއްބަސްވާނެކަމެއް ނުވަތަ ނޫންކަމެއް ނޭނގޭތީ އެ މީހުން އެއްކުރުމަށް ޚަރަދުކުރުމުގެ ބޭނުމެއްނެތްކަމުގައެވެ. އިބްނު ޙަޒުމުލްއަންދަލުސީ ވިދާޅުވަނީ ޞަޙާބީންގެ އިޖުމާޢާ ނުލައި އިޖުމާޢެއްނުވެވޭނެކަމުގައެވެ.

2 - މި ޒަމާނުގައި ވެސް އިޖުމާޢެއްވެވިދާނެއެވެ. ފުރަތަމަ ބައިގެ މީހުން ދައްކާ ވާހަކަތަކަކީ އެހައި ބާރުގަދަ ވާހަކަތަކެއްނޫނެވެ. އެއީ އިޖުމާޢެއް ނުވެވޭނެކަމަށް ޤަބޫލުކުރުމަކީ އެ މީހުންނަށް ކުރެވޭ ހީއެކެވެ. އެކަމަކު ޢިލްމުވެރީން އެއްކުރުމަށް ނުވަތަ އެ މީހުންނަށް ޚަބަރުދިނުމަށް މަސައްކަތްކުރުމަކީ މަސައްކަތުން ކުރެވިދާނެ ކަމެކެވެ. އަޞްޙާބު ބޭކަލުންގެ ދުވަސްވަރުގައި ވެސް އިޖުމާޢު ވެވުނެވެ.  އެހެންވީމާ  މިހާރު ވެސް އިޖުމާޢުވެވިދާނެއެވެ. [3]

އިސްލާމީ ދައުލަތުގެ ޤާނޫނު ހަދާ ފަރާތްތަކުގެ މައްޗަށް ވާޖިބުވެގެންވަނީ ޙުކުމްތަކާއި ޤާނޫނުތަކާއި ނިޒާމުތައް ނުވަތަ އުޞޫލުތައް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުގެ ތެރެއިން ނެރުމަށެވެ. ޚާއްޞަކޮށް ތަފާތު ޤާނޫނީ އަދި ދުސްތޫރީ މައްސަލަތަކުގައި ޚުލަފާއުއްރާޝިދޫން އެ ކަމުގެ މައްޗަށް އިޖުމާޢުވެފައިވާ ކަންކަމުގެ އަލީގައި ޤާނޫނު އެކުލަވައިލުމަށެވެ. ސަބަބަކީ އޭރުން އިސްލާމްދީން އޭގެ ޞައްޙަ ގޮތުގައި ޢަމަލުކުރެވިގެން ދާނެތީއެވެ. ފަހެ ޢިރުބާޟް ބިން ސާރިޔާގެ ޙަދީޘްގައި ވެއެވެ . فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ،[4] މާނައީ: "ފަހެ ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަންކަލޭގެފާނުގެ ސުންނަތާއި ތިމަންކަލޭގެފާނުގެ ޚުލަފާއުއްރާޝިދޫންގެ ސުންނަތެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ސާބިތުކަމާ އެކު ހިފަހައްޓާށެވެ."

އަލްއިޖުތިހާދު

ނައްޞެއް ނެތިއްޖެ ނަމަ، އަދި އެ ކަމުގައި އިޖުމާޢެއް ވެސް ނެތިއްޖެނަމަ އިޖުތިހާދަކަށް ބޭނުންވެއެވެ. އިޖުތިހާދުގެ މާނައަކީ "އިޖުތިހާދު ކުރާމީހާ ޝަރީޢަތުގެ ޙުކުމްތައް ހޯދައި ދެނެގަތުމުގެ ބޭނުމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ." [5] ނުވަތަ ކަމެއްގެ ޝަރުޢީ ޙުކުމް ދެނެގަތުމަށް ޓަކައި ޢަމަލީ ގޮތުން އެ ޙުކުމް ނެރުމަށް ކުރާ މަސައްކަތަށް ކިޔާ ނަމެކެވެ. ފަހެ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ [6]މާނައީ: " އަދި، އެއުރެންގެ ގާތަށް أمانކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެ ނަމަ (އެބަހީ: ހަނގުރާމައިގައި نصرލިބުން ނުވަތަ ބަލިވުން ފަދަ خبرއެއް އެއުރެންނަށް ލިބިއްޖެ ނަމަ) އެ ކަމެއް (އެންމެންގެ ތެރެޔަށް) ފަތުރައިލައެވެ. އަދި، رسولއާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمرވެރީންގެ ގާތަށް އެ ކަމެއް ރައްދުކުޅަ ނަމަ، އޭގެ ތެރެއިން، އެ ފަދަ ކަންތަކުގެ حقيقةތައް ހޯދައިގަންނަ މީހުންނަށް، އެ ކަމެއް އެނގުނީސްކަން ކަށަވަރެވެ."

އިޖުތިހާދުގެ ޝަރުޠުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި  ކީރިތިޤުރްއާނާއި ސުންނަތުން އެކަމާއި ގުޅޭ ޙުކުމްތައް ދެނެގަތުމާއި އުޞޫލުލްފިޤްހު އެގުމާއި އިޖުމާޢުވެފައިވާ ކަންކަމާއި އެނޫންކަންކަން އެގުމާއި ޞައްޙަ ޙަދީސާއި ޟަޢީފު ޙަދީސް އެނގުމާއި މަޤާޞިދުއްޝަރީޢާގެ ޢިލްމު ލިބިފައިވުމާއި ޢަރަބި ބަސް އެނގުމެވެ.

އިޖުތިހާދުކުރެވޭ ތަފާތު ގޮތްތައް ވެއެވެ. އޭގެ ތެރޭގައި ޤިޔާސްކުރުމާއި އިސްތިޞްޙާބާއި މަޞާލިޙުލްމުރުސަލާއާއި މި ނޫން ގޮތްތައް ހިމެނެއެވެ.

ސިޔާސާ ޝަރުޢިއްޔާގެ އިޖުތިހާދުގެ ތެރޭގައި  އެ ކަމަކުން މީސްތަކުންނަށް ޢަދުލު އިންޞާފު ލިބޭ ނަމަ، ނުވަތަ މީސްތަކުންގެ މަޞްލަޙަތު ޙާޞިލުވާ ނަމަ، އަދި އެ ކަމަކީ ޝަރުޢީ ނައްޞަކާ ފުށުއެރުމެއް ނެތް ކަމެއް ނަމަ، ތަފާތު ނިޒާމުތަކާއި އިދާރީ ހިންގުމުގައި ޣައިރުމުސްލިމުން ހޯދައިފައިވާ ތަޖުރިބާތަކުން ފައިދާ ހޯދުން ވެސް ހިމެނެއެވެ. މިސާލަކަށް ޢުމަރުގެފާނުގެ ޒަމާނުގައި އޮފީސްތައް ނުވަތަ ދީވާންތައް އުފެއްދެވުމާއި ޚަރާޖު ކަނޑައެޅުއްވުމާއި ޖަލު އުފެއްދެވުން ހިމެނެއެވެ. އެހެންވީމާ ސިޔާސާ ޝަރުޢިއްޔާއަކީ ޝަރުޢުގައި އެ ކަމެއްގެ ވާހަކަ ސީދާކޮށް ބަޔާންވެފައިވާ ކަންކަން އެކަންޏެއް ނޫނެވެ. އެކަމަކު މީގެ ޝަރުޠަކީ ޝަރުޢީ ނައްޞަކާއި ޚިލާފުނުވާ ކުއްލީ ޤަވާޢިދާ ޚިލާފު ނުވާ ކޮންމެ ކަމެކެވެ.

އިބްނު ޢުޤައިލު ވިދާޅުވެފައި ވެއެވެ. "ސިޔާސަތަކީ އެ ކަމެއް ރަސޫލާ ނުކުރެއްވި ނަމަވެސް ނުވަތަ ވަޙީގައި އައިސްފައި ނެތް ނަމަވެސް އެ ކަމެއް ކުރުމުން މީސްތަކުންނަށް މަޞްލަޙަތާ ގާތަށް ގެންދާ ފަސާދައިން ދުރުކޮށްދޭ ކަންކަމެވެ. މި ފަދަ ކަންކަން ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ވެސް ހިނގައިފައި ވެއެވެ. މި ފަދަ އެއް މިސާލަކީ ސަލާމަތްކަމާއި ރައްކާތެރިކަމާ އެކު މުޞްޙަފު ނައްތައިލުމަށް މުޞްޙަފު އަންދައިލުމެވެ. މިއީ ވެސް ރައުޔެކެވެ. އެ ކަމުގެ މައްޗަށް އެ ބޭކަލުން ބުރަވެވަޑައިގަތީ މަޞްލަޙަތުގެ މައްޗަށެވެ."

އަލްއިމާމު އިބްނުލްޤައްޔިމު ވިދާޅުވެފައި ވެއެވެ. "މިއީ ނައްތައިލާން ޖެހޭ ފިޔަވަޅެކެވެ. ނިކަމެތި މަޤާމެކެވެ. ބައެއް ޖަމާޢަތްތަކުން ހަރުކަށި އުޞޫލުތަކަށް ރުޖޫޢަވިއެވެ. އެހެންކަމުން އެބައިމީހުން ޙައްދު ޤާއިމުކުރުން ނައްތައިލައި އެ ކަން ހުއްޓައިލިއެވެ. އަދި ޙައްޤުތައް ނަގައިލިއެވެ. އަދި ފާޖިރުކަމާއި ފާސިދުކަމަށް އަރައިގަތެވެ. އަދި ޝަރީޢަތް ދޫކޮށް އޭގައިވާ މަޞްލަޙަތު ޤާއިމުކުރުން ހުއްޓައިލިއެވެ.  ޙައްޤާއި ބާޠިލު ދެނެގަތުމުގެ ދޮރުތައް އެބައިމީހުންގެ މައްޗަށް ބަންދުކުރިއެވެ. ނުވަތަ އެ ކަން ޤަޞްދުގައި ދޫކޮށްލީ އެއީ ޙައްޤުކަމަށް އެ ނޫން މީހުން ދެކޭތީއެވެ. އެ މީހުން ހީކުރީ އެއީ ޝަރުޢުގެ ޤަވާޢިދުގެ ފައިދާ ކަމަށެވެ. އެކަމަކު އަމިއްލައަށް ޝަރީޢަތް ދެނެގަތުމުގެ ގޮތްތަކަށް އިހްމާލުވުން ވާޖިބުކުރިއެވެ. ވެރީން މި ގޮތަށް ދެކޭން ފެށުމުން އާންމުން ވެސް އެބައިމީހުން ބޭނުންވާ ކަމެއް ޝަރީޢަތަށް އެއްކުރާން ފެށިއެވެ. ދެން އެޔާ ވިދިގެން ދުނިޔެވީ އަމުރުތައް އެކުލެވޭ ޤާނޫނު ސިޔާސީ ނިޒާމުގެ ތެރެއަށް އަލަށް ވެއްދިއެވެ. މިހެންވުމުން އެބައިމީހުން އިސްލާމީ ޝަރީޢާއަށް އިހުމާލުވެ އެޔަށް ފަރުވާ ކުޑަކުރިއެވެ. އަދި މިޔާ ގުޅިގެން ނުބައިކަމާއި ފަސާދަ، ފުޅާ ދާއިރާއެއްގައި ފެތުރި ވަޟުޢީ ސިޔާސަތުގެ ނުބައިކަން އާންމުވިއެވެ.

ދެން އުފެދުނު ހަރުކަށި ވިސްނުމުގެ ޖަމާޢަތްތަކުން ﷲއާއި އެކަލާނގެ ރަސޫލާގެ ޙުކުމްތައް ނަފީކުރާން ފެށިއެވެ. އެހެންވީމާ މި ދެ ފަރާތުން ﷲ ފޮނުއްވި ރަސޫލުން ގެނެސްދެއްވި ގޮތާއި އުނގަންނައިދެއްވި ގޮތް ދޫކުރާން ފެށިއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ ރަސޫލުން ފޮނުއްވައި ފޮތް ބާވައިލެއްވީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރެއްވުމަށެވެ. ވެރިކަމުގައި ޢަދުލުވެރިކަން ފާޅުވެއްޖެ ނަމަ ﷲގެ ދީނާ ޝަރީޢަތާއި ކުރިމަތިލެވުނީއެވެ. ﷲ ތަޢާލާ ޢަދުލުގެ މަގު ހަންޏެއް ނުކުރައްވައެވެ. އަދި އޭގެ ދަލީލު ނެތިއެއް ނުކުރައްވައެވެ. އެކަމަކު ޢަދުލުވެރިކަން ނައްތައިލާނެ މަގާއި ގޮތްތައް ނަފީކުރެއްވިއެވެ. އެކަލާނގެ ޝަރުޢުގައި ކަނޑައެޅުއްވީ ޢަދުލުވެރިކަން ޤާއިމުކޮށް މީސްތަކުންގެ މެދުގައި ހަމަހަމަކަމާ އެކު ކަން ކުރެވޭނެ އުޞޫލު ތަކެވެ. އެއީ އިސްލާމްދީނެވެ.

ޢަދުލުވެރިވުމަކީ ދީނާ ޚިލާފުވުމެއްނޫނެވެ. އަދި ޢަދުލުވެރި ސިޔާސަތަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ގޮތްތައް ފާޅުކޮށްދޭ، ބަޔާންކޮށްދޭ، ކަންކަމެއް ނޫނެވެ. އެހެންނަމަވެސް ޢަދުލުވެރި ސިޔާސަތެއް ބިނާވާނީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށެވެ. އެއީ އިސްލާމީ ޝަރީޢަތުން ބައެކެވެ. އެއީ ޝަރުޢީ ޙައްޤެވެ. (ނުނިމޭ)

 

މަރުޖާ:

[1]  މުޙައްމަދު ބުނު  ޢަބްދުއްރަޙްމާނު ބުނު ޢަބްދުއްރަޙީމު، ތުޙުފަތުލްއަޙްވަޛީ: ދާރުލްކުތުބުލްޢިލްމިއްޔާ، ދތ، ޞ 322

[2]  ޒައިދާންގެ ޞ182ކުންނާއި ޒުޙައިލީގެ ފޮތުގެ ޞ232 ފުރިހަމަކޮށްލާ.

 [3]  މުޙައްމަދު ޒުޙައިލީ، އަލްވަޖީޒު  ޞ229

[4]  ރަވާހުއަބޫދާވޫދު ވައްތިރުމިޛީ،

[5] އިބްރާހީމް ޢަބްދުއްރަޙްމާނު އިބްރާހީމް، އަލްމަދްޚަލު ލިދިރާސަތިލްފިޤްހިލްއިސްލާމީ: (ޞ66)

[6] ސޫރަތުއްނިސާ 83

ކޮމެންޓު