Advertisement

ތަޢުލީމީ ވަޒީރާއި ތަޢުލީމީ ވުޒާރާ ވެސް ގޯހެވެ.

16 Dec 2023 | 06:00
މިއަދުގެ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު (ފޮޓޯ: ރައީސް އޮފީހުގެ ވެބްސައިޓް)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޚިޔާލަކީ ވަރަށް ތަފާތު އެއްޗެކެވެ. އެކަކަށް ރަނގަޅު އެއްޗެއް އަނެކަކަށް ގޯސް އެއްޗަކަށް ވެދާނެއެވެ. އެކަކަށް މީރު އެއްޗެއް އަނެކަކަށް މީރުނުވެ ހިނގައިދާނެއެވެ. ހަމަ އެފަދައިން އެ ކަމަށް ރީތީ އެއްޗެއް ނުވަތަ ރީތީ މީހެއް އަނެކަކަށް ރީތި ނުވެދާނެއެވެ. އެކަކަށް ކަމުދާ އެއްޗެއް ނުވަތަ މީހެއް އެއީ އަނެކަކަށް ކަމުނުދާ އެއްޗަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. إختلافهم رحمة (އެއުރެންގެ މެދުގައި އިޚުތިލާފު ނުވަތަ ފަރަގު ހުރުމަކީ – [ޚިޔާލު ތަފާތުވުމަކީ] ރަޙުމަތެކެވެ.) އޮންނަނީ ވެސް އެހެންވެގެންތާއެވެ. ވީމާ އަޅުގަނޑަށް ގޯސް އެއްޗެއް އެއީ އަނެކަކަށް ނުވަތަ އަނެއް ބަޔަކަށް ހަމަ ރަނގަޅު އެއްޗަކަށް ވެސް ވެދާނެއެވެ. ހުރިހައި ފަހަރަކު ނޫނެވެ. ބައެއް ފަހަރުއެވެ.

އަޅުގަނޑު "ތަޢުލީމީ ވަޒީރާއި ތަޢުލީމީ ވުޒާރާ ވެސް ގޯހޭ" މި ދަންނަވަނީ އަޅުގަނޑުގެ ނަޒަރުންނެވެ. އެހެން މީހެއްގެ ނަޒަރަކުނެއް ނޫނެވެ. މިއީ އަޅުގަނޑުގެ އިޚުލާޞްތެރި ޝުޢޫރެކެވެ. އަޅުގަނޑަކީ ފެންނަ އެއްޗެއް އޮޅުވައިލުމެއް ނެތި ސާފުކޮށް ސަރީހަކޮށް ދަންނަވާ މީހަކަށް ވާތީ، މި ވާހަކަ ދަންނަވައިލާ ހިތްވީއެވެ. އަޅުގަނޑަކީ މި ފަދަ ވާހަކައެއް މި ކަމާ ބެހޭ އެއްވެސް ބޭފުޅެއްގެ އަރިހުގައި ދަންނަވައިލެވޭނެ ފުރަޞަތު ލިބޭނެ ހިސާބެއްގައި ހުރި މީހަކަށް ނުވާތީ މި ވާހަކަ "ފަރަގު" މެދުވެރިކޮށް ދަންނަވައިލާން ޖެހުނީއެވެ. ވީމާ، އަޅުގަނޑު މި ދަންނަވާ އެއްޗަކުން ހިތްޕުޅަށް ތުރާލެއް ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް މަޢާފުކުރައްވާނެކަމަށް އުންމީދުކުރަމެވެ.

އާދޭހެވެ! އަޅުގަނޑަށް ހަމަ "ތަޢުލީމީ ވަޒީރާއި ތަޢުލީމީ ވުޒާރާ ވެސް ގޯހެވެ." މިހެން މި ދަންނަވާ ސަބަބު ތިޔަ ބޭފުޅުންނަށް ބޭނުންފުޅުވާނެކަމަށް ފެންނާތީ އެ ތަފުޞީލުތައް މި ދަންނަވައިލަނީއެވެ.

ތަޢުލީމުގެ މާނައަކީ "ޢިލްމު"ކަމަށް "ދިވެހިބަހުގެ ރަދީފު"ގައި އޮވެއެވެ. "ޢިލްމު"ގެ މާނައެއްކަމަށް "ރަދީފު" ބުނަނީ "އުނގެނުމުންނާއި ތަޖުރިބާއިން ލިބޭ މަޢުލޫމާތު ނުވަތަ ރޯފިލާ ރޯފިލުން"ކަމަށެވެ. ނަމަވެސް ނަސީބު ދެރަކަމުން "ތަޢުލީމީ"ގެ މާނައެއް ރަދީފަކުން އަޅުގަނޑަކަށް ނުފެނުނެވެ. ނަމަވެސް އިސްވެ ދެންނެވުނު ލަފުޒުންނާއި ދިވެހި ސިޔާގުން އެ ލަފުޒުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. މި ގޮތަށް ހުންނަ ލަފުޒުގެ ފަހު އަކުރުގައި އީބީފިލި ޖަހައިގެން ނަންއިތުރު އުފެއްދުމަކީ ދިވެހިބަހުގައި ވަރަށް އާންމު ކަމެކެވެ. މިސާލަކަށް: ޤައުމު – ގައުމީ، ތަހުޒީބު – ތަހުޒީބީ، ހަވީރު – ހަވީރީ، ގަލަން – ގަލަމީ، ފިލްމު – ފިލްމީ މި ފަދަ ލަފުޒުތަކުގެ ދިގު ލިސްޓެއް އަޅުގަނޑުމެންނަށް ލިޔެލެވިދާނެއެވެ. އެހެންވީމާ "ތަޢުލީމު" މި ލަފުޒުގެ ފަހު އަކުރުގައި އީބީފިލި ޖެހީމާ އެ ލަފުޒު ބަދަލުވަނީ ނަންއިތުރަކަށެވެ. އާދޭހެވެ! "ތަޢުލީމު" އެއީ ނަމެކެވެ. ނަމުން ނަންއިތުރު ހެދުމަށް ޓަކައި ދިވެހިބަހުގައި ބޭނުންކޮށްފައި ހުންނަ އެއް އުސޫލަކީ ކުރީން ވެސް ދެންނެވި ފަދައިން ފަހު އަކުރުގައި އީބީފިލިޖެހުމެވެ. މި ގޮތަށް "ތަޢުލީމު" މި ނަމުގެ ފަހު އަކުރުގައި އީބީފިލި ޖަހައިގެން އުފައްދައިފައި ވާ "ތަޢުލީމީ" މި ނަންއިތުރުގެ މާނަ ދިވެހި ރަދީފުގައި ނެތަސް އެ ލަފުޒު ބޭނުންކުރާ އާންމު ސިޔާގުން އެ ލަފުޒުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. މީހަކާ ދިމާއަށް އެއީ ތަޢުލީމީ މީހެކޭ ބުނީމާ އެ ބުނުމުން އެންމެންނަށް ވެސް ދޭހަވާނެ މާނައަކީ އެއީ "ތަޢުލީމު ލިބިފައިވާ" މީހެއްގެ މާނައެވެ. ތަޢުލީމީ ޖީލެކޭ ބުނަނީ "ތަޢުލީމު ލިބިފައިވާ" ޖީލެކޭ ބުނާންވެގެންނެވެ. މި މާނައާ މެދު އެއްވެސް ބޭފުޅަކު ދެ ބަސްވެވަޑައިގަންނަވާނެކަމަކަށް ނުފެނެއެވެ. އެހެންވީމާ، "ތަޢުލީމީ ވަޒީރޭ" ބުނީމާ ދޭހަވަނީ އެއީ "ތަޢުލީމު ލިބިފައިވާ" ވަޒީރެކޭ ނޫންތޯއެވެ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ވަޒީރުން ވެސް ވާނީ ހަމަގައިމު ވެސް ވާންޖެހޭނީ ތަޢުލީމީ ބޭފުޅުންނަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ކުރީން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާނީ މުޅީން ވެސް ތަޢުލީމީ ބޭފުޅުންކަމަށެވެ. އެހެންވީމާ، ހުރިހާ ވަޒީރުންނަކީ ވެސް ތަޢުލީމީ ވަޒީރުންނޫންތޯއެވެ؟ ވީމާ، ތަޢުލީމީ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންނަވާ ވަޒީރަކީ ތަޢުލީމީ ވަޒީރަކަށް ވިޔަސް އެ މަނިކުފާނުގެ މަގާމުގެ ނަމަކަށް ވާން ޖެހޭނީ ތަޢުލީމުގެ ވަޒީރެވެ. ނުވަތަ ތަޢުލީމާ ބެހޭ ވަޒީރެވެ. އަޅުގަނޑަށް ބޮޑަށް ކަމުދަނީ ފަހުން މި ދެންނެވި ގޮތެވެ.

ތިޔަ ވިދާޅުވާ އެއްޗެއް ވެސް އެބަ ވިސްނެއެވެ. ބެހުމަކީ މުޅީން އެހެންކަމެއް ނޫނެއް ނޫންހެއްޔެވެ؟ އެހެންވީމާ އެހެން ކިޔައިގެން ކަމަކު ނުދާނެތާއޭ ނޫންހެއްޔެވެ؟ ތިޔަ ސުވާލުގެ ޖަވާބު ވެސް އަރުވާނަމެވެ. "ކުޅިވަރާ ބެހޭ ވަޒީރު" ކިޔާން ކަމު ގޮސްފައި "ތަޢުލީމާ ބެހޭ ވަޒީރު" ކިޔާން ކަމުނުދިޔުމަކީ ކޮން ކަހަލަ މަންޠިޤެއްތޯއެވެ؟ "ބެހޭ" މި ނަންއިތުރުގެ މާނައެއްކަމަށް ރަދީފުގައި އޮންނަނީ "ގުޅޭ"އާއި "ގުޅުން ހުރި"ކަމަށް ވިޔަސް އެ ލަފުޒުގެ މާނަ އެއަށްވުރެ މާ ފުޅާކަމަށް އާންމު ސިޔާގުން އެނގެއެވެ. "ތިޔައީ މަށާ ބެހޭކަމެއް ނޫނޭ" ބުނީމާ އޭގެ މާނައަކީ "ތިމަންނައާ ގުޅޭ، ނުވަތަ ތިމަންނާ ޒިންމާ ވާންޖެހޭ ކަމެއް ނޫނޭ"ކަން ވަރަށް ރީތިކޮށް އެނގެއެވެ. ވީމާ "ތަޢުލީމާ ބެހޭ ވަޒީރު" ނުވަތަ "ތަޢުލީމުގެ ވަޒީރު" ކިޔައިފިއްޔާ އަޅުގަނޑު ކުރީން ދެންނެވި ނުރަނގަޅު މާނައެއް ނުނުކުންނާނެއެވެ. އޭރުން އެ ބުނެވެނީ "ތަޢުލީމުގެ ކަންކަމާ ޒިންމާވާ އެ ކަމާ މަތިކޮށްފައިވާ" ވަޒީރުގެ ވާހަކައެވެ. ވީމާ، ތަޢުލީމީ ވުޒާރާ އާއި ތަޢުލީމީ ވަޒީރު ކިޔާކަށް އަޅުގަނޑަކަށް ހަމަ ކަމަކު ނުދެއެވެ. ހަމަ ގޯހެވެ. އަޅުގަނޑު ނަމަ، ކިޔާނީ "ތަޢުލީމުގެ ވަޒީރު" ނުވަތަ "ތަޢުލީމާ ބެހޭ ވަޒީރު" މިހެންނެވެ.

ތިޔަ ވިދާޅުވާ އެއްޗެއް ވެސް އެބަ ވިސްނެއެވެ. އާދޭހެވެ! "ތަޢުލީމީ" މި ނަންއިތުރުގެ އެއް މާނައަކީ "ތަޢުލީމާ ބެހޭ" ނުވަތަ "ތަޢުލީމާ ގުޅުން ހުރި"ކަމަށް ނުވާނެހޭ ތިޔަ ކުރައްވާ ސުވާލުގެ ޖަވާބަކީ "އެހެންކަމަށް ބެލިދާނެޔޭ"އެވެ. ނުރަސްމީ ވާހަކަތަކުގައި އެ ގޮތަށް ބޭނުންކުރެވިދާނެއެވެ. އަޅުގަނޑުގެ ނަޒަރުގައެވެ. އަދި ތަޢުލީމީ ވުޒާރާއޭ ވެސް އެ ސިޔާގުގައި ކިޔުން ހަމަ ރަނގަޅެވެ. ނަމަވެސް ރަސްމީ މަގާމަކަށް ވާން ޖެހޭނީ "ތަޢުލީމާ ބެހޭ ވަޒީރު"އާއި "ތަޢުލީމާ ބެހޭ ވުޒާރާ"އެވެ. އިނގިރޭސިބަހުން ވެސް "މިނިސްޓްރީ އޮފް އެޖޫކޭޝަން"ގެ ބަދަލުގައި "އެޖޫކޭޝަން މިނިސްޓަރ"ނުވަތަ "އެޖޫކޭޝަން މިނިސްޓްރީ" ވެސް ނުރަސްމީކޮށް ކިޔާ ބީދައިންނެވެ. ނަމަވެސް ރަސްމީކޮށް ލިޔެ ކިޔައި ހަދަނީ "Ministry of Education" އާއި "Minister of Education" ނޫންތޯއެވެ! އެހެންވީމާ ދިވެހިބަހުން ވެސް ނުރަސްމީކޮށް "ތަޢުލީމީ ވަޒީރު" ކީ ކަމަށް ވިޔަސް މަގާމުގެ ރަސްމީ ނަމަކަށް ވާން ޖެހޭނީ "ތަޢުލީމާ ބެހޭ ވަޒީރު" ނޫންތޯއެވެ! ވުޒާރާގެ ނަމަކަށް ވާން ޖެހޭނީ "ތަޢުލީމާ ބެހޭ ވުޒާރާ" ނޫންތޯއެވެ؟ މި ގޮތުގައި މާ ހައިބަތު ވެސް ހުރޭ ނޫންތޯއެވެ!

ބައެއް ދިވެހީން "ބެހޭ" މި ލަފުޒުގެ ދެކެ މާ ބިރެއް ގަންނަ އިރު، "ނާރުތަކާބެހޭނިޒާމު"އާއި "ނޭވާލުމާބެހޭނިޒާމު" ވެސް ރަދީފުގައި އެބަ އޮތެވެ. "ނުބެހޭ ކަމަކާ، ކާޅު ކެޔަސް ސޮއް ނުގޮވާށޭ" އޮންނަ ހަރުބަހެއް ވެސް ރަދީފުގައި އޮވެއެވެ. އެހެންވީމާ "ބެހޭ"އަކީ ހަމަ ވަރަށް އެކަށޭނަ، ރަނގަޅު ލަފުޒެއްކަން އެބަ ސާބިތުވެއެވެ. "ބެހޭ" ދެކެ ބިރުގަންނާނޭ އެއްވެސް ޖާގައެއް ދިވެހި ބަހުގައެއް ނެތެވެ.

"ތަޢުލީމީ ވަޒީރާއި ތަޢުލީމީ ވުޒާރާ ވެސް ގޯހޭ" އަޅުގަނޑު ދެންނެވީ މި ނަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ތަޢުލީމުގެ ކަންކަން ބެލެހެއްޓުން ޙަވާލުވަޑައިގެން ހުންނެވި ވަޒީރު ގޯސް ވާހަކައެއް ނުދަންނަވަމެވެ. އެ މަނިކުފާނަށް އަޅުގަނޑު އެނގިވަޑައިނުގަތަސް އަޅުގަނޑަށް އެ މަނިކުފާނުގެ މަޢުލޫމާތު އެނގެއެވެ. ވީމާ، އެ މަނިކުފާނުގެ ޤާބިލިއްޔަތާ މެދު އެއްވެސް ސުވާލެއް އަޅުގަނޑުގެ ނެތެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތަޢުލީމީ ބޭފުޅެކެވެ. ތަޢުލީމީ ވަޒީރެކެވެ. ނަމަވެސް އެހެން ވަޒީރުންނަކީ ވެސް ހަމަ ތަޢުލީމީ ވަޒީރުން ނޫންތޯއެވެ؟ ވީމާ، ރަސްމީ ގޮތުން އެ ވުޒާރާގެ ނަމާއި ވަޒީރުގެ ނަންފުޅަށް ކިޔާން އެކަށީގެން ވަނީ "ތަޢުލީމާ ބެހޭ ވުޒާރާ"އާއި ތަޢުލީމާ ބެހޭ ވަޒީރު" މިހެންނެވެ. ތަޢުލީމީ ވަޒީރާއި ތަޢުލީމީ ވުޒާރާ ވެސް (ރަސްމީކޮށް ކިޔާން ހަމަ) ގޯހެވެ. އަޅުގަނޑުގެ ނަޒަރުގައެވެ.

______________________________________________

ލަފުޒެއްގެ މާނަ:

ސިޔާގު   ނ.   ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު

Advertisement

ކޮމެންޓް
ާއެންޖެލިކް
ތިޔަ ފާޅުކުރެއްވި ހިޔާލަށް 100 އަޅުގަނޑު ދޭނަމެވެ. މިއީ މިކަމުގައި އަޅުގަނޑުވެސް ދެކޭގޮތް ކަމުގައި ވާތީއެވެ. ސަބަބު ވަރަށް ސާފުކޮށް ލިޔުއްވާފައިވާތީ މަރުހަބާއެވެ.
16 Dec 2023
އަލީ
ވ ރަނގަޅު ވާހަކަފުޅެއް . 👍
16 Dec 2023
Niuma
ވަރަށް މުއްސަނދި ވާހަކަކޮޅެއް.
16 Dec 2023
ަސައު
ވަރަށް ފުރިހަމަ ލިޔުމެއް.
17 Dec 2023
ތަތޭ ސާންޑް
ތީދެން ބޮޑުވަރު ތިއަށްވުރެ ކުރުކޮއް ލިޔެލިޔަސް ފުދޭނެ ތޯއްޗެ ތިޔަ ލިޔެފަތީނީ ތުލުސްދޫ އަށް ބަދަލުުރި ސިނާން ތަ ކުރުވާހަކަ އަށް ވަރައް މޮޅުވާނެ
17 Dec 2023
ޙައްޤުބަސް
ވަރަށް ބޭނުންތެރި މަޢުލޫމާތުކޮޅެއް! ޝުކުރިއްޔާ!
19 Dec 2023
އިސްމާއީލް
މޮޅު ލިޔުމެއް! 👏👏👏👏
19 Dec 2023
ކަލީމް
ފަރަގު ވަރުގެ ނޫހެއް ނެތެއްނު
19 Dec 2023
މުހައްމަދު
. މިސާލަކަށް އަންހެނުންނަށް ހާއްސަ ވުޒާރާއެއްވެސް އުފެދިދާނެއެވެ. އަދި ކުޑަކުދިންނަށް ހާއްސަ ވުޒާރާއެއްވެސް އުފެދިދާނެއެވެ. މި ހާލަތުގައި އަންހެނުންނާ ބޭ ، ކުޑަކުދިންނާ ބެހޭ ވުޒާރާ ކިޔަން ޖެހުން އެހާ ކަމަކު ނުދެއެވެ.
19 Dec 2023
Mohamed Ibrahim
”اختلاف أمتي رحمة“ މިފަދަ ލިޔުން ލިޔުއްވާއިރު މިފަދަ موضوع ޙަދީޘް ލިޔުއްވުމާ ދުރުވާށެވެ!
20 Dec 2023
ފާތުން
ވަރަށް ރަނގަޅު ވާހަކައެއް
21 Dec 2023
ސަމާސާއަލީ
ޕްރިންސިޕަލަކަށް ހުރި އިރު ދައުލަތުން ފޮނުވާ ކުޑަ ބަޖެޓުން ދަރިވަރުންނާއި ސްކޫލަށް ރަނގަޅުކަމެއް ކޮއްދޭން ނޭނގި ބާކީކޮށް ފޮނުވާފަ ދެން މާމޮޅު މީހަކަށް ވެގެން އުޅުނީމަ ގޯސް
21 Dec 2023
ތަޢުލީމު
ހިތްގައިމު ލިޔުމެއް. ވަރަށް ބޮޑަށް ތާއީދު ކުރެވޭ ވާހަކަ ތަކެއް. ދެ ފަހަރަކު ކިޔައިލެވިއްޖެ. ފަރަގު ދަސްވިފަހުން ފަރަގު ބަލައިނުލައި ނުހުރެވޭ.
21 Dec 2023
ތަޢުލީމާއި ޢަލީ
ވަރަށް ބޭނުންތެރި މަޢުލޫމާތު ކޮޅެއް ❤️👏👏👏 ވަރަށް މޮޅު ލިޔުމެއް 😊 👍
21 Dec 2023
ޙަސަން
މުހައްމަދު ދާދި މިދާކާށް ދުވަހާ ޖެހެންދެންވެސް ކުޑަކުދިންނާބެހޭ ކޯޓުވެސް ހުއްޓެެއްނު؟
22 Dec 2023
އަލިފު
"ބެހޭ" ލަފްޒު އޮންނަން ޖެހޭނީ މައި ބަހާ ވަކިނުވެ "ކަމާބެހޭޭ" އޮންނަ ގޮތަށް "ތަޢުލީމާބެހޭ" މިހެން. އޭރުން އެ ބަސް ވަކިން އޮވެގެން އަންނަ މާނަވެސް ނާންނާނެ. "ބެހޭ" ވަކިވެއްޖެނަމަ އެބުނާ މާނަ ނެގިދާނެ.
22 Dec 2023
އަލިފު
ލިޔުމަކަށް ކޮމެންޓް ކުރަން މިހާރު ދީފަ ތި އިންނަ އަކުރުގެ ޢަދަދު މަދުކަމުން ކޮމެންޓެއް ނުކުރެވޭ ރަނގަޅަކަށް. ބުނަން ބޭނުންވާއެތި ލިޔެފަ ޑިލީޓް ކުރާންޖެހެނީ. މާނަ ގެއްލެނީ.
22 Dec 2023
އަލިފު
ލިޔުމަކަށް ކޮމެންޓް ކުރަން މިހާރު ދީފަ ތި އިންނަ އަކުރުގެ ޢަދަދު މަދުކަމުން ކޮމެންޓެއް ނުކުރެވޭ ރަނގަޅަކަށް. ބުނަން ބޭނުންވާއެތި ލިޔެފަ ޑިލީޓް ކުރާންޖެހެނީ. މާނަ ގެއްލެނީ.
22 Dec 2023