ad_banner
އިބްލީސް ހެއްދެވުމުގެ ޙިކްމަތް (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

5 ޑިސެންބަރު 2025

ސުވަރުގޭގެ އަހުލުވެރިން އެ ތާނގައި ކައިބޮއި ހަދާނެތެވެ. އެހެނަސް ކުޑަކަމު ވެސް އަދި ބޮޑުކަމު ވެސް ނުދާނެތެވެ. ކުޅެއް ނުޖަހާނެތެވެ. އަރިދަފުހެއް ނާޅާނެތެވެ.

(2025 ޑިސެންބަރު 1ގެ ޢަދަދާ ގުޅޭ)

11.    އިބްލީހުގެ ނުބައި ކަމުން ރައްކައުތެރިކޮށްދެއްވުމަށް ﷲގެ ޙަޟުރަތުން އެދުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. މާތްﷲ އެކަލާނގެ ލޮބުވެތި ނަބިއްޔާއަށް އެ ކަމަށް ގޮވައިލެއްވިއެވެ. އެ ކަމަށް ހިތްވަރުދެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ﴿٩٧﴾‏ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ [1]- އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! شيطانންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ حضرة ން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާކޮ! އެ شيطانން ތިމަންއަޅާގެ ގާތަށް حاضرވެދާނެކަމަށް ޓަކައި އިބަރަސްކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ.{ އެހެން ބަސްފުޅެއްގައިވެއެވެ. }قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾‏ مَلِكِ ٱلنَّاسِ ﴿٢﴾‏ إِلَٰهِ ٱلنَّاسِ ﴿٣﴾‏ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾‏  ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾‏ مِنَ ٱلْجِنَّةِ وَٱلنَّاسِ  [2]- ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ. (1)  (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (2) (އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطانއާގެ ނުބައިކަމުންނެވެ. (އެބަހީ: شيطانއާގެ ނުބައިކަމުން އެކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ.) (4) އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطانއާއެވެ. (5) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطانންނެވެ.{

12.    ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛުކިޔަން (ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ހޯދުމަށް) މާތްﷲ އެންގެވީ މިހެންވެގެންނެވެ. އިބްލީސް އިންސާނާގެ ހުރިހާ ހެޔޮ ޢަމަލުތަކަށް ހުރަސްއެޅޭތޯ މަސައްކަތްކުރާނޭތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ ﴿٩٨﴾‏ إِنَّهُۥ لَيْسَ لَهُۥ سُلْطَٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٩٩﴾‏ إِنَّمَا سُلْطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ [3]- ފަހެ، ކަލޭގެފާނު قرآن ކިޔަވައިވިދާޅުވާ ނަމަ، ފަހެ، رحمةން ބޭރުކުރައްވައިފައިވާ شيطانއާގެ ކިބައިން ދުރުކުރެއްވުން އެދި، اللَّهގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ! ހަމަކަށަވަރުން، إيمانވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيلކުރާ މީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ شيطانއާއަކަށް ނުވެއެވެ. އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ.{

ސަލާމްލެއްވި އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު، އިބްލީހުގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކައުތެރިކޮށްދެއްވުމަށް ދުޢާކުރައްވައިފައިވެއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((كَانَ رَسُولُ اللَّهِ صلى الله عليه وسلم  يُعَوِّذُ الحَسَنَ وَالحُسَينَ رضى الله عنهما أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ[4] - ކީރިތި ރަސޫލާ އެކަލޭގެފާނުގެ ދެ ދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނު ރައްކައުތެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟުރަތަށް ދުޢާކުރައްވައިފައިވެއެވެ. މި ދުޢާގެ މާނައަކީ: ﷲގެ ފުރިހަމަ ބަސްފުޅުތައް މެދުވެރިކޮށް ހުރިހައި ޝައިޠާނުންތަކާއި ދިރޭ އެއްޗެހިތަކާއި ޙަސަދަވެރި މަލާމާތްތެރި ލޯތަކުން ތިޔަ ކުދީން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރަމުއެވެ.))

13.     ހުރިހާ ކަމެއްގައި ވެސް ﷲ ތަޢާލާއަށް މުޠުލަޤު ޙަމްދާއި ރިވެތި ސަނާ ލިބިވޮޑިގެންވާކަން ކަށަވަރުކޮށްދެއްވުން. މާތް ﷲ އެކަލާނގެ ޚަލްޤުތަކުން މަތިވެރިކުރެއްވުމާއި ދަށްކުރެއްވުމާއި ދެއްވުމާއި ނުދެއްވައި މަނާކުރައްވައި ހިފެހެއްޓެވުމާއި ޢިއްޒަތްތެރިކުރެއްވުމާއި އިހާނެތިކުރެއްވުމާއި ބަދަލުހިއްޕަވައި ޢުޤޫބާތްދެއްވުމުގައި އެކަލާނގެއަށް ޙަމްދާއި ތާރީފުލިބިވޮޑިގެންވެއެވެ. ﷲ ތަބާރަކަ ވަ ތަޢާލާ ވަނީ ހުރިހައި ކަމެއްގައި އެކަލާނގެ ޒާތުފުޅަށް ޙަމްދާއި ތާރީފުގެ ބަސް ވަޙީކުރައްވައިފައެވެ. ހުރިހާ މަޚްލޫޤާތުތަކުންގެ ވެރިރަސްކަލާނގެކަމުގައި ވާތީ އެކަލާނގެއަށް  ޙަމްދު ހުށްޓެވެ. މާތްﷲ ވަޙީކުރެއްވިއެވެ. }ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ [5]- حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. { އުޑުތަކާއި ބިން ހެއްދެވީތީ އެކަލާނގެއަށް ޙަމްދު ހުށްޓެވެ. މާތްﷲ ވަޙީކުރެއްވިއެވެ. }ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَ [6] - حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ.{ އެކަލާނގެ ކަލާނގެވަންތަކަމާއި ރަސްވަންތަކަމުގައި އެއްކައުވަންތަ ކަލާނގެކަމުގައިވާތީ  އެކަލާނގެއަށް ޙަމްދު ހުށްޓެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ [7] - އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން سلامة ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ.{ ދުނިޔެއާއި އާޚިރަތުގައި ކުރިންނާއި ފަހުން ޙަމްދު ހުރީ ﷲއަށެވެ.އެކަލާނގެ ވަޙީކުރެއްވިއެވެ. }وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ[8] -އަދި އެކަލާނގެއީ، اللَّه އެވެ. އެކަލާނގެ މެނުވީ، އެހެން إله އަކު ނުވެއެވެ. ދުނިޔެއާއި، آخرة ގައި، އެންމެހާ تعريف އާއި، ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެކަލާނގެއަށެވެ.{ އެކަލާނގެ އަށް ހުރިހާ ޒަމާނެއްގައްޔާއި ތަނެއްގައި ޙަމްދު ހުށްޓެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. }وَلَهُ ٱلْحَمْدُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ  [9] - އުޑުތަކާއި، ބިމުގައި އަދި ރޭގަނޑާއި ދުވާލުގައި އެންމެހާ تعريف އާއި ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ.{

ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ޙަމްދު ލިބިގެންވާކަން އަންގަވައިފައި ވެއެވެ. ﷲއަށް ޙަމްދުކުރާ މީހުންގެ ތެރޭގައި މަލާއިކަތުން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }وَتَرَى ٱلْمَلَٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ[10] - އަދި ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވާ حال، عرش ގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއުރެންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) حق އަށް ނިޔާކުރައްވާނެތެވެ. އަދި އަންގަވާނެތެވެ. حمد ހުރީ عالم ތަކުގެވެރި اللَّه އަށެވެ.{

Y ގެ އެންމެހައި ޚަލްޤުތަކުން އެކަލާނގެއަށް ޙަމްދުކުރެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. } تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ [11]  ۗ- ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ.{

އާޚިރަތްދުވަހުން ސުވަރުގެވަންތަ ވެރިން ސުވަރުގެއަށް ވަދެވުމުން މި މަތިވެރި ނިޢުމަތަށް ޓައި އެބައިމީހުން ﷲއަށް ތާރީފުކޮށް ޙަމްދުކުރާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَٰمِلِينَ [12]- އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!{

މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ))إنَّ أهْلَ الجَنَّةِ يَأْكُلُونَ فيها ويَشْرَبُونَ، ولا يَتْفُلُونَ ولا يَبُولونَ ولا يَتَغَوَّطُونَ ولا يَمْتَخِطُونَ. قالوا: فَما بالُ الطَّعامِ؟ قالَ: جُشاءٌ ورَشْحٌ كَرَشْحِ المِسْكِ، يُلْهَمُونَ التَّسْبِيحَ والتَّحْمِيدَ، كما تُلْهَمُونَ النَّفَسَ[13] – ސުވަރުގޭގެ އަހުލުވެރިން އެ ތާނގައި ކައިބޮއި ހަދާނެތެވެ. އެހެނަސް ކުޑަކަމު ވެސް އަދި ބޮޑުކަމު ވެސް ނުދާނެތެވެ. ކުޅެއް ނުޖަހާނެތެވެ. އަރިދަފުހެއް ނާޅާނެތެވެ. އެބޭކަލުން ދެންނެވިއެވެ. ކާއެއްޗެއްސަށް ވަނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެ އެއްޗެހި ބަދަލުވެގެންދާނީ ކަސްތޫރި ވަހުގެ ދަލަކަށާއި އަނގައިން ބޭރުވާ ވަޔަކަށެވެ. ތިޔަބައިމީހުން ނޭވާލާ ގޮތަށް އެބައިމީހުން ކިޔާނީ ތަސްބީޙައާއި ތަޙްމީދެވެ.))  (ނިމުނީ)

 

މަރުޖާ:

[1]  - المؤمنون : 96 - 97

[2]  - الناس : 1 – 6

[3]  - النحل: 98 - 100

([4])  البخاري، 4/ 119، برقم 3371، من حديث ابن عباس رَضِيَ اللَّهُ عَنْهُمَا.

[5]  - الفاتحة: 2

[6]  - الأنعام: 1

[7]  - (الإسراء: 111

[8]  - القصص: 70

[9]  -  الروم: 17

[10]  - الزمر: 75

[11] - الإسراء: 44

[12]  - الزمر: 74

[13]  -  أخرجه مسلم (٢٨٣٥)، وأحمد (١٤٧٦٩) وأبو داود (٤٧٤١

ކޮމެންޓު