އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 ޑިސެންބަރު 2025
ދިވެހި
އަޅުގަނޑު ލިޔަމުން މި އަންނަ [ކޮލަމް ހަމަ] މި ސިލްސިލާގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ޚާއްޞަކޮށް، އަދި ޢާންމުކޮށް އެންމެން ވެސް ގަވާއިދަށް އަހުލުވެރިކުރުވުންކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަދި ކޮން ދުވަހެއްގެ ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއްނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އަޅުގަނޑަށް ފާހަގަކުރެވޭ ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހައި ބޭފުޅުން ވެސް މަސައްކަތްޕުޅުކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.
މިއަދު އަޅުގަނޑު ނަކަލުކޮށްލީ އެންމެ ޖުމުލައެކެވެ. [މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ.] މި ޖުމުލައެވެ.
މި ޖުމުލައިން ރަނގަޅުކޮށްލާންޖެހޭ ދެތިން ކުށެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކުށަކީ މި ޖުމުލައިގައި މި އޮތް [މާލެ]އެވެ. މި ދެންނެވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރައްވާން ދަތިފުޅު ވާހަކައެއް ނަމަވެސް މި ޖުމުލައިގައި މި އޮތް [މާލެ] މި ލަފުޒުގެ ފަހު އަކުރުގައި ޖަހާންޖެހޭނީ ކުރުފިއްޔެއް ނޫނެވެ. ދެމޭ ފިއްޔެކެވެ. އާދޭހެވެ! އެބެފިއްޔެއް ނޫނެވެ. އެކަމަކު އޭބޭފިއްޔެވެ. ސަބަބަކީ އެ ޖުމުލައިގައި އެ އޮތް މާލެއަކީ [ސަރަހައްދު] މި ލަފުޒުގެ ނަންއިތުރެކެވެ. އެ ސަރަހައްދު ނިސްބަތްވަނީ މާލެއަށްކަން ދޭހަކުރުމަށް ޓަކައި އެ ޖުމުލައިގައި އެ އޮތް [މާލެ] މި ނަމުގެ ފަހަތަށް ނިސްބަސްކުރުމުގެ [ގ] އިތުރުކުރެވެއެވެ. ނަމަވެސް އެބެފިއްޔަށް ނިމޭ މި ފަދަ ލަފުޒުގެ ފަހަތަށް މި ގޮތަށް އިތުރުކުރެވޭ [ނިސްބަތްކުރުމުގެ، ނުވަތަ މިލްކުވެރިކަން ދޭހަކޮށްދިނުމުގެ ގާފު]ގެ ފިލި، ކުރީ ލަފުޒުގެ ފަހު އަކުރަށް ބަދަލުކުރުމާ އެކު މި ގާފު ވަންހަނާވެއެވެ. އޭރުން [މާލެ+ގެ] ބަދަލުވާނީ [މާލޭ] އަށެވެ. އެހެންކަމުން މި ފަދަ ތަންތަން ލިޔެކިޔައި އުޅޭން ރަނގަޅު ހަމަ ގޮތްގޮތަކީ:
· މާލޭ ސަރަހައްދު (އަސްލަކީ: މާލެ+ގެ ސަރަހައްދު)
· މާލޭ މަސްމާރުކޭޓު (އަޞްލަކީ މާލެ+ގެ މަސްމާރުކޭޓު)
· ބަދިގޭ ސާމާނު (އަޞްލަކީ: ބަދިގެ+ގެ ސާމާނު)
· މިގޭ އެންމެން (އަޞްލަކީ: މި ގެ+ގެ އެންމެން)
މި ވާހަކަ މިހެން ދަންނަވައިލީމާ މި ވާހަކަ ގަބޫލުފުޅުކުރައްވާން ވަރަށް ގިނަ ބޭފުޅުންނަށް ދަތިފުޅު ވެސް ވެދާނެއެވެ. ސަބަބަކީ، [މާލެ ސަރަހައްދު]، [ބަދިގެ ސާމާނު] ފަދަ ގޮތް ގޮތަށް ލިޔެ އިޝްތިހާރުކޮށް ހަދާތީ، މީހުންގެ ކަންފަތްތަކަށް މި ކުށް އިވިއިވި، ލޮލަށް ފެނިފެނި، ހޭނިފައިވާތީ، ކުރީން ދެންނެވި ބޭބޭފުޅުންނަށް ވެސް އެއީ ކުށް ގޮތެއްކަމަށް ފާހަގަނުކުރެއްވުމެވެ. ނަމަވެސް [ބަދިގެ ސާމާނު]، [މާލެ ސަރަހައްދު] [މާލެ މާރުކޭޓު] މިއީ ލިޔެކިޔައި އުޅޭން ހަމަ ގޮތްގޮތެއް ނޫނެވެ. ލިޔެކިޔައި ހަދާންޖެހޭނީ [ބަދިގޭ ސާމާނު]، [މާލޭ މާރުކޭޓު]، [މާލޭ ސަރަހައްދު] މި ފަދަ ގޮތް ގޮތަށެވެ. މި ބަދަލު އަންނާންޖެހެނީ ކީއްވެގެންކަން އިސްވެ ދަންނަވައިލެވިއްޖެއެވެ.
]މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ.[ މި ޖުމުލައިގައި އިޞްލާޙުކޮށްލާންޖެހޭ ދެވަނަ އަދި ތިންވަނަ ކުށަކީ، ]ހުއްޓާލަން[ މި ލަފުޒެވެ. އެ ލަފުޒު އޮންނާންޖެހޭނީ ]ހުއްޓައިލާން[ މި ގޮތަށެވެ. ޓަވިޔަނީގައި އައިބައިފިލި ޖަހައި، ލާމުގައި އާބާފިލި ޖަހައިގެންނެވެ. ސަބަބު މި ދަންނަވަނީއެވެ.
]ހުއްޓާލަން[ މި ކަމުގެ މަޞްދަރަކީ (ނުވަތަ "ކަމުގެނަމަކީ") ]ހުއްޓައިލުން[އެވެ. ]ހުއްޓާލުން[އެއް ނޫނެވެ. ނިމިނިމުނުކަމަކަށް ބަދަލުކުރާ ނަމަ، އޮންނާނީ "ހުއްޓައިލި" މި ގޮތަށެވެ. [ހުއްޓާލި]އެއް ނޫނެވެ. "ހުއްޓައިލުން" މި މަޞްދަރުން ނިމުނުކަމެއް އުފައްދައިފި ނަމަ އޮންނާނީ "ހުއްޓައިލައިފި" މި ގޮތަށެވެ. ނިމުނުކަން އުފެއްދުމަށް ޓަކައި އިތުރުކުރާ "ފި" މި އަކުރުގެ ކުރީގައި އޮންނަ އަކުރުގައި (އެބެފިލި ޖެހޭ މަދު ޙާލަތްތައް ފިޔަވައި) ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. މިއީ އައިބައިފިލިޖެހޭ އެއް ހަމައެވެ. ވީމާ، "ހުއްޓައިލި" މި ނިމިނިމުނުކަމާއި "ހުއްޓައިލައިފި" މި ނިމުނުކަން އަމުރުގެ ޙާލަތަށް ނުވަތަ ފަހުން ކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ކަމަކަށް ބަދަލުކުރިއަސް ނުވަތަ ވާކަމުގެ ޒަމާނަށް ބަދަލުކުރިޔަސް ޓަވިޔަނީގައި އޮތް އައިބައިފިއްޔަށް ބަދަލެއް ނާންނާނެއެވެ. ޖެހިޖެހިގެން ދެ އައިބައިފިލި އައުމަކީ ވަކި ހަމައަކުން ވަކި ގަވާއިދަކުން ޖަހައިފައި އޮތް އައިބައިފިއްޔެއް އެހެން ފިއްޔަކަށް ބަދަލުކުރާންޖެހޭ ހަމައެއް ނޫނެވެ.
މިސާލު: ހަމަ މިހާރު މަސައްކަތް ހުއްޓައިލާ! ކޮންމެ ދުވަހަކު ވެސް މެންދުރަށް މަސައްކަތް ހުއްޓައިލާ. މި މިސާލުގެ ފުރަތަމަ ޖުމުލައިގައި ދަށުރޮނގުދަމައިފައި އެ ވަނީ އަމުރެކެވެ. ދެވަނަ ޖުމުލައިގައި އެ ވަނީ ވާކަމެކެވެ.
މި ދެންނެވި ލަފުޒަށް ގެންނާންޖެހޭ އަނެއް ބަދަލަކީ ޖުމުލައިގައި އޮތް "ހުއްޓާލަން" މި ލަފުޒުގައި އޮތް "ލ"ގައި އެ އޮތް އަބަފިލީގެ ބަދަލުގައި އޮންނާންޖެހޭނީ ދަމާފިއްޔެވެ. އާބާފިއްޔެވެ. ހަގީގަތުގައި އެ ލާމުގައި ކުރުފިލިޖެހޭނީ އެ ލަފުޒު، ވާކަމުގެ ޙާލަތުގައި ފުރަތަމަ މީހާގެ ނަޒަރުން ބަޔާންކުރާ ނަމައެވެ. ނަމަވެސް އެ ކަން ކުރުމަށް ޓަކައި ބުނާ ބުނުންތަކުގައި، އެ އަކުރުގައި އޮންނާނީ ދެމޭފިއްޔެވެ. މި ގޮތަށް ދެމޭ ފިލި ޖަހަނީ ދިވެހިބަހުގެ ބައިތަކުގެ ތެރެއިން ކަމުގެ އަސާސީ ލަފުޒުގައެވެ. ސުން ޒަމާނުގައި އޮންނަ ލަފުޒުގައެވެ. ސުން ޒަމާނުގައި އޮންނަ ލަފުޒަށް ނުވަތަ ކަމުގެ އަސާސީ ލަފުޒަށް ދިވެހިބަހުން ކިޔަނީ [މާދަ]އެވެ. މި ލިޔުމުގެ ތިރީން ލަފުޒުގެ މާނަ ބައްލަވައިލައްވާށެވެ. މި ދެންނެވި ފަދަ މާދައިގެ ބައެއް މިސާލު ދަންނަވައިލާނަމެވެ. ކޮންމެ މިސާލެއްގައިވާ ދެ ޖުމުލައިގެ ތެރެއިން ފުރަތަމަ ޖުމުލައިގައި ދަށުރޮނގުދަމައިފައި އެ ވަނީ ވާކަމުގެ ޒަމާނުގައި އެ ލަފުޒު އޮންނަ ޙާލަތެވެ. ކޮންމެ މިސާލެއްގައި ދެވަނައަށް އެ އޮތް ޖުމުލައިގައި ދަށު ރޮނގުދަމައިފައި އެ ވަނީ ކަމުގެ މާދައެވެ.
1. އަހަރެން ކޮންމެ ދުވަހަކު ހިނގަން. އަހަރެން ކޮންމެ ދުވަހަކު ހިނގާން ދަނީ ބުރިޖަށް.
2. އެ ގެއަށް އަހަރެން ދަން. މި ދަނީ ވެސް އެ ގެއަށް ދާން.
3. އަހަރެން އަބަދު ވެސް މެންދުރު ކަން. މިއަދު މެންދުރު ކާން ދަމުން ތިޔަ ގެޔަށް ވަދެލާނަން.
4. އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން. މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.
5. ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން ކާރު ދުއްވާން ދާ އިރު، އެ ގޭ ދޮރުމަތީން ވެސް ދަން.
6. އަހަރެން އަބަދުވެސް މޫދަށް އެރެން .މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.
"މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައިން ދެތިން ކުށް ފާހަގަކުރުމަށް ފަހު ނިންމައިލުމުގައި "އަންގައިފައެވެ." މި ގޮތަށް ލިޔެފައި އޮތީ އައިބައިފިލީގެ ރަނގަޅު ހަމައިންކަން ވެސް އުފަލާއެކު ފާހަގަކުރަމެވެ. އެހެންވީ އިރު، "ހުއްޓައިލާން" ރަނގަޅަށް ލިޔެފައި ނެތީ ކީއްވެބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ރަނގަޅު ބަޔަށް ތަޢުރީފުކޮށް ޝުކުރުވެރިކަމާ އެކު އުފާކުރަން ވެސް މެއެވެ.
އަދި ކުޑަކުޑަ ތަންކޮޅެއް އިތުރަށް ރަނގަޅުކޮށްލާންޖެހެއެވެ. މި ދެންނެވި ޖުމުލައިގައި [ދަތުރުފަތުރު]ގެ ފަހަތަށް އިތުރުކޮށްފައި އޮތް [ކުރުން] އެއީ އެ ޖުމުލައިގައި އުނިކަމެކެވެ. މި ފަދަ [އުނިކަން]ތައް ކުރި ލަފުޒަކާ ދުރެއް ނުކުރެވޭނެއެވެ. އެއީ ލަފުޒަކުން އެހެން ލަފުޒެއް އުފެއްދުމަށް ޓަކައި އިތުރުކުރި [އެކައެކެވެ.] އެހެންކަމުން އެ [އެކަ] އޮންނާނީ ކުރީ ލަފުޒާ ވިދިގެން ދުރުނުކޮށެވެ. [ދަތުރުފަތުރު+ކުރުން] އަކީ [ދަތުރުފަތުރުކުރުން]އެވެ.
ކޮންމެއަކަސް އިސްވެ ދެންނެވުނު މިސާލުތަކާއި ހަމަތަކަށް ބައްލަވައި ފިކުރުފުޅުހިންގެވުމަށް ފަހު، އެ ޖުމުލަ (ދެން ލިޔުއްވާ ނަމަ) އަންނަނިވި ގޮތަށް އިޞްލާހުކޮށްލެއްވުން އެދެމެވެ. [މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރުކުރުން ހުއްޓައިލާން ވަނީ އަންގައިފައެވެ.]
ބަހުގެ ހަމަތަކަށް ބަލާ އިރު، މިއަދު އަޅުގަނޑު މި ފާހަގަކުރި ޢިބާރާތް އޮންނާން ޖެހޭނެ ރަނގަޅު ގޮތް އިސްވެ މި ދަންނަވައިލީއެވެ. އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ ބަހުގެ ގަވާއިދާ މެދު، ވިސްނުންފުޅުހިންގަވައި ދިރާސާކުރައްވައި ހެއްދެވުމެވެ. އަދި އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުއްވުންތަކުގައި މި ކުށްތައް ތަކުރާރުނުރައްވައި ވޭތޯ މަސައްކަތްޕުޅުކުރެއްވުމެވެ. އެއީ ދިވެހިބަހަށް ކުރެއްވޭ ޚިދުމަތަކަށްވާނެއެވެ. ބަހަށް ޚިދުމަތްކުރުމަކީ ކޮންމެ ދިއްސެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ.
[ޚިދުމަތްކުރުން ބަހަށް މީ ދެ އަޚެއްގެ ވާޖިބެއް ނޫން
އެދުނަސް ދެ މީހަކަށް މީ ކުރެވޭވަރުގެ ކަމެއް ނޫން.]
ބައެއް ލަފުޒުގެ މާނަ:
އެކަ ނ. ލަފުޒެއްގައި އެކުލެވޭ ބައިތަކުގެ ތެރެއިން މާނައެއް ދޭހަވާ، އިތުރަށް ބައިނުކުރެވޭ އެންމެ ކުޑަ ބައި. morpheme
މާދަ ނ. ބަހެއްގެ މައިގަނޑު ބައިތަކުގެ ތެރެއިން، ކަމުގެ އަސާސީ ލަފުޒު ނުވަތަ މޫލަ. infinitive