ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
30 ނޮވެންބަރު 2025
ކުއިސްލިންގެ މައްޗަށް ގައުމަށް ޚިޔާނަތްތެރިވުމުގެ ޝަރިއަތް ކުރެވޭ މަންޒަރު
ޔޫރަޕުގެ ގައުމުތަކުގެ މެދުގައި، އެ ގައުމުތަކުގެ މީހުންނަށް ޚާއްސަކުރެވިގެން ބޭއްވުނު އާންމު މައުލޫމާތުގެ މުބާރާތެއްގައި ކުރެވުނު ސުއާލުތަކުގެ ތެރެއިން ދެ ސުއާލެކެވެ.
1. އަމިއްލަ ގައުމަށް ޚިޔާނަތްތެރި ވަނީ ކީއްވެގެން ހެއްޔެވެ؟ އަދި، އެ އަމިއްލަ ގައުމަށް ޚިޔާނަތްތެރިވުމުން، އަދަބު ލިބުނު މީހެއްގެ މިސާލަކާއި އެ މީހާއަށް ލިބުނު އަދަބު ބުނެދޭ ދޭށެވެ.
ދެން، ޖަވާބުގައި ބައިވެރިންގެ ތެރެއިން އެކަކު ބުންޏެވެ: އެ ފަދަ މީހެއްގެ މިސާލަކީ އޮސްޓްރިޔާގެ ވެރިކަން 1942 އިން 1945 އަށް ކުރި ވިޑްކުން ކުއިސްލިންގްއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ޖަރުމަނުގެ ހިޓުރަލާ ބައިވެރިވެ، ހިޓްލަރުގެ ބާރުގެ ދަށަށް އޮސްޓްރިޔާ ގެންދިޔުމަށް އެހީވެ، އޭނާގެ އަމިއްލަ ގައުމަށް ޚިޔާނާތްތެރިވިއެވެ. ދެން، 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޖަރުމަނުގެ ބާރުގެ ދަށުން އޮސްޓްރިޔާ މިނިވަންވުމުން، ވިޑްކުއިން ކުއިންސްލިންގެ ހައްޔަރުކުރެވި، ގައުމަށް ޚިޔާނަތްތެރިވިކަމުގެ ޝަރީއަތް ވެސް ކުރެވުނެވެ. އަދި، އެ ޝަރިއަތުން ގައުމަށް ޚިޔާނަތްތެރިވިކަމުގެ ކުށް އޭނަގެ މައްޗަށް ސާބިތުވެ، މަރަން ހުކުމްކުރެވި، އެ ހުކުން ތަންފީޒުކުރެވުނެވެ. ކުއިންސްލިން ގަޔަށް ބަޑިޖައި މަރައިލެވުނެވެ.
މިހާރު މީނަގެ ނަމަކީ އިނގިރޭސި ބަހަށް ވަދެފައި އޮތް ބަހެކެވެ. އިނގިރޭސި ބަހުގައި ޚިޔާނަތްތެރިވެ، ޣަދަރުވެރި ވުމުގެ މާނައިގައި ކުވިސްލިންގް (quisling) ބޭނުންކުރެވެއެވެ.
2. ދެވަނަ ސުއާލަކަށް ކުރެވުނީ މަތީގައި އެވާ ސުއާލާއި ގާތް ސުއާލެކެވެ. އެ ސުއާލުގައި އޮތީ މިހެންނެވެ. އެ ބައެއްގެ އަމިއްލަ ގައުމަށް ޚިޔާނަތްތެރިވުމުން، އެ ކަމަކީ ގައުމީ މޮޅު ކަމެއްގެ ގޮތުގައި ހަދައި، އެ ފަދަ ޚިޔާނަތްތެރީން ބަތަލުންނަށް ހަދާ ގައުމެއް އޮވެދާނެހެއްޔެވެ؟ އެހެންކަމަށްވާ ނަމަ އެއީ ކޮން ގައުމެއްކަން ބުނެދޭށެވެ!
ދެން ޖަވާބުގައި ބުނެވުނެވެ. އޭގެ ތިން މިސާލެއް ކިޔައި ދެވިދާނެއެވެ. ފުރަތަމަ މިސާލަކީ ޖޯޑަންގެ ރަސްކަންކުރި މަލިކު ހުސައިން (ކިންގ ޙުސައިން)ގެ ވާހަކައެވެ. އިޒުރޭލަށް އޭނަ ޖާސޫސުކޮށްދީ، 1973ގެ އޮކްޓޯބަރުގެ ހަނގުރާމައިގެ ވާހަކަ އެ ހަނގުރާމަ ފެށުމުގެ ކުރީން، އިޒުރޭލުގެ ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ވާހަކަ ދެކެވެއެވެ. އެނާގެ ޚިޔާނަތްތެރިވުން ގުޅެނީ އަރަބި އުންމަތާއެވެ. އެނާއަކީ އޭނާގެ ގައުމުގައި ބަތަލެކެވެ.
ދެވަނަ މިސާލަކީ އެމެރިކާގެ ޔަހޫދީއެއް ކަމަށްވާ ޖޮނަތަން ޕޮލާޑުގެ މިސާލެވެ. އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް އިޒުރޭލާ އޭނާ ހިއްސާކުރިކަމަށް ޝަރިއަތަށް ސާބިތުވެ، އުމުރަށް ޖަލަށް ލެވުނެވެ. ނަމަވެސް، ފަހުން އެނާ ދޫކޮށްލެވި، 2020ގައި އިޒުރޭލަށް އޭނާ ހިޖުރަކުރިއެވެ. އެމެރިކާގައި އޭނާއަކީ ޚާއިނެއްގެ ގޮތުގައި ބެލެވުނަސް، އިޒުރޭލުގައި އޭނާ ބެލެވެނީ ބަތަލެއްގެ ގޮތުގައެވެ.
މި ފަދަ ތިން ވަނަ ގައުމަކަށް، އާދެ، ގައުމަށް ޣަދަރުވެ، ގައުމަށް ޚިޔާނަތްތެރިވުމުން، އެ ގައުމުގެ މީސްތަކުން އެ ފަދަ ޚާއިނުން ބަތަލުންނަށް ހަދާ ގައުމަކީ ދިވެހިރާއްޖެއޭ، އެ ސުއާލުގެ ޖަވާބު ދިން މީހާ ބުންޏެވެ. ދެން، އިތުރަށް ތަފުސީލު ދެމުން އޭނާ ބުންޏެވެ. ގައުމު ބައިބައިކޮށްލައި، ވަކި ދައުލަތެއް އުފެއްދުމުގެ އެއްވެސް ޝަރުތެއް ހަމަނުވާ ބައެއް ވަކި ދައުލަތަކަށް ހަދައިލިއެވެ. އިނގިރޭސީންގެ ބޭނުމެއް ފުއްދުމުގެ ގޮތުން، އިނގިރޭސީންގެ ހެއްލުމަކަށެވެ. އެ ގޮތުން، ގައުމުން ބައެއް ވަކިކޮށް، ދިހަ ވަރަކަށް ހާސް މީހުންގެ މައްޗަށް އެކުލެވޭ ދައުލަތެއް ގާއިމުކުރެވުނެވެ. އެ ކަން ކުރި މީހުންނަކީ ދިވެހިރާއްޖޭގެ އާންމުންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ޣާޒީންގެ ދަރަޖަ ލިބިގެންވާ ގައުމީ ބަތަލުންނެވެ. މި ކަން މި ފަދައި އޮތުމުން، ދިވެހިރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރުވަމުން ދެއެވެ. މި ގޮތުން ދުރު ނޫން މާޒީއެއްގައި، ބޭރު ޓީވީއަކުން ލައިވް ޕްރޮގްރާމެއްގައި ތިބެ، ދިވެހިރާއްޖޭ ސިޔާސީ ބަޔަކު ދިވެހިރާއްޖެ ހިފާން އައުމަށް ބޭރުގެ އަސްކަރީ ބާރަކަށް ދައުވަތުދިނެވެ. އާދެ، އޮސްޓްރިޔާގެ ކުއިސްލިންގެ އަމަލު ފަދަ އަމަލެކެވެ. އަދި، ފަހުން، މި މީހުންގެ އިސްނެގުމާއި އެހީގައި ބޭރުގެ އަސްކަރީ ބާރެއް ދިވެހިރާއްޖޭގައި ތަމްކީނުކުރެވުނެވެ. މި ނުބައި ޢަމަލު ހިންގި މި ހުރިހައި އެންމެންނަކީ ވެސް، ދިވެހީންގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ގައުމީ ބޮޑެތި ބަތަލުންނެވެ!