އަސްމާ އަބޫބަކުރު
30 ނޮވެންބަރު 2025
މަގޭ ރާނީ
އިރުގެ ދިލަހޫނު އެންމެ ގަދަވި ވަގުތު ވެސް އަފްޒަލް ހުރީ އޭނާ ވިއްކާން އަތުރައިފައިވާ ތަރުކާރީ ކޮޅު ވިއްކޭނެކަމުގެ ފޮނި އުއްމީދުގައެވެ. އަވީގެ އަސަރުން ގައިގެ ހަމުގެ ކުލައަށް އަންނަ ބަދަލަކީ އަފްޒަލަށް އެއްވެސް ކަމެއް ނޫނެވެ. އެއަށް ވުރެ ވިއްކާން ހުރި ސާމާނު ކޮޅު ވިއްކޭތޯ މަސައްކަތްކުރުމުގައި އަވަދިނެތި އުޅެއެވެ. އިރުއިރުކޮޅުން ޖީބުން ރުމާލެއް ނަގައި މޫނުމަތީގައިވާ ދާ ފުހެމުން ގެންދެއެވެ. އެ މޫނުމަތީން އުންމީދުގެ ފެންތިކިތައް ވިދަމުން ދެއެވެ. އެ ފެންތިކިތައް ބުނާ ކަހަލައެވެ. އުންމީދު ގެއްލުވައިނުލާށެވެ.
ޒަމާނާ އެކީ ރަށްރަށަށް އައި އެއް ބަދަލަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވުނު ގޮތުން ވިޔަފާރިއެއް ފެށުމެވެ. އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އަފްޒަލް މުޅިން ތަފާތެވެ. އޭނާ ވިޔަފާރި ފެށީ ހަނދާންތަކަކާ ދުރުވުމަށެވެ. ޑިޕްރެޝަނުން ސަލާމަތްވުމަށެވެ. ޚިޔާލަށް ގެއްލިފައި ހުއްޓައި ކުއްލިއަކަށް އަފްޒަލް ކުރިމައްޗަށް އައިސް ހުއްޓުނީ ރީތި ދޮން ލޫޅާފަތި އަންހެން ކުއްޖެކެވެ.
ތަރުކާރީ ކިލޯއެއް ކިރައިދޭން އެދިފައި އަފްޒަލްގެ މޫނަށް ޖައުނާ ބަލައިލިއެވެ. ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް ވެގެންނެވެ.
[ތިޔައީ އަހަރެންނަށް ކޮންމެވެސް ތަނަކުން ފެނިފައިވާ މޫނެއް. ކޮންތާކުންބާ؟] ޖައުނާގެ ނިތްކުރީގައި އަތްތިލައިން މަޑުމަޑުން ޖަހާލީ ހަނދާންކުރުމުގެ ގޮތުންނެވެ. އެންމެފަހުން ހަނދާންވެއްޖެއެވެ.
[މާލޭގައި ފައިވާން ފިހާރައެއްގައި އުޅުނިން ދޯ] ޖައުނާ އަފްޒަލާ މުޚާތަބުކުރިއެވެ.
"އާން." އަފްޒަލް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.
[ކިހިނެއް އެނގުނީ؟] އަފްޒަލް ކުރިމަތީގައި ހުރި ރީތި އަންހެން ކުއްޖާ މަތީން ހަނދާނެއްނެތެވެ. އެތައް ބައިވަރު ކަމޭދުން އަންނަ ތަނަކުން ވަކި ކުއްޖަކު ހަނދާނެއް ވެސް ނުވާނެތާއެވެ. ޖައުނާއަށް އެ ފިހާރަ މަތީން ހަނދާންނައްތައެއް ނުލެވޭނެއެވެ. އަފްޒަލް އެތައް ފަހަރަކު އޭނާ ގަންނަ ފައިވާންތަކަށް ޑިސްކައުންޓް ދެއެވެ. އެ ކަން ޖައުނާ އަބަދު ވެސް ހަނދާން ކުރެއެވެ.
[ކީއްވެ މިތާ މަގުމަތީހުންނާންވީ؟ ކީއްވެ އެތަން ދޫކޮށްލީ؟] ޖައުނާ ސުވާލުކުރަމުން ދިޔަ ވަރަކަށް އަފްޒަލް ދިޔައީ ކިޔައިދެމުންނެވެ. އެހެން މީހުންގެ ކަންކަމާ ގުޅޭ ގޮތުން އެހެން ނޫނީ ޖައުނާ މާގިނަސުވާލުތަކެއް ނުކުރެއެވެ. އެހެންނަމަވެސް މި ފަހަރު އެތައް ސުވާލެއް އަފްޒަލާ ކުރިމަތި ކުރުވައިފިއެވެ.
[އަހަރެން މީ މިރަށުމީހެއް. މާލެ ދިޔައީ ވަރަށް ކުޑައިރު. މަންމައާއި ބައްޕަ އަދިވެސް އެ އުޅެނީ އަހަރެން ގޮވައިގެން ދިޔަ ފަހުން މާލޭގައި. އަހަރެން ފެށީ ޕާޓްނަރޝިޕް ވިޔަފާރި. އެ ކަން ކުރިއަރުވާން ވަރަށް ބޮޑު ލޯނެއް ވެސް ނެގިން. އަހަރެންގެ ޕާޓްނަރ އަހަންނަން ލަނޑުދިނީ. ވިޔަފާރި ހުއްޓުނީ.] އަފްޒަލްގެ ވާހަކަ އަޑުއިވުމުން ޖައުނާ ކަންބޮޑުވިއެވެ.
[ދެން އެހައި ބޮޑު ލޯނެއް ދައްކާންވެފައި އޮއްވައި އަންހެނުން ވެސް އެހެން މީހަކާ ހިތާވެގެން އަހަރެން ދޫކޮށްފައި ރައްކާކޮށްފައި ހުރި ފައިސާކޮޅު ހިފައިގެން ހިނގައްޖެ. އަންހެނުން ހިތާވީ އަހަރެންގެ ވިޔަފާރި ޕާޓްނަރާ]
[މި ޒަމާނުގައި ފައިސާ ހުންނަން ވާނީ އެކައުންޓުގައި ނޫންތަ؟] ޖައުނާ ބުންޏެވެ.
[އެކައުންޓުގައި ހުރީ. އަހަރެންގެ ކާޑުތަކުގެ މަޢުލޫމާތު އެނގޭ މީހަކަށް ކުރެވޭނެތާ ކޮންމެ ކަމެއްވެސް] އަފްޒަލްގެ ވާހަކަތައް ކިޔައިދީ ނިމުމުން ޖައުނާ ދިއުމުގެ ކުރީން ޖައުނާ ބުންޏެވެ.
[މިއަދު ތި ވާހަކައިން އަހަރެންގެ ހިތަށް ހަމަޖެހުމެއްލިބިއްޖެ.] އަފްޒަލް ހައިރާންކަމާ އެކު ބަލައިލިއެވެ.
[އެހެންމީހުންގެ ހިތާމައިން ހަމަޖެހުންލިބޭތަ؟ ތިޔައީ އަލަށް އަޑުއިވުނު ޖުމްލައެއް.] އަފްޒަލް ކުޑަކޮށް ހިތްހަމަނުޖެހުނެވެ.
[އަހަރެމެން އަދި ތަޢާރަފެއް ވެސް ނުވަމެއްނު. އަހަރެންގެ ނަމަކީ ޖައުނާ. ހިތަށް ހަމަޖެހުމެއް ލިބުނީ ތިޔަ ވާހަކައިން އަހަރެން ކުރިއަށްދިއުމަށް ޓަކައި އިތުރު ހިތްވަރެއް ލިބުނީމާ. މީގެ ދެ ހަފުތާ ކުރީން އަހަރެންގެ ބައްޕަގެ ވަޒީފާ ގެއްލުނީ. ބައްޕައަކީ އާއިލާގައި ހުރި ހަމަ އެކަނި މަސައްކަތްކުރާ މީހާ. ބައްޕަ އެކްސިޑެންޓެއްގައި ފަޔަށް ލިބުނު ގެއްލުމުން ނުހިނގި ގިނަ ދުވަސް ވާންފެށުމުން ވަޒީފާ ގެއްލުނީ. އަހަރެން މި މަސައްކަތްކުރަނީ ވަޒީފާއެއްލިބޭތޯ. ފިހާރައަކުން ވިޔަސް. އެކަމަކު މިއަދު ހިތްވަރު ލިބުނީ މި ގޮތަށް އަމިއްލައަށް ކޮންމެވެސް ކަމެއް ކޮށްގެން މިނިވަނެއްގެ ވަޒީފާއެއް ފެށުން މާރަނގަޅުކަން ވިސްނިގެން.]
އަފްޒަލަށް މޫނު މައްޗަށް ހިނިތުންވުން އަތުވެއްޖެއެވެ.
[އަހަރެން ހީކުރީ ޖައުނާ އަހަންނަށް މަލާމާތް ކުރުމުގެ ގޮތުން ބުނި ބަހެއްކަމަށް ހިތްވަރު ލިބިއްޖޭ ބުނީމާ.]
[ޔޫގެ ނަމެއް އަދި ނުބުނަމެއްނު؟] ޖައުނާ ބުނި ގޮތުން އަފްޒަލްގެ ގާތަށް ހިނިއަތުވެއްޖެއެވެ.
[އަހަރެންގެ ނަމަކީ އަފްޒަލް. ތިކަހަލަ ކަމޭދުން އައުމުން އަހަރެމެންނަށް ހިތްހަމަޖެހުންލިބޭ.] އަފްޒަލް ތަރުކާރީ ކޮތަޅު ދެމުން ބުނެލިއެވެ.
[ރަށެއްގެ މަގުމަތީގައި ލޯބޯ ފިއްސައިގެން އަވީގައި ތިޔަ ހެން ތަރުކާރީ ވިއްކާތަން އަލަށް މި ފެނުނީ. އެހެން ނޫނީ މި ކަހަލަ މަންޒަރުތައް ފެންނާނީ އަވަށްޓެރި ގައުމުތަކުން. ދެން ދަނީ އެހެން ފަހަރަކުން އަންނާނަން.] ޖައުނާ ހިނގައްޖެއެވެ.
އަފްޒަލްގެ ޙަޔާތަށް އެއް ފަހަރާ ލިބުނު އެތައް ހިތާމައަކުން އަރައިގަންނާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން ރަށަށް ބަދަލުވާން މަޖުބޫރުވީއެވެ. މަންމައާއި ބައްޕައާއި ކޮއްކޮ އުޅެނީ ކޮއްކޮ އަފްޒާ ކުއްޔަށް ހިފައިގެން އުޅޭ ތަނެއްގައެވެ. އަފްޒަލް ކައިވެންޏަށް ފަހު ވަކިން އެހެންތަނަކަށް ބަދަލުވީ ރައިޝާ ބުނެގެންނެވެ. ރައިޝާ ބޭނުންވީ މިނިވަންކޮށް އުޅުމަށެވެ. ޢާއިލާއާ އެކު އުޅޭ ނަމަ އަބަދު އޮންނާނީ މައްސަލައޭ ވަކިން އުޅެން މާހިތްހަމަ ޖެހޭނޭ ބުނުމުން އަފްޒަލް ރައިޝާ ބުނި ގޮތަށް ހެދީއެވެ. އެންމެ ފަހުން އަފްޒަލަށް ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީއެވެ.
އޭގެ ދެތިން ދުވަސްފަހެވެ. އަފްޒަލް ހެނދުނު މަސައްކަތަށް ނިކުމެ މޭޒު ބަހައްޓާ ދިމާއަށް ދިޔަ އިރު ފެނުނު މަންޒަރުން ލޯ ފޮހެލައި ރަނގަޅަށް ބަލައިލިއެވެ. އަފްޒަލު މޭޒު ބަހައްޓާ ހިސާބާ މާދުރު ނޫން ހިސާބެއްގައި މިހާ ހެނދުނާ މޭޒު ބަހައްޓައިގެން އެއިނީ ޖައުނާއެވެ. ފެންނަނީ ހުވަފެނެއްބާއޭ ހިތަށް އެރިއެވެ. އަދި ޖައުނާގެ މޭޒު ކައިރިއަށް ގޮސް ވީކިހިނެއްތޯ އެހިއެވެ.
[އަފްޒަލްގެ ވާހަކައިން ލިބުނު ހިތްވަރުން އަހަރެން ވެސް ހިތަށް އެރީ ކޮންމެ ވެސް މަސައްކަތެއް ފަށާންވީއޭ. ކަންބޮޑު ނުވައްޗޭ. ތިޔަ މޭޒުގައި ވިއްކާ އެއްޗެއް މި މޭޒަކު ނުހުންނާނެ. ތިޔައީ ތަރުކާރީ މޭޒު. މިއީ މޭވާގެ މޭޒު.] ޖައުނާ ނޭވާއަކަށް ވެސް ހުއްޓައިނުލައި އަފްޒަލަށް ކިޔައިދެމުން ގެންދިޔައެވެ.
ކޮންމެ ގުޅުމެއް ފެށެނީ ދެމީހެއްގެ ދެމުދުގައި ދެކެވޭ ވާހަކަތަކަކުންނެވެ. އަފްޒަލްގެ ހަޔާތަށް އައި ތޫފާނަށް ފަހު ދިރިއުޅުން ހަމަހިމޭންވިއެވެ. އެހެންނަމަވެސް މާގިނަ ދުވަހަކު އެ ހަމަހިމޭން ކަނޑުގައި ފަތާކަށް ނުޖެހުނެވެ. އާ ސަވާރީއެއް ލިބުނު ކަހަލައެވެ. ދެވަނަ ދަތުރަށް އަފްޒަލް ދަނީ ތައްޔާރުވަމުންނެވެ.
ޖައުނާ އަކީ އަދި ހުސް ކުއްޖެއްކަން އެނގުނު ހިސާބުން އަފްޒަލް ހިތުގައި ޖައުނާއަށް ޚާއްސަ ކަމެއް ދެވުނެވެ. ހިތަށް އަރާ ކޮންމެ ވާހަކައެއް ބުނުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެންނަމަވެސް ޖައުނާގެ ޙަރަކާތްތަކުން ވެސް އަފްޒަލަށް ޚާއްސަ ސަމާލުކަމެއް ދޭކަން އެނގެއެވެ. ގިނަ ވަގުތު އެކީގައި ހޭދަކުރެވުމުން އެކަކު އަނެކަށް ޙަޔާތުގައި ދިމާވެފައިވާ ހުރިހައި ވާހަކަތަކެއް ހިއްސާކުރެވިއްޖެއެވެ. އެކަކު އަނެކަކަށް އެހީތެރިވެއެވެ.
ޖައުނާ ފަދަ ރީތި ހުސްހަށިބައި ކުއްޖަކު އިންނާތީ ފިރިހެން ކުދީން ވިޔަފާރިކުރާން އަންނަން ފަށައިފިއެވެ. އެހެން އައުމުގެ ތެރޭގައި އަފްޒަލްގެ މޭޒުން ވެސް އެއްޗެހި ގަންނަމުން ދާތީ ކުރިއަށް ވުރެ ބޮޑަށް ވިޔަފާރީން ނަފާ ލިބޭން ފެށިއެވެ. ކައިރި ރަށްރަށުން މޭވާއާއި ތަރުކާރީ ގެނެސް ޖައުނާއާއި އަފްޒަލު ވިޔަފާރި ކުރިއަށް ޖައްސައިލިއެވެ.
ރަށުތެރޭގައި ދައްކަމުން ގެންދާ ވާހަކަ ޖައުނާގެ މަންމަގެ ކަންފަތަށް ފޯރައިފިއެވެ. އެ ކަމާ އެ މަންމަގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. އެއް ރޭ ކައިނިމިގެން ޖައުނާ ކޮޓަރިއަށް ދަނިކޮށް މަންމަ ގޮވައިފައި ގެނެސް ކައިރީގައި ބައިންދައިފިއެވެ.
[ރަށުތެރޭގައި ދަރިފުޅުމެން ތިޔަ ކުރާ ވިޔަފާރިއާ އެއްވަރަށް އެހެން އަޑެއް ވެސް އެބަ ފެތުރޭ. އެ ކިޔަނީ ތެދެއްތަ؟] ޖައުނާގެ މަންމަ ވިސްނުންތެރިކަމާ އެކު ޖައުނާއަށް ވިސްނައިދެމުން ދިޔައެވެ. އެންމެފަހުން ޖައުނާ ހުރިހައި ވާހަކައެއް މަންމައަށް ކިޔައިދިނެވެ.
[މަންމާ. އަފްޒަލް ނުބުނޭ އެންމެ ފަހަރަކު ވެސް މަންމަ ތިޔަ ބުނާ ކަހަލަ ޖުމްލައެއް ވެސް. ދެން ކީއްވެ ރަށުތެރޭގައި އަހަރެމެންގެ ވާހަކަ ދައްކަންވީ ޙަގީގަތާ ޚިލާފަށް؟] ޖައުނާ ކަންބޮޑުވެއްޖެއެވެ.
[މީހުން ދައްކާވާހަކައަށް އަޅާލާނެ ކަމެއް ނެތް. އަފްޒަލަކީ ދަރިފުޅު ބޭނުންވާ ކަހަލަ ކުއްޖެއްކަމުގައިވާ ނަމަ އަވަހަށް ގޮސް ބުނޭ ކައިވެނިކުރާން ބޭނުމޭ.]
[އެކަމަކު މަންމާ. އަހަރެން ކިހިނެއް އެ ވާހަކަ ދައްކާނީ؟ ފިރިހެނުން ނޫންތަ އަހާންޖެހޭނީ؟]
ޖައުނާގެ މަންމަ ޖައުނާއަށް ވިސްނައިދިނީ އެއީ ކޮންމެހެން ފިރިހެންކުދީން އަހާންޖެހޭ ކަމެއް ނޫންކަމަށެވެ. އަންހެނަކަށް ވެސް އެހެން އެހިދާނެކަމަށެވެ. އިސްވެ އަންހެން ކުދީންނަށް ވެސް އެހޭނެކަމަށެވެ.
ޖައުނާ މަންމަގެ ވާހަކަ އަޑުއިވުމުން ލިބުނު ހިތްވަރުން އަފްޒަލަށް ގުޅިއެވެ. ފޯން ނަގައިފައި އަފްޒަލް ބުނީ ޖައުނާ ގާތު ވާހަކައެއް ބުނާން އޮތްކަމަށެވެ.
[އަހަރެން ވެސް ބޭނުން އަފްޒަލު ގާތުގައި ވާހަކައެއް ބުނާން.] ދެ މީހުންގެ ދެމެދުގައި ކޮންމެ މީހަކު ވެސް ބޭނުންވީ އެ މީހެއްގެ ވާހަކަ ފުރަތަމަ އަޑުއެހުމަށެވެ.
އެންމެ ފަހުން އެ ވާހަކައެއް އެކަކަށް ވެސް ނުބުނެވުނެވެ. އެހެންކަމުން ދެ މީހުން ނިންމީ އެއް މިނިޓް ތެރޭ އެ ބުނާން ބޭނުންވާ ވާހަކަ ޓެކްސްޓް މެސެޖަކުން ބުނާށެވެ. ޖެހިގެން އައި މިނިޓް ތެރޭ ދެ މީހުން ވެސް މެސެޖު ފޮނުވައިފިއެވެ.
ދެ މީހުންނަށް ވެސް ފޮނުވުނީ [އައި ލަވް ޔޫ] ޖަހާފައިވާ ޓެކްސްޓް މެސެޖެކެވެ. ދެމީހުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދިޔައީ ޖައުނާ މަންމަގެ ލަފާގެ މަތީންނެވެ. ރަށުގެ ޒުވާން އެތައް ކުދީންނެއްގެ ހިތުގެ ރާނީ އެންމެ ފަހުންވީ އަފްޒަލްގެ ރާނީއަށެވެ.
"ތިޔައީ މަގޭ ރާނީ" ޖައުނާގެ އަތުގައި ހިފައި އަފްޒަލުގެ ގާތަށް ދަމައިލަމުން ބުނެލިއެވެ.
(ނިމުނީ)
ލަފުޒެއްގެ މާނަ:
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ، ނުވަތަ ލިބިގަންނަ މީހާ. customer