ad_banner
އިމްރާނުޚާނު އަވަހާރަކޮށްލެވުނީތަ؟ ޖަލާ ބެހޭ މުއައްސަސާތަކުން ބުނަނީ ކީކޭބާ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 ނޮވެންބަރު 2025

ޕާކިސްތާނުގެ 19ވަނަ ބޮޑުވަޒީރު ޢީމްރާނު ޚާނު (ފޮޓޯ: އެންޑީޓީވީ)

ޕާކިސްތާނުގެ އަދިއާލާ ޖަލުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާނުޚާނު އަވަހާރަކޮށްލެވުނުކަމަށް ބުނާ ޚަބަރުތަކަކީ މި ދިޔަ ހަފުތާގައި މީސްމީޑިއާގައި ވަރަށް ބޮޑަށް ވިރަވި ޚަބަރުތަކެކެވެ. އަދި ވެސް އެ ކަމުގެ ޞައްޙަ މަޢުލޫމާތު ލިބުނުކަމަކަށް ނުބެލެވެއެވެ. އެ މަނިކުފާނުގެ ޕާޓީ ތަޙުރީކޭ އިންސާފު (ޕީޓީއައި)ގެ ފަރާތަކުން އަދި އެ ކަމާ ބެހޭ ގޮތުން ވަކި ޚާއްޞަ ބަޔާނެއް ނުނެރެއެވެ. އެ މަނިކުފާނު އަދި މީޑިއާއަކަށް ނުފެނެއެވެ. އެ މަނިކުފާނުގެ ބަސްފުޅެއް ނީވެއެވެ. އަދި އެ މަނިކުފާނުގެ އުޚުތުންގެ ފަރާތަކުން އެ މަނިކުފާނު އަވަހާރަނުވަކަމަކަށް ވެސް ނުބުނެއެވެ.

ނަމަވެސް 2025 ނޮވެންބަރު 26ވީ ބުދަ ދުވަހު ޕާކިސްތާނު ސަރުކާރުގެ އޮޕިޝަލަކާ ޙަވާލާދީ އެންޑީޓީވީއިން ބުނެފައިވާ ގޮތުގައި ޢިމްރާނުޚާނު ހަމަ ފުރިހަމަ ޞިއްޙަތުގައި އަދިއާލާ ޖަލުގައި އެބަ ހުންނެވިއެވެ.

މި ވާހަކައެއް މި އާންމުވީ ބަންދުގައި ޢިމްރާނުޚާނު ހުންނަވަނިކޮށް އަވަހާރަކޮށްލައިފިކަމަށާއި ސިއްރުވެރި ގޮތެއްގައި ރާވަލްޕިންޑީ ޖަލުން އޭނާ ބޭރަށް ގެންގޮސްފިކަމަށް އަޑު ފެތުރުނުތާ ދުވަސްކޮޅެއް ފަހުންނެވެ. ކުރީން އެ ކަމާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނުތިބީއެވެ.

[އަދިއާލާ ޖަލުން އޭނާ ނެރެފިކަމަށް ބުނެ ފެތުރި ރިޕޯޓުތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އޭނާ ހުންނެވީ ފުރިހަމަ ޞިއްޙަތުގައެވެ. ފުރިހަމަ ޞިއްޙީ އަޅައިމުމާ އެކުގައެވެ.] ރާވަލް ޕިންޑީ ޖަލުގެ އޮފިޝަލަކު ބުނިކަމަށް ޖީއޯ ނިއުސްގައި ބަޔާންކޮށްފައިވެއެވެ.

މި ތަފުސީލުތައް ސަރުކާރުން މި ހާމަކުރީ ޢިމްރާނުޚާންގެ އުޚުތުންކަމަށްވާ ނޫރީން ނިއާޒީއާއި ޢަލީމާ ޚާނާއި ޑރ. ޢުޒުމާ ޚާން، އެ މީހުން އަޚު ޢިމްރާނުޚާނާ ބައްދަލުކުރާން މަސައްކަތްކުރެއްވުމުން އެ ކަމަށް ހުރަސްއަޅައި ވަރަށް އަނިޔާވެރި ގޮތެއްގައި ޖަލު ކައިރީން ދުރަށް ހޫރައިލިކަމަށް ކުރި ތުހުމަތުތަކަށް ޖަވާބުދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބޭފުޅުންނަށް ޢިމްރާނުޚާނާ ބައްދަލުނުކުރެވޭތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މި ބޭފުޅުންގެ ވާހަކަތަކަށް އިތުރަށް ބާރުލިބުނީ އަފުޣާނިސްތާނުގެ ނޫސް ރިޕޯޓެއްގައި [ޕާކިސްތާނުގެ ޕާޓީ ތަޙުރީކޭ އިންސާފުގެ މުއައްސިސް ޢިމްރާނުޚާނަށް ޖަލުގައި އަނިޔާކޮށް އަވަހާރަކޮށްލުމަށް ފަހު، އޭނާގެ ހަށިކޮޅު ސިއްރިޔާތުގައި އަދިއާލާ ޖަލުން ބޭރަށް ގެންގޮސްފި]ކަމަށް ބަޔާންކޮށްފައިވުމުންނެވެ.

މި ކަމާ ގުޅިގެން ދެ ދުވަހެއް ވަންދެން މި ވާހަކަތައް ދުނިޔޭގެ ސުރުޚީތަކުގައި ވިރަވިއެވެ. މި ޚަބަރާ ގުޅިގެން ޕީޓީއައިގެ ފަރާތުން ސަރުކާރަށް ގޮވައިލީ މި ކަމާ ގުޅިގެން ސަރުން ބަޔާނެއް ނެރުމަށާއި ޢިމްރާނުޚާނުގެ ޢާއިލާއަށް ޖަލަށް ޒިޔާރަތްކުރެއްވުމުގެ ފުރުޞަތު ލަސްނުކޮށް ދިނުމަށެވެ.

ފަހުން އަދިއާލާ ޖަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ [ޢިމްރާނުޚާނުގެ ޞިއްޙީ ޙާލުކޮޅު ރަނގަޅުކަމަށާއި ގަވާއިދުން އޭނާއަށް އެރުވޭ ޞިއްޙީ ޚިދުމަތްތައް ބަރާބަރަށް ކުރިއަށް ގެންދެވޭ]ކަމަށެވެ. ޖީއޯ ނިއުސްއިން ބުނެފައިވެއެވެ.

ޢިމްރާނުޚާނަކީ 2018އިން 20222އަށް ޕާކިސްތާނުގައި ބޮޑުވަޒީރުކަން ކުރެއްވި އެ ގައުމުގެ 19ވަނަ ބޮޑުވަޒީރެވެ. އެ މަނިކުފާނު ޖަލަށްލެވުނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމަށް ފަހު ފަސާދައާއި ނިރުބަވެރިކަމުގެ އެތައް ތުހުމަތެއްގައެވެ.

އެ މަނިކުފާނަކީ ހުޅަނގާއި އެމެރިކާއަށް ރައްދުދެއްވަމުން ގެންދެވި އަދި އިސްލާމީ އުންމަތުގެ ހައްގުގައި ބަސް ވިދާޅުވި ބޭފުޅެކެވެ. އެހެންކަމުން އެ މަނިކުފާނު މަގާމުން ދުރުކުރުމުގައި އެމެރިކާއާއި ހުޅަނގުގެ އަތެއްވާކަމަށް މުޙައްލިލުން ލަފާކުރެއެވެ.

ދިފާޢީ ވަޒީރު ޚަވާޖާ އާޞިފު ވިދާޅުވެފައިވަނީ [ޖަލުގައި ކުރީގެ ބޮޑުވަޒީރު ޢިމްރާނުޚާނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް އެރުވޭ]ކަމަށެވެ. [އޭނާއަށް އެރުވޭ ފަރީއްކޮޅުގެ މެނޫ ބާލާބަލަ! ފަސްތަރީގެ ހޮޓަލަކުން ވެސް އެ ފެންވަރުގެ ފަރީއްކޮޅެއް ނުލިބޭނެ.] އާޞިފު ވިދާޅުވިއެވެ. [އޭނާއަށް ޓީވީ ބެއްލެވޭނެ އިންތިޒާމާއި ކަސްރަތުކުރެއްވޭނެ އިންތިޒާމު ވެސް ވާނީ ހަޖައްސަވައިފައި]ކަމަށައި ޑަބަލް އެނދަކާއި ވެލްވެޓު ގޮދަޑި ވެސް ހަމަޖައްސައިދެވިފައިވާ]ކަމަށް ވެސް ޢާސިފު ވިދާޅުވިއެވެ.

ޖަލުގައި އާޞިފު ހުންނެވި ދުވަސްވަރާ އަޅައިކިޔުއްވަމުން ވިދާޅުވީ ތިމަންމަނިކުފާނު ޖަލުގައި ހުންނެވި އިރު އަވަހާރަފުޅުލެއްޕެވީ ފިނި ތަޅުންގަނޑުގެ މަތީގައިކަމަށާއި ލިބިވަޑައިގެންފައި އޮންނަނީ އެންމެ ދެ ރަޖާގަނޑުކަމަށެވެ. އަދި ފަރީއްކުޅުއްވީ އާންމު ޖަލުކޮއްތުކަމަށާއިއި ޖަނަވަރީ މަހު ފިނި މޫސުމުގައި ވެސް ހޫނު ފެންނެއް ލިބިވަޑައިނުގަންނަވާކަމަށެވެ.

މި ވާހަކަތައް މިހެން އިވުނު ނަމަވެސް އަދިވެސް ޢިމްރާނުޚާނު ދިރިހުންނެވުމާ މެދު ކުރެވޭ ތުހުމަތުތަކަކަށް މުޅީން ނިމުމެއް ނާދެއެވެ. މި ކަން ކަށަވަރުވާނީ ޢިމްރާނުޚާޏުގެ ޕާޓީއިން ނުވަތަ އޭނާގެ އުޚުތުން އެ ކަން ކަށަވަރުކޮށްދެއްވީމައެވެ. ނުވަތަ، ޢިމްރާނު ޚާނު މީޑިއާއަށް ފެނި އެ މަނިކުފާނުގެ ބަސްފުޅެއް އިވުނީމައެވެ. އެހެންކަމުން ޢިމްރާނުޚާނުގެ ދިރިހުންނެވުމާ މެދު އުފެދިފައިވާ ޝައްކުތަކަކަށް އަދިއެއް ނިމުމެއް ނާދެއެވެ. (މަޢުލޫމާތު: އެންޑީ ޓީވީ އަދި ޖީއޯ ނިއުސް)

ބައެއް ލަފުޒުގެ މާނަ:

ނިރުބަވެރިކަން ނ.    (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު. (2) އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން. terrorism

ވިރަވުން     މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.    become viral

މީސްމީޑިއާ   ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media

ފަސާދަ      ނ.    (1) ފިތުނަ. (2) ބަޣާވާތް. corruption

ކޮމެންޓު