ad_banner
ދީނާ ބެހޭ ކަންކަމުގައި އިފްތިއާތުކުރުމުގެ ނުރައްކާތެރިކަން (3)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 ނޮވެންބަރު 2025

އިފްތިއާތުކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ނުރައްކާތެރި ކަމެކެވެ.

(2025 ނޮވެންބަރު 24ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އިފްތިއާތުކުރުމާ ބެހޭ ގޮތުން ބައެއް ޢިލްމުވެރީންގެ ބަސްފުޅުތައް

ކުރީ ޒަމާނުގެ ޢިލްމުވެރީންނާއި ފަހުގެ ޢިލްމުވެރީން ވަނީ އިފްތިއާތުކުރުމާ ދެކޮޅަށް އަދި އެ ކަމުގެ ނުރައްކާތެރިކަމާ މެދު ބަސްފުޅު ވިދާޅުވެ އެ ކަމާ ދުރުހެލިވުމަށް އަންގަވައިފައެވެ. 

1-    އަލްއިމާމުލް މާވަރްދީ (އަވަހާރަވީ: 450 ހ.): ވަލިއްޔުލްއަމްރާ ދެކޮޅުހެދުމެއްނެތި އިފްތިއާތުކުރުމެއް ނެތި އުންމަތުގެ އާންމު އެންމެހައި ކަންތައްތައް އޭނާއާ ޙަވާލުކުރަންޖެހޭނެއެވެ. މި ބަސްފުޅުން އެނގޭ ގޮތުގައި ޙާކިމާގެ ޞަލާޙިއްޔާތުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކަށް އަރައިގަތުމަކީ ހުއްދަވާނެ ކަމެއްނޫނެވެ. އިފްތިއާތުކުރުމަކީ އުންމަތުގެ އެއްބައިވަންތަކަން ރޫޅިގެން ހިނގައިދާނެކަމެކެވެ. މި ކަމުގެ ދަލީލަކީ ނަބިއްޔާ ގެ ބަސްފުޅު  ((مَن أطاعَنِي فقَدْ أطاعَ اللَّهَ، ومَن عَصانِي فقَدْ عَصى اللَّهَ، ومَن أطاعَ أمِيرِي فقَدْ أطاعَنِي، ومَن عَصى أمِيرِي فقَدْ عَصانِي[1] - ތިމަންކަލޭގެފާނަށް ކިޔަމަންގަތް މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަންގަނެފިއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދުނު މީހާ ހަމަކަށަވަރުން ﷲއަށް އުރެދިއްޖެއެވެ. އަދި ތިމަންކަލޭގެފާނުގެ އަމީރަށް[2] ކިޔަމަންގަތް މީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ކިޔަމަންގަނެފިއެވެ. އަދި ތިމަންކަލޭގެފާނުގެ އަމީރަށް އުރެދުނު މީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އުރެދިއްޖެއެވެ.))

2-     އިބްނު ތައިމިއްޔާ (އަވަހާރަވީ :728 ހ.) ވިދާޅުވިއެވެ. މުންކަރާތެއް ނައްތައިލުމަށް ޓަކައި އެއަށް ވުރެ ބޮޑު މުންކަރާތަކަށް އަރައިގަތުން އެއްވެސް މީހަކަށް ހުއްދަވެގެންނުވެއެވެ. މިސާލަކަށް ރާބުއި މީހެއްގެ ގައިގައި ޙައްދުޖެހުން ނުވަތަ ވައްކަންކުރި މީހެއްގެ އަތްކެނޑުން. މި ފަދަ ޙައްދުތައް ކޮންމެ މީހަކު އަމިއްލައަށް ޤާއިމުކުރާން ފަށައިފި ނަމަ މުޅި މުޖްތަމަޢު ފަސާދަވެ ގަޑުބަޑުވެދާނެއެވެ.

3-    އިބްނު ރަޖަބު (އަވަހާރަވީ: 795 ހ.): އިޖުތިހާދީ މައްސަލަތަކުގައި ވަލިއްޔުއްއަމްރަށް ކިޔަމަންގަތުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި ޙާކިމާއާއި އޭނާގެ ނާއިބުންނަށް އިފްތިއާތުކުރުމަކީ އަދި އެ މީހުންނާ ދެބަސްވާކަން ހާމަކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެ މީހުން އެ ކަންކަމުގައި ހައްދުފަހަނަޅައިފައި ވިޔަސްމެއެވެ. އެ މީހުންގެ ޙައްދުފަހަނަޅައިދިޔުން އޮންނަނީ އެ މީހުންގެ މައްޗަށެވެ. ރައްޔިތުންނަށް އެ ކަންކަމުގެ ފާފަ އުފުއްލާކަށްނުޖެހޭނެއެވެ. ޙާކިމާގެ ފަރުވާކުޑަކުރުންތަކަކީ އެ މީހުންނާ ދެކޮޅަށް ނުކުތުމަށް ދެއްކޭން އޮތް ބަހަނާއެއްނޫނެވެ.

4-    މިޞްރުގެ ކުރީގެ މުފްތީ ޑރ. ޝައުޤީ ޢައްލާމު ވިދާޅުވެފައިވާ ގޮތުގައި ވަލިއްޔުލްއަމްރުގެ އިޚުތިޞާޞުތަކަށް އަރައިގަތުމަކީ ނުވަތަ އެ ކަމާ އަރައިރުންވުމަކީ ނުވަތަ އެއިން ބާރެއް ދަމައިގަތުމަކީ އެ މީހުންނާ ދެކޮޅަށް އިފްތިއާތުކުރުމެކެވެ. ދައުލަތުގެ ކިޔާނު ރައްކައުތެރިކުރުމަށާއި ގަޑުބަޑުތަކާއި ފަސާދަ ނައްތައިލުމަށް ޓަކައި ފިޔަވަޅު އަޅާންޖެހޭނެއެވެ. މިޞްރުގެ މުފްތީ ބަޔާންކުރެއްވި ގޮތުގައި ޙައްދުފަހަނަޅައިފައިވާ ޖަމާޢަތްތައް ވަލިޔުއްއަމްރާ ދެކޮޅަށް ނުކުތީ އެ މީހުން ކާފިރުންނަށް ހަދައިފައެވެ. އެ ކަމުން ދޭހަވަނީ އެ މީހުންނަށް ދީނުގެ ނައްޞުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންނުވާކަމެވެ. 

ދީނުގެ މައްސަލަތަކުގައި ޙާކިމާއާ ދެކޮޅަށް ނުވަތަ ޢާލިމުންނާ ދެކޮޅަށް އިފްތިއާތުކުރުމަކީ ހަމައެކަނި ރައުޔު ތަފާތުވުމެއްނޫނެވެ. މީގެ އިތުރަށް މި ކަމުގެ ސަބަބުން ދީނަށާއި ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އޭގެތެރޭގައި:-

1-        އުންމަތުގެ އެއްބައިވަންތަކަމުގެ ރޮދިތައް ކޮށިގެން ގޮސް މުޖުތަމަޢު ގަޑުބަޑުވުން

2-        އިފްތިއާތުގެ ސަބަބުން ގައުމު ބައިބައިވެ ނުކިޔަމަންތެރިކަމުގެ ރޫޙު ފެތުރި މުޖުތަމަޢު ދާއިމީ ފިތުނަވެރިކަމެއްގެ ތެރެއަށް ވެއްޓުން. މި ކަމުގެ ސަބަބުން ޝަރުޢީ އަދި ޤާނޫނީ ވެރިކަމުގެ ހައިބަތު ދެރަވެ އުންމަތުގެ މަޞްލަޙަތުތަކަށް ބުރޫއަރައި ހަމަޖެހުން ނެތިގެން ދިޔުންވެއެވެ. އާންމު އެއްވެސް ކަމެއްގައި އިމާމާއާ ދެބަސްވުމަކީ ނުވަތަ ޖަމާޢަތާ އެކަހެރިވުމަކީ ފިތުނައިގެ ދޮރުހުޅުވިގެންދާނެ ކަމެކެވެ. މުޖުތަމަޢު ހަލަބޮލިވެގެންދާނެ ކަމެކެވެ.

3-        ޙައްޤުތައް ގެއްލި އަނިޔާވެރިކަން ފާޅުވުން: ފަތުވާދިނުމުގެ ޤާބިލުކަން ލިބިގެންނުވާ މީހާ ފަތުވާތައް ދިނުމަކީ ނުބައި ޙުކުންތައް ފެތުރިގެންދާނެ ކަމެކެވެ. މި ކަމުގެ ސަބަބުން ޢަދްލުއިންސާފު ގެއްލިގެން ހިނގައިދާނެއެވެ. ކުށެއް ނެތް މީހުންނަށް އަދަބުލިބިގެން ހިނގައިދާނެއެވެ. ނުބައި ނިޔާތައް އިއްވިގެން ހިނގައިދާނެއެވެ. މީސްތަކުން ޙަރާމުގެ ތެރެއަށް ވެއްޓިގެން ހިގައިދާނެއެވެ. ވާޖިބުތައް އަޅާން ފަށައިފާނެއެވެ. ޢިލްމުނެތި ފަތުވާދިނުމަކީ ބިމުގައި ފަސާދަ ފެތުރި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުވެދާނެ ކަމެކެވެ.

4-        ބޮޑުވެގެންވާ ފާފައެއްކަމާއި އުޚްރަވީ ޢުޤޫބާތް: ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދީނަށް އިފްތިއާތުކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ﷲއާ ބެހޭ ގޮތުން ދޮގުހަދާ މީހަކަށް ވާތީއެވެ. ޤާބިލުކަން ނެތި ފަތުވާދިނުމަކީ ޝިރުކާ ގުޅިފައިވާ ކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ[3] - އެ شيطان އާ ތިޔަބައިމީހުންނަށް أمرކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާ މެދު ތިޔަބައިމީހުން ބުނުމަށެވެ.)) ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( مَن أَفْتى بغَيْرِ عِلمٍ كانَ إثْمُه على مَن أفْتاه[4]- ޢިލްމާނުލައި ފަތުވާދިން މީހާ ދަންނައެވެ. އެ ކަމުގެ ފާފަ އޮންނާނީ ފަތުވާދިން މީހާގެ މައްޗަށެވެ.))

5-        ދުންޔަވީ ޢުޤޫބާތް: ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި ހައްދުފަހަޅައިދިޔުންތައް މަނާކުރުމަށް ޓަކައި ދީނުގެ ކަންކަމުގައި އިފްތިއާތުކުރާ މީހުންނަށް ޙާކިމާ ތަޢުޒީރީ އަދަބުދޭންވާނެއެވެ. މި ޒަމާނުގައި ދީނީ ޖަމާޢަތްތައް އުފެއްދުމާއި ހުއްދަނެތި ދީނީ ފަތުވާތައް ދޭ މީހުންނަށް އިސްލާމީ ގައުމުތަކުގެ ޤާނޫނުތައް ބުނާ ގޮތުގައި އެއީ ބޮޑެތި ކުށްތަކެކެވެ. އެ ފަދަ މީހުންނާއި ޖަމާޢަތްތައް ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމާއި މި ފަދަ މީހުން ދިގު މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ. މި ފަދަ ޢުޤޫބާތްތައް ދޭންޖެހެނީ ދީނާއި މުޖުތަމަޢުގެ އަމްނާއި އަމާންކަން ޙިމާޔަތްކުރުމަށް ޓަކައެވެ. ގައުމުގެ ވަޙުދަތާއި މިނިވަންކަން ރައްކައުތެރިކުރުމަށް ޓަކައެވެ.

އިފްތިއާތަކީ ވަރަށް ނުރައްކާތެރި ޡާހިރާއެއް

ދީނީ ކަންކަމުގައި އިފްތިއާތުކުރުމަކީ ޝަރީޢަތުގެ ނިޒާމާއި މަޤްޞަދުތަކާ އަރައިރުންވާ ކަމެކެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރޭގައި ދީން ރައްކައުތެރިކުރުން ވެއެވެ. ޖަމާޢަތާއި ދީނީ ޢިލްމީ މަރުޖާތައް ރައްކައުތެރިކުރުމަށް ޓަކައި ކޮންމެ މުސްލިމަކު ވެސް ޖަމާޢަތަށް ކަށަވެތިވާން ޖެހޭނެއެވެ. ރައްޔިތުން ބަޔިޢަތުހިފައި (ވޯޓުލައި) ހޮވައިފައިވާ ޙާކިމާއަށް ކިޔަމަންގަންނާން ޖެހޭނެއެވެ. އޭނާއަށް އިޙްތިރާމުކޮށް އޭނާގެ ހައިބަތު ދަމަހައްޓާންޖެހޭނެއެވެ. ﷲގެ ޙައްޤުތަކަށާއި އެކަލާނގެ އަޅުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި އޭނާ އަހުލުވެރިނުވާ ކަމެއްގެ ތެރެއަށް ވަދެ، ކަންކަން ޚަރާބުކުރާން އުޅެގެންނުވާނެއެވެ! ނަބިއްޔާ   ޙަދީސްކުރެއްވިއެވެ. ((اسْمَعُوا وَأَطِيعُوا، فإنَّما عليهم ما حُمِّلُوا، وَعلَيْكُم ما حُمِّلْتُمْ [5] - ތިޔަބައިމީހުން ވެރިމީހާގެ އަޑުއަހައި ކިޔަމަންގަންނާށެވެ! ފަހެ ހަމަކަށަވަރުން އެބަމީހުންގެ މައްޗަށް އޮތީ އެބައިމީހުންނާ ޙަވާލުކުރެވުނު ކަންތައްތައް އަދާކުރުމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިޔަބައިމީހުންނާ ޙަވާލުކުރެވުނު ކަންތައްތައް އަދާކުރުމެވެ.)) ކޮންމެ މަސްއޫލުވެރިއަކަށް ވެސް އަދާކުރާންޖެހޭނީ އޭނާއާ ޙަވާލުކުރެވުނު ކަމެކެވެ. އެހެން މީހުންގެ ކަންތައްތަކަށް އިފްތިއާތުވެގެންނުވާނެއެވެ. (ނިމުނީ)

 

ބައެއް ލަފުޒުގެ މާނަ:

ކަށަވެތި     ނއ.   (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި. (2) ކަށަވަރު.

ކިޔާނު      ނ.    (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް.

ފަސާދަ      ނ.    (1) ފިތުނަ. (2) ބަޣާވާތް. (3) ގަޑުބަޑު.

ގަޑުބަޑު     ނ.    (1) ބަޔެއްގެ އުފެދޭ ހަމަނުޖެހުން. (2) އަސްލާއި އެހެން އެއްޗެއް އެކުވާ އެކުވުން. (2) ބައެއް ކަހަލަ އެއްޗެހިވާ ނުވަތަ ކުރާ ތަޣައްޔަރު. .

 

މަރުޖާ:

[1]  - أخرجه البخاري (٧١٣٧)، ومسلم (١٨٣٥)

[2]  - ވަކީޢު ވިދާޅުވާ ގޮތުގައި އަމީރުގެ މާނައަކީ ޙާކިމާއެވެ. ނުވަތަ އިމާމާއެވެ.

[3]  - البقرة : 169

[4]  - أخرجه أبو داود (٣٦٥٧)  وابن ماجه (٥٣) وأحمد (٨٢٦٦)

[5]  - أخرجه مسلم (١٨٤٦)، والترمذي (٢١٩٩)، والطبراني (٢٢/ ١٦) (٢٠)

ކޮމެންޓު