ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
27 ނޮވެންބަރު 2025
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާންުޚާން
2023ވަނަ އަހަރު އޮގަސްޓު މަހުން ފެށިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާނުޚާން ވަނީ ޖަލުގައި ބަންދުކޮށްފައެވެ. މިހާރު މި އިވެނީ އޭނާ ވަރަށް ސިއްރުވެރި ގޮތެއްގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި އަވަހާރަކޮށްލައިފިކަމުގެ ހިތާމަވެރި އަޑުތަކެވެ.
މި ޚަބަރެއް ބޮޑަށް މީސްމީޑިއާގައި ފެތުރޭންފެށީ ޢީމްރާނުޚާނުގެ ތިން އުޚުތުންކަމަށްވާ ނޫރީން ނިޔާޒީއާއި ޑރ. ޢުޒުމާ ޚާނާއި ޢަލީމާ ޚާން ޢިމްރާނު ޚާނާ ބައްދަލުުރުމުގެ ފުރުޞަތަކަށް އެދި ސަރުކާރަށް ގޮވައިލުމަށް ޓަކައި ޖަލު ބޭރުގައި ފޭލިގެ ޖަހައިގެން ތިއްބައި ވަރަށް ހަރުކަށި ގޮތަކަށް އަނިޔާވެރިކަމާ އެކު ފުލުހުން ހާނީއްކަތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
[އަޅުގަނޑުމެން ޞުލްޙަވެރިކަމާ އެކު މުޒާހަރާކުރަމުން ދިޔައީ އޭނާގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވާތީއެވެ. އަޅުގަނޑުމެން އާންމު އެއްވެސް ޙަރަކާތަކަށް ހުރަހެއް ނާޅަމެވެ. ގާނޫނާ ޚިލާފު އެއްވެސް މުޢާމަލާތެއް ނުކުރަމެވެ. ނަމަވެސް ނަސޭހަތްދިނުމެއް، އިންޒާރުކުރުމެއް ނެތި މަގުމަތީގެ ހުރިހައި ބޮކިތަކެއް ނިއްވައިލީއެވެ. އެ މަންޒަރު ބަޔަކަށް ފެނުނަނުދިނުމަށް ޓަކައެވެ. ދެން ޕަންޖާބު ފުލުހުން ހަރުކަށިކަމާ އެކު އަޅުގަނޑުމެންނަށް ބޮޑެތި އަނިޔާތައްދިނީއެވެ.] ނޫރީން ނިޔާޒީ ބުނެފައިވެއެވެ.
[އުމުރުން 71 އަހަރުވީ އަޅުގަނޑުގެ އިސްތަށިގަނޑު އަތަށް އޮޅައިލައި މަގުމައްޗަށް ހޫރައިލީއެވެ. އިސްތަށިގަނޑުގައި ހިފައި މަގުމަތީގައި ދަމަމުން ދުރަށް ގެންދިޔައީއެވެ. (އެތެރެހައްޓަށް ލިބުނު އަނިޔާތައް ފިޔަވައި) ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރު ފުށުން ވެސް އެތައް ޒަޚަމުތަކެއް މިހިރީ ފެންނާށެވެ.] އޭނާ ބުންޏެވެ.
އަނެއްކޮޅުން ޕާކިސްތާނު ތަޙުރީކޭ އިންސާފުގެ މެންބަރުން ޖަލު ކައިރިއަށް އެއްވެ، ޢިމްރާނުޚާން ދޫކޮށްލުމަށް އަޑުއުފުލިއެވެ. މި ކަންތައްގަނޑެއް މި ހިނގީ ޢިމްރާނުޚާނުގެ ޢާއިލާގެ މީހަކަށް އޭނާއާ ޖަލުގައި ބައްދަލުވުން ސަރުކާރުން މަނާކޮށްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާނުޚާން، ޖަލުގައި އަވަހާރަކޮށްލައިފިކަމަށް ވިދާޅުވެ، ބަލޫޗިސްތާނުގެ ފޮރިން މިނިސްޓްރީއިން ބޮޑު ތުހުމަތެއްކުރެއްވިއެވެ. އެ ތުހުމަތުގައި ބުނެފައިވަނީ، ޕާކިސްތާނުގެ ސިއްރު ފުލުހުންނާ ގުޅިގެން، އަސްކަރީ ޗީފް އާސިމް މުނީރު ވަނީ ޢިމްރާނު ޚާން އަވަހާރަކޮށްލައިފައިކަމަށެވެ.
މި ރިޕޯޓްތަކާ ގުޅިގެން ރަސްމީކޮށް އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ޢިމްރާނު ޚާން އަވަހާރަކޮށްލިކަމަށް ބުނާ ވާހަކަތައް ޕާކިސްތާނުގެ މީސްމީޑިއާއާއި އަފުޣާނިސްތާނުގެ މާސްމީޑިއާގައި، ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.
ޢިމްރާނު ޚާން އަވަހާރަކޮށްލައިފައިވަނީ ރާވަލްޕިންޑީގެ އަޑިއާލާ ޖަލުގެ ތެރޭގައިކަމަށް ބުނާ ރިޕޯޓުތަކެއް ޕާކިސްތާނުގެ މީސްމީޑިއާ އާއި އަފްޣާނިސްތާނުގެ ބައެއް މާސްމީޑިއާގައި، ވަނީ ވިރަވެފައެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާނު ޚާން އަވަހާރަކޮށްލިކަމަށް ބުނެ ފެންމަތިވެފައިވާ ޚަބަރުތަކުގައި، އޭނާ، އަވަހާރަކޮށްލީ ޖަލުގައި ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހުކަމަށް ރިޕޯޓުތަކުގައި ހާމަކޮށްފައިވެއެވެ. މި ރިޕޯޓުތަކާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ޖަވާބެއް ސަރުކާރުގެ އިދާރާއަކުން އަދި މިހާތަނަށް ލިބިފައި ނުވެއެވެ.
މީގެ އިތުރަށް ޖަލުގެ ބޭރުގައި އެއްވެ ތިބި މީހުންގެ ތަސްވީރުތައް މީސްމީޑިއާގައި ވަރަށް ބޮޑަށް ވިރަވަމުންދާ އިރު، އިމްރާނު ޚާންގެ އުޚުތުންނަށް ނުވަތަ ޢާއިލާގެ އެއްވެސް މީހަކަށް ޖަލަށް ވަނުމުގެ ހުއްދައެއް މިހާތަނަށް ދީފައެއްނުވެއެވެ. މި ކަމުގެ ސަބަބުން އޭނާ އަވަހާރަކޮށްލައިފައިވާކަމުގެ ޝައްކުތައް ވަނީ އިތުރުވެފައެވެ.
އިމްރާން ޚާނާ، އެއްވެސް މީހަކަށް ބައްދަލު ނުކުރެވޭތާ މަސްތަކެއް ވެއްޖެއެވެ. ޕާކިސްތާން ތަޙުރީކޭ އިންސާފް ޕާޓީގެ ލީޑަރު، އިމްރާނު ޚާން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަދިއާލާ ޖަލުގައި ބަންދުކޮށްފައިވާ އިރު، އިސްލާމްއާބާދުން ވަނީ އޭނާއަށް ޒިޔާރަތްކުރުމަށް ހުރަސްއަޅައި އެ ކަން މަނާކޮށްފައެވެ. މި ކަންކަމަށް ބަލާ އިރު، ޢިމްރާނުޚާން އަވަހާރަކޮށްލައިފިކަމަށް ބުނާ ޚަބަރުތަކަށް ބުރަދަން އެބަ ލިބެއެވެ.