އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
26 ނޮވެންބަރު 2025
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ބައެއް އިމާމުން (ފޮޓޯ: އިސްލާމިކް ސްޓޫޑިއޯ)
ރާއްޖޭގެ އަތޮޅަކުން އިއްޔެ ރޭ ވެސް ރަށެއްގެ އިމާމަކު އަޅުގަނޑާ ގުޅުއްވިއެވެ. ނުގުޅޭތާ ގިނަ ދުވަސްވެގެން ހަމަ ޙާލު ބައްލަވައިއިލައްވާންކަމަށް ބުނުއްވިއެވެ. ރޭ 10:30 އެހާކަންހައި އިރު ވެސް މާލެއާ މާ ދުރުނޫން އަތޮޅެއްގެ އިމާމަކު ގުޅުއްވިއެވެ. އެއީ ވަރަށް ގާތް އަޚެކެވެ. އޭނާ ވެސް ގުޅުއްވީ ނުގުޅޭތާ ގިނަ ދުވަސް ވެގެން ހަމަ ޙާލު ބައްލަވައިއިލައްވާންކަމަށް ބުނުއްވަމުންނެވެ. ނަމަވެސް މި ދެ އިމާމުން ދެއްކެވި ވާހަކަތައް ތަޙުލީލުކޮށްލުމުން އެ ބޭކަލުން ހަމައެކަނި އެ ގުޅުއްވީ ޙާލު ބައްލަވައިއިލައްވާކަށް ނޫންކަން ދޭހަވިއެވެ. ދެ ބޭކަލުން ވެސް ބޮޑަށް އަލި އަޅުވައިލެއްވީ އިމާމުންގެ މުސާރަ ބޮޑުވުމާ އެކު، އެ މަގާމަށް އޮންނަ [ފިއްތުން] ބޮޑުވާނެކަން ވިސްނެވޭތީ އެ ވާހަކައެވެ. މި ވާހަކަ އަޅުގަނޑު ލިޔެލާ ހިތް ވީ މިހެންވެގެންނެވެ.
ރޭ ގުޅުއްވައިލެއްވި އަޅުގަނޑުގެ އެކުވެރި އިމާމު ރޭ ބުނުއްވިއެވެ. [އުސްތާޒެވެ. އަޅުގަނޑުމެންގެ މުސާރަ ބޮޑުވީ އަޅުގަނޑު ލަފާ ވެސް ނުކުރާ ހައި މިންވަރަށެވެ.]
[ހަގީގަތުގައި އަޅުގަނޑު އެކްސްޕެކްޓެއް ވެސް ނުކުރަން މިހައި ބޮޑަށް ބޮޑުވެދާނެކަމަކަށް.] އޭނާ ބުނުއްވިއެވެ. [މިހާރު ދެގުނަ ބޮޑުވީއްޔޭ އިނގޭތޯ؟]
އިތުރަށް ވާހަކަދައްކަވަމުން އޭނާ ބުނުއްވިއެވެ. [އަޅުގަނޑަށް 'އެތެރެއިން' މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިމާމުންނަށް މިހައި ވަރަށް މުސާރަ ބޮޑުވީމާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފިޔަވައި އެހެން އެއްވެސް ވަޒީރަކު ހިތްޕުޅު ވެސް ހަމައެއް ނުޖެހެއެވެ. ނަމަވެސް އޭނާ ބުނުއްވީ، ރައީސް ވިދާޅުވިކަމަށް އޭނާއަށް އެނގިލައްވައިފައި އޮތީ 'އިސްލާމް ދީނުގެ އެންމެ މުހިންމު ފަރުޟު އަދާކުރުމުގައި އިސްވެ ހުންނަ މުވައްޒަފަށް (އިމާމަށް) މުސާރަ ބޮޑުކުރެއްވުމުގައި އެ މަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނޭ'ކަމަށެވެ.
އިމާމު އިތުރަށް ބުނުއްވިއެވެ. [މިހާރު މަސްބާނާން ނުގޮސް ޝަރަފުވެރިކަމާ އެކު، މުސާރައިން ފުއްދޭނެއެވެ.] ނަމަވެސް ވަރަށް ގިނަ މީހުން މިހާރު އިމާމުކަމުގެ މަގާމަށް ކަޅިއަޅަމުންދާތީ، އެ މަގާމުގެ ގޮންޖެހުންތައް ވެސް އިތުރަށް ބޮޑުވާނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ބުންޏެވެ.
އިމާމު އިތުރަށް ބުނުއްވި އެންމެ މަޖާ ވާހަކައަކީ މި ވާހަކައެވެ. އަޅުގަނޑު ގާތު އޭނާ ބުނުއްވި ގޮތުގައި އަދުގެ ރައީސުލްޖުމުހޫރިއްޔާއަށް ދެވަނަ ދައުރެއް އަރުވާން އޭނާ ކުރީން ހުންނެވީ ވޯޓުނުދެއްވާ ގޮތަށެވެ. ނަމަވެސް މިހާރު ހުންނެވީ އެއާ އިދިކޮޅަށް ރައީސަށް ތާއިދުކުރައްވައިގެންކަމަށާއި ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތްކުރެއްވުމުގެ އިތުރަށް އެ ފުރުޞަތު ފަހިކޮށްދެއްވުން އެދި ނަމާދުތަކުގެ ފަހުގައި ދުޢާވެސްކުރައްވާނެކަމަށް ވެސް ބުނުއްވިއެވެ.
އެއީ ކީއްވެގެންތޯ ނަންގަތީމާ އޭނާ ބުނުއްވީ އިސްލާމް ދީނުގެ ކަންކަމަށް ރައީސް ޑރ. މުޙަންމަދު މުޢިއްޒު ދެއްވާ ސަމާލުކަމާއި ތާއީދާއި މަދަދު ލޮލަށް ފެނިލައްވައި ތަޖުރިބާކުރެއްވި ހިތުގެ އަޑީން ގަބޫލުކުރެއްވުނީތީއެވެ. އެއީ އިމާމުންގެ މުސާރަ ބޮޑުކުރީމާތޯ ސުވާލުކޮށްލުމުން ބުނުއްވިއެވެ. [އެއީ ވެސް އެއް ކަމެކެވެ. ނަމަވެސް ޤުރުއާން މުބާރާތަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށް ހައްދަވައިދެއްވުމާއި ޙާފިޒުންގެ ޢިނާޔަތް ދެގުނައަށް ބޮޑުކޮށްދެއްވުމާއި ޙާފިޡުންނާއި އިމާމުންނާއި ޚަޠީބުން ބިނާކުރައްވާން ކުރައްވާ މަސައްކަތްޕުޅުތަކަކީ ވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްޕުޅުތަކެކެވެ.] އަދި [ތަޢުލީމާއި ތަމްރީނާއި ތަޖުރިބާގެ ގޮތުން ކުރިއަށްދާން އިމާމުންނަށް ރާއްޖޭން ބޭރުންނާއި ރާއްޖޭން ހޯއްދަވައިދެއްވާ ގިނަ ފުރުޞަތުތައް ވެސް ފާހަގަކުރަމެވެ.] އޭނާ ބުނުއްވިއެވެ.
އަޅުގަނޑާ ވާހަކަދައްކަވައިލެއްވި ދެ އިމާމުން ވެސް އިއްޔެއާ ހަމައަށް ތިއްބެވީ ރައީސުލްޖުމުހޫރިއްޔާއާ މާ ގަޔާވެގެންނެއް ނޫނެވެ. ނަމަވެސް މިހާރު އެއީ ހިތާއި ރޫޙުން ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ގެންނެވުމަށް ޓަކައި މަސައްކަތްކުރައްވައި ދުޢާކޮށްދެއްވާނެ ދެ އިމާމުންނެވެ.
މިހިރީ އިންސާނަކަށް ލިބޭ ތަސައްލީއެއްގެ ސަބަބުން އޭނާގެ ޚިޔާލާއި ފިކުރުގައި [ހިލިގަންނަ] ޖަޒުބާތަކުން މުޅި މީހާގެ ވިސްނުމާއި ފިކުރަށް އަންނަ ބޮޑެތި ބަދަލުތަކެވެ. ވިސްނައިފި މީހަކަށް މި ކަމުގައި ވެސް ޢިބުރަތްތަކެއް ވާކަން ކަށަވަރެވެ.