ޑރ. ޢަބްދުލްޙައްނާނު ވަޙީދު
25 ނޮވެންބަރު 2025
ބާސެލޯ ނަސަންދުރައގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު
ކައުންޓަރ ޓެރަރިޒަމާ ބެހޭ ތަމްރީނުތަކެއް ރާއްޖޭގައި ހިންގި ވާހަކަ [ފަރަގު]ގެ އަހުލުވެރީން ވާނީ މި ނޫހުން ވިދާޅުވެފައެވެ. މިއީ ސުޢޫދީ ޢަރަބިއްޔާ ސަރުކާރާއި ދިވެހިރާއްޖެއާ އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެކެވެ. މި ދާއިރާގެ ޙަރަކާތްތައް ނިމުނީކީ ނޫނެވެ. އިއްޔެއަކީ މި ދާއިރާގެ ވަރަށް ޚާއްޞަ ދުވަހެކެވެ. އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ޢަސްކަރީ ދާއިރާގެ ދެ އިސްތިރާޖީ އިސްނެގުމެއްކަމުގައިވާ [ކޮމްޕިޓެންސް]އާއި [ސައިބަރ] މި ދެ ދާއިރާއިން ހިންގާ ޚާއްޞަ ޕްރޮގްރާމްތަކެއް އިއްޔެ (ނޮވެންބަރު 24 ވީ ހޯމަ ދުވަހު) ވަނީ މާލޭގައި އިފުތިތާޙުކޮށްފައެވެ. ބާސެލޯ ނަސަންދުރައިގެ ޖަލްސާކުރާ މާލަމުގައި އިއްޔެ 10:45ގައި އޮތް ޚާއްޞަ އިޙުތިފާލެއްގައި މި ދެ ޕްރޮގްރާމް އިފުތިތާޙުކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ-ޖެނެރަލް މުޙަންމަދު ބިން ސަޢީދު އަލްމުޣައިދީއާއި ގިނަ ޢަދަދެއްގެ މަދަނީ އަދި ޢަސްކަރީ އިސް ބޭފުޅުންނާއި، ޑިޕްލޮމޭޓުންގެ ޙާޒިރުގައެވެ. [ފަރަގު]ގެ ފަރާތުން ވެސް ތިން މީހަކު ހާޒިރުވެ ތިބީމުއެވެ. 
"ކޮމްޕިޓެންސް" ޕްރޮގްރާމް ފޯކަސްކުރަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ ޢަސްކަރީ މައިދާނުގެ ތައްޔާރީވުން އިތުރަށް ވަރުގަދަކުރުމަށް ޓަކައެވެ. މީގެ ތެރޭގައި ވަކީން ޚާއްޞަކޮށް، ކަނޑަށް އަޅައިފައި ހުންނަ މައިނުތަކާ މެދު ކަންތައް ކުރާނެގޮތް ހިމެނެއެވެ. މީގައި ހިމެނެނީ، ތިއަރީއާއި، ޢަމަލީ ގޮތުން އެ ކަންކަން ކުރާނެ ގޮތް ގުޅުވައިލައިގެން، ކަނޑަށް އަޅާ މައިނުތަކުގެ ވައްތަރުތަކާއި، އެ ފަދަ މައިނުތަކުގެ މެކޭނިޒަމާއި، މައިނު ނައްތައިލުމުމުގެ ރައްކާތެރި ގޮތްތައް އޮޅުންފިލުވައިދޭ ޚާއްޞަ ކޯސްތަކާއި، ޒަމާނީ އާލާތްތަކާއި، ކުރިއަރައިފައިވާ ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މައިނު ފާހަގަކޮށް ދެނެގަތުމާއި (ޑިޓެކްޝަން)، މައިނުތައް ނަގައި ތަން ސާފުކުރުމާއި (ކްލިއަރެންސް)، ކަނޑުއަޑީގެ މި ފަދަ އޮޕަރޭޝަންތަކާ ބެހޭ ފުޅާ ދާއިރާއެއްގެ ޢަމަލީ ތަމްރީނެވެ.
"ސައިބަރ" ޕްރޮގްރާމްގެ މަޤްޞަދަކީ، ސުމޭކީ ޙިމާޔަތާއި، ނުރައްކާތައް ދެނެގަތުމާއި (ތުރެޓް ޑިޓެކްޝަން)، ސައިބަރ ޙަމަލާއާއި، ރެންޕޮންސް މެނޭޖްކުރުމާ ބެހޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން ދިވެހިރާއްޖޭގައި ވަރުގަދަ ސައިބަރު ނިޒާމުތަކެއް ޤާއިމްކޮށް، ޤައުމީ ބިނާރު ރައްކާތެރިކަން ހަރުދަނާކުރުމެވެ.
މި ދެ ޕްރޮގްރާމު އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، އައިއެމްސީޓީސީއާއި ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާއިން ވަނީ ގުޅިގެން ތަމްރީނުދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. މި ލިޔުމުގައި ހިމެނެނީ، ޢަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތައް ދިނުމަށާއި، ތަޖްރިބާތައް ޙިއްޞާކުރުމަށާއި، ނުރައްކާތަކާ ކުރިމަތިލެވޭ ވަރުގެ ގުޅިފައިވާ ޤާބިލިއްޔަތުތައް އުފައްދުމަށް ޓަކައި އިސްތިރާޖީ އޮނިގަނޑެކެވެ.

އިފްތިތާޙީ ޙަފުލާގައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިޔާގެ ދިފާޢީ ވަޒީރާއި އައިއެމްސީޓީސީގެ ދިފާޢީ ވަޒީރުންގެ ކައުންސިލްގެ ޗެއަރމަން ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލް ޢަޒީޒު ދެއްވާ އެހީތެރިކަމާއި، މި ކަމަށް އަމިއްލަފުޅަށް ދެއްވާ ސަމާލުކަން ފާހަގަކުރެއްވިއެވެ. އައިއެމްސީޓީސީ ހިންގާ ގޮތާއި، މެންބަރު ޤައުމުތަކުގެ ޤާބިލިއްޔަތަށް ބިނާކޮށް، އުފެދެމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމާ ކުރިމަތިލުމުގައި، ޕްރިންސް ޚާލިދު ދެއްވާ އިރުޝާދާއި، އިސްތިރާޖީ ތަޞައްވުރު އިސް ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.
މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލް މުޣައިދީ ދެއްކެވި ވާހަކަފުޅުގައި، މި ދެ ޕްރޮގްރާމް އިފުތިތާޙުކުރުމުގެ ސަބަބުން، މެންބަރު ޤައުމުތަކުގައި ޤައުމީ ޤާބިލިއްޔަތު އުފައްދުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކޮށްދީ، ފިކުރިއްޔާތާއި މުވާޞަލާތާއި ކައުންޓަރ ޓެރަރިޒަމާއި މާލިއްޔަތާއި ޢަސްކަރިއްޔާ ފަދަ ކައުންޓަރ ޓެރަރިޒަމްގެ ބަހާތަކަށް އެހީތެރިވުމުގައި އައިއެމްސީޓީސީގެ ތަޞައްވުރު އަންގައިދޭކަން ފާހަގަކުރައްވައި، އެ މުއައްސަސާއާއި، ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ އެއްބައިވަންތަކަމާއި އެއްބާރުލުމަށް ތަޢުރީފުކުރެއްވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ސަލާމަތް ރައްކާތެރިކޮށްދެވޭނެ ފަދަ ގުޅިގެން މަސައްކަތްކުރާނެ ވަރުގަދަ ސައިބަރ ނިޒާމުތަކުގެ އިތުރަށް ޒަމާނީ ރައްކާތެރިކަމުގެ މާޙައުލުތަކަށް، ކުރިއަރާފައިވާ 'އޮޕަރޭޝަނަލް ރެޑިނަސް' (ނުވަތަ ހިންގުމުގެ ތައްޔާރީވުން) ބޭނުންވެއެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ބާރުއަޅުއްވައި ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއާއި އެ ޖަމާޢަތާ ދެމެދު އުފެދިފައިވާ މި އެއްބަރުލުމުން ދައްކުވައިދެނީ، ޓެރަރިޒަމާއި، ހުރިހާ ވައްތަރެއްގެ ޙައްދުފަހަނައެޅުމާ ކުރިމަތިލުމުގައި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަމެވެ. އެއާ އެކު، އޭނާ ފާހަގަކުރެއްވި ގޮތުގައި، ނިރުބަވެރިކަމަކީ ސަރަޙައްދީ އިމެއް ދަނެގަންނަ އެއްޗެއް ނޫންކަމާއި، އެންމެންނަށް އަމާޒުކުރާކަމާއި، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުޖްތަމަޢުތަކުގެ އިސްތިޤްރާރަށް ނުރައްކާކުރާކަމެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް އައިއެމްސީޓީސީއިން ވެދެމުން އަންނަ އެހީތެރިކަމަށް ތަޢުރީފުކުރެއްވައި، މިއަދު އިފުތިތާޙުކުރި ދެ ޕްރޮގްރާމުން ޢަސްކަރީ އަދި ސުމޭކީ ޤާބިލިއްޔަތު ކުރިއެރުވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ހިމެނިފައިވާކަމަށާއި، އައިއެމްސީޓީސީއާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ސަބަބުން، ޤައުމީ ޤާބިލިއްޔަތު މި ދާއިރާއިން ވަރުގަދަކުރުމަށާއި، ސަލާމަތާއި، އިސްތިޤްރާރުކަން ޙިމާޔަތްކުރުމުގައި ދައުލަތުގެ ޤާބިލިއްޔަތު ވަރުގަދަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެކަން ވަކިން ބޮޑަށް ބާރުއަޅުއްވައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ނިމުނީ، "ކޮމްޕިޓެންސް" އަދި "ސައިބަރ" މި ދެ ޕްރޮގްރާމް އިފުތިތާޙުކުރުމަކީ، އައިއެމްސީޓީސީއާއި، ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ރާސްތާގައި މުހިންމު ހިސާބަކަށް ދެވިއްޖެކަން އަންގައިދޭ ކަމެއްކަމަށާއި، މި ކަމުގެ ސަބަބުން، ތަމްރީނުދިނުމާއި، ތަރައްޤީކުރުމާއި، ޤާބިލުކަން އުފެއްދުމުގައި ގުޅިގެންކުރާ މަސައްކަތުގެ އާ މަރުޙަލާއަކަށް މަގުފަހިކޮށްދޭކަމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރަޙައްދީ ސަލާމަތަށް މަގުފަހިކޮށްދޭކަމާއި، ޓެރަރިޒަމާއި، ހުރިހައި ވައްތަރެއްގެ ޙައްދުފަހަނައެޅުމާ ކުރިމަތިލުމުގައި ޤައުމީ ތައްޔާރީވުން ހަރުދަނާކޮށްދޭކަން އަލުން ކަށަވަރުކޮށްދެމުންނެވެ.
ފާހަގަކޮށްލުން މުހިންމު އެއް ކަމަކީ، މި އިސްތިރާޖީ ޕްރޮގްރާމްތަކަކީ، ޢަސްކަރީ ތައްޔާރުވުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށްދޭ ރަނގަޅު ފެންވަރުގެ ކުރިއަރައިފައިވާ ޕްރޮގްރާމްތަކުގެ ޒަރީޢާއިން މެންބަރު ޤައުމުތަކަށް އެހީތެރިވެދީ އެ ޤައުމުތަކުގެ ޤައުމީ ޤާބިލިއްޔަތު އިތުރުކުމަށާއި، އަލަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށް އައިއެމްސީޓީސީއިން ކުރާ މަސައްކަތުގެ ބައެއްކަމެވެ. މި ފިޔަވަޅުތަކުގެ ޒަރީޢާއިން، މެންބަރު ޤައުމުތަކުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި، ސަރަޙައްދީ އިސްތިޤްރާރުވުމަށް އެހީތެރިވެދިނުމަށާއި، ކުރިޔަށް ވުރެ ކާމިޔާބުކަމާ އެކު ޓެރަރިޒަމާއި، ޙައްދުފަހަނައަޅައިދިއުމާ ކުރިމަތިލެވޭ ފަދަ ގުޅިފައިވާ އޮނިގަނޑަކާއިގެން ކުރިޔަށް ދިޔުމަށް އެ ޖަމާޢަތުން ޢަޒުމްކަނޑައަޅައިފައިވާކަން އައިއެމްސީޓީސީ އިން ކަށަވަރުކޮށްދެއެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވާން އެދި ފަރަގު މީޑިއަށް ލިބުނު ޚާއްޞަ ދަޢުވަތަކަށް އިޖާބަދިނުމުގެ ގޮތުން [ފަރަގު]ގެ ފަރާތުން ތިން ބޭފުޅަކު ބައިވެރިވެވަޑައިގަތްކަން ވެސް ފާހަގަކޮށްލެވެއެވެ.
ބައެއް ލަފުޒުގެ މާނަ:
ނިރުބަވެރިކަން ނއނ. (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު. (2) އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން. terrorism
ކަމާކެމި ނ. ކަމެއްގައި އެކުލެވިގެންވާ ހުރިހައި ކަމެއް. programme
ޒަރީޢާ ނ. މެދުވެރިވާ އެތި ނުވަތަ ވަސީލަތް. medium