އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ނޮވެންބަރު 2025
2025 ނޮވެންބަރު 23ގައި އިސްރާއީލުން ބައިރޫގެ ދެކުނު ސަރަހައްދަށް ދިން ޢުދުވާނީ ޙަމަލާތަކުގައި ލިބުނު ގެއްލުންތަކަށް ފަހު އެ ތަނަށް މީހުން އެއްވެފައި. (ފޮޓޯ: އިބްރާހީމް އަމްރު - އޭއެފްޕީ)
އިސްރާއީލުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިނުގަންނަހައި ހިނދަކު، އެހެން ބަޔަކު ބާރުގަދަވުމަކީ އެ ބަޔަކަށް ޙަމަލާދޭން އިސްރާއީލަށް އޮތް ބަހަނާއެއްހެއްޔެވެ؟ އިއްޔެ ލުބުނާނުގެ ރަށްފުށުގެ ހިސާބުތަކަށާއި އެތަންމިތަނަށް ވައިގެ ބާރުގަދަ ޙަމަލާތަކެއްދީ އެތައް ބަޔަކު މަރައިލުމަށް ފަހު، އިސްރާއީލުން ބުނީ ކީކޭކަމަށްތޯއެވެ! އެ މީހުން ބުނީ އިއްޔެ ލުބުނާނަށް ޙަމަލާދިނީ ޙިޒުބުﷲގެ ޗީފު އޮފް ސްޓާފު ޙައިޘަމް ޠަބަތާބައީ އަވަހާރަކޮށްލުމަށް ޓަކައިކަމަށެވެ. އެއީ ޙިޒުބުﷲގެ އަސްކަރީ ގާބިލިއްޔަތު އަލުން އަނބުރައި އިޢާދަކުރުމަށް ޓަކައި ޙައިޘަމްގެ ޤިޔާދަތުގެ ދަށުގައި މަސައްކަތްކުރާތީއެވެ. ނަމަވެސް ލުބުނާނުގެ ސަރުކާރުން އެ ކަން ދޮގުވެސްކުރެއެވެ. އެއީ ތެދެއްކަމަށް ވިޔަސް މިނިވަން ސިޔާދަތީ ޤައުމަކަށް ޙަމަލާދިނުމުގެ ހައްގު އިސްރާއީލަށް ދިނީ ކާކުހެއްޔެވެ؟
އިސްރާއީލަކީ ހަމައެއްލަމައެއް ގަބޫލުކުރާ އަދި ލަދެއްހަޔާތެއް ހުންނަ ކިޔާނެއް ނޫންކަން ހަމަ އެކަނި މި ވާހަކައިން ވެސް ސާބިތުވެއެވެ. އިސްރާއީލުގެ އަސްކަރީ ބާރު ގަދަކުރާން އެ މީހުން މަސައްކަތްކުރާ އިރު އެހެން ބަޔަކު އެ ކަން ކުރުން މައްސަލައަކަށްވަނީ ކީއްވެހެއްޔެވެ؟
އިސްރާއީލުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި މި ދިޔަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި ވެސް ޙައިޘަމް އަވަހާރަކޮށްލާން ދެ ފަހަރަކު އިސްރާއީލުން މަސައްކަތްކޮށްފައިވެއެވެ. މިއީ އެ ކަންކުރާން އިސްރާއީލުން މަސައްކަތްކުރި ތިންވަނަ ފަހަރެވެ.
މި ޙަމަލާގައި ޙައިޘަން ޝަހީދުވީކަމެއް ނުވަތަ ޒަޚަމުވީކަމެއް މި މަގާލު ޝާއިޢުކުރުމާ ހަމައަށް ޙިޒުބުﷲއިން ނުވަތަ އެހެން މަރުޖާއަކުން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ސަރަހައްދީ އިމާ ކައިރި ހިސާބުގައި މީހުން ދިރިއުޅޭ ޢިމާރާތްތަކަށް އާދީއްތަވިލޭރޭ ޙަމަލާދީ އެތައް ބަޔަކު މަރައިލުމަށް ފަހު އިސްރާއީލުން ބުނީ ދާހިޔާގައި ޙިޒުބުﷲއިން ޙަރަކާތްތެރިވާ ހިސާބުގަނޑަކަށް އެ މީހުން ޙަމަލާދީފިންކަމަށެވެ.
މިއީ މީގެ އަހަރެއްހައި ދުވަހުގެ ކުރީން ލުބުނާނާ އެކު، ވެފައިވާ ސުލްހައިގެ އެއްބަސްވުމާ އިސްރާއީލާ އެންމެ ފަހުން ޚިލާފުވި ފަހަރުކަމަށް ވިޔަސް މީގެ ކުރީން ވެސް އިސްރާއީލުން ވަނީ އެތައް ފަހަރަކު ލުބުނާނަށް ޙަމަލާދީފައެވެ.
އިސްރާއީލުން ބުނަނީ ބައިރޫތަށް ޙަމަލާދޭން އިސްރާއީލުގެ ޝައިޠާނީ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އަމުރުކުރީ ޙިޒުބުﷲގެ ޗީފް އޮފް ސްޓާފު އަވަހާރަކޮށްލުމަށް ޓަކައިކަމަށެވެ.
ހަމަ މި ގޮތަށް ބައިރޫތަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ވަނީ ޙިޒުބުﷲގެ އެންމެ ގިނަ ދުވަސްވީ ޤާޢިދު ޙަސަން ނަޞްރުﷲ މީގެ އަހަރެއްހައި ދުވަސް ކުރީން އަވަހާރަކޮށްލައިފައެވެ.
އިސްރާއީލާއި އެމެރިކާއިން ލުބުނާނަށް އަބަދުވެސް ފިއްތުންތައް ކުރިމަތިކުރަމުންދަނީ ޙިޒުބުﷲގައި ހުރި ހުރިހައި ހަތިޔާރެއް އަތުލައިދިނުމަށެވެ.
ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ ޙިޒުބުﷲގައި ހުރި ހުރިހައި ހަތިޔާރެއް މި އަހަރުގެ ނިޔަލަށް ނައްތައިލުމުގެ ތަދުބީރެއް ރާވައިފައެވެ. އަދި އެ ތަދުބީރަށް ލުބުނާނު ސަރުކާރުން މި ދިޔަ ސެޕްޓެންބަރު މަހު ވަނީ ވަނީ ރުހުން ވެސް ދީފައެވެ.
ނަމަވެސް އިސްރާއީލުން ލުބުނާނަށް ބޮންއަޅަމުންގެންދާތީއާއި ދެކުނުގެ ސަރަހައްދުތައް އިސްރާއީލުން ފޭރިގެންފައިވާތީ، ޙިޒުބުﷲއިން ވަނީ ހަތިޔާރު ބެހެއްޓުމާ ދެކޮޅު ހަދައިފައެވެ.
އާދޭހެވެ! ރޭ ދިން ޙަމަލާ ވެސް އަމާޒުކޮށްފައިވަނީ ބައިރޫތުގެ ރަށްބޭރު ހިސާބުގައި މީހުން ދިރިއުޅޭ އެޕާޓުމެންޓުތަކަށްކަމަށް ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީއިން ޚަބަރުދީފައިވެއެވެ. އެ ޙަމަލާގައި އެތައް ޢިމާރާތަކަށާއި އެތައް ވެހިކަލުތަކަށާއި މުޅި އެ ސަރަހައްދުގެ ބިނާރަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބަޔަކު މަރުވެސްވެފައިވެއެވެ.
އަލްއަރީދު މަގުގައި ހުރި ޢިމާރާތަކަށް ދެ މިސައިލެއް އަމާޒުވެ އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކު ޒަޚަމުމާ ގުޅިގެން ވަގުތުން އެންބިޔުލާންސްގައި މީހުން ހޮސްޕިޓާލުތަކަށް ގެންދިޔަ މަންޒަރު ވެސް ރިޕޯޓަރުންނަށް ފެނިފައިވެއެވެ.
މީސްމީޑިއާގައި ވިރަވެފައިވާ ވީޑީއޯތަކަށް ބަލާއިރު ވެސް ވަރަށް ބޯ ދުންތައް އެ ސަރަޖައްދުން ފެނެއެވެ. އަދި އެ ޙަމަލާ ދިނީ އެ ސަރަހައްދުގައި އެތައް ބަޔަކު ތިއްބައި ކުރިން އެއްވެސް އިންޒާރަކާ ނުލައެވެ.
އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ޒައިނާ ޚުޟުރު ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ކުރީން އިސްރާއީލުން ޙަމަލާދޭ އިރު ވަގުތު ކުޑަތަންކޮށްފައި ނަމަވެސް އެ ސަރަހައްދުން މީހުން ހުސްކުރާން އަންގައެވެ. ނަމަވެސް އާދީއްތަ ވިލޭރޭ ޙަމަލާދިން އިރު އެއްވެސް އިޝާރާތެއް ނުކުރުމުން ދޭހަވަނީ ވަރަށް މަތީ ދަރަޖައިގެ އަގުބޮޑު އަމާޒަކަށް އެ މީހުން ޙަމަލާދިންކަމެވެ. އެއީ އިސްރާއީލުން ވެސް އެއްބަސްވެފައިވާ ގޮތަށް ޙިޒުބުﷲގެ ޗީފު އޮފް ސްޓާފު ޙައިޘަމް އަވަހާރަކޮށްލުމެވެ.
އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނި ގޮތުގައި އިސްރާއީލުގެ މަގުސަދު ހާސިލުވިކަމެއް ނުނަތަ ނޫންކަމެއް އަދިއެއް ނޭނގެއެވެ. އޭނާ އަވަހާރަވެއްޖެ ނަމަ އެ ވާނީ އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ގެއްލުންތަކާ ކުރިމަތިވެފައިވާ ޙިޒުބުﷲއަށް ކުރިމަތިވާނޭ ވަރަށް ބޮޑު ދެރައަކަށެވެ. [އެއީ ސަލާމަތީ ގޮތުން އެ މީހުންނަށް ކުރިމަތިވާނޭ ވަރަށް ބޮޑު ގެއްލުމެއް.] އޭނާ ބުންޏެވެ.
ލުބުނާނުގެ ބަރުލަމާނުގެ ޙިޒުބުﷲއަށް ނިސްބަތްވާ މެންބަރަކު ވިދާޅުވި ގޮތުގައި އެމެރިކާ މެދުވެރިވެގެން މީގެ އަހަރެއްހައި ދުވަސް ކުރީން ވެވިފައިވާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން އެކުލަވައިލި ފަހުން އިސްރާއީލުން އެ ގެންދަނީ މެދުކެނޑުމެއްނެތި އެކި ފަހަރު މަތީން ލުބުނާނަށް ޙަމަލާދެމުންނެވެ.
[ލުބުނާނަށް ދޭ ކޮންމެ ޙަމަލާއަކުން އެ މީހުން އެ ހުރަސްކުރަނީ ރަތް ރޮނގެވެ. މި ކިޔާނުގެ ކަށީގައި ހިފައިފައިވާ މި އަނިޔާވެރިކަން މި އަމާޒުކުރަނީ ލުބުނާނުގެ ޝަރަފާއި ސިޔާދަތާއި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.] އޭނާ ވިދާޅުވިއެވެ.
އޯލްޓަނޭޓިވް ޕޮލިސީ އިންސްޓިޓިޔުޓުގެ ނޮން ރެސިޑެންޓް ފެލޯއެއްކަމަށްވާ ޝުހައިބު ޖައުހަރު ވިދާޅުވެފައިވެއެވެ. [އަހަރެން ގަބޫލުކުރާ ގޮތުގައި ހައިޘަމް ގެންދަވަނީ ޙިޒުބުﷲ އަލުން އިންތިޒާމުކުރައްވަމުންނެވެ. އަދި ބައިރޫތުގެ ދެކުނު ފަރާތަށް ދިން ޙަމަލާއަކީ މި ފަދަ ޙަމަލާތައް ފުޅާކުރަމުން ގެންދާ ގެންދިއުން ހުއްޓުމަށް ލުބުނާނުގެ ދައުލަތަށް އެއްވެސް ކަށަވަރުކަމެއް ނެތްކަމުގެ ނިޝާނެކެވެ.]
[ލުބުނާނުން [އިސްރާއީލަށް] ހުރިހައި އެއްޗެއް ވެސް ދީފިއެވެ. ލިތާނީ ކޯރުގެ ދެކުނު ސަރަހައްދު ހަތިޔާރުން ހުސްވެފައިވާ ތަނަކަށް ހަދައިދީފިއެވެ. އަދި ސީދާ ވާހަކަދެއްކުމަށް ލުބުނާނުން ތައްޔާރަށް އޮތްކަމަށް ވެސް ވަނީ އަންގައިފައެވެ. މީގެ ދެ ދުވަސްކުރީން މި ކަމަށް އިސްނެގީ ވެސް ލުބުނާނުންނެވެ.]
ހަގީގަތުގައި އިސްރާއީލުން މި ދޭ ހަމަލާތަކުގެ ނިހާއީ އަމާޒަކީ އިސްރާޢީލުގެ ސަރަހައްދު ފުޅާކުރުމުގެ ގޮތުން ފަލަސްތީނާއި ލުބުނާނުގެ ބައެއް އަތުލާން ކުރާ މަސައްކަތަށް އެއްވެސް ހިޔަންޏެއް އެޅިދާނޭ ހުރިހައި ބާރެއް ކަނޑުވައިލުމެވެ.
ފަލަސްތީނުގައި ހަމާސްގެ ފިޔަ ކޮށައިލުމަށް ފަހު، ފިޔަ ދިގު ނުވަނީސް ޙިޒުބުﷲ އެކީއެކަށް ގިއްގަޅުވައިލެވިއްޖެ ނަމަ، އިސްރާއީލުން ބިން ފޭރޭން ކުރާ މަސައްކަތަށް އެޅޭނޭ އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެމެރިކާގެ މަދަދާ އެކު، އިސްރާއީލުން ކުރަމުން ގެންދާ މަސައްކަތުގައި މެދުއިރުމަތީގެ ބޮޑެތި ބާރުތަކުން (ނަން ނުކިޔަސް) އިސްރާއީލަށް އެހީތެރިކަން ދޭނެއެވެ. ހީވަނީ އިސްރާއީލުން އަމިއްލައަށް ގަބޫލުކޮށްގެން އުޅޭ ފަދައިން އެއީ އެންމެންނަށް ވުރެވެސް މަތީގައިވާ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބާން ވެސް ނުޖެހޭ ކިޔާނެއްކަމަށް ޢަރަބި ބޮޑެތި ގައުމުތަކުން ވެސް މިހާރު ގަބޫލުކޮށް އިސްރާއީލަށް އަޅުވެތިވެގެން އުޅޭހެންނެވެ.
ބައެއް ލަފުޒުގެ މާނަ
ނިހާއީ ނއ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. wentity
ވިރަވުން މ. ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. viral
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. authoritative source
މަދަދު ނ. (1) އެހީ. (2) ކަމަކަށްދޭ ވާގި. (3) ކަމަކަށް އަޅާ ބާރު. (4) އަޅައިލާ އަޅައިލުން.
މީސްމީޑިއާ ނ. ގިނަ ބަޠެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. Social Media
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. (written) article
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. plan
ސިޔާދަތު ނ. ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން.