ad_banner
ފޯނުގެ ރަނގަބީލު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

23 ނޮވެންބަރު 2025

ޚިޔާލު ތަފާތުވެ، ދެ ބަސްވެ، ދުވަސްތަކެއް ވަންދެން، ވާހަކަނުދައްކައި ތިބީމެވެ. ދެން، އެއް ރޭ، އެންމެން ނިދައި ދުނިޔޭގެ މައްޗަށް ހަމަހިމޭންކަން ވެރިވެފައިވަނިކޮށް، ހަމަ ކުއްލިއަކަށް އަހަރެންގެ ފޯނުގެ ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލި އިރު ފޯނުކުރަނީ އަހަރެންގެ ލޯބިވެރިއާއެވެ. އަހަރެންގެ ހިތް ގެންދިޔަ އަހަރެންގެ ދިލްރުބާއެވެ!

އަހަރެން ހިތާހިތާ ސުވާލުކުރީމެވެ. އަހަރެން ކަންތައް ކުރާންވީ ކިހިނެއްހެއްޔެވެ؟ ފޯނަށް ޖަވާބުދޭނީހެއްޔެވެ؟ ޖަވާބުދީފައި ސަލާންގޮވައިލުމަށް ފަހު، އޭނާ ގާތު ޝަކުވާކުރާނީހެއްޔެވެ؟ ނޫނީ ރަނގަބީލުވާން ދޫކޮށްލައިފައި ނިދާނީހެއްޔެވެ؟

އަހަރެންގެ ހިތް ބުނަނީ މިހެންނެވެ. ފޯނަށް ޖަވާބުދޭށެވެ! އަދި، އޭނާގެ ގޮތްދޫނުކުރުމުގެ މަތީންނާއި އޭނާއަށް އަހަރެން ފޮނުވި މެސެޖުތަކާއި އެއާ އަޅައިނުލިކަން ވެސް، ހަނދާންނައްތައިލައިފައި ލޯބީން އޭނައާ ވާހަކަދައްކައިލާށެވެ! އަހަރެންގެ ވެސް ގޮތް ދޫނުކުރުން އެއްކިބާކޮށްފައި، އަހަރެންގެ ދެ އަތް ހުޅުވައިލައިފައި [އަހަރެންގެ ހިތަށް އަނިޔާދޭ ޒާލިމާއޭ އަހަރެން ކައިރިއަށް އަންނާށޭ] މިހެން ބުނެ އޭނައަށް މަރުހަބާކިޔާށެވެ! އަދި، އެއަށް ފަހު، އަނެއްކާ ވެސް އަހަރުމެންގެ ލޯބީގެ ވާހަކަ ފެށުނު ގޮތުގެ ވާހަކަ ކިޔައި އާ ފެށުމަކުން ލޯބި ފަށައި ކުރިއަށް ގެންދާށެވެ!!

ނަމަވެސް، އަހަރެންގެ ގޮތް ދޫނުކުރާ ސިކުނޑި ބުނަނީ އަޅައިނުލުމަށެވެ. ފޯނުނުނެގުމަށެވެ. އޭނާގެ ގޮތް ދޫނުކުރުމާއި، ލޯބީން އެއްޗެއް ބުނާ އިރު ވެސް، އޭނާގެ ވާހަކަދެއްކުމުގައި ހަރުކަށިކަމެއް ހުންނަކަމާއި، އާތިފީ ޝުއޫރުތައް އޭގެ ގޮތުގައި ފާޅުނުކުރެވޭކަން ހަނދާންކުރުމަށެވެ. މި ހުރިހައި ބަހަނާއަކީ ވެސް، އަހަރެންގެ ވެސް ހުންނަ ގޮތް ދޫނުކުރުމުގެ ސިފަ ފެނިގެންދާ ކަމެއްކަން އަހަރެން ގާތު އަހަރެންގެ ހިތް ބުންޏެވެ.

އަދިވެސް ހިތް ބުންޏެވެ. ލޯބީގެ މައިދާނުގައި ގޮތް ދޫނުކުރުމަކީ އޮވެގެންވާނޭ ކަމެއްނޫނެވެ. ލޯބީގެ މައިދާނުގައި، ލޯބީގެ ގޮވުމަށް، އަޑުއަހާން ޖެހޭނީ ހިތް ބުނާ ވާހަކައެވެ. ސިކުނޑި ދައްކާ ބަހަނާތަކެއް ނޫނެވެ. އެހެންވެ، ލޯބީގެ މައިދާނުގައި ސިކުނޑި ބުނާނީ ގޮތް ދޫނުކޮށް ޅެންވެރިޔާ ބުނާހެން މިހެން ބުނުމަށެވެ:

[ހިތުގެ މޮޔަކަން އެއީ ތިޔަ މެހެފިލަށް ގޮސް ނޭނގި ވަދެވުނުކަން

     ބިމުގެ ހިރަފުސް ކަމަށްވާ އިރު، އުޑާ ހަމައަށް މި ހިތް ދިޔަކަން.]

ނަމަވެސް މީގެ ޖަވާބުގައި ހިތުގެ ވާހަކަތައް ޅެންވެރިޔާ ބުނަނީ މިހެންނެވެ.

[ވާހިޔާތެއްމެތޯ ނާ އެ ފެންނަ ނޫރަކީ

      އާހުގައި އެ ފިޔަ ޖަހާ ތަރިތަކެއްގެ  އަސްލަކީ

ގުޅި ކަނޑާ ކޯރު މިލްޖުލްވަމުން އެ ދާ ގޮތުން

      ގުޅުވަމުން ހިތާއި ހިތް ދާ އެ  ފުން  ޣަރާމަކީ

ހިތްތަކަށް ފޮނި ނުހަނު ލައްޒަތާ އުފާ ދެމުން

      ހިތް އެއިން ކަތިލަމުން ޒަޚަމްކުރާ އެ ޢިޝްގަކީ]

ޝައްކެއްކެތް ނެތް ގޮތުގައި ޅެންވެރިޔާ އެ ބުނަނީ ތެދު ހަގީގަތެކެވެ. އުޑުމަތީ ފިޔަޖަހާ ތަރިތަކުން ފެންނަ އަލި ނޫރަކީ ހަމަ ހަގީގަތެކެވެ. ވާހިޔާތެއް، ޚިޔާލެއް، ނޫނެވެ. އެހެންވެ، ހިތާއި ހިތް ގުޅުވާ އެ ގުޅުވުމަކީ، އެއަށް ކޮންމެ ނަމެއް ކީކަމުގައި ވިޔަސް، ވާހިޔާތެއް ނޫނެވެ. ހަގީގަތެކެވެ. އެހެން ކަމަށްވާ އިރު، ސިކުނޑިގެ ވާހަކަތައް އަޑުނާހައި ހިތް ގޮވާ ގޮވުމަށް އިޖާބަދީ ނަފްސު ދީލައިލާން ޖެހެއެވެ.

ދެން، މަޑުމަޑުން ހުރެ، ފޯނަށް އޭނާ ޖަވާބުދިނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޚިޔާލު      ނ.    (1) ވިސްނުން. (2) ފިކުރު. (3) ކުރާ ބުއްދި.

އިޖާބަދިނުން  މ.    (1) ކަމަކާ ގުޅިގެން ފިޔަވަޅުއެޅުން. (2) ސުވާލެއްކުރީމާ ޖަވާބުދިނުން. (3) ކަމަކަށް އެދުނީމާ އެ ކަމެއް ކޮށްދިނުން. (4) ދަޢުވަތު ގަބޫލުކުރުން.

ވާހިޔާތު     ނ.    އަސްލެއްނެތް، ބޭނުމެއްނެތް، ތާކުންތާކުނުޖެހޭ ވިޔާނުދާ، ވާހަކަތަކާއި ޚިޔާލުތައް.

ކޮމެންޓު
ކޮމެންޓުތައް
ސުނާނާ
23 ނޮވެންބަރު 2025 05:53
މިއީ ވަރަށް ޢިބްރަތްތެރި މެސެޖެއް ލިބުނު ވާހަކައެއް