އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
22 ނޮވެންބަރު 2025
މަމްދާނީ (ވ) އާއި ޓުރަންޕު (ކ) މި ދިޔަ ހުކުރުދުވަހު ވައިޓު ހައުސްގައި ބައްދަލުކުރަނީ (ފޮޓޯ: އަލްޖަޒީރާ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕަކީ ވަރަށް ތަފާތު ޝަޚުޞިއްޔަތެކެވެ. އެއް ދުވަހު ނިންމާ ކަމެއް އަނެއް ދުވަހު އަނެއް ގޮތަކަށް ނިންމުމަކީ އޭނާއަށް ދަތި ކަމެއް ނޫނެވެ. ހަގީގީ ސިޔާސީ މީހުންގެ ގޮތަކީ މިއީ ތޯއްޗެކެވެ! ރާއްޖޭގައި ވެސް އެއް ޕާޓީއިން، އެއާ ދިމާ އިދިކޮޅު ފިކުރުގެ، އަނެއް ޕާޓީއަށް ގޮސް އެ ޕާޓީއަށް ސޮއިކޮށްލުމަށް ފަހު، ކުރީން ދެއްކި ވާހަކައާ އިދިކޮޅު ވާހަކަދައްކާން ކެރުމަކީ ސިޔާސީ މީހުންގެ ސިފައެއްކަމަށް މީހުން ގަބޫލުކުރެއެވެ. އެއީ ސިޔާސީ މީހުންގެ ހުންނާން ޖެހޭނެސިފައެއްކަމަށްވާ ނަމަ، ޓުރަންޕަކީ ވެސް ފައްކާ ސިޔާސީއެކެވެ.
ހަނދުމަފުޅު ހުންނާނޭ ފަދައިން އެމެރިކާގެ މުސްލިމު ސިޔާސީއެއްކަމަށްވާ ޒަހުރާން މަމްދާނީ އެމެރިކާގެ ނިއުޔޯކު ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވައި ކެންޕޭނުކުރައްވާން ފެއްޓެވި ހިސާބުން ފެށިގެން މަމްދާނީއާ ދިމާއަށް ޓުރަންޕު ނުގޮވާ އެއްޗެއް ނެތެވެ. އެއީ މުޖާހިދެކޭ (ޖިހާދިސްޓެކޭ) ގޮވިއެވެ. އެމެރިކާގެ ރައްޔިތުކަން ދޫކޮށްލާން ގޮވިއެވެ. އަދި ރައްޔިތުކަން ނިގުޅައިގަންނާނެކަމަށް އިންޒާރުކުރިއެވެ.
ނަމަވެސް މި ދިޔަ ހުކުރު ދުވަހުން ފެށިގެން ޓުރަންޕުގެ އަނގައިން ނުކުންނަނީ ޒަހުރާން މަމްދާނީއަށް ތަޢުރީފުގެ ބަސްތަކެވެ.
މާޒީގައި އެކަކު އަނެކަކަށް ކިތަންމެ ވަރަކަށް ފާޑުކިޔައި ހެއްދެވި ނެހެއްދެވިއަށް ގޮވިޔަސް ޓުރަންޕު އެދިގެން މި ދިޔަ ހުކުރު ދުވަހު މި ދެ ޝަޚުޞިއްޔަތު ވަނީ ވައިޓު ހައުސްގައި ބައްދަލުކޮށްފައެވެ. އަދި އުފެއްދުންތެރި، އިޙުތިރާމްކުރަނިވި ގާތް ގުޅުމަކަށް ދެ މީހުންވަނީ އުންމީދުފާޅުކޮށްފައެވެ.
ދެ މީހުން ވައިޓު ހައުސްގައި ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު، ނޫސްވެރީންނާ ވާޙަކަދައްކަމުން ޓުރަންޕު ވަނީ މަމްދާނީއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. މަމްދާނީ ކެންޕޭނުގައި އޭނާއަށް އިންތިޚާބު ކާމިޔާބުކުރެއްވިއްޖެ ނަމަ، ދިރިއުޅުމުގެ އަގުތައް ކުޑަކުރައްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށް، ކުރީން ފާޑުކިޔަމުން އެއީ އެމެރިކާ ރައްޔިތެއްނޫންކަމަށާއި އެއީ 'ޖިހާދިސްޓެއް'ކަމަށް ޓުރަންޕު ގޮވި ގޮވުންތައް އެކޮޅުކޮޅުން ޖެހުނީއެވެ.
[އަހަރެމެން ދެންމެ މި ބޭއްވީ ވަރަށް ވަރުގަދަ ބައްދަލުވުމެއް. ހަގީގަތުގައި ވަރަށްއުފެއްދުންތެރި ބައްދަލުވުމެއް. އަހަރެމެން ދެ މީހުން ބޭނުންވާ، ގަބޫލުކުރާ އާންމު އެއް ކަމެއް އެބަ އޮތް: މި ސިޓީ އަހަރެމެންގެ ސިޓީއެއްގެ ގޮތުގައި ބާއްވާން އަހަރެމެން ބޭނުންވޭ. އަދި މި ކަން ވަރަށް ރަނގަޅަށް ކުރާން އަހަރެމެން ދެ މީހުން ވެސް ލޯބިކުރަން.] ޓުރަންޕު ބުންޏެވެ.
ނިއު ޔޯކުގައި ބޮޑުފުޅުވެފައިވާ މަމްދާނީއަށް އިޝާރާތްކޮށް ޓުރަންޕު ބުނީ މަމްދާނީ ވާދަކުރީ [ވަރަށް އާދަޔާ ޚިލާފު ރޭހެއް]ގައި ކަމަށާއި އެ ރޭހުގައި އޭނާގެ ވާދަވެރީން [ފަސޭހަކަމާ އެކު] ބަލިކުރައްވައިފިކަމަށެވެ.
މަމްދާނީ ވިދާޅުވީ [ރައީސް ޓުރަންޕާ އެކު ބޭއްވި ބައްދަލުވުން ވަރަށް އުފަލާ އެކު ބަލައިގަންނަން]ކަމަށާއި [އެއީ އުފެއްދުންތެރި ބައްދަލުވުމެއް]ކަމަށެވެ. [އެ ބައްދަލުވުމުގައި އަޅުގަނޑުމެން ފޯކަސްކުރީ ލޯތްބާއި އިޙުތިރާމް ޙިއްޞާކުރުމުގެ މައްޗަށެވެ. [ހަގީގަތުގައި ނިއުޔޯކު ސިޓީއަކީ އެއީއެވެ.]
މީގެ އިތުރަށް ކުތްޔާއި އަސާސީ ޚިދުމަތްތަކާއި އާންމުންނަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާ ބެހޭ މައްސަލަތަކާ މެދު ވެސް ޓުރަންޕާ އެކު މަޝްވަރާކުރެއްވިކަމަށް މަމްދާނީ ވިދާޅުވިއެވެ.
މަމްދާނީއަކީ ވަރަށް ތުއްޕުޅު އިރު ނިއުޔޯކަށް ހިޖުރަކުރައްވައި މިހާރު ނިއުޔޯކުގެ ރައްޔިތުކަން ހޯއްދަވައިފައިވާ ބޭފުޅެކެވެ. އޭނާއަކީ ފަލަސްތީނުގެ ހައްގުތަކަށް ވަރަށް ފާޅުގައި ވާކާލާތުކުރައްވާ ބޭފުޅެކެވެ. ޓުރަންޕާ އެންމެ ބޮޑަށް ޚިޔާލު ތަފާތުވާ މައްސަލައަކީ ވެސް އެއީއެވެ. ޓުރަންޕަކީ ޣައްޒާ ފަނާކުރުމަށް ޓަކައި އިސްރާއީލުގެ މަދަދުގާރެވެ. އަދި ޓުރަންޕަކީ ހިޖުރަކުރުމާ ދެކޮޅު މީހެކެވެ. އެއީ ދާޚިލީ އެންމެ ބޮޑު ނުރައްކާކަމަށް ސިފަކޮށް މުސްލިމުން އެ ގައުމަށް ހިޖުރަކުރުން ޓުރަންޕު ވަނީ ދާދި ފަހުން މަނާ ވެސްކޮށްފައެވެ.
ޓުރަންޕާ އެކު ބޭއްވި ބައްދަލުވުމުގައި ޚިޔާލު ތަފާތުވި ކަންކަމަކީ ކޮބައިތޯއާއި ހިޖުރަކޮށްގެން ތިބި މީހުން އެމެރިކާއިން ބޭރުކުރުމުގެ މައްސަލައިގެން ދެ އިސްވާރުންގެ ޚިޔާލުހުރީ ކިހިނެއްތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަމްދާނީ ވިދާޅުވީ އެ ދެ އިސްވާރުންގެ ހުރި ތަފާތުތައް އެއް ފަރާތްކުރުމަށް ފަހު، ހިއްސާކުރާ ލަނޑިދަނޑިތަކަކާ ދިމާއަށް ވަޑައިގެންނެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ޒަހުރާނު މަމްދާނީއަކީ އެމެރިކާގެ އެންމެ ބޮޑު އެންމެ މީސް ގިނަ ސިޓީގެ މުންތަޚަބު މޭޔަރެވެ.
ބައެއް ލަފުޒުގެ މާނަ:
އުނބަށްޖެހުން މ. ބޭނުންނެތިގެން ދޫކޮށްލިކަމެއް ނުވަތަ އެއްޗެއް އަލުން ބޭނުން ވެގެން އުޅުން.
އިސްވާރު ނ. (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ.
ފޯކަސްކުރުން މ. (1) ކަމެއްގެ މައްޗަށް ބޮޑަށް ނަޒަރު ހުއްޓައިލުން ނުވަތަ ނަޒަރު ހިންގައިލުން. (2) ދުރުމީއެއް ނުވަތަ ކެމެރާއެއްގެ ލެންސުން އެއްޗެއް ސާފުކޮށް ފެންނާނެގޮތް ހެދުން.