ad_banner
ޑރ. ފާރޫޤު ޢަބުދުލްޙައްޤު އިސްލާމްވެވަޑައިގަތީ ކީއްވެ؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

22 ނޮވެންބަރު 2025

ޑރ. ފާރޫޤު ޢަބްދުލްޙައްޤު (ވ) ރައީސް ނިކްސަންގެ އަރިހުގައި

ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކާއި، ރިސާޗް ސެންޓަރުތަކާ އެކު، ހުޅަނގުގެ ދުނިޔެއަށް ހީވެފައި އޮންނަނީ، ޤާނޫނާއި ޢިލްމުގެ ތަޅުދަނޑިތައް ވަނީ އެ މީހުންގެ އަތުގައިކަމަށެވެ. އެކަމަކު އެ މީހުން، އެ އަލިކަމާ ގާތަށް އަތުވެއްޖެއުމަށް ދާންދެން، އެއް އަލިކަމެއް ވަނީ އެ މީހުންނަށް ހިޖާބުވެފައެވެ. ފޮރުވިފައެވެ. އެއީ، އިސްލާމްދީނުގެ އަލިކަމެވެ. އިސްލާމްދީނަކީ ދުނިޔެއާއި، އާޚިރަތަށް މަގުދައްކައިދޭ ސަމުގާއެކެވެ. އިސްލާމް ދީނަކީ ޢަދުލު އިންސާފު މިނެކިރައިދޭ ތިލަފަތެކެވެ. އިސްލާމްދީނަކީ ޤައުމުތައް ޤާއިމުކޮށް، ޙަޟާރަތްތަކަށް މަގުދައްކައިދޭ މަންހަޖެވެ.

މި ކަމުގެ އެންމެ ވަރުގަދަ އެއް މިސާލަކީ، ޤާނޫނީ ގޮތުން އެންމެ މޮޅު އެއް ސިކުނޑިކަމަށްވާ، އެމެރިކާގެ ރޮބަޓް ކްރޭނެވެ. ރޮބަޓް ކްރޭނަކީ، އެމެރިކާގެ ކުރީގެ ރައީސް ރިޗަރޑް ނިކްސަންގެ މުސްތަޝާރެވެ. މިއީ، ރޮބަޓް ކްރޭންގެ ވާހަކައެވެ.

ރޮބަޓް ކްރޭނަކީ އެތައް ޢިލްމެއް ޖަމާކުރައްވައިގެން ހުންނެވި ޢިލްމުގެ ޚަޒާނާއެކެވެ. އޭނާ ވަނީ އާންމު ޤާނޫނު ނުވަތަ ޕަބްލިކް ލޯއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އަދި، އޭނާ ވަނީ ބައިނަލްއަޤުވާމީ ޤާނޫނު (ނުވަތަ އިންޓަރނޭޝަނަލް ލޯ)އިން ވެސް ޑޮކްޓަރޭޓް ޑިގްރީއެއް ޙާޞިލުކުރައްވައިފައެވެ. ރޮބަޓް ކްރޭނަކީ، ހާރވަޑް އިންޓަނޭޝަނަލް ލޯ ސޮސައިޓީގެ ރައީސެވެ. އަދި އޭނާއަކީ، އެމެރިކާގެ ކުރީގެ ރައީސް ރިޗަރޑް ނިކްސަންގެ ޚާރިޖީ ކަންތައްތަކާ ބެހޭ މުސްތަޝާރެވެ. އޭގެ އިތުރަށް، އޭނާއަކީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރެވެ.

ރޮބަޓް ކްރޭންއަކީ ސިޔާސީ ގޮތުން އެމެރިކާގައި، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ނުފޫޒުގަދަ އިސްތިރާތިޖިއްޔުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އޭނާއަކީ، ސެންޓަރ ފޮރ ސިވިލައިޒޭޝަން އެންޑް މޮޑަނައިޒޭޝަންގެ ބާނީއެވެ. އޭނާ ހަ ބަހަކުން ފަރިތަކޮށް ވާހަކަފުޅުދައްކަވައި، ލިޔުއްވައި ހައްދަވައެވެ.

ރިޗާރޑް ނިކްސަންގެ ރައީސުކަމުގައި، އިސްލާމް ދީނުގެ އުޞޫލުތަކާ ބެހޭ ގޮތުން، އެމެރިކާގެ ޖާސޫސީ އިދާރާތަކާ ޙަވާލުކޮށްގެން ވަރަށް ތަފުސީލީ ރިޕޯޓެއް އޭނާ ތައްޔާރުކުރެއްވެވިއެވެ. އަދި އެ ރިޕޯޓް ލިބިވަޑައިގަތުމުން، އެ ރިޕޯޓް މުރާޖަޢާކުރައްވާން އޭނާ ބޭނުންފުޅުވިއެވެ. އެހެންނަމަވެސް، އެ ރިޕޯޓަކީ، އޭނާ ހީފުޅުކުރެއްވި ވަރަށް ވުރެ މާ ދިގު ރިޕޯޓެއްކަން އެނގިވަޑައިގަތުމުން، އޭނާއަށް އެ ރިޕޯޓު ޚުލާސާކޮށްދެއްވުމަށް ޓަކައި، އޭނާގެ މުސްތަޝާރު ރޮބަޓް ކްރޭނާ ހަވާލުކުރެއްވެވިއެވެ.

އެ ރިޕޯޓު ވިދާޅުވުމަށްފަހު، ރޮބަޓް ކްރޭން، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ޙަޤީޤަތް، އަމިއްލަފުޅަށް ތަޙުޤީޤުކުރެއްވުމަށް ޓަކައި ނިކުމެވަޑައިގަތެވެ. ދީނީ ދަރުސްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް، ޚުޠުބާތަކާއި، ދީނީ ތަޤުރީރުތައް އަޑުއައްސަވައި، އިސްލާމް ދީނުގެ ފަތްފުށްތައް ބައްލަވައި، ވިދާޅުވެ، ދިރާސާކުރައްވައި، ހުޅަނގުގެ ރައްޔިތުންނަށް އުނދަގޫވެފައިވާ އިސްލާމް ދީން، ރަނގަޅަށް ފަހުމުވެވަޑައިގަތުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވިއެވެ.

އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ ޚަބަރަކުން މުޅި އެމެރިކާ ސިއްސައިގެން ދިޔަ ޚަބަރު، އެ ޤައުމުގައި ގުގުމައިލިއެވެ. އާދޭހެވެ! [ރޮބަޓް ކްރޭން އިސްލާމްވެއްޖެއެވެ!]

އޭނާގެ އިސްލާމީ ނަންފުޅަކަށް، ޚިޔާރުކުރެއްވީ ފާރޫޤު ޢަބުދުލްޙައްޤެވެ. އިސްލާމްވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވެފައިވެއެވެ.

[ހަމައެކަނި، ޤާނޫނު ކިޔަވާން އަހުރެން ދިހަ ވަރަކަށް އަހަރު އުޅުނީމެވެ. އަހަންނަކަށް ހުޅަނގުގެ އެއްވެސް މުޤައްރަރެއްގެ އެންމެ ކުރީ ސަފުން 'އިންސާފު' މި ލަފުޒު ވެސް ނުފެނުނެވެ. ހާވަރޑްގައި އުޅުނު ތިން އަހަރު ތެރޭގައި އެންމެ ފަހަރަކު ވެސް ‘އިންސާފު’ މި ލަފުޒެއް ނުދެކެމެވެ! އެކަމަކު، އިސްލާމްދީނުގައި އެއީ، އިސްލާމީ ޝަރީޢަތުގެ ހިތާއި ފުރާނައެވެ.]

1981 ވަނަ އަހަރު އިސްލާމްވެ ވަޑައިގެން، [ފާރޫޤު] މި ނަންފުޅު ޚިޔާރުކުރެއްވީ، ޢުމަރު އިބުނު އަލްޚައްޠާބު رضي الله عنه ތަޤުލީދުކުރެއްވުމުގެ ގޮތުންނެވެ. ޢުމަރު رضي الله عنه އަކީ، ނަބިއްޔާ މުޙައްމަދު އަށް ފަހު، ޢަދުލުވެރިކަމާ އެކު ޚަލީފާކަންކުރެއްވި ޚުލަފާއުއްރާޝިދޫންގެ ދެވަނަ ޚަލީފާއެވެ.

ރޮބަޓް ކްރޭން ވިދާޅުވެފައިވެއެވެ. އެ ހުރިހައި ވާހަކަތަކެއް، ޔަހޫދީ ގާނޫނީ ޕްރޮފެސަރަކަށް ކިޔައިދެއްވުމުން އޭނާގެ އީމާންކަމުގެ ބިންގަލަށް ގުޑުންއެރިއެވެ. ދެ ފަރާތުގެ ދެމެދުގައި ހޫނު ބަހުސްތަކެއް ހިނގައި، ޔަހޫދީ ޕްރޮފެސަރު އިސްލާމްދީނަށް ޙަމަލާތައްދެއްވާން ފެއްޓެވިއެވެ. ކްރޭން އޭނާއާ ސުވާލުކުރެއްވިއެވެ. އެމެރިކާގެ ޤާނޫނުތަކުގެ ތެރެއިން، ވާރުތަ މުދަލާ ބެހޭ ޤާނޫނަކީ ކިހައި ދިގު އެއްޗެއްހެއްޔެވެ؟ އަށް ޖިލްދަށް ވުރެ ދިގުވާނެކަމަށް ޔަހޫދީ ޕްރޮފެސަރު ވިދާޅުވިއެވެ.

ހަމައެކަނި ދިހަ ވަރަކަށް ފޮޅުވަތުން ވާރުތަ މުދަލާ ބެހޭ ފުރިހަމަ ޤާނޫނެއް ގެނެސްދީފި ނަމަ، އެއީ އިލާހީ ޤާނޫނުކަމަށް އިނބަ ޤަބޫލުކުރައްވާނަންތޯ ރޮބަޓް ކްރޭން ޔަހޫދީ ޕްރޮފެސަރު ކުރެން އެއްސެވިއެވެ. އެއީ މުސްތަޙީލު ކަމެއްކަމަށް ޔަހޫދީ ޕްރޮފެސަރ ވިދާޅުވިއެވެ.

އެއަށް ފަހު، ރޮބަޓް ކްރޭން، ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 11ވަނަ އާޔަތާއި 12ވަނަ އާޔަތް، (ވާރުތަމުދާ ބަހާނެ ގޮތާ ބެހޭ އާޔަތްތައް) އޭނާއަށް ދައްކަވައިލެއްވިއެވެ.

އޭގެ ދެތިން ދުވަސް ފަހުން ޔަހޫދީ ޕްރޮފެސަރު ހައިރާންވެ އަންތަރީސް ވެފައިވާ ޙާލު، ރޮބަޓް ކްރޭންގެ އަރިހަށްވަޑައިގެން ވިދާޅުވިއެވެ. [ދެފަރާތުގެ ޢާއިލާގެ ގާތްތިމާގެ ހުރިހައި އެންމެން އެހައި ފުރިހަމައަށް، އަދި ވާރުތަ މުދާ އެހައި އިންސާފުވެރިކަމާ އެކު ބަހާނެ ގޮތެއް ބަޔާންކުރުމަކީ އެއްވެސް އިންސާނީ ސިކުނޑިއަކަށް ވިސްނައިގަނެވޭނެ ކަމެއްނޫނެވެ. މިއީ އިލާހީ ވަޙީއެކެވެ.] އެއަށް ފަހު، އޭނާ ވެސް އިސްލާމްދީން ޤަބޫލުފުޅުކުރެއްވިއެވެ.

ޑރ. ރޮބަޓް ކްރޭން ވަނީ 1983އިން 1986އަށް، އިސްލާމިކް ސެންޓަރ އޮފް ވޮޝިންޓަންގެ އިސްލާމީ ދަޢުވާއާ ބެހޭ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. 1986ވަނަ އަހަރު އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ޑިރެކްޓަރ އޮފް ޕަބްލިކޭޝަންސްގެ މަގާމު ވެސް އަދާކުރެއްވިއެވެ. އެމެރިކަން މުސްލިމް ކައުންސިލް އުފެއްދުމުގައި ވެސް ޑރ. ރޮބަޓް ކްރޭން އެހީތެރިވެވަޑައިގަތެވެ. އަދި، 1992އިން 1994އަށް އެ ކައުންސިލްގެ ލީގަލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވިއެވެ. ރޮބަޓް ކްރޭން ދިހަވަރަކަށް ފޮތް ލިޔުއްވިއެވެ. އަދި ކޮމްޕަރޭޓިވް ލީގަލް ސިސްޓަމާއި، ޢާލަމީ އިސްތިރާޖީއާއި، އަދި އިންފޮމޭޝަން މެނޭޖްމަންޓާ ބެހޭ ގޮތުން، 50އަށް ވުރެ ގިނަ ފަންނީ މަޒުމޫނު ވެސް އޭނާ ލިޔުއްވައިފައިވެއެވެ.

ޑރ. ފާރޫޤު ޢަބުދުލްހައްޤު، (ކުރީގެ ރޮބަޓް ކްރޭން) އަވަހާރަވީ 2021 ޑިސެންބަރު 12ގައި ޢުމުރުފުޅުން 92 އަހަރުގައެވެ. އޭނާ ދުނިޔެއަށް ސާބިތުކޮށްދެއްވީ، އިސްލާމްދީނަކީ ހަމައެކަނި ދީނެއް ނޫންކަމަށާއި، އަދި ކިއެއްތަ، އިސްލާމް ދީނަކީ މި ބިންމަތީގައި ލައްވައިފައިވާ ޢަދުލު އިންސާފުގެ އެންމެ ފުރިހަމަ ނިޒާމާއި ޤާނޫނުކަމަށެވެ. މި ދެ ޕްރޮފެސަރުންގެ ފާފަފުއްސަވައި ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

ކޮމެންޓު