ad_banner
ޕްރޮފެސަރ ޑރ. ޢާރިފު ޢަވަޟު އައްރިކާބީ ދެއްވި ޚާއްޞަ ތަޤުރީރުގެ ވާހަކަ

ޑރ. ޢަބްދުލްޙައްނާނު ވަޙީދު

22 ނޮވެންބަރު 2025

ޕްރޮފެސަރ ޢާރިފް ޢަވަޟު

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) ދިވެހިރާއްޖޭގައި، ފިކުރީ ދާއިރާ އަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވި ވާހަކަ މި ނޫހުން ވާނީ ތިޔަ ބޭފުޅުން ވިދާޅުވެފައެވެ. އެއީ، ހަރުކަށިކަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ ކިޔާނުތަކުގެ ޤާބިލިއްޔަތުކަން ކުރިއަރުވައި، ފިކުރީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް އަމާޒުކޮށް އެ ކޯލިޝަންގެ އިސްތިރާޖީ އިސްނެގުމުގެ މަތިން "ޕްރިވެންޝަން" ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްކަން ވެސް ވާނީ އެނގިވަޑައިގެންފައެވެ.

މި ޕްރޮގްރާމް ނިންމައިލި ދުވަހު ފާހަގަކުރެވުނު ވަރަށް ޚާއްޞަ ކަމެއްގެ ވާހަކަ އޮތީ ދަންނަވައިނުލެވިއެވެ. "ފިކުރީ ޙައްދުފަހަނައެޅުމުގެ ޢަލާމާތްތަކާއި އޭގެ ނުރައްކާތައް" މި ނަމުގައި، ސަޢޫދީ ޢަރަބިޔާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ އިސްލާމީ ފިޤްހުގެ ދާއިރާގެ ޕްރޮފެސަރ ޑރ. ޢާރިފު ޢަވަޟު އައްރިކާބީ ދެއްވި ޚާއްޞަ ތަޤުރީރުގެ ވާހަކައެވެ. މިއީ، މި ޕްރޮގްރާމުގެ އެންމެ ފަހު ނަންބަރެވެ. މި ތަގުރީރު އަޑުއެއްސެވުމަށް ޓަކައި، ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާއާއި ދިވެހި ފުލުހުންނާއި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ އިސް ބައެއް ބޭފުޅުން ޙާޒިރުވެވަޑައިގަތެވެ. 

ޑރ. ޢާރިފު ޢަވަޟު ތަޤުރީރުކުރައްވަނީ

މި ދެންނެވި ތަގުރީރު އަމާޒުކުރެއްވީ ހަރުކަށި ފިކުރު ގެންގުޅޭކަން ފިކުރީގޮތުން ފުރަތަމަކޮޅު އަންގައިދޭ ކަންތައްތައް ތަޙުލީލުކުރުމަށާއި، ތަޢުލީމީ އަދި އިޖްތިމާޢީ މާޙައުލުތަކުގައި ޙައްދުން ނެއްޓުމުގެ ފިކުރުތައް އުފެދުމުގެ ގޮތްތައް އޮޅުންފިލުވައިދެއްވުމަށާއި، ހަރުކަށި ފިކުރުގެ ސަބަބުން މުޖްތަމަޢުތަކުގެ ސަލާމަތާއި، އިސްތިޤްރާރަށް ހުރި ނުރައްކާތައް ދައްކަވައިދެއްވުމަށެވެ.

ޑރ. ރިކާބީ ދެއްވި ތަޤުރީރުގައި އަލިއަޅުއްވާލެއްވި ނުކުތާތަކުގެ ތެރޭގައި، ފިކުރީ ޙައްދުފަހަނައެޅުންތައް މުރާގިބުކުރާން ބޭނުންކުރެވޭ އެންމެ ފާހަގަކޮށްލެވޭ ޢީލްމީ އާލަތްތަކާއި، އެކަށީގެންވާ ތަރުބަވީ ވަސީލަތްތައް ބޭނުންކޮށްގެން އެ ކަންތައްތަކާ ކުރިމަތިލާނެ ގޮތްތައް ހިމެނެއެވެ. އޭގެ އިތުރަށް، ހަރުކަށިކަން ނައްތައިލައި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ބޭނުންކުރެވޭ ބައިނަލްއަޤްވާމީ ކާމިޔާބު ތަރީގާތަކުގެ ނަމޫނާތައް ވެސް ހުށަހަޅުއްވައިދެއްވިއެވެ.

ޑރ. ޢާރިފު ޢަވަޟުގެ ތަގުރީރު އަޑުއައްސަވާން ވަޑައިގެންތިއްބެވި ޢިއްޒަތްތެރީން

މި ޙަރަކާތްތައް ބޭއްވިފައިވަނީ، އައިއެމްސީޓީސީއިން މެންބަރު ޤައުމުތަކުގައި "ޕްރިވެންޝަން" ގެ ނަމުގައި ބާއްވާން ފައްޓަވައިފައިވާ ފިކުރީ އިސްނެގުމުގެ ބައެއްގެ ގޮތުގައެވެ. އޭގެ އަމާޒަކީ، ފިކުރީ ހޭލުންތެރިކަމުގެ ދަރަޖަ މަތިކުރުމާއި، ރައްކާތެރި ތަޢުލީމީ މާޙައުލުތަކެއް ބިނާކުރުމަށް ޓަކައި، ކަމުގެ ޚާއްޞަ މީހުންނަށް މަގުފަހިކޮށްދިނުމާއި، ހަރުކަށި ފިކުރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެ މީހުންގެ ހުނަރުތައް ކުރިއެރުވުމެވެ. އޭގެ ސަބަބުން، ޒުވާނުން ހިމާޔަތްކޮށް، މުޖްތަމަޢުތަކުގެ ހަމަޖެހުމަށް އެހީތެރިކަން ލިބިދެއެވެ.

ދިވެހިރާއްޖޭގައި ފިކުރީ މައިދާނުގައި އައިއެމްސީޓީސީއިން ކުރި މަސައްކަތްތައް ނިންމަވައިލައްވަމުން އެ ކޯލިޝަނުން ޔަޤީންކޮށްދެއްވަނީ، މެންބަރު ޤައުމުތަކަށް އެހީތެރިވުމުގައި ފެންވަރު ރަނގަޅު، އަދި އެންމެ މަތީ ދަރަޖައިގެ ޕްރޮގްރާމްތައް އިތުރަށް ބާއްވަވާނެކަމަށެވެ. އެއީ، މެދުމިނުގެ އުސްލޫބުތައް ހަރުލެއްވުމަށާއި، ތަފާތު އެކި ދާއިރާރަކުގައި، ހަރުކަށިކަމާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައެވެ.

 

ބައެއް ލަފުޒުގެ މާނަ

އާލަތް       ނ.    މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.

މުރާގިބު ކުރުން މ.    އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރުކުރުން. (2) ވޯޓުލުމުގެ ހައިސިއްޔަތެއް ނެތި ކަމެއް ނުވަތަ ހަރަކާތެއްގައި ބައިވެރިވުން.

ދަރަޖަ       ނ.    (1) މިންވަރު. (2) ފެންވަރު. (3) ގަދަރު. (4) އިއްޒަތް

ކޮމެންޓު